މޮޅު އިތުރު ގޮތަކީ ސިއްރުން ސަދަގާތް ދިނުން، ދެއްކެން ސަދަގާތް ނުކުރޭ: ހުތުބާ

މީހަކު މިސްކިތެއްގައި ގުރުއާން ކިޔަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަދަގާތް ކުރުމުގެ އެންމެ މޮޅު އިތުރު ގޮތަކީ ސިއްރުން ސަދަގާތް ކުރުން ކަމަށާއި، ދެއްކުންތެރިކަމަށް ސަދަގާތް ކުރުމަކީ އަޒާބު ލިބެނިވި ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނީ، އިހްލާސްތެރި ނޫންކޮށް، ކުރާ ސަދަގާތަކީ ބާތިލު ސަދަގާތެއް ކަމަށެވެ. އެގޮތުން އިހުލާސްތެރިކަމެއް ނެތި ރަން ފަރުބަދައެއް ސަދަގާތް ކުރިއަސް އެއީ އަގެއް ހުރި ސަދަގާތެއް ނޫން ކަމަށް ބުނެފައިވެއވެެ.

"މުސްލިމް އަހުންނޭވެ. ސަދަގާތް ކުރުމުގައި އިހްލާސްތެރިވާށެވެ. އެހެނީ އިހްލާސްތެރިވުމަކީ ކޮންމެ ހެޔޮ އަމަލެއްގެ ތަނބެވެ. އިހުލާސްތެރިކަމެއް ނެތި ކުރެވޭ ސަދަގާތަކީ ރަން ފަރުބަދައެއް ކަމަށް ވިޔަސް އެއީ އެއްވެސް އަގެއް ހުރި އަމަލެއް ނޫނެވެ. އެ އަމަލު ވާހުށީ ބާތިލު އަމަލެއް ކަމުގައެވެ." ހުތުބާގައި ބުންޏެވެ.

ގިޔާމަތް ދުވަހު ނަރަކައަށް އެއްލާލެވޭ ތިން ބާވަތެއްގެ މީހުންގެ ތެރޭގައި ދެއްކުންތެރިކަމަށް ސަދަގާތް ކުރާ މީހުން ހިމެނޭ ކަމަށް ބުނާ ގުދުސީ ހަދީސެއްވެސް ހުތުބާގައި ފާހަގަކުރިއެވެ.

ހުތުބާގައި ބުނި ގޮތުގައި، ސަދަގާތް ދިނުމުގެ އެންމެ މޮޅު އިތުރު ގޮތަކީ ސިއްރުން ސަދަގާތް ކުރުމެވެ. ސިއްރުން ސަދަގާތް ކުރުމަށް މާތްﷲގެ ހަޟްރަތުގައި ހާއްސަ މަގާމެއް ދެވިގެންވާކަމަށްވެސް ބުނެފައިވެއެވެ.

"ފަހެ ﷲ ތައާލާ އަރުޝީގެ ހިޔާވަހިކަން ނޫން އެހެން ހިޔާވަހިކަމެއް ނުވާ ދުވަހު ހަތް ބާވަތެއްގެ މީހުންނަށް ހިޔާވަހިކަން ދެއްވާނެއެވެ. އޭގެ ތެރޭގައި ކަނާތުން ކުރާ ސަދަގާތް ވާތަށްވެސް ނޭނގޭހާ ސިއްރުން ސަދަގާތް ކުރާ މީހާ ހިމެނެއެވެ." ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައި ވަނީ ﷲގެ މަގުގައި ހޭދަ ކުރުމަކީ އެކަލާނގެ ރުހުން ލިބި ގިނަ ސަވާބު ލިބޭ ކަމެއް ކަމަށެވެ. އަދި އެއީ ވަކި މީހަކަށް ހާއްސަކަމެއް ނޫން ކަމަށާއި އެންމެނަށްވެސްވާ އަޅުކަމެއް ކަމަށް ހުތުބާގައި ބުންޏެވެ.

މުދަލަކީ އިމްތިހާނެއް ކަމަށްވެސް ހުތުބާގައިވެއެެވެ. މުދަލަށް ލޯބި ކުރުމަތީ އިންސާނާގެ ފިތުރަތުގައިވާ ކަމެއްވެސް ބުނެފައިވެއެވެ. އަދި އެއީ ވަގުތީ އުފަލެއް ދީ ފަނާވެދާ އެއްޗެއްކަން ފާހަގަކޮށްފައިވެއެވެ.

"އަޅުގަނޑުމެންނަށް އޮތީ މީހުންނަށް ހެޔޮ ފޯރުކޮށްދީ، ހެޔޮ ގޮތުގައި ﷲގެ މަގުގައި ހޭދަކޮށް އުޅުމަށް އަވަސްވެގަތުމެވެ. އެހެނީ ލޯމަރާލަން ޖެހޭނީ ކޮން އިރު ކަމެއް އެއްވެސް ނަފްސަކަށް ނޭނގެއެވެ." ހުތުބާގައި ބުންޏެވެ.

ސަދަގާތް ކުރުމަކީ މަރުވުމަށް ފަހުގައިވެސް އޭގެ ސަވާބު ލިބޭ ކަމެއް ކަމަށް ހުތުބާގައި ފާހަގަ ކުރިއެވެ. އެގޮތުން ދޫކޮށްފައި ދިޔަ އިލްމަކުންނާއި، ތިމާއަށްޓަކައި ހެޔޮ ދުއާ ކުރާ ދަރީންނާއި ދެމިގެންވާ ސަދަގާތުން ތިމާ މަރުވުމަށްފަހުގައިވެސް ސަވާބު ލިބިލިބި ހުންނާނެ ކަމަށް ރަސޫލާ (ސއވ) ހަދީސް ކުރައްވާފައިވާ ބަސްފުޅެއް އެކަމުގެ ދަލީލެއްގެ ގޮތުގައި ފާހަގަކުރިއެވެ.

comment ކޮމެންޓް