ސުޕްރީމް ކޯޓްގެ އޮންލައިން ޝަރީއަތް: އެޗްޑީއެފްސީގެ ހިޔާނާތެއް ފެންމަތި ކުރި މުވައްޒަފު ވަކި ކުރީ ރަނގަޅަށް

އޮންލައިންކޮށް ބޭއްވި ސުޕްރީމް ކޯޓުގެ ފުރަތަމަ ޝަރީއަތުގެ ސްކްރީން ޝޮޓެއް ---

ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގެ ކޮރަޕްޝަނުގެ މައްސަލަތަކެއް އެންޓިކޮރަޕްޝަން ކޮމިޝަން (އެސީސީ) އަށް ހުށަހަޅާފައި ވަނިކޮށް އެޗްޑީއެފްސީގެ އޭރުގެ އިންފޮމޭޝަން ޓެކްނޮލަޖީ މެނޭޖަރު ވަޒީފާއިން ވަކިކޮށްފައިވަނީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި އެވެ.

ސުޕްރީމް ކޯޓުން މިއަދު އޮންލައިންކޮށް ބޭއްވި އަޑުއެހުމަކީ، ނޯޓިސް ދިނުމަކާ ނުލައި މ. ތުޅާގިރި، އިސްމާއިލް މަސްއޫދު، އެޗްޑީއެފްސީގެ ވަޒީފާއިން ވަކިކޮށްފައިވާތީ އެތަނާއި ދެކޮޅަށް ކޮށްފައިވާ ދައުވާގެ ހައިިކޯޓުން ކޮށްފައިވާ ހުކުމް އިސްތިއުނާފް ކޮށްފައިވާތީ އެ މައްސަލައިގައި ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމެކެވެ.

އިސްމާއިލް މަސްއީދު ވަޒިފާއިން ވަކިކޮށްފައިވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ 28 ވަނަ ދުވަހު އެވެ. ވަޒީފާއިން ވަކިކޮށްފައިވަނީ 14 ދުވަހަށް ސަސްޕެންޑް ކުރުމަށް ފަހު އެވެ.

ވަޒީފާއިން ވަކި ކުރުމުގެ ކުރިން އެޗްޑީއެފްސީގެ ތެރޭގައި ހިނގަމުންދާ ކޮރަޕްޝަނުގެ މައްސަލަތަކެއް ވަނީ އޭސީސީއަށް ހުށަހަޅާފަ އެވެ.

ވަޒީފާއިން ވަކިކުރި މައްސަލަ އެންމެ ފުރަތަމަ ހުށަހެޅީ ވަޒީފާއާ ބެހޭ ޓުރައިބިއުނަލަށެވެ. އަހަރެއް ވާން ގާތްވެފައި ވަނިކޮށް އެތަނުން ނިންމާފައިވަނީ އިސްމާއިލް މަސްއޫދު ވަޒީފާއިން ވަކިކޮށްފައިވަނީ ގަވައިދާއި ހިލާފަށް ކަމަށާއި އޭނާއަށް އަނބުރާ ވަޒީފާ ދިނުމަށެވެ.

ނަމަވެސް އެޗްޑީއެފްސީން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނިންމުން ވަނީ ބާތިލްކޮށްފަ އެވެ.

ހައި ކޯޓުން އިސްމާއިލް މަސްއޫދަށް ނާކާމިޔާބު ވުމުން އިސްތިއުނާފް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ. އެ މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ބެންޗްގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހުސްނުއްސުއޫދުގެ އިތުރުން ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު މަޙާޒް ޢަލީ ޒާހިރު އެވެ.

ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް އަނެއް ދެ ފަނޑިޔާރުން ތާއިރު ކުރައްވައި ސުޕްރީމް ކޯޓުން ވެސް ވަނީ ހައި ކޯޓުގެ ނިންމުމަށް ތާއިދުކޮށްފަ އެވެ.

އިސްމާއިލް މަސްއޫދު ވަޒީފާއިން ވަކިކޮށްފައިވަނީ، އޭނާއާ އެކު ވެފައިވާ އެއްބަސްވުމާ ހިލާފަށް 9 ކަމެއް ކޮށްފައިވާ ކަން
އެޗްޑީއެފްސީ އަށް ސާބިތުވާން އޮތުމުން އެކަންކަމުގެ މައްޗަށް ރިއާޔަތްކޮށް ކަމަށް ވަނީ ބުނެފަ އެވެ. އެގޮތުން އޭނާގެ މަސައްކަތުގެ އަހުލާގު ރަނގަޅު ނޫންކަން ފާހަގަކޮށް ވަޒީފާގައި ބެހެއްޓުމުން އެޗްޑީއެފްސީ އަށް ގެއްލުންތަކެއް ލިބޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެގޮތުން ކުންފުނީގެ މެނޭޖްމަންޓުގެ އިސްބޭފުޅުންނާއި ބައެއްކަންކަމާއި ގުޅިގެން ބައްދަލުކުރެވޭ އިރު ދެކެވޭ ވާހަކަތައް އެފަރާތްތަކަށް ނޭނގި އަދި ހުއްދަ ނުހޯދާ ސިއްރުން ރެކޯޑުކުރުމާއި، ކުންފުނީގެ އައިޓީގެ ކަންތައް ބަލަން ހުންނަވާ އިސްމީހެއްގެ ޙައިސިއްޔަތުން އިސްމާއިލް މަސްއޫދަށް ދެވިފައިވާ އިތުބާރު ނާޖާއިޒު ބޭނުން ހިފައިގެން ކުންފުނީގެ މެނޭޖްމަންޓުގެ ބައެއް އިސްފަރާތްތަކުގެ އީ- މެއިލް އެކައުންޓު ތަކަށާއި ކޮމްޕިއުޓަރު ތަކަށް ވަދެ އޭގައި ހުންނަ ކުންފުނީގެ ސިއްރު މައުލޫމާތާއި މުވައްޒަފުންގެ ޕާސަނަލް އީ-މެއިލް ކިޔައި އެހެން ފަރާތްތަކަށް ހާމަކުރުން ހިމެނެ އެވެ.

އަދި ކުންފުނީގެ މެނޭޖިން ޑިރެކްޓަރަށް ގުޅައި ރާއްޖޭން ޑީޕޯޓު ކޮށްލާނެ ކަމުގެ އިންޒާރު ދީ ކުންފުނީގެ އައިޓީ ނެޓްވާކްތަކަށް ވަދެ ކުންފުންޏަށް ގެއްލުންދޭނެ ކަމުގެ އިންޒާރު ދިނުމާއި، ކުންފުނީގެ ބޯޑު އޮފް ޑައިރެކްޓާސްގެ ބައެއް ބޭފުޅުންނާއި ބައްދަލުކޮށް އަމިއްލަ މަސްލަހަތަށް ބަލައިގެން ބައެއް ފަރާތްތައް ކުންފުނީގެ ވަޒީފާއަށް ވެއްދުމަށް ނުފޫޒު ފޯރުވުމަށް މަސައްކަތް
ކޮށްފައިވުމާއި، ކުންފުންޏަށް އަލަށް ވެއްދުމަށްޓަކައި އިންޓަވިޔު ކުރެވުނު ކުދިންނާއި އެކަށީގެން ނުވާ ބީދައަކުން އިންޓަވިޔު ސެޝަންތަކުގައި މުއާމަލާތުކުރުމާއި، ކުންފުންޏާއި ގުޅޭ ގޮތުން ސައްހަ ނޫން މައުލޫމާތު ތަކެއް ސިޔާސީ ބައެއް ފަރާތްތަކާއި ހިއްސާކުރުމާއި، އެފަރާތްތައް މެދުވެރިކޮށް މީޑިއާގައި ކުންފުނީގެ ނުރަނގަޅު ވާހަކަދައްކާ ކުންފުނީގެ ވިޔަފާރި އާއި އަބުރު ގެއްލުވާލަން މަސައްކަތް ކޮށްފައިވުމާއި، ވަޒީފާއަށް ނުނިކުތުމަށް ނޯޓިސް ދިނުމުން ކުންފުނީގެ ނެގެޓިވް ކެމްޕޭނެއް ފަށައި ތަހުގީގު އިދާރާތަކަށް ސައްހަ ނޫން މައުލޫމާތު ދީގެން އޮޅުވާލުމަށް މަސައްކަތް ކުރުމާއި، ކުންފުނީގެ ކޮޕީރައިޓްސް މެޓީރިއަލްސް ހުއްދަ ނެތި ސިއްރުން ދެވަނަ ފަރާތަކަށް ދީފައިވުން ހިމެނެ އެވެ.

އެ ކަންތައްތައް ކުރުމަކީ ނުވަތަ ކުރަން އުޅުމަކީ ވަޒީފާއާބެހޭ ގާނޫނުގެ 23 ވަނަ މާއްދާއާ ހިލާފް ކަމެއް ކަމަށް ވެސް އެޗްޑީއެފްސީން ވަނީ ބުނެފަ އެވެ.

އިސްމާއިލް މަސްއޫދު ވަޒީފާއިން ވަކިކުރިއިރު އެޗްޑީއެފްސީގެ އެމްޑީއަކަށް ހުންނެވީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ޑރ. ޕްރިޔަންކާ ބައްޑެވިތާ އެވެ.

comment ކޮމެންޓް