ޓެކްސީ ޑްރައިވަރުންނާ ގުޅޭ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން ހެދީ ދޮގު: ޓީޑަބްލިއުޔޫ

ޖެނުއަރީ 29، 2020: ވެލާނާ އެއާރޕޯޓްގައި ޓެކްސީ ތައް ކިޔޫ ޖެހިގެން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ އިސް ބޭފުޅުން ބައެއް ކަންތައްތައް އޮޅުވާލައި ދޮގުހަދައިފައިވާ ކަަމަށް ޓްރާންސްޕޯޓް ވޯކާސް ޔޫނިއަން އޮފް މޯލްޑިވްސް(ޓީޑަބްލިއުޔޫ) އިން ބުނެފި އެވެ.

ޓެކްސީ ޑްރައިވަރުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ރިލީފް ލޯން ބޭނުންނުވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އަލީ ޒުބައިރު ވިދާޅުވި ވާހަކަތަކަށް އިޝާރާތްކޮށް ޓީޑަބްލިއުޔޫ އިން ބުނީ އެއީ ދޮގެއް ކަމަށާއި ޓެކްސީ ޑްރައިވަރުންނާ އެކު ބޭއްވި ކޮންމެ ބައްދަލުވުމެއްގައި ވެސް ރިލީފް ޕެކޭޖަށް އެދިފައިވާނެ ކަަމަށެެވެ.

ކޮމެޓީގައި ޒުބައިރު ވިދާޅުވީ ޓެކްސީ ޑްރައިވަރުން އެދިގެން މާސްކު ފަދަ ތަކެތި ހޯދައިދީފައިވާ ކަމަށެެވެ. ނަމަވެސް އެއްވެސް މާސްކެއް ނުވަތަ ސެނެޓައިޒާއެއް އަދި ރައްކާތެރިކަމަށް ބޭނުންވާ އެއްވެސް އެއްޗެއް މިނިސްޓްރީން ހޯދައިދީފައިނުވާ ކަމަށް ވެސް ޓީޑަބްލިއުޔޫ އިން ބުންޏެވެ.

ޓީޑަބްލިއުޔޫ އިން ބުނީ މިނިސްޓްރީއާ އެކު އެތަކެއް ފަހަރެއްގެ މަތިން ބައްދަލުވުންތައް ބޭއްވި ކަމަށާއި ރަމްޟާން މަސް ކައިރިވަމުން ދިއުމާއެކު ޑްރައިވަރުންގެ އާމްދަނީ ހުއްޓިފައި ވުމުން ރިލީފް ލޯން ޕެކޭޖް ޓެކްސީ ޑްރައިވަރުންނަށް ވެސް ނެގޭ ގޮތަށް ހެދުމަށް އެދުނު ކަމަށެވެެ.

"މި ބައްދަލުވުންތަކުގައި ޓެކްސީ ޑްރައިވަރުންނަށް ވަނީ ކޮވިޑް-19 ރިލީފް ލޯނަަށް ޝަރުތު ހަމަނުވާ ކަމަށް އަދި ކުރިމަތި ނުލެވޭ ކަަމުގެ ވާހަކަ ހިއްސާކޮށްފަ އެވެ. އަދި ޑްރައިވަރުންނަށް އިތުރު އެއްވެސް އާމްދަނީ ހޯދާނެ އަދި ދަތި ހާލެ ޖެހިފައިވާ ވަގުތު ލޯނެއް ލިބޭނެ ފުރުސަތެއް ނެތްކަން ވެސް ވަނީ ހިއްސާކުރެވިފަ އެވެ." ޓީޑަބްލިއުޔޫގެ ބަޔާނުގައިވެ އެެވެ.

އާމްދަނީ ދަތިވުމުން ސެނެޓައިޒާ ޑިސްއިންފެކްޓަންޓް ފަދަ ވަސީލަތްތައް ހޯދުމުގައި ދަތިވާ ކަމަށާއި ހާއްސަކޮށް ސެނެޓައިޒާ ފަދަ ތަކެތި ރާއްޖެ އިން އެދުވަސްވަރު ލިބެން ނެތުމުން އެތަކެތި ހޯދައިދިނުމަށް އެދުނު ކަމަށް ވެސް ވަނީ ބުނެފަ އެވެެ.

comment ކޮމެންޓް