ނިއުނޯމަލްގައި އަމަލު ކުރާނެ ގައިޑްލައިނެއް އެފްއޭއެމުން އެކުލަވާލައިފި

ރާއްޖެ އާއި ގުއާމް ބައްދަލުކުރާ މެޗުގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް

ފަސޭހަ ކަމާ އެކު ފެތުރޭ ކޮވިޑް-19 ރޯގާއާ އެކު ދިރިއުޅެން ފެށުމަށް ތައްޔާރުވުމުގެ ގޮތުން ފުޓުބޯޅަ ކުޅުންތެރިން އަމަލު ކުރަން ޖެހޭ ގައިޑްލައިނެއް އެފްއޭއެމްއިން އެކުލަވާލައިފި އެވެ.

މިދިޔަ މާޗް މަހުގެ 30 ވަނަ ދުވަހު އެފްއޭއެމުން ވަނީ މިިދިޔަ ސީޒަނުގެ ފަހު ދެ މުބާރާތް ކެންސަލްކޮށް އަވަހަށް ސީޒަން ނިންމާލައިފަ އެވެ. ކޮވިޑް-19 ރާއްޖޭގައި ފެތުރޭތީ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އެފްއޭއެމުން ވަނީ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކެންސަލްކޮށްފަ އެވެ.

ކުރިން މަޝްވަރާކޮށްފައިވަނީ ފުޓްބޯޅަ ސީޒަން މި މަހުގެ ތެރޭގައި އަލުން ފެށުމަށެވެ. އެހެން ނަމަވެސް މިހާރު ރާއްޖޭގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުންދާތީވެ، ސިއްހީ މާހިރުންގެ ދޭ ލަފާތަކަށް ބެލުމަށް ފަހު ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ޖޫން މަހު ފުޓްބޯޅަ ސީޒަން ނުފަށާނެ އެވެ. އަދި މި ވައިރަސް އެއްކޮށް ނައްތާލެވޭނީ ކިހާ ދުވަހަކުން ކަމެއް ނޭނގޭތީ ވައިރަހާ އެކު ވެސް ދިރިއުޅެން މިހާރު ވަނީ މަޖުބޫރުވެފަ އެވެ.

އެއާއެކު އެފްއޭއެމްއިން މިހާރު ވަނީ ނިއު ނޯމަލްއެއްގައި ކުޅުންތެރިން އަމަލު ކުރާނެ ގޮތުގެ ގައިޑްލައިނެއް އެކުލަވާލައިފަ އެވެ. އަދި އެޗްޕީއޭގެ ހުއްދަ ލިބުނުހާ އަވަހަކަށް އެ ގައިޑްލައިންގެ އުސޫލުތަކާ އެކު ފުޓުބޯޅައިގެ ހަރަކާތްތައް ފެށިގެންދާނެ ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ.

އެފްއޭއެމުން ރޭ ގެނެސްދިން "ލެޓްސް ޓޯކް ފުޓްބޯލް" ޝޯގައި މިކަމުގެ ތަފްސީލް ދެއްވަމުން ގައުމީ ފުޓުބޯޅަ ޓީމުގެ ސްޕޯޓްސް ފިޒިޝިއަން އަހުމަދު ޝަކީބް (ޑޮކް) ބުނީ މި ލޮކްޑައުންގައި އަބަދަކު ތިބެވެން ނެތް ކަމަށާއި، ނިއު ނޯމަލްއަކަށް ތައްޔާރުވެ ފީފާއާއި، އޭއެފްސީގެ ލަފަޔާއި އެއްގޮތަށް އަލުން ފުޓުބޯޅައިގެ ހަރަކާތްތައް ފެށޭނެ ގޮތެއް ހޯދުމަށް އެފްއޭއެމުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

އެގޮތުން އެފްއޭއެމްގެ ބޯޑުގެ މެމްބަރުންނާއި، ޗެއާމަން ބައްސާމް އަދީލް ޖަލީލްގެ މަޝްވަރާއާ އެކު ނިއުނޯމަލްއެއްގައި ކުޅުންތެރިން އަމަލު ކުރާނެ މަގުޗާޓެއް އެކުލަވާލައިފަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން މި މަގުޗާޓު އެކުލަވާލުމުގައި ބަލާފައިވަނީ؛ ޑަބްލިއުއެޗްއޯގެ ގައިޑްލައިންގައި ހުރި ކަންތައްތަކާއި، އަދި ދުނިޔޭގެ ފުޓުބޯޅައިގެ އެހެން އިދާރާތަކުގައި މިކަމުގައި ގެންގުޅޭ އުސޫލުތަކާއި، ޔޫރަޕްގެ ކުޅުން ފަށާފައިވާ ގައުމުތަކުގައި ބޭނުން ކުރަނީ ކޮންކަހަލަ ކަންތައްތަކެއްތޯ އާއި، ފީފާ އާއި އޭއެފްސީގެ ފަރާތުން އެބޭފުޅުންގެ ލަފަޔާއި، ރާއްޖޭގައި ހެދިފައިވާ އެޗްޕީއޭގެ ގަވާއިދުތަކަށް ކަމަށް ޝަކީބް ބުންޏެވެ.

"ގައިޑްލައިންގައި ވަރަށް ތަފްސީލްކޮށް އަޅުގަނޑުމެން ބަލާލާފައިވާނެ، ނިއު ނޯމަލްއެއްގައި ކުޅުންތެރިން އަމަލު ކުރަންވީ ކިހިނެތްކަން، އުޅެން ޖެހޭނީ ކިހިނެތްކަން، ކޮން ގޮތަކަށް މަސައްކަތް ކުރެވިގެންކަން އަޅުގަނޑުމެންނަށް ދެން ފަސޭހަކަމާ އެކު ކުޅުންތެރިންނަށް ކުޅުމުގެ ތެރެއަށް ނުކުމެ އަނެއްކާވެސް ކަރަންޓީން ނުވެ ކުޅުމުގެ ތެރެއަށް އާދެވޭނީ،" ޑރ. ޝަކީބް ބުންޏެވެ.

ޑރ. ޝަކީބް އަދި ބުނީ، މި އުސޫލުތަކާ އެކުވެސް އަލުން ފަށައިގަންނަ އިރު ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އަދި މިކަމަށް ބޮޑެތި ހަރަދުތަކެއް ވެސް ހިނގާނެ ކަމަށާއި، އެފްއޭއެމުން އެކަންކަމަށް ތައްޔާރުވުމުގެ ގޮތުން ވަރަށް ބައިވަރު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

comment ކޮމެންޓް