ވިއްސާރައިގައި މާލެއަށް 1.4 މިލިއަން ރުފިޔާގެ ގެއްލުން

މާލެއަށް ކުރި ވިއްސާރައިގައި ވައިގަދަވުމުގެ ސަބަބުން ގަހެއް ވެއްޓިފައި --

ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި، ވެރިރަށް މާލެއަށް މިހާތަނަށް 1.4 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިިވާ ކަމަށް މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ރާއްޖޭގެ ގިނަ އަދަދެއްގެ ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެގޮތުން އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ އައްޑޫ ސިޓީއަށެވެ.

މާލެ ސިޓީއަށް ވެސް ވިއްސާރައިގެ ސަބަބުން ވަނީ ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމުގެ އިތުރުން މާލެއަށް އުދަވެސް އަރާފައިވެއެވެ.

ރަސްފަންނު ބީޗު ސުންނާފަތިވެފައި ވާއިރު، ވައި ބާރުވެ، ގިނަ އަދަދެއްގެ ގަސްތަކެއް ވެސް ވަނީ ބިމާ ހަމަވެފައެވެ.

އިއްޔެ ކުރި ވިއްސާރައިގައި ރަސްފަންނަށް ވަރަށް ބޮޑަށް ގެއްލުންވެފައި -- ސަން ފޮޓޯ

"މޫސުމަށް އައި ބަދަލާ ގުޅިގެން، ވިއްސާރަވުމާ ގުޅިގެން ވެސް ގާތްގަނޑަކަށް މުޅި މާލޭގައި ގާތްގަނޑަކަށް 1.4 މިލިއަން ރުފިޔާގެ ގެއްލުން މާލެއަށް އެކަނި ލިބިފައިވޭ،" މިރޭ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ ގެއްލުން ލިބުނު ތަންތަން މަރާމާތު ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރަމުން އަންނަ ކަމަށެވެ.

މޫސުން ގޯސްވެ ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ވެސް އަންނަނީ ހިނގަމުންނެވެ. އެހެންކަމުން ހުރިހާ ރައްޔިތުން ވެސް މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓުން ވަނީ އިލްތިމާސް ކޮށްފައެވެ.

comment ކޮމެންޓް