ނަފް: ކަނޑުތަކަށް އަންހެން ވެރީން އުފެއްދުމުގައި

ފާތިމަތު ނަފްހާ އާސިމް (ނަފް): އަންހެނުން ބާރުވެރިކުރުވުމާއި ޖެންޑާ އިކުއަލިޓީއަށް ވަކާލާތު ކުރަ ނަފްއަކީ ބަންޔަން ޓްރީގެ ސީއެސްއާރް ކޯޑިނޭޓަރެއް -- ފޮޓޯ/ ނަފް

ފާތިމަތު ނަފްހާ އާސިމް (ނަފް) ކުޑައިރުން ފެށިގެން ސައިންސްގެ މާއްދާތަކަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ހުއްޓެވެ. ކުލާހުގެ އެހެން ކުދިންނެކޭ އެއްގޮތަށް އޭނާ ވެސް ބޭނުންވީ، ޑޮކްޓަރީކަން ކިޔަވާށެވެ. އެކަމަކު ސްކޫލް ދައުރު ނިންމާލުމާ އެކު އޭނާ ހިޔާލު ބަދަލުވި އެވެ. ނިކުމެވުނީ މުޅިން އެހެން ދުނިޔެއަކަށެވެ. އެއީ، ކުރިން އޭނާ ވިސްނާފައިވާ ކަމެއްވެސް ނޫނެވެ.

އެކަމަކު، ސްކޫލު ނިންމާފައި މެޑިސިން ކިޔެވުމަށް ނަފް ގިނަ ތައްޔާރީތަކެއްވި އެވެ. މަސައްކަތުގެ ތަޖުރިބާ ހޯދުމަށް އައިޖީއެމްއެޗުގައި ނުވަ މަސް ދުވަހު ކްލިނިކަލް އެސިސްޓަންޓަކަށްވެސް އުޅުނެވެ. އަދި އެ ދާއިރާއިން ކިޔެވުމަށް ޔުނިވާސިޓީތަކަށް އެޕްލިކޭޝަން ފޮނުވަމުން ދަނިކޮށް އޭނާގެ ޝައުގުވެރިކަން ދަމައިގަތީ މުޅިން އެހެން ކަމަކަށެވެ. ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން ހުޅުވާލި އެންވަޔަރަމަންޓު މެނޭޖްމަންޓް ކޯހަށެވެ. މެރިން ބަޔޮލޮޖީ ފަދަ މާއްދާތައްވެސް ކިޔަވަން ލިބޭ ފުރުސަތެކެވެ.

އެ ޝައުގުގެ ބޮޑުކަމުން ނަފް މެޑިސިން ކިޔެވުމަށް ކުރަމުން އައި ހުރިހާ މަސައްކަތެއް ހުއްޓާލި އެވެ. އަދި ރިސްކެއް ނަގައި، އެ ތިމާވެށީގެ ކޯހާ ދިމާލަށް މިސްރާބު ޖެހި އެވެ. ފަތަން ވެސް ނޭނގުނަސް ފުންމާލީ މޫދާ ދިމާލަށެވެ.

ބުރަ މަސައްކަތުން ފޮނި ކާމިޔާބު

ކޮންމެ ދާއިރާއަކަށް އަޒުމު ކަނޑައެޅި ނަމަވެސް މި ޒުވާނާގެ ހިތް އެދެނީ ތަފާތު، މޮޅު މީހަކަށް ވާށެވެ. އެ ދާއިރާއިން ހޮވާލެވޭ މޮޅެތި މީހުންގެ ތެރޭގައި ހިމެނުމަށެވެ. އަދި ހާއްސަކޮށް އަންހެނުން އާންމުކޮށް ނުފެންނަ ދާއިރާއަކަށް ވަދެ، މީހުންގެ ވިސްނުން ބަދަލުކުރާށެވެ.

"އަތުން ގުނާލެވޭ ވަރަށް މަދު އަންހެނުން އެނަވަޔަރަމަންޓް ނުވަތަ މެރީން ފީލްޑުގައި އުޅެނީ. ވަރަށް މަދު ފަހަރެއްގައި ޑައިވް އިންސްޓްރަކްޓާސް، މިސާލަކަށް ޒޫނާއްތަ (ޒޫނާ ނަސީމް) ކަހަލަ އަންހެނުން މަދު ފަހަރެއްގައި ތިބެނީ ލީޑިންގް ޕޮޒިޝަންތަކުގައި،" ނަފް ބުންޏެވެ.

ފާތިމަތު ނަފްހާ އާސިމް (ނަފް): އަންހެނުން ބާރުވެރިކުރުވުމާއި ޖެންޑާ އިކުއަލިޓީއަށް ވަކާލާތު ކުރަ ނަފްއަކީ ބަންޔަން ޓްރީގެ ސީއެސްއާރް ކޯޑިނޭޓަރެއް -- ފޮޓޯ/ ނަފް

ހިތުގައި ކަނޑައެޅި އަޒުމް ހާސިލް ކުރަން ނަފް ދެއްކީ ހީވާގިކަމާއި ހިތްވަރެވެ. ކަނޑުތަކުގެ ދިރުންތަކާ ބެހޭ ގިނަ ކަންތައްތަކެއް ދަސްކުރަން ޖެހޭ ކޯހަށްޓަކައި އަމިއްލަ އަމިއްލައަށް މޫދަށް ގޮސް އެ މާހައުލުގައި އުޅެންވެސް އޭނާ ދަސްކުރި އެވެ.

"ކޯސް ތެރެއިން ވަރަށް ބޮޑަށް އިންޓްރެސްޓު އުފެދެން ފެށީ އެހެން މެރިން ކަންތައްތަކަށް. ކޯސް ތެރޭގައި ފަތަންވެސް ދަސް ކުރީ. އެކަމަކު، އަމިއްލައަށް. ހަމަ މޫދަށް ގޮސް ގޮސް،" ނަފް ކިޔައިދިނެވެ.

ގައުމީ ޔުނިވާސިޓީގައި ކިޔަވަމުން ދިޔަ އިރު މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ގިނަ ފުރުސަތުތަކެއް ނަފްހާއަށް ލިބުނެވެ. އެންމެ ފުރަތަމަ އޭނާ އިންޓާންޝިޕެއް ހެދީ ދެމެހެއްޓެނިވި ގޮތުގައި ފާނަ މަސްވެރިކަން ކުރުމާ ބެހޭ ގަވައިދެއް ނެރުމަށްޓަކައި ބްލޫ މެރިން ފައުންޑޭޝަނުން ގދ. ތިނަދޫގައި އެއް މަސްދުވަހަށް ކުރިއަށް ގެންދިޔަ މަސައްކަތެއްގަ އެވެ.

އޭގެ ފަހުން މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުގައި (އޭރުގެ މެރިން ރިސާޗް ސެންޓަރަށް) ވޮލަންޓިއާ އިންޓާނެއްގެ ގޮތުގައި އެއް މަސް ދުވަސް ހޭދަކުރި އެވެ. އެތަނުން ކުރިއަށް ގެންދިޔަ ކޮރަލް ރީފް މޮނީޓަރިން ޕްރޮގްރާމުގެ އިތުރުން ޑޭޓާ އެނަލައިޒްކުރުމާއި އިދާރީ ކަންކަމުގައިވެސް އޭނާ އުޅުނެވެ.

ބަންޔަން ޓްރީގައި ރަސްމީ ވަޒީފާއަށް ނުކުތުމުގެ ކުރިން އެ ކުންފުނިން ވަށްބިންފަރުގައި ހިންގާ މެރިން ލެބްގައިވެސް ނަފް އިންޓާންޝިޕެއް ފުރިހަމަކުރި އެވެ. އެ ލެބްގެ ތެރޭގައި މެރިން ބަޔޮލޮޖީއާ ގުޅޭ ގިނަ ކަންތައްތަކެއް އޭނާއަށް ދަސްވި އެވެ. އަދި އެއަށްފަހު އޯޝަން ޕްރޮޓެކްޝަން ގަވައިދެއް ހެދުމަށް ސިކްސް ސެންސެސް ލާމު ރިސޯޓުގެ މޯލްޑިވްސް އަންޑަވޯޓާ އިނިޝިއޭޓިވް އާއި ބްލޫ މެރިން ފައުންޑޭޝަން ގުޅިގެން ހަދަމުން ދިޔަ ސާވޭތަކެއްގައި ނަފް އަވަދިނެތި އުޅުނެވެ.

ނަފް ޑައިވްއެއްގައި: ބަންޔަން ޓްރީގެ މެރިން ލެބްއިން ކުރާ މެރިން ކޮންސަވޭޝަން މަސައްކަތް ފަދަ ކަންކަމުގައި އޭނާ ހަރަކާތްތެރިވޭ -- ފޮޓޯ/ ނަފް

މި މުހިންމު މަސައްކަތްތަކުގައި ނަފް އަދާކުރަމުން އައި ދައުރު ބަންޔަން ޓްރީ މޯލްޑިވްސްގެ މީހުންގެ ލޮލުގައި އަޅައިގަނެ، އެތަނުގެ ދާއިމީ ވަޒީފާއަކަށް އޭނާ ގެންދަން އެ ރިސޯޓުން ބޭނުންވި އެވެ. އެއީ ވަށްބިންފަރާއި އެރަށާ ޖެހިގެން އޮންނަ އަންގްސާނާ އިހުރު ރިސޯޓުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ކޯޑިނޭޓަރެއްގެ މަގާމަށެވެ.

ތިމާވެއްޓާއި ކަނޑުއަޑީގައި

މިހާރު ދޮޅު އަހަރު ފާއިތުވެއްޖެ އެވެ. ވަށްބިންފަރާއި އިހުރުގައި ނަފް ކުރާ މަސައްކަތަކީ ގަނޑުކޮޅެއްގައި ލިޔެލާފައި އޮންނަ ދެ ތިން ކަމެއް ނޫނެވެ. ކަންކަން އިންތިޒާމުކުރުމުގެ އިތުރުން އެތަނުގެ މެރިން ލެބުން ކުރާ މެރިން ބަޔޮލޮޖީ މަސައްކަތާއި، އާންމުން ހޭލުންތެރިކުރުމުގެ މަސައްކަތްވެސް އޭނާ ކުރެ އެވެ. ހަމަ "އޯލް އިން ވަން"އެކެވެ.

މީގެ ތެރެއިންވެސް ނަފް ކުރަންޖެހޭ އެންމެ ބޮޑު މަސައްކަތަކީ އާންމުންނާއި ގެސްޓުން ހޭލުންތެރިކުރުވުމެވެ. މައިގަނޑު ގޮތެއްގައި އޭނާ ކުރާ މަސައްކަތަކީ ރީސައިކަލް ކުރުމާއި ދެމެހެއްޓެނިވި ދިރިއުޅުމާއި، ތިމާވެއްޓާއި، ކަނޑުފަޅުތަކާއި އޭގެ ދިރުންތަކާ ބެހޭ ގޮތުން މީހުން ހޭލުންތެރިކުރުމެވެ. އޭގެ އިތުރުން ޖެންޑާ އީކުއަލިޓީގެ މުހިންމު ކަމަށްވެސް އޭނާގެ މަސައްކަތުގެ ތެރެއިން ވަކާލާތުކޮށް ޕްރޮގްރާމްތައް ބާއްވަ އެވެ. އެފަދަ ޕްރޮގްރާމުތައް އާންމުކޮށް ބާއްވަނީ ބައިނަލްއަގުވާމީ ނުވަތަ ގައުމީ ފެންވަރުގައި ފާހަގަކުރާ ދުވަސްތަކާ ގުޅުވައިގެންނެވެ.

ނަފް ކުދިންތަކަކަށް ވޯކްޝޮޕެއް ނަގައިދެނީ: މިއީ ހޭލުންތެރިކަން އިތުރުކުރުމުގެ ވޯކްޝޮޕެއް -- ފޮޓޯ/ ނަފް

"ބޮޑަށް ފޯކަސް ކުރާނީ އެ ދުވަހާ ގުޅޭ ގޮތުން. އެހެން ނަމަވެސް، ނަފްމެން ވަރަށް ބޮޑަށް ސަސްޓެއިނިބިލިޓީ އިޝޫޒްއަށް ފޯކަސް ކުރަން. އެންވަޔަރަމެންޓަށް ދިމާވާ އިޝޫސްތަކާއި އެ މީހުންގެ ސޮސައިޓީއަށް ކޮމިއުނަލް ލެވެލްގައި ދިމާވާ އިޝޫސްތައް ޝެއާކޮށް، މިކަހަލަ ކަންތައްތަކުގައި އެ މީހުން ތްރޫކޮށް ޕްރޮބްލަމްއަށް ސޮލޫޝަންސްވެސް އެބަ ގެނެވޭ،" ނަފް ބުންޏެވެ.

މި މަސައްކަތުގެ ތެރެއިން ރަށްރަށަށް ގޮސް އުޅޭ އިރު އެ ރަށްރަށުގެ ރައްޔިތުންނާއި ސްކޫލު ކުދިންނާއި ކައުންސިލުތަކާ ބައްދަލުވުމުގެ ފުރުސަތު ނަފްއަށް ލިބެ އެވެ. އަހަރެއްގެ ތެރޭގައި އޭނާއަށް 3،000 އެއްހާ މީހުންނަށް، އެކި މައުޟޫއުތަކާ ބެހޭގޮތުން ހޭލުންތެރިކަން ފޯރުކޮށްދެވިފައި ވާނެކަމަށް އޭނާ އަންދާޒާ ކުރެ އެވެ.

ނަފްގެ އެންމެ މުހިންމު އެއް މަސައްކަތަކީ ބަންޔަން ޓްރީގެ ރިސޯޓުތަކުގަ އާއި ރަށްރަށުގައި ސާފުކުރުމުގެ ޕްރޮގްރާމުތައް އިންތިޒާމުކުރުމެވެ. ވަކިން ހާއްސަކޮށް ފަޅުތައް ސާފުކުރުމެވެ. އޭނާ ދެކޭ ގޮތުގައި، މިހާތަނަށް ކުރެވުނު އެންމެ ހިތްހަމަޖެހޭ މަސައްކަތަކީ މިދިޔަ އަހަރު ބައިނަލްއަގުވާމީ ކޯސްޓަލް ކްލީންއަޕް ދުވަހުގައި އިންތިޒާމުކުރި ކްލީންއަޕް އިވެންޓެވެ.

"އިންޓަނޭޝަަނަލް ކޯސްޓަލް ކްލީންއަޕް ޑޭ ސެޕްޓެމްބަރ 2019ގައި، ވަރަށް ބައިވަރު އެހެން އޮގަނައިޒޭޝަންތަކުން ވެސް ބައިވެރިވި. ގާލް ގައިޑްސް، އެމެރިކަން ސެންޓާ އާއި، ވަރަށް ބޮޑެތި އޮގަނައިޒޭޝަންތަކުން ބައިވެރިވި. އަދި ޕްރައިވެޓް އޯގަނައިޒޭޝަންތަކުން އޭގައި ކަލެކްޓިވްލީ ބައިވެރިވި. ޖުމްލަކޮށް މާލޭގެ ކޯސްޓަލް ކްލީނަޕެއް އެ ދުވަހު ޖެއްސި،" ނަފް ކިޔައިދިނެވެ.

ބަންޔަން ޓްރީ މޯލްޑިވްސްގެ ސޯޝަލް މީޑިއާ ހޭންޑްލްތައްވެސް ހިންގާ ނަފް މެރިން ލެބުގެ މަސައްކަތްތަކުގައިވެސް އަވަދިނެތި އުޅެ އެވެ. މުރަކަ ހިމާޔަތްކުރުމުގެ މަސައްކަތާއި ފަރުތަކުގައި އުޅޭ މަސްމަހާމެހީގެ ސާވޭ ހިންގުން ކަންކަމުގައި ޑައިވްކޮށްގެން އޭނާ ހަރަކާތްތެރިވެ އެވެ.

ރީފް ކްލީންއަޕް ހަރަކާތެއްގައި ނަފް ހަރަކާތްތެރިވަނީ -- ފޮޓޯ/ ނަފް

"ވީ ހޭވް ސްޕެސިފިކް ޓާގެޓްސް ޓު އެޗީވް އެވްރި އިޔާ. އޭގެ ތެރެއިން ހަމަ ރިޒޯޓް ތެރޭގައިވެސް ކޮންޒަވޭޝަން، ރިސައިކަލް ކުރުމާއި މިކަހަލަ ކަންތައްތައް މޮނިޓާ ކުރެވެމުން ދާނެ. އޭގެ އިތުރުން ހަމަ ތާޑް ޕާޓީ އޮޑިޓްތަކުގައިވެސް ބައިވެރިވެވޭނެ ހަމަ ޑޭ ޓު ޑޭ. އޭގެ އިތުރުން މެރިން ލެބެއްގެ ތެރޭގައި މިހާރުވެސް މަސައްކަތް މި ކުރަނީ މެރިން ޓީމާ އެކު،" ނަފް ކިޔައިދިނެވެ.

ކޮވިޑް19 އާ ގުޅިގެން ދިމާވެފައިވާ ހާލަތު ނެތް ނަމަ، ނަފް އަވަދިނެތި އުޅޭނީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ކަނޑުތަކާ ބެހޭ ދުވަހާ ގުޅިގެން ރިސޯޓުން ހިންގާ ހޭލުންތެރިކަމާއި ސާފުކުރުމުގެ ހަރަކާތްތައް ހިންގުމުގަ އެވެ. ނަމަވެސް މިއަދު އެ މަސައްކަތް މާ ފުޅާކޮށް ކުރެވެން ނެތެވެ. ކްލީންއަޕްތައް ހިންގާނީ ބަންޔަން ޓްރީގެ ރިސޯޓުތަކުގަ އެވެ. އަދި ހޭލުންތެރިކަމުގެ މަސައްކަތް ނަފް ކުރިއަށް ގެންދާނީ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ.

އަންހެން ވެރީން އުފެއްދުމުގެ މަސައްކަތުގައި

ނަފް ކުރަން ބޭނުންވާ އެންމެ ބޮޑު އެއް މަސައްކަތަކީ ދާއިރާގެ ތެރެއަށް ގިނަ އަންހެނުން ވައްދައި، ވަރުގަދަ ދިވެހި އަންހެން ވެރިން އުފައްދުމެވެ. މިއީ މާ ފަސޭހަ ކަމަކަށް ނުވެދާނެ އެވެ. ނަފްއަކީ ވަށްބިންފަރާއި އިހުރުގައި މަސައްކަތްކުރާ ހަމައެކަނި ދިވެހި އަންހެން މުވައްޒަފެވެ.

އެ ހާލަތްވެސް ނަފް ބޭނުންކުރަނީ އަންހެން ވެރީން އުފެއްދުމަށް އޭނާ ގެންގުޅޭ މަގްސަދަށް ބާރު ލިބޭ ގޮތަށެވެ. ގާލް ގައިޑްސްއާ ގުޅިގެން އަންހެން ކުދިންނަށް އަމާޒުކޮށް އޭނާ ރިސޯޓުގައި ހިންގާ "ސީޑްލިންގްސް" ޕްރޮގްރާމަކީ ނަފްގެ ފަހުރުވެރި މަސައްކަތެކެވެ. ބޭނުމަކީ އަންހެން ކުދިން ބަންޔަން ޓްރީއަށް ގެންގޮސް، ނަފް ކުރާ މަސައްކަތްތަކަށް އަހުލުވެރި ކުރުވުމެވެ. ފަތަން ދަސްކޮށްދީ، ސްނޯކްލިން ސެޝަންތަކަށް ގެންގޮސް، މުރަކަތައް ބަލާލަން ގެންދިއުމެެވެ. އެ. ކުދިންގެ ތިމާވެއްޓަށް ލޯބި ޖެއްސުމެވެ.

ނަފް އަންހެން ކުދިންތަކެއް އެކު ގައިޑެޑް ސްނޯކްލިންއަށް ގެންދަނީ: އަންހެނުން ބާރުވެރިކުރުމަށް ނަފް ވަރަށް މަސައްކަތް ކުރޭ -- ފޮޓޯ/ ނަފް

"މި ދާއިރާއިން ބޭނުންވޭ، ސޭފް ސްޕޭސްއެއް ބިލްޑް ކުރަން އަންހެނުންނަށް. އަންހެނުންނަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން، މެރިން ޕްރޮޓެކްޝަަން އަދި އޭގެ އިތުރުން ސަސްޓެއިނިބިލިޓީ އެވެއާނެސް ކުރުމަށް އެޑްވޮކޭޓްސް އުފައްދަން އެއީ ވަން އޮފް މައި ބިގަސްޓް ޕްލޭންސް،" ނަފް ކިޔައިދިނެވެ.

ރިސޯޓުގައި އަންހެނުން މަސައްކަތް ކުރުމަކީ ހަޑި ކަމެއްކަމަށް މުޖުތަމައަށް ވިސްނިފައި އޮންނަ އޮތުމަކީ ގޯސް ވިސްނުމެކެވެ. ނަފްވެސް ސާބިތުކޮށްދޭން ބޭނުންވަނީ އެކަމެވެ. އަންހެނުންގެ ކުރިއެރުމަށް ހުރަސް އެޅޭ ގޮތަށް ހުންނަ މިފަދަ ވިސްނުންތައް ނައްތާލުމަކީ އޭނާގެ އެންމެ މުހިންމު އަމާޒެވެ. އެކަމަށްޓަކައި، ދާއިރާއަށް އަންހެނުން ނެރުމުގެ އިތުރުން ދެމެހެއްޓެނިވި ސިޔާސަތުތަކާއި ތިމާވެށި ހިމާޔަތްކުރުންފަދަ ކަންކަމުގައި އަޑު އުފުލުމަށާއި ސިޔާސަތު ކަނޑައަޅާ ހިސާބަށް އާންމުންގެ ބަސް ގެނެސްދޭ ކޮމިއުނިޓީ އޯގަނައިޒޭޝަނެއް އުފެއްދުމާ މެދު ނަފް ވިސްނަ އެވެ.

ނަފް އަންހެން ކުދިންތަކެއް ގޮވައިގެން ސްނޯކްލިންއަށް ދިޔުމުގެ ތެރެއިން -- ފޮޓޯ/ ނަފް

ކުއްލި ގޮތަކަށް ނަފްގެ އަމާޒު ބަދަލުކޮށް، މެޑިސިން ކިޔެވުމުގެ ހިޔާލު ދޫކޮށްލައި ތިމާވެށީގެ ދުނިޔެއަށް ވަދެވުމަކީ، ނަފް ދެކޭ ގޮތުގައި، އޭނާއަށް ނިންމުނު އެންމެ ރަނގަޅު އެއް ނިންމުމެވެ.

"ވަރަށް އުފާވޭ، ވަރަށް ގިނަ ކުދިން އިންސްޕަޔާވޭ ނަފްގެ ފުށުން. އައި ވިލް ނެވާ ރިގްރެޓް އޮން ދެޓް ޑިޒިޝަން. މެޑިސިންއަކީވެސް ރަނގަޅު ދާއިރާއެއް. ވަރަށް އުފާކުރަން މެޑިސިން ކިޔަވައި ޑޮކްޓަރުންނަށް ވެގެން ތިބި ރަހުމަތްތެރީންނަށްޓަކައި ވެސް. އެމީހުންވެސް ކުރަމުން އެ ދަނީ މުހިންމު މަސައްކަތްތަކެއް،" ނަފް ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް