ވިޑިއޯ މެދުވެރިކޮށް އަމްރިތާގެ ޑޮކްޓަރުންނަށް ދެއްކޭ ގޮތް އާސަންދައިން ހަދައިފި

އިންޑިއާގެ ކޮޗިންގައި ހުންނަ އަމްރިތާ ހޮސްޕިޓަލް: މިހާރު ރާއްޖޭގައި ތިބެގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އެ ހޮސްޕިޓަލްގެ ޑޮކްޓަރުންނަށް ދެއްކޭނެ

އާސަންދަ ކުންފުންޏާއި ހުޅުމާލެ ހޮސްޕިޓަލާއި އިންޑިއާގެ އަމްރީތާ ހޮސްޕިޓަލް ގުޅިގެން ޓެލެ ކޮންސަލްޓޭޝަން ނުވަތަ ވީޑިއޯ މެދުވެރިކޮށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމްތައް ހަމަޖައްސައިފި އެވެ.

ރާއްޖެ ލޮކްޑައުން ކޮށްފައި އޮންނަތާ މަހަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ބިދޭސީން ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ސިއްހީ ފަރުވާއަށް ވެސް ރާއްޖެ ދޫކޮށް އެހެން ގައުމަކަށް ދިއުން ވަނީ ހުއްޓިފަ އެވެ. އެކަމާ ގުޅިގެން ރާއްޖެ އިން ނުލިބޭ ފަރާވާ ހޯދުމަށް ބޮޑެތި ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ.

އެކަމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ހޯދުމުގެ ގޮތުން، ރާއްޖެ އިން އެންމެ ގިނަ މީހުން ބޭސްފަރުވާ ހޯދުމަށްދާ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލާ އެކު މިހާރު ވަނީ އެއްބަސްވުމަކަށް އައިސް ހުޅުމާލެ ހޮސްޕިޓަލް މެދުވެރިކޮށް ހިދުމަތް ދިނުމަށް ތައްޔާރު ވެފައެވެ.

އާސަންދަ ކުންފުނިން ބުނީ އެ ޚިދުމަތް ފެށުމުގެ މަގްސަދަކީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވަން ޖެހޭ ބަލިމީހުން މި ހާލަތުގެ ގޮތުން ރާއްޖެއިން ނުފޮނުވޭތީ، ހާލަތު ބަދަލުވަންދެން، އެފަދަ ފަރާތްތަކަށް ހުޅުމާލެ ހޮސްޕިޓަލަށް ގޮސް، ހޮސްޕިޓަލުގައި އެ ކަމަށް ގާއިމުކުރެވިފައިވާ ޚާއްސަ ނިޒާމު މެދުވެރިކޮށް، އެ ފަރާތްތަކުގެ ބައްޔާ ގުޅުން ހުރި ބޭރުގެ ޚާއްސަ ޑޮކްޓަރުންގެ ލަފާ ވީޑިޔޯ މެދުވެރިކޮށް ހޯދައި އެ ލަފާގެ މަތިން ފަރުވާ ކުރިއަށް ގެންދިއުން ކަމަށެވެ.

އެގޮތުން ހުޅުމާލެ ހޮސްޕިޓަލުގައި މި ޚިދުމަތް ހަފުތާގެ ފަސް ދުވަހު ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ. ކުޑަކުދިންގެ ޚާއްސަ ބަލިތައް، ހިތުފަރުވާ، ޓިއުމަރު ފަރުވާ (އޮންކޮލޮޖީ)، ބޮލާއި ކަރުގެ ސާޖަރީ، ކުޑަކަމުދާ ނިޒާމުގެ ބަލިތައް، ފަދަ، ރާއްޖެއިން ބޭރަށް ފަރުވާ ހޯދަން ދާން އާސަންދައިން ހުއްދަކޮށްފައިވާ، އެހެންނަމަވެސް މި ހާލަތުގައި ދަތުރުފަތުރުގެ ކަންކަން ހުރި ގޮތުން ފޮނުވެން ނެތް ބަލި މީހުންގެ ބަލިތަކާ ގުޅުން ހުރި ޚާއްސަ ޑޮކްޓަރުންގެ ޚިދުމަތް ދުރުތާ ބެލުން ވީޑިއޯ މެދުވެރިކޮށް އާސަންދަ ސްކީމްގެ ޚަރަދުގައި ހުޅުމާލެ ހޮސްޕިޓަލުން ފޯރުވައި ދެވޭނެއެވެ.

ކުރިއަށް އޮތް ތަނުގައި މި ޚިދުމަތް އިތުރަށް ފުޅާކޮށް، އާސަންދައާއެކު އެއްބަސްވުން ގާއިމްކޮށްފައިވާ އެހެން ހޮސްޕިޓަލުތަކާ ވެސް ގުޅިގެން ވީޑިއޯ މެދުވެރިކޮށް ހިދުމަތް ކުރިއަށް ގެންދަން އެ ކުންދުނިން ކުންފުނިން ވަނީ ނިންމައިފައެވެ. އަދި އަތޮޅުތަކުގައި ޞިއްހީ ޚިދުމަތް ދޭ މަރުކަޒުތަކުގައި ވެސް މި ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތްކުރަން ނިންމައިފައިވާ ކަމަށް ވެސް އާސަންދަ ކުންފުނިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް