ލަންކާގެ ކްރިކެޓް ކުޅުންތެރިޔާ ޝެހަން މަދުޝަންކާ ހައްޔަރުކޮށްފި

ސްރީ ލަންކާގެ ކްރިކެޓް ކުޅުންތެރިޔާ ޝެހަން މަދުޝަންކާ --- ފޯޓޯ: ބީބީސީ

ގިނަ އަދަދެއްގެ ޑްރަގު އެތެރެ ކުރިކަމުގެ ތުހުމަތުގައި ސްރީ ލަންކާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ޝެހަން މަދުޝަންކާ ހައްޔަރުކޮށްފި އެވެ.

ލަންކާގެ ފުލުހުން ބުނީ މަދުޝަންކާ ހައްޔަރުކޮށްފައިވަނީ ގަވާއިދާ ޙިލާފު ޑްރަގުތަކެއް އެތެރެކޮށްގެން އުޅޭ ކަމުގެ މައުލޫމާތެއް ފުލުހުންނަށް ރިޕޯޓްކުރުމުން އެ މައްސަލަ ބެލި ބެލުމުގެ ތެރެއިން ކަމަށެވެ. އެގޮތުން ލަންކާގެ ޕަނަލާއިން މަދުޝަންކާ ހައްޔަރު ކުރި އިރު އޭނާގެ އަތުން 2.7 ގުރާމުގެ ހިރޮއިން ފެނިފައިވާކަން ފުލުހުން ވަނީ ޔަގީންކޮށްދީފަ އެވެ.

އެ މައްސަލައިގައި މަދުޝަންކާ މިވަގުތު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އިރު ލަންކާގެ ގައުމީ ޓީމުން ވަނީ އޭނާ ޓީމުން ސަސްޕެންޑް ކުރުމަށް ނިންމާފަ އެވެ. އަދި މައްސަލަ ބަލާ ނިމި ކުށުގެ ރިކޯޑް ސާފު ވުމުގެ ކުރިން އޭނާއަށް ކްރިކެޓް ޓީމުން ދެން ފުރުސަތު ނުލިބޭނެ ކަމަށް ވެސް ލަންކާގެ ކްރިކެޓް އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

އުމުރުން 25 އަހަރުގެ އުކުންތެރިޔާއަށް އެންމެ ފަހުން ގައުމީ ޓީމުން ޖާގަ ލިބިފައިވަނީ 2018 ވަނަ އަހަރު އެވެ. އޭނާ ވަނީ އެއަހަރު ލަންކާގެ ގައުމީ ޓީމަށް ތިން މެޗު ކުޅެދީފަ އެވެ. އެކަމަކު އެއަހަރުގެ ފަހުކޮޅު ލިބުނު އަނިޔާއަކާއި ގުޅުގެން ވޭތުވެ ދިޔަ އަހަރު ކުޅުނު މެޗުތަކުގެ ސްކޮޑުން އޭނާއަށް ޖާގަ ލިބިފައެއް ނުވެ އެވެ.

މަދުޝަންކާއާއި އޭނަގެ ބައެއް ރައްޓެހިން ޑްރަގާއެކު ފުލުހުން އަތުލައިގަނެފައިވަނީ މިދިޔަ އާދީއްތަ ދުވަހު އެވެ. އެއާއެކު އޭނާ ވެގެން ގޮސްފައިވަނީ ޑްރަގުގެ މައްސަލައެއްގައި ގައުމީ ޓީމުން ސަސްޕެންޑް ކުރި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

comment ކޮމެންޓް