ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތްތައް ބޭއްވޭނެ ގޮތް ހަދާ ބިލަށް ފަނޑިޔާރުންގެ ޖަމިއްޔާއިން ތާއީދުކޮށްފި

ޖިނާއީ ގިނަ މައްސަލަތައް ބަލާ ކުރިމިނަލް ކޯޓު---ސަން ފޮޓޯ: މުހައްމަދު އަފްރާހް

ކުއްލި ނުރައްކަލުގެ ހާލަތުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޖިނާއީ މައްސަލަތަކުގެ ޝަރީއަތުގެ އަޑުއެހުންތައް ބޭއްވޭނެ ގޮތަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެންނަ އިސްލާހަށް ފަނޑިޔާރުންގެ ޖަމިއްޔާއިން ތާއީދުކޮށްފި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތްތައް ކުރިއަށް ގެންދެވޭ ގޮތަށް ޖިނާއީ އިޖްރާއާތުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވަނީ މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފަ އެެވެ. އެ ބިލު މިހާރު ޖުޑިޝަރީ ކޮމިޓީއިން ދަނީ ދިރާސާ ކުރަމުންނެވެ.

މިހާރު ގާނޫނު އޮންނަ ގޮތުން ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދެވެނީ އިބްތިދާއީ މަރުހަލާގެ އަޑުއެހުންތަކެވެ. ސިރާޖު ހުށަހެޅުއްވި ބިލު ފާސްވުމުން ޝަރީއަތުގެ އަޑުއެހުންތައް ވެސް ވީޑިއޯ ކޮންފަރެންސްކޮށް ބޭއްވޭނެ އެވެ.

ފަނޑިޔާރުންގެ ޖަމްއިއްޔާއިން ނެރުނު ބަޔާނެއްގައި ވަނީ އެ ބިލާ ބެހޭ ގޮތުން އެ ޖަމްއިއްޔާއިން މަޖިިލީހަށް ހިޔާލު ފޮނުވާފައިވާ ކަމަށެވެ. އެގޮތުން ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތްތައް ކުރިއަށް ގެންދިއުމުން އިންސާފަށް ވާސިލްވެވޭނެ މަގު ތަނަވަސްވާނެ ކަމަށާއި، މައްސަލާގައި ހިމެނޭ ފަރާތްތަކަށާއި ވަކީލުންނާއި ކަމާބެހޭ އިދާރާތަކަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް ފާހަގަކޮށްފައިވާނެ ކަމަށް އެ ޖަމިިއްޔާއިން ބުންޏެވެ.

ނަމަވެސް، ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ކުރަން ނިންމުމުގެ ބާރު ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ލިބޭ ގޮތަށް ބިލު އޮތް އޮތުން ބަދަލުކޮށް އެ ބާރު ސުޕްރީމް ކޯޓަށް ދޭން ހުށަހަޅާފައިވާ ކަމަށް ވެސް ފަނޑިޔާރުންގެ ޖަމިއްޔާއިން ބުންޏެވެ. އެ ޖަމިއްޔާއިން އެގޮތަށް ހުށަހެޅީ ޑީޖޭއޭ އަކީ ކޯޓުތަކުގެ އިދާރީ ކަންކަމާ ބެހޭ ޑިޕާޓްމެންޓުކަމުންނެވެ.

މީގެ ކުރިން ސުޕްރީމް ކޯޓުން ވަނީ އެ ކޯޓުގެ އަޑުއެހުންތައް ވީޑިއޯ ކޮންފަރެންސްކޮށް ގެންދެވޭނެ ގޮތުގެ ގަވައިދެއް ވެސް ހަދައިފަ އެވެ.

ކޮވިޑް-19އާ ގުޅިގެން ޖިނާއީ މައްސަލަތަކުގެ ޝަރީއަތްތައް މަޑުޖައްސާލާފައި އޮތަސް، މިހާރު ވެސް ބަންދު އަޑުއެހުންތަކާއި ކޮންމެހެން ނެރެން ޖެހޭ އަމުރުތަކުގެ މައްސަލަތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބާއްވައެވެ.

comment ކޮމެންޓް