ޓެކްސީ ޑްރައިވަރުންގެ ދަތިތައް މިނިސްޓަރު ނަހުލާއާ ހިއްސާކޮށްފި

ޖެނުއަރީ 29، 2020: ވެލާނާ އެއާރޕޯޓްގައި ޓެކްސީ ތައް ކިޔޫ ޖެހިގެން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19އާ ގުޅިގެން ޓެކްސީ ޑްރައިވަރުންނަށް ކުރިމަތިވެފައިވާ ދަތިތައް ދިވެހި ޑްރައިވާސް އެސޯސިއޭޝަނުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާ ހިއްސާކޮށްފި އެވެ.

އެ އެސޯސިއޭޝަންގެ ރައީސް އަބްދުﷲ އިބްރާހިމް ވިދާޅުވީ ޓެކްސީ ޑްރައިވަރުންނަށް ކުރިމަތިވެފައިވާ ދަތިތައް ހިއްސާކުރުމަށްޓަކައި ރޭގެ ވަގުތެއްގައި ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް މިނިސްޓަރު ނަހުލާއާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި ގްރޭޓާ މާލެ ސަރަހައްދަށް ހުއްދަ ދީފައިވާ ޓެކްސީ ސެންޓަރުތަކާއި ޕިކަޕް ސެންޓަރުތަކުގެ އިސްވެރިން ވަނީ ބައިވެރިވެފަ އެވެ.

"އަޅުގަނޑުމެން ދަތިވި ވަރަށް ގިނަ ކަންތައްތައް ފާހަގަކުރިން. އަޅުގަނޑުމެންގެ މާލީ ހާލަތު ދަށްކަމުން އެކަމަށް ހައްލެއް ހޯދައިދެވޭތޯ މަސައްކަތް ކުރިން. ދެން ސަރުކާރުން ދެމުން އަންނަ 5،000ރ އާއި 30،000 ރުފިޔާގެ ލޯނު ލިބުމުގެ ދަތިކަމުން [އެކަމުގެ ޕްރޮސީޖާގެ ދަތިކަމުން] އެ ލޯނު ނުލިބޭތީ އެކަން ހަމަޖައްސައިދިނުމަށް. ދެން ސެންޓަރުތަކުން ހުށަހެޅީ މިހާރު ހުރި ސްޓިކާތަކުގެ [މުއްދަތު] މަދުވެފައި އޮތުމުން ސްޓިކާތައް އިތުރުކޮށްދިނުމަށް." އޭނާ ވިދާޅުވި އެވެ.

އަބްދުﷲ ވިދާޅުވީ އެ ދަތިތަކަށް ވީހާ ވެސް އަވަސް ހައްލެއް ހޯދައިދެއްވާނެ ކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވި ކަމަށެވެ. އޭނާ ވިދާޅުވީ ޑްރައިވަރުންނަށް ލޯނު ނެގުމުގައި ހުރި ދަތިތަކަށް އިކޮނޮމިކް މިނިސްޓްރީއާ މަޝްވަރާކޮށްގެން ހައްލެއް ހޯދުމުގެ މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވި ކަމަށެވެ.

"ޑްރައިވަރުންނަކީ މަހު މުސާރައަށް އުޅޭ ބައެއް ނޫން. އެ ދުވަހު ލިބޭ އެއްޗަކުން އެދުވަހު ފުއްދާލައިގެން އުޅެނީ. އެވާހަކަ ވަރަށް ތަފްސީލުކޮށް މިނިސްޓަރަށް ކިޔައިދިނިން. ދުވަހު މުސާރައިން އުޅޭ ބައެކޭ މިއީ، އެ ފައިސާ އެކައުންޓަށް ޖަމާކުރެވިފައި ނުހުންނާނޭ، އެ ދުވަހު ލިބޭ އެއްޗެއް އެ ދުވަހަކު ކައިގެން ބޮއެގެން ދަނީއޭ... ސީދާ ބޭނުންކުރާ އެކައުންޓެއް އޮންނަ މީހަކު [ޑްރައިވަރުންގެ ތެރޭގައި] ވަރަށް ނޫޅޭ ވާހަކަ ދެންނެވިން. ދެން މިނިސްޓަރު ވިދާޅުވީ އެކަމުގެ ތަފްސީލެއް އިކޮނޮމިކް މިނިސްޓްރީއާ ވާހަކަ ދައްކައިގެން އެކަމުގައި ލުއި ގޮތްތަކެއް ހަމަޖެއްސޭތޯ މަސައްކަތްކޮށްދެއްވާނަމޭ." އަބްދުﷲ ވިދާޅުވި އެވެ.

މިނިސްޓަރު ނަހުލާއާ ބައްދަލުކުރި ފަހުން އިކޮނޮމިކް މިނިސްޓްރީއާ ބައްދަލުވުމެއް ބޭއްވުމުގެ ދައުވަތު ލިބިފައިވާ ކަމަށް އަބްދުﷲ ވިދާޅުވި އެވެ.

ކޮވިޑް19އިން ކުރިމަތިވާ މާލީ ދަތިތަކުން އަރައިގަތުމަށްޓަކައި ސަރުކާރުން ވަނީ އެކި ދާއިރާތަކަށް އަމާޒުކޮށްގެން ލޯނުގެ ފުރުސަތު ހުޅުވާލާފަ އެވެ. އޭގެ ތެރޭގައި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދޭ ލޯނު ވެސް ހިމެނެ އެވެ.

އެހެން ނަމަވެސް ބޭންކަކުން ލޯނު ދޫކުރުމުގައި ހުންނަ ޝަރުތުތަކުގެ ތެރޭގައި ބޭންކް އެކައުންޓެއް އޮތުމާއި އެކައުންޓް ރޯލްވެފައިވާ ނުވަތަ ބޭނުންކޮށްފައިވާ މިންވަރު ބެލުން ފަދަ ކަންކަން ހިމެނޭތީ ކޮންމެ މީހަކަށް މިފަދަ ލޯނުތަކެއް ނުނެގެ އެވެ. މިއީ އާންމުކޮށް ލޯނު ދޫކުރާއިރު ވެސް ހުންނަ ޝަރުތުތަކެވެ.

comment ކޮމެންޓް