ބިލް ތަސްދީގުކޮށް ކައުންސިލްތަކުގެ ދައުރު ދަންމާލައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު-- ފޮޓޯ: ރައީސް އޮފީސް

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވަން ރައްކާތެރި މާހައުލެއް ގާއިމުކުރެވި، އާ ކައުންސިލްތައްް އިންތިހާބު ކުރެވެންދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމާލަން ގާނޫނު އަސާސީއަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފިއެވެ.

ރޭ ބޭއްވި ރައްޔިތުންގެ މަަޖިލީހުގެ ޖަލްސާގައި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ފާސްކުރީ 74 މެމްބަރުންގެ ވޯޓުންނެވެ.

ބިލު ތަސްދީގުކުރައްވައި، ކައުންސިލަތަކުގެ ދައުރު ދަންމާލާފަައި ވާއިރު، މިހާރު ތިބި ކައުންސިލަރުންގެ ދައުރު މާދަމާއަށް ހަމަވާނެއެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ޖެހޭ ތާރީހުގައި ނުބޭއްވުމުން، ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ވަނީ މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ދަންމާލުމަށް ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅުއްވާފައެވެ.

މުޅި މަޖިލީހުގެ ކޮމެޓީން ބިލު ދިރާސާކުރުމަށްފަހު، އެ ބިލްގެ އެއް ވަނަ މާއްދާ އުނި ކުރުމަށްފަހު ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް ދެ އަކުރު އިތުރުކުރުމަށް ވަނީ ފާސްކޮށްފަ އެވެ. އެ ދެ ހުށަހެޅުން ވެސް ހުށަހަޅާފައިވަނީ އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.

ގާނޫނުއަސާސީގެ 231 ވަނަ މާއްދާއަށް އިތުރުކުރި ދެ އަކުރު:

  • ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ(ޅ) : މި މާއްދާގެ ނ. ގައި އެހެން އޮތް ނަމަވެސް 3 ޖޫން 2017 ގައި އިންތިހާބް ކޮށްފައިވާ އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ އުމުރު ހަމަވާއިރު އެ ކައުންސިލްތަކަށް އާ މެންބަރުން އިންތިހާބް ނުކުރެވިއްޖެ ހިނދެއްގައި އެ ކައުންސިލްތަކަށް މެންބަރުން އިންތިހާބް ކުރަން ބާއްވަން ޖެހޭ އިންތިހާބް ބާއްވައި އެ ކައުންސިލްތަކަށް އަލަށް އިންތިހާބް ކުރެވޭ މެންބަރުން އެ މީހުންގެ މަގާމާއި ހަވާލުވަންދެން މިހާރު އިންތިހާބް ކޮށްފައިވާ އަދި މަގާމުގައި ދެމި ތިބި ކައުންސިލްތަކުގައި ތިބި މެންބަރުން އެމީހުންގެ މަގާމުގައި ދެމި ތިބޭނެ އެވެ.

  • ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ(ކ) : މި މާއްދާގެ (ޅ) ގައި ބަޔާން ކުރާ އިންތިގާލީ މުއްދަތުގައި މަގާމްގައި ދެމިތިބޭ ކައުންސިލްތަކުގެ މެންބަރުން މަގާމުގައި ދެމިތިބޭއިރު އެ މެންބަރުން އަމަލު ކުރާނެ އިންތިގާލީ އުސޫލުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަނޑައަޅަން ވާނެ އެވެ.

އާ އިންތިހާބު ބާއްވައި އާ ކައުންސިލަރުން އިންތިހާބު ކުރެވެންދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމާލާފައި ވާއިރު، އިންތިގާލީ ކައުންސިލުތަކުގެ ބޮޑެތި ބާރުުތަކެއް އަތުލާގޮތަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ހުށަހެޅުއްވި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމުގެ ހާއްސަ ބިލު 2020 ވެސް ރޭ ވަނީ މަޖިލީހުން ފާސްކޮށްފައެވެ.

comment ކޮމެންޓް