މިއީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން އެންމެ ރަނގަޅު ދުވަސް: މިނިސްޓަރު

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރަމުން އަންނައިރު، މިފަދަ ދުވަހަކީ ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ ސިއްހަތަށް ގެއްލުންވާ ބޮޑު ކަމަކުން ސަލާމަތްވާން އަޒުމުކަނޑައަޅާ، އެކަމަށް މަސައްކަތް ފަށައިގަންނަން އެންމެ ރަނގަޅު ދުވަސް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ދެއްވި ހިތޯބުގައި ވިދާޅުވީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން، އިންސާނާގެ ސިއްހަތަށް ލިބޭ ގެއްލުމާއި އިގްތިސޯދީ ގޮތުން ލިބޭ ގެއްލުމާއި އިޖުތިމާއީ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކަކީ ދެބަސްވާން ފުރުސަތު އޮތް ކަމެއް ނޫން ކަމަށެވެ.

އަދި މިއަހަރުގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރާއިރު މުޅިދުނިޔެ ވެސް ކޮވިޑް19 ނުރައްކާތެރި ސިއްހީ މުސީބާތުގެ ގިލަންވެރިކަން ތަހައްމަލު ކުރަމުން އަންނަކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"މިފަދަ ދުވަހަކީ ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ ސިއްހަތަށް ގެއްލުންވާ ބޮޑު ކަމަކުން ސަލާމަތްވާން އަޒުމުކަނޑައަޅާ އެކަމަށް މަސައްކަތް ފަށައިގަންނަން އެންމެ ރަނގަޅު ދުވަސް،" މިނިސްޓަރު ވިދާޅުވިއެވެ.

ވަކިން ހާއްސަކޮށް ޒުވާނުންނާ ކުޑަކުދިން ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރުހެލިކުރުމަށް ފަރުދީ ގޮތުން ކޮންމެ މީހަކު ވެސް ޒިންމާއަދާކުރުމަށް މިނިސްޓަރު ވަނީ ގޮވާލައްވައިފައެވެ.

މިނިސްޓަރު ވިދާޅުވީ ދުންފަތުގެ ނުރައްކަލުން ރައްޔިތުންނަށް ހުރި ގޮންޖެހުންތަކުން ސަލާމަތްވުމަށް ކުރަން ހުރި މަސައްކަތް މެދުކެނޑުމެއް ނެތި ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށެވެ.

ކުޑަކުދިން އަދި ޒުވާނުން ދުންފަތުގެ އިސްތިއުމާލުކުރަން ފެށުމުން ދުރުހެލިވުމާއި ހުރިހާ އުމުރެއްގެ މީހުންނަށް ދުންފަތުގެ ނުރައްކަލާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ވަނީ ދުންފަތުން ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ގަވާއިދެއް އެކުލަވާލައި އެއަށް އަމަލުކުރަން ފަށައިފައެވެ.

އެ ގަވާއިދުގެ ދަށުން ވަކިން ސިނގިރޭޓް ވިއްކުމާއި ސިނގިރޭޓް ފޮށީގެ ބޭރުގައި ފޮޓޯ ޖެހި އިންޒާރާ ނުލައި ސިނގިރޭޓް ވިއްކުމަކީ މަނާކަމެކެވެ. އަދި ވަކިން ސިނގިރޭޓް ވިއްކުން ވެސް ވަނީ މަނާކޮށްފައެވެ.

comment ކޮމެންޓް