ގާނޫނުއަސާސީ އިސްލާހުކުރަން ވޯޓު ނުދޭނެ ކަމަށް އިންތި ވިދާޅުވެއްޖެ

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ --- ފޮޓޯ/ މަޖިލިސް

މިހާލަތަކީ ގާނޫނުއަސާސީ އިސްލާހު ކުރެވޭނެ ހާލަތެއް ނޫން ކަމަށާއި އެހެންކަމުން ސަރުކާރުން އެންގި ނަމަވެސް އަދި ޕާޓީއިން ބުނި ނަމަވެސް ގާނޫނުއަސާސީ އިސްލާހު ކުރަން ވޯޓު ނުދޭނެ ކަމަށް ވިދާޅުވެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ތްރީލައިން ވިޕަށް ގޮންޖައްސަވައިފި އެވެ.

އިންތި އެހެން ވިދާޅުވެފައިވާއިރު ގާނޫނުއަސާސީ އިސްލާހު ކުރުމަށް ސަރުކާރުން ހުށަހެޅި ގޮތަށް ފާސްކުރުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ރޭ ތްރީލައިން ވިޕެއް ނެރުނީ 41 މެންބަރުންގެ ވޯޓާ އެކު އެވެ. އިންތި ވިދާޅުވީ ޕާޓީއިން ބުނި ނަމަވެސް އަމިއްލަޔަށް ގަބޫލުކުރެވިފައި އޮތް ގޮތަކާ ހިލާފަށް ވޯޓު ނުދޭނެ ކަމަށެވެ.

"ގާނޫނުއަސާސީ އިސްލާހު ކުރެވިދާނެތޯ މިދަނޑިވަޅުގައި. މިއީ ގާނޫނުއަސާސީ ހުއްދަކުރާ ކަމެއްތޯ. ގާނޫނުއަސާސީގެ ރޫހާ އެއްގޮތް ކަމެއްތޯ. ހިލާފު ކަމެއް ކަމުގެ ސުވާލު އުފެދިފައިވާ ވަގުތެއްގައި. އަޅުގަނޑުގެ ނަފްސަށް އަޅުގަނޑަށް ކޮންވިންސް ވެފައިވާ ގޮތަކަށް އަޅުގަނޑު އަމަލުކުރާނީ. އެއީ ޕާޓީއަކުން އަންގާ ގޮތަކަށެއް ނޫން. ސަރުކާރަކުން އަންގާ ގޮތަކަށެއް ނޫން." އިމްތިޔާޒު ފަހުމީ ވިދާޅުވި އެވެ.

ކައުންސިލަރުންގެ ދައުރު ދިގު ކުރުމަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހުގެ އިބްތިދާއީ ބަހުސް މަރުހަލާގައި ވާހަކަދައްކަވަމުން އިންތި ވިދާޅުވީ ގާނޫނުއަސާސީ އިސްލާހު ކުރުމަކީ މި ހާލަތުގައި ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. މިހާލަތަކީ ފުޅާ ދާއިރާއެއްގައި ރައްޔިތުންނާ މަޝްވަރާ ކުރެވި ގާނޫނުއަސާސީއަށް ހުށަހެޅިފައިވާ އިސްލާހަށް ބަހުސް ކުރުމަށް ހުރަސްއެޅިފައިވާ ހާލަތެއް ކަމަށާއި މިފަދަ ހާލަތެއްގައި ގާނޫނުއަސާސީ އިސްލާހު ކުރުމަކީ ގާނޫނުއަސާސީގެ ރޫހާ ހިލާފު ކަމެއް ކަމަށް އިންތި ވިދާޅުވި އެވެ.

ޕާލިމެންޓްރީ ގުރޫޕުން ތްރީ ލައިން ވިޕެއް ނެރުމުގެ މާނައަކީ އެ ގުރޫޕުގައި ތިބޭ ހުރިހާ މެމްބަރުން ޖަލްސާއަށް ހާޒިރުވެ ޕީޖީ ގުރޫޕުން ނިންމާ ގޮތަކަށް ވޯޓު ދިނުމެވެ. މީގެ ކުރިންވެސް ޕީގީ ގުރޫޕުން ނެރިފައިވާ ވިޕްލައިން ތަކާއި ހިލާފުވި މެމްބަރުންނަށް އެމްޑީޕީއިން ފިޔަވަޅު އަޅާފައިވެ އެވެ. ގާނޫނުއަސާސީ އިސްލާހު ކުރުމަށް މަޖިލީހުގެ ހުރިހާ މެމްބަރުން ތަޅުމަށް ހާޒިރުވެއްޖެ ނަމަ 58 މެމްބަރުންގެ ވޯޓު ބޭނުންވާނެ އެވެ.

ކައުންސިލަރުންގެ ދައުރު ފެށޭ މަހުގެ ދެވަނަ ދުވަހަށް ހަމަވާނެ އެވެ. ބަންޑާރަނައިބު އިބްރާހިމް ރިފްއަތު އަދި މަޖިލީހުގެ ކައުސިލަޖެނެރަލްވެސް ވިދާޅުވެފައި ވަނީ ކައުންސިލުތަކުގެ ދައުރު ހަމަވެގެން އަންނަ ގާނޫނީ ހުސްކަމަށް ހައްލު ހޯދޭނީ ހަމައެކަނި ގާނޫނުއަސާސީ އިސްލާހުކޮށްގެން ކަމަށެވެ. އަދި ހަދާ ވަގުތީ ގާނޫނަކުން ކައުންސިލަރުންގެ ދައުރު ދިގު ކުރުން ގާނޫނުއަސާސީއާ ހިލާފު ކަމަށްވެސް ވަނީ ލަފާ ދެއްވާފަ އެވެ.

comment ކޮމެންޓް