ވޯލްޑް ކަޕް ކޮލިފައިން: ޗައިނާ ރާއްޖެ މެޗް އޮކްޓޯބަރު 8 ގައި

ރާއްޖެ އާއި ގުއާމް ބައްދަލުކުރާ މެޗުގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް

ކޮރޯނާ ވައިރަހުގެ ސަބަބުން މެދުކަނޑާލާފައިވާ ފީފާ ވޯލްޑް ކަޕާއި އޭޝިއަން ކަޕުގެ ޖޮއިންޓް ކޮޮލިފައިންގައި ރާއްޖެ އާއި ޗައިނާ ބައްދަލު ކުރަން އޮތް މެޗު އަންނަ އޮކްޓޯބަރު މަހުގެ އަށްވަނަ ދުވަހު ކުޅުމަށް ތާވަލުކޮށްފައިވާ ކަމަށް އޭއެފްސީން ބުނެފި އެވެ.

އޭއެފްސީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފީފާގެ ލަފާގެ މަތިން މިދިޔަ މާޗް މަހާއި ޖޫން މަހު ކުޅުމަށް ހަމަޖެހިފަ އޮތް ފީފާ ވޯލްޑް ކަޕާއި އޭޝިއަން ކަޕުގެ ޖޮއިންޓް ކޮޮލިފައިންގެ މެޗުތައް އަލުން ފެށޭނެ ތާރީހުތަކެއް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ.

އެގޮތުން ރާއްޖެ އާއި ޗައިނާ ބައްދަލު ކުރާ މެޗު ކުޅުމަށް އޭއެފްސީން މިހާރު ތާވަލުކޮށްފައި އޮތީ އަންނަ އޮކްޓޯބަރު މަހުގެ އަށްވަނަ ދުވަހަށެވެ. ވައިރަހުގެ ސަބަބުން އެ މެޗު ކުޅުން ފަސްކުރި އިރު އޭރު ޗައިނާގެ ހާލަތު ގޯސްވުމުގެ ސަބަބުން އެ މެޗު ކުޅުމަށް ރޭވިފައި އޮތީ ތައިލެންޑުގަ އެވެ. ނަމަވެސް އައު ޝެޑިއުލާ އެކު އެ މެޗުގެ ކުޅުން އަނބުރާ ޗައިނާއަށް ބަދަލު ކުރުމަށް ދަނީ މަޝްވަރާ ކުރަމުންނެވެ.

ޗައިނާ މެޗަށްފަހު ރާއްޖޭގެ ހޯމް ސްޓޭޑިއަމުގައި އެ މަހުގެ 13 ވަނަ ދުވަހު ސީރިއާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗު އޮންނާނެ އެވެ. އަދި އެއަށްފަހު ރާއްޖެއަށް ގްރޫޕް ސްޓޭޖުގެ ފަހު މެޗު ކަމަށްވާ ފިލިޕީންސްއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ މެޗު އޮންނާނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ.

ކޮރޯނާވައިރަހުގެ ސަބަބުން ވޯލްޑް ކަޕް ކޮލިފައިންގް މެދު ކަނޑާލި އިރު ގްރޫޕް އޭގެ އެއް ވަނައިގައި ސީރިއާ އޮތީ ފަސް މެޗުން 15 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޗައިނާ އަށް ހަތަރު މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ފިލިޕީންސަށް ހަތް ޕޮއިންޓް ހަމަކުރެވުނީ ފަސް މެޗުންނެވެ. ހަތަރު ވަނައިގައި އޮތް ރާއްޖެ އަށް ފަސް މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު އެންމެ ފުލުގައި އޮތް ގުއާމަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ފީފާ އާއި، އޭއެފްސީއާ ދެމެދު މިހާރު މަޝްވަރާ ކޮށްފައިވާ ގޮތުން ނޮވެމްބަރު މަހުގެ ނިޔަލަށް ވޯލްޑްކަޕް ކޮލިފައިންގެ މެޗުތައް ނިންމުމަށް ވަނީ އެދިފަ އެވެ. އަދި އޭއެފްސީ ކަޕްގެ ކޮލިފައިންގް މެޗުތައް އެއްކޮށް ނިންމަން ކަނޑައަޅާފައިވަނީ އަންނަ އަހަރުގެ މާޗްގެ ކުރިންނެވެ.

އޭއެފްސީއިން ބުނެފައި ވަނީ، ގައުމުތަކުގެ މިހާރު އޮތް ހާލަތު ވަރަށް ރަނގަޅަށް ބަލަމުން އަންނަ ކަމަށާއި، ޝެޑިއުލްއަށް ބަދަލެއް އަންނަ ކަމަށްވާ ނަމަ ގައުމުތަކަށް ކުރީބައިގައި އެކަން ހިއްސާ ކުރާނެ ކަމަށެވެ.

comment ކޮމެންޓް