ދިވެހި ބޭސްވެރިކަމުގެ ފަންނުން އެކެއް!

ރާއްޖޭގައި ދިބި ދިވެހި ބޭސްވެރިންގެ ތެރެއިން ނަގާލެވޭނެ އެކަކީ، އައްޑޫ ބޮޑު ފަނޑިޔާރު އާއިލާއަށް ނިސްބަތްވާ އަހުމަދު ސައީދު (އަހްމަދުސައީދުބޭ) އެވެ. އޭނާ އަކީ ތައުލީމީ ގޮތުންނާއި ބޭސްވެރިކަމުގެ ގޮތުން މުޅި ރާއްޖެ ދަންނަ ކަމުވޮށިގެންވާ އާއިލާއަކަށް އުފަން ބޭފުޅެކެވެ.

އޭނާގެ ހަތަރުވަނަ ކާފައަކީ ރާއްޖޭގައި ރަސްކަން ކުރެއްވި މުހައްމަދު ޝަމްސުއްދީން އެވެ. ކާފާފުޅަކީ އައްޝައިހް އިބްރާހިމް ފިއްތައްޔިބުލް އިލްމު ނުވަތަ އައިސާދަރު ދޮންބެއްޔާ އެވެ. ބައްޕާފުޅު މުހައްމަދު މަނިކުފާނު (ހުދުމަނިޔެގެ ބެއްޔާ) އަކީ ހުސެއިން ސަލާހުއްދީންއާ އެކު، ކާފާފުޅުގެ އަރިހުން ތައުލީމު ހާސިލްކުރެއްވި ގާތް ބޭފުޅެކެވެ. މި އާއިލާގެ ހިދުމަތުގެ ބޮޅަށް އިތުރުވި އަހުމަދު ސައީދުއަކީ ކުޅަދާނަ ދިވެހި ބޭސްވެރިއެކެވެ.

އުމުރުން 69 އަހަރުގައި އަހްމަދު ސައީދުބެ ފެންނަނީ އަދިވެސް ނިކަން ސްމާޓްކޮށް ފިޓްކޮށެވެ. އަހުމަދު ސައީދުބެގެ ދަރިންވެސް މިހާރު ރަށުން ބޭރުގައި ދިރިއުޅޭއިރު، އޭނާގެ ދިރިއުޅުމުގެ ހުރިހާކަމެ އްވެސް ތަރުތީބުކޮށްފައި ވަނީ މި މަސައްކަތަށް އިސްކަންދީގެންނެވެ. ގޭގެ ގޯތިތެރޭގެ އެކި ދިމާލުގައި ބޭސްވެރިކަމަށް ބޭނުންވާ ތަފާތު އާލާތްތަކާއި ގަސްގަހާގެއްސާއި އަދި ބޭސްފުޅިތައް ތައްޔާރުކޮށް ބަންދުކޮށްފައި ހުރެ އެވެ. އަދި ގޭތެރޭގައި ބަލިމީހުން ބެލުމަށް އެކަށީގެންވާހެން ތަކެތި ބަހައްޓާފައިވެ އެވެ.

އަހުމަދު ސައީދު ބޭސްވެރިކަން ކުރަން އޭނާ ބޭނުންކުރާ ބައެއް ސާމާނުތައް ދައްކާލަނީ -- ސަން ފޮޓޯ/ މަރިޔަމް މާޝާ ނައީމް

އަހުމަދު ސައީދުބޭގެ ބޭސްވެރިކަން ގުޅިފައިވަނީ އެތަށް ޒަމާނަކާ އެވެ. ބައްޕައަކީ ކާފަގެ ދަރިވަރަކަށްވާއިރު، އޭނާގެ މަންމައަކީ ބައްޕަގެ ދަރިވަރެކެވެ. އޭނާ އުޅެ ބޮޑުވީ މަންމަގެ ރަށްކަމުގައިވާ ގދ.ގައްދޫގަ އެވެ. އުމުރުން ހައަރުގައި ބައްޕަ ނިޔާވުމާއިއެކު، ބޭސްވެރިކަމުގެ ގިނަ ކަންކަން ދަސްވެފައިވަނީ މަންމަ ކުރާތަން ފެނިގެންނެވެ. ހޮސްޕިޓަލެއް، ސިއްހީ މަރުކަޒެއް ނެތް ޒަމާނެއްގައި މަންމަގެ ގާތުން އެތަށް ބަޔަކު ބޭސްކުރަމުން ދިޔައިރު އޭނާގެ ހިތް އެންމެ ބޮޑަށް ދަމައިގަތް އެކައްޗަކީ "ގިތެޔޮ ކޯޅި" ފަތެވެ.

"މަންމަގެ އަރިހަށް ވަރަށް ގިނަމީހުން އަންނާނެ. އައިމަ ގެންނަވާނެ ފަތްޕިލާވެލި. ގެނައިމަ އަޅުގަނޑަށް ވީގޮތަކީ މިއެއްޗިއްސަށް ކިޔާނަން އެންމެ ފުރަތަމަ މަންމަ ކައިރިން ދަސްކުރީ. އެންމެ ފުރަތަމަ ދަސްވީ ހައަހަރުގެ ތެރޭގައި 'ގިތެޔޮކޯޅި'. އެފަތުގެ ވިދުން އަރާތީ އަޅުގަނޑަށް އެފަތް މާރީތިވީ. ގައްދޫ ބަހުން އަޅުގަޑުމެން ކިޔަނީ ގިތަލެ ކުރި." އޭނާ ބުންޏެވެ.

ބޭސްވެރިކަމުގެ ފުރަތަމަ ފިލާވަޅު ނެންގެވިތާ ހައަރު ވީއިރު އަހުމަދު ސައީދުބެއަށް އާންމުކޮށް ބޭސްވެރިކަމަށް ބޭނުންކުރާ ހުރިހާ ފަތެއްގެ ނަންތަކެއް ހުރީ ދަސްވެފަ އެވެ. އެހެން ނަމަވެސް އެންމެ ރަނގަޅަކަށް ފަތްތަކުގެ ތާސީރެއް ދަހެއް ނުވެ އެވެ.

އަހުމަދު ސައީދު ބޭސްކުރުމަށް ބޭނުންވާ ތެޔޮ ހަދަނީ -- ސަން ފޮޓޯ/ މަރިޔަމް މާޝާ ނައީމް

ބޭސްވެރިކަމުގެ ދާއިރާއަށް މުޅީން އެއްކޮށް ހުސްވުމުގެ ކުރިން އަހުމަދު ސައީދުބެ ދިޔައީ ސަރުކާރަށް ހިދުމަތްކުރައްވަމުންނެވެ. އެގޮތުން 1980 ގައި އޮޅުވެލި ރިސޯޓުގެ އިދާރީ މަސައްކަތުގައި ހުންނަވަނިކޮށް ކުޑަ ކަތީބުކަން ލިބިވަޑައިގެން ރަށަށް އެނބުރި އައުމަށްފަހު 17 އަހަރުފަހުން ސަރުކާރަށް ހިދުމަތްކުރެއްވުން ހުއްޓާލިރިއު ހުރީ ބޮޑު ކަތީބުގެ މަގާމުގަ އެވެ. އޭރުވެސް ސިކުނޑީގައި ފައްކާވަމުންދިޔައީ ދިވެހި ބޭސްވެރިކަމެވެ.

ކުޑައިރު ރަހުމަތްތެރިންނާއި އެކީގައި ފުޓުބޯޅަކުޅެން އުޅުނު ދުވަސްވަރުވެސް ކުދިންގެ ފަޔަށް ލިބޭ އަނިޔާތަކަށް ޚަބަރު ބޮޑިދެމުމުގެ މަސައްކަތް ނިކަން ޝައުގާއެކި ކުރި ސައީދުބެއަށް ބޭސްވެރިކަމުގައި މިހާތަނަށް އެންމެ ހަނދާނުގައި ހުންނަ އެއްކަމަކީ ވާގިނެތިފައިވާ މީހުންގެ ތެރެއިން އެންމެ ފުރަތަމައަށް ފަރުވާ ދިން އެރަށު ހުސޭއިނު ނުވަތަ ދިވެއްސާއަށް ކުރި ބޭހެވެ.

"އޭނާގެ ވައަތް ފަރާތް އޮތީ އެއްކޮށް ވާގިނެތިފައި. އެކަމަކު ﷲގެ އިރާދަފުޅާއިއެކު 25 ދުވަހުގެ ތެރޭގައި އޭނާ ރަނގަޅުވަމުން އައިސް ސަތޭކަ ޕަސެންޓް ރަނގަޅުކުރެވުނު. ދެން މި މަސައްކަތަށް އައީ މާބޮޑު ޝައުގުވެރިކަމެއް. އެއާއެކު ނޭނގޭ ބައެއް ފަރުވާތައް އެހެން މީހުންގެ ކައިރިން ދަސްކޮށްގެން ކުރަންފެށީ." ސައީދުބެ ބުންޏެވެ.

އަހުމަދު ސައީދުބޭގެ ގޯތިތެރޭގައި ސަން އަށް އިންޓަވިއު ދެނީ -- ސަން ފޮޓޯ/ މަރިޔަމް މާޝާ ނައީމް

ދިވެހި ބޭސްވެރިކަމުގައި އަހުމަދު ސައީދުބެގެނަން ރާއްޖޭގެ އުތުރާއި ދެކުނަށް ވަނީ މަޝްހޫރުވެފަަ އެވެ. އަހުމަދު ސައީދުބެ ބުނާގޮތުގައި ބޭސްވެރިކަމުގެ ސެޓްފިކެޓް ހޯދިއިރުވެސް އެއްވެސް ވޯކްޝޮޕެއް ނުވަތަ ތަމްރީނުތަކެއް ނުހޯދާ، އިމްތިހާނުގެ 25 ސުވާލަށް އަނގަބަހުން ޖަވާބުދީގެން ފާސްވި އެވެ.

އަހުމަދު ސައީދުބޭގެ ބޭހުން އެތައް ބަލިތަކަށް ފަރުވާކުރެވެ އެވެ. މިގޮތުން މައިގްރެއިންއާއި، ބޮލަށް ލިބޭ އަނިޔާ އާއި، އިސްތަށި ފޭބުމާއި، އިސްތަށިގަނޑު ވަރުގަދަކޮށް ދުޅަހެޔޮކޮށް ބެހެއްޓުން ހިމެނެ އެވެ. އެއާއިއެކު ހަމުގެ ބައެއް މައްސަލަތައްކަމުގައިވާ ފަންގަސް، ބިހިނެގުން، ހުދު އަދި ކަޅު ލައްތައް ހުރުން، ހަންތާޒާކޮށް ދިރުމެއްގައި ބެހެއްޓުމަށް ބޭނުންވާ އެކި ބޭސްތައް، އާތުރައިޓިސް އަދި ކުޑަކަމުދާ ނިޒާމުގެ ބައެއް މައްސަލަތައް ވެސް ހިމެނެ އެވެ.

ވާގިނެތިފައިވާ މީހުންގެ ތެރެއިން މިހާތަަނަށް ފަރުވާދިން 54 މީހުންގެ ތެރެއިން 30 މީހުންވަނީ އެއްކޮށް ރަނގަޅުކުރެވިފައިކަން ސައީދުބެ ފާހަގަ ކުރި އެވެ. އަދި ބާކީ ތިބި 70-20 ޕަސެންޓާ ދެމެދު މީހުން ރިކަވާ ކުރެވުނުކަން އޭނާ ފާހަގަކުރި އެވެ.

އަހުމަދު ސައީދު ބޭސް ހެދުމުގެ މަސައްކަތުގައި -- ސަން ފޮޓޯ/ މަރިޔަމް މާޝާ ނައީމް

ބޭސްވެރިކަމަކީ ގިނަ އަދަދަށް ފަތްޕިލާވެލި ބޭނުންވާކަމެކެވެ. ގިނަފަހަރަށް އެމީހެއް ހުންނަ ހިސާބަކުން އެ ބޭނުންވާ ހުރިހާ ފަތެއް ލިބުމަށްވެސް އޮންނަނީ ދަތިވެފަ އެވެ. އަހުމަދު ސައީދުބޭގެ ގޭގައިވެސް ބޭނުންވާ ބަައެއް ބާވަތްތަކުގެ ގަސްތައް އިންދާފައި ހުރިއިރު، ބޮޑަށް ބަލަނީ ރަށުން ލިބެންހުރި ފަތްޕިލާވެލި ބޭނުން ކޮށްގެން ބޭސްކުރުމަށްކަމަށް އޭނާ ބުންޏެވެ. ނޫންނަމަ ގައްދޫއާއި ޖެހިގެން އޮތް ފަޅުރަށް ކަމުގައިވާ، ގަމުން އޭނާ ބޭނުންވާ ހުރިހާ ފަތެއް ލިބޭކަމަށް ބުންޏެވެ.

އަހުމަދު ސައީދުބެ ބުނާގޮތުން ކުރީ ޒަމާންތަކާއި އަޅާބަލާއިރު ދިވެހި ބޭސްވެރިކަމަށް މީހުންގެ މެދުގައި އޮންނަ މަގުބޫލުކަން ކުޑަވެއްޖެ އެވެ. އަދި ގިނަ މީހުން ބޮޑަށް ބަރޯސާ ވަނީ ޑޮކްޓަރީ ފަރުވާއަށެވެ.

އެހެންނަމަވެސް އެއީ މުޅީން ގޯސް ޚިޔާލެއް ނޫންކަމުގައިވެސް އޭނާ ބުނެއެ ވެ. ސަބަބަކީ ޑޮކްޓަރީ ފަރުވާގެ އަލީގައި އެތެރެހަށީގެ މައްސަލަތަކާއި ބަލިތައް ދެނެގަތުން ފަސޭހަވެފައިވާތީ އެވެ. އަދި އޭނާ ބުނާ ގޮތުގައި ވާގިނެތޭ މީހުންގެ ތެރޭގައިވެސް އެންމެ ފުރަތަމަ މެޑިކަލްޑޮކްޓަރެއްގެ ރިޕޯޓާއި އެކު، އެއް މަސްދުވަހުގެ ތެރޭގައި އޭނާ ކައިރިއަށް އަންނަ މީހުންގެ ފަރުވާ އަވަސްކަން ފާހަގަވެ އެވެ.

"ބަލިމީހެއް އައިމަ އެންމެ ފުރަތަމަ ބަލާ އެއްކަމަކީ ހަކުރުހުރޭތޯ، ލޭމަތިތޯ ސަރުބީ ހުރޭތޯ، މިކަންކަން ބަލާފައި ނުކަތާ ވަރަށް ގޮސްފިނަމަ، ނޫނީ އަޅުގަނޑަށް ހައްލުނުވާނަމަ ފޮނުވަނީ ސިއްޚީ މަރުކަޒަށް. ބަލި ދެނެގަތުމަށްޓަކައި ލެބޯޓްރީ ޓެސްޓްތައް ވަރަށް ފަސޭހަ. ދިވެހި ބޭސްކުރާ މީހަކަށް އެކަންކަމެއް ނޭގޭނެ." ސައީދުބެ ބުންޏެވެ.

ދިވެހި ބޭސްވެރިން މަދުވެ، އެކަން ކުރާ މީހުން އަތުް ގުނާލެވޭހާ މަދުއިރު 2000 ވަނަ އަހަރުން ފެށިގެން މި މަސައްކަތް އެހެން މީހުންނަށް ދަސްކޮށްދިނުމަށް އަހުމަދު ސައީދު ކުރަން ފެއްޓި މަސައްކަތަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކުރީ އެންމެ މީހެކެވެ. އެއީ 2007 ވަނަ އަހަރު އޭނާ ކައިރިއަށް އައި ގައްދޫގެ މެދުއުމުރުގެ އަންހެނެކެވެ. ސައީދުބެ އަންނަނީ އޭނާއަށް މަސައްކަތް ދަސްކޮށްދީ އަދި އަމަލީގޮތުން ކުރުމުގެ ފުރުސަތުވެސް ދެމުންނެވެ.

ބޭސްވެރިކަމުގެ އިތުރަށް ސައީދުބެއަކީ ހުވަދޫއާއި ގައްދޫގެ ސަގާފީ އަދި ތާރީހީ ގިނަ މައުލޫމާތުތަކެއް ދަންނަ އެކަމުގައިވެސް ފާހަގަކޮށްލެވޭ ފަރާތެކެވެ. ނިންމާލަމުން އަހުމަދު ސައީދުބެ ދިން އުފާވެރި ހަބަރަކީ އަމިއްލަ ދިވެހި ބޭހުގެ ކްލިނިކެއް ހުޅުވުމުގެ މަސައްކަތް ފަށާފައިވާކަމެވެ. ބޭސްފަރުވާ ކުރުމުގެ އިތުރަށް މި ކްލިނިކްވެގެންދާނީ ބޭސްވެރިކަން ދަސްކުރަން ބޭނުންވާ ފަރާތްތަކުގެ މަދަރުސާއަކަށް ކަމަށް އޭނާ ބުންޏެވެ.

ގައްދޫ، ބޭސްވެރިޔާ -- ސަން ފޮޓޯ/ މަރިޔަމް މާޝާ ނައީމް

ފަންސާހަކަށް އަހަރު ބޭސްވެރިކަމުގައި ހޭދަކުރެވިފައިވާއިރު، އަދިވެސް އަހުމަދުސައީދުބެ އޭނާގެ ބޭހަކަށް އަގެއް ނުކިޔަ އެވެ. ހިދުމަތުގައި މުއްސަންޖެއް ފަގީރެއް ތަފާތެއް ނުކުރެ އެވެ. ކޮންމެ މީހެއް ދޭ ކޮންމެއެއްޗަކަށްވެސް ރުހެ އެވެ.

އަހުމަދު ސައީދުބެ ބުނި ގޮތުގައި ހިތްހަމަޖެހުމަކީ ﷲގެ ރަހުމަތާއިއެކު އޭނާގެ ގާތަށް އަންނަ ކޮންމެ މީހަކަށްވެސް ފަރުވާއެއް ދެވުމެވެ. އުމުރުން އެންމެ ތުއްތުއިރުއްސުރެން ފެށިގެން އުނގެނެން ފެށި ބޭސްވެރިކަމުގައި އޭނާ ކިތަންމެ ފުންނާބުއުސް ނަމަވެސް އަދިވެސް އަހުމަދު ސައީދުބެ ބުނަނީ އޭނާއަކީ ދިވެހި ބޭސްވެރިކަން ދަސްކުރާ ދަރިވަރެއްކަމަށެވެ.

comment ކޮމެންޓް