ސިޔާސީ ވެގެން ވަޒީފާއިން ވަކިކުރާ މައްސަލަތަކަށް ފާރަވެރިވާނަން: އިންތި

އިންތި: ސިޔާސީވެގެން ވަޒީފާއިން ވަކިކޮށްފިނަމަ ފާރަވެރިވާނަން --- ފޮޓޯ/ މަޖިލިސް

ފާޑުކިޔައިގެން ވަޒީފާ އިން ވަކިކޮށްފިނަމަ، އެފަދަ މައްސަލަތަކަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓިން ފާރަވެރިވާނެ ކަމަށް ކަމަށް އެ ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.

އިންތި މިގޮތަށް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިންތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތަކުރާރުކޮށް ފާޑުކިޔާކަމަށް ބުނެ ސަރުކާރުގެ މުވައްޒަފަކު ވަޒީފާއިން ވަކި ކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން އިންތި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރިޔާސީ އިންތިހާބު އަދި މަޖިލިސް އިންތިހާބުގައިވެސް ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރި މީހުންނަށް މި ސަރުކާރުން ވަޒީފާ ދީފައިވާ ކަމަށެވެ. އަދި ސަރުކާރަށް ފާޑުކިޔައިގެން ވަޒީފާ އިން ވަކިކޮށްފައިވާނަމަ، އެ މައްސަލަތަކާ މެދު ވަޒީފާއާ ބެހޭ ޓްރަބިއުނަލުން އަމަލު ކުރާ ގޮތް ޖުޑީޝަރީ ކޮމިޓީން ގާތުން ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާތަނަށް ހަމަޤައިމުވެސް ހުރީ ރިޔާސީ އިންތިޚާބުގައި ވެސް، އަދި މަޖިލިސް އިންތިޚާބުގައި ވެސް ދެކޮޅަށް އުޅުނު މީހުނަށް ހެސްކިޔާފައި ވަޒީފާ ދީފައި. ތިކަހަލަ ކަމެއްގައި ވަޒީފާއިން ވަކިކޮށްފި ނަމަ، ޓްރައިބިޔުނަލުން ޒިންމާ އުފުލާގޮތް ޖުޑިޝަރީ ކޮމެޓީ އިން ފާރަވެރި ވާނަން،" އިންތި ވިދާޅުވި އެވެ.

ވަޒީފާ އިން ވަކިކޮށްފައިވަނީ، ނޮވެމްބަރު 2014 އިން ފެށިގެން އައްޑޫ ސިޓީ، ހިތަދޫ ޕޯޓް ލިމިޓެޑްގައި އެސިސްޓަންޓް އޮޕަރޭޝަން އޮފިސަރެއްގެ ވަޒީފާ އަދާ ކުރަމުންދިޔަ މީހެކެވެ. އޭނާ ވަޒީފާއިން ވަކިކުރިކަން އަންގާ ފުރަތަމަ ފޮނުވި ޗިޓުގައި، ވަޒީފާއިން ވަކިކުރި ސަބަބެއް ކަމުގައި ބުނެފައި ވަނީ، ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަބުރު ގެއްލޭގޮތަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ފާޅުގައި ލިޔަމުން ދިއުމެވެ.

ވަޒީފާއިން ވަކިކުރުމުގެ ކުރިން ވެސް އެ މައްސަލައިގައި އެ މުވައްޒަފަށް ވަނީ އިންޒާރުދީފަ އެވެ. އަދި ވަޒީފާއިން ވަކިކުރީ، އެންމެ ފަހުން ދިން އިންޒާރުގައި ބުނެފައިވާ އިސްލާހީ ފިޔަވަޅުތަކަށް އަމަލުކޮށްފައިނުވާތީ ކަމަށް ވެސް އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ސޮއިކުރައްވައި ފޮނުވި ޗިޓުގައި ބުނެފައިވެ އެވެ.

https://sun.mv/137870

މިދިޔަ ސަރުކާރުން މިގޮތަށް އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ މީހުން ވަޒީފާއިން ވަކިކުރިކަމުގެ ކަންބޮޑުވުން އޭރު އިދިކޮޅު ފަރާތްތަކުން ކުރި އެވެ. އަދި ރިޔާސީ ކެމްޕެއިން ތެރޭގައި މީހުން ސިޔާސީވެގެން ވަޒީފާއިން ވަކި ނުކުރާނެ ކަމަށް އޭރުގެ އިދިކޮޅު ކެންޑިޑޭޓް، ރައީސް ސޯލިހް ވައުދުވި އެވެ.

comment ކޮމެންޓް