މަސްޖިދުއް ނަބަވީ އާއި އަގްސާ މިސްކިތް ހުޅުވާލައިފި

އަގްސާ މިސްކިތް ވަނީ މިއަދު ހުޅުވާލާފަ -- ފޮޓޯ: ރޮއިޓާސް

ގުދުސް (މެއި 31): ކޮރޯނާވައިރަސް ބަލިމަޑުކަމުގެ ސަބަބުން މިދިޔަ މާޗް މަހު ބަންދު ކުރި ސައުދީ އަރަބިއާގެ މަސްޖިދުއް ނަބަވީ އާއި ގުދުސްގެ އަލް އަގްސާ މިސްކިތް މިއަދު ފަތިހު ހުޅުވާލައިފި އެވެ.

ސައުދީ އަރަބިއާއިން މިހާރު ދަނީ އެގައުމުން ވައިރަސް ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތައް އެކި ފިޔަވަހިތަކަށް ބަހާލައިގެން ލުއި ކުރަމުންނެވެ. އެގޮތުން ދެވަނަ ފިޔަވަހީގެ ދަށުން މިއަދު ވަނީ މިސްކިތްތައް ހުޅުވާލާފަ އެވެ. ނަމަވެސް މައްކާގައި ފިޔަވަޅުތައް ލުއި ކުރަމުން ދަނީ ގައުމުގެ އެހެން ސަރަހައްދުތަކަށް ވުރެ ފަހުން ކަމުން، ހަރަމްފުޅު އަދި ހުރީ ބަންދުކޮށްފަ އެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މަސްޖިދުއް ނަބަވީއަށް މީހުން ވައްދަން ހަމަޖެހިފައި ވަނީ މިސްކިތުގެ ހަމައެކަނި 40 ޕަސެންޓު ފުރޭ ވަރަށެވެ.

އެ މިސްކިތްތައް ހުޅުވާލުމުގެ ކުރިން ސައުދީން ވަނީ ޖަމާއަތުގައި ނަމާދު ކުރާ އިރު މީހުންގެ މެދުގައި ދުރުމިން ބެހެއްޓުމަށާއި މާސްކު އަޅައިގެން ތިބުމަށް އެދިފަ އެވެ. އަދި ގޭގައި ވުޟޫ ކުރުމަށާއި އަމިއްލަ މުސައްލަ ގެންދިޔުމަށް އެދިފަ އެވެ.

ސައުދީގެ އިތުރުން ގުދުސްއިންވެސް ވަނީ އެފަދަ ފިޔަވަޅުތަކާ އެކު އަގްސާ މިސްކިތް ހުޅުވާލާފަ އެވެ.

އަލް އަގްސާ މިސްކިތާ ގުޅުން ހުރި ކަންތައްތައް ބަލަހައްތާ އިސްލާމިކް ވަގްފުން ބުނި ގޮތުގައި މިދިޔަ މާޗް މަހުގެ 23ގައި ބަންދު ކުރި އެ މިސްކިތް ހުޅުވާލީ ގުދުސުގައި ވައިރަސް ފެތުރޭ މިންވަރު މަދުވުމުންނެވެ.

އަގްސާ މިސްކިތުގައިވެސް މާސްކު އަޅާ، އަމިއްލަ މުސައްލަ ގެންގުޅުމަށް އެދުނު ނަމަވެސް އަގްސާ މިސްކިތަށް ވައްދާނީ ވަކި އަދަދެއްގެ މީހުން ކަމެއް ވަގްފުން ނުބުނެ އެވެ. އެ މިސްކިތުގައި މިއަދު ފަތިސް ނަމާދު ކުރަން 700 ވަރަކަށް މީހުން ދިޔަ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

comment ކޮމެންޓް