ބޮޑު ހިޔާނާތާއި މަރުގެ މައްސަލަތައް ބަލާނީ ޖޮއިންޓް ކޮމިޓީއަކުން

ޖުޑިޝަރީ ކޮެމެޓީގެ ބައްދަލުވުމެއްގެ ތެރެއިން --- ފޮޓޯ: މަޖިލިސް

ކުރީގެ ސަރުކާރުން ހިންގާފައިވާ ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކާއި މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން ކުރަމުންދާ މަސައްކަތް ބެލުމަށް ހުށަހަޅާފައިވާ މައްސަލަ، ޖުޑީޝިއަރީ ކޮމިޓީ އާއި 241 ކޮމިޓީ އެއްވެ، ޖޮއިންޓް ކޮމިޓީއަކުން ބަލަން ނިންމައިފިއެވެ.

އެ މައްސަލަތަކުގެ ތަހުގީގު ގޮސްފައިވާ ހިސާބު ސާފުނުވާކަމަށް ބުނެ މަޖިލީހަށް ސިޓީއެއް ފޮނުއްވީ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު، އިބްރާހިމް މުއިއްޒުއެވެ.

އެ މައްސަލަ ބެލުމަށް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފޮނުއްވީ ޖުޑީޝަރީ ކޮމިޓީއަށާއި 241 ކޮމިޓީއަށް ވަކިންނެވެ.

މައްސަލަ ކުރިއަށް ގެންދާނެ ގޮތަކާ ގުޅޭ މަޝްވަރާކުރުމަށް ރޭ ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި، 241 ކޮމިޓީގަައި ވެސް ހިމެނިވަޑައިގަންނަވާ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ 241 ކޮމިޓީގެ ސިއްރު ބައްދަލުވުމުގައި އެކި ތަންތަނުން ވަރަށް ބައިވަރު މައުލޫމާތު ހޯދަން ނިންމި ކަމަށެވެ.

އެހެންކަމުން ދެ ކޮމިޓީން އެއް މަސައްކަތެއް ތަކުރާރު ކުރަން ޖެހިދާނެތީ، ދެ މުގައްރިރުން ވާހަކަދެއްކެވުމަށް ފަހު ކުރިއަށް ދިއުމަށް ހަސަން އެދިލެއްވިއެވެ.

ރޭގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން މެމްބަރުން ވަނީ ޖޮއިންޓް ކޮމިޓީއަކުން މައްސަލަ ކުރިއަށް ގެންދަން ތާއީދުކުރައްވައިފައެވެ. އަދި ހުށަހެޅިފައިވާ މައްސަލަތަކަކީ މިހާރުވެސް ނުނިމި ލަސްވެފައިވާ މައްސަލަތަކެއް ކަމަށާއި އެހެންކަމުން ވީހާވެސް އަވަހަށް ކޮމިޓީން މައްސަލައިގައި ގޮތެއް ނިންމަން މެމްބަރުން ވަނީ އިއްތިފާގުވެވަޑައިގެންފައެވެ.

ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޓީގެ މުގައްރިރު، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ފުލުހުންގެ މުއައްސަސާއިން މައުލޫމާތު ހޯދަން 241 ކޮމިޓީއަށް ވަރަށް ފަސޭހަ ވާނެ ކަމަށާއިި، ޕްރޮސެކިއުޓާ ޖެނެރަލް އާއި އެޓާނީ ޖެނެރަލް އާ ގުޅިގެން މަސައްކަތް ކުރަން ޖުޑީޝަރީ ކޮމިޓީއަށް ފަސޭހަވާނެ ކަމަށެވެ

"އެހެންވީމަ މި ދެންނެވި ގޮތަށް [ޖޮއިންޓް ކޮމިޓީއަކުން] މަސައްކަތް ކުރުމުގެ ޖާގަ އެބަ އޮތް. މީގެ ކުރިން ވެސް ކުރަމުން ދާކަމަށް އަޅުގަނޑަށް ފެނޭ،" އިމްތިޒާޒް ވިދާޅުވިއެވެ.

މެމްބަރު ހަސަން ލަތީފް ވަނީ ޖޮއިންޓް ކޮމިޓީއަކުން މަސައްކަތް ކުރާނަމަ، އެކުގައި މަސައްކަތް ކުރާނެ ގޮތުގެ ވިސްނުމެއް ހިފައިގެން އިށީނުން މުހިންމު ކަމަށް ވިދާޅުވެފައެވެ.

ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލައިގ ތަހުގީގު މަރުހަލާގައި ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރައްވާފައި ވާތީ، ޖޮއިންޓް ކޮމިޓީން މައްސަލަ ކުރިއަށް ގެންދާއިރު ތަނާޒުލުވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށެވެ.

"އެހެންވީމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މީގަ ގޮތެއް ކަނޑައަޅާއިރު، ކޮމިޓީ މަރުހަލާގައި ބައިވެރިވުމަކީ އުސޫލީ މައްސަލައަކަށް ވެދާނެ،" މެމްބަރު ވިދާޅުވިއެވެ.

އެހެން ނަމަވެސް މައްސަލައިގައި ދޭންޖެހޭ މައުލޫމާތާއި، އެއްބާރުލުން ދެއްވާނެކަމަށް މެމްބަރު ވިދާޅުވިއެވެ.

comment ކޮމެންޓް