އުލިގަމަށް ބަނދަރުކުރާ ޔޮޓުތަކަށް ބޮޑެތި ލުއިތަކެއް

އުލިގަމުގައި ޔޮަޓްތަކެއް ބަނދަރުކޮށްފައި --

ހއ. އުލިގަމުގައި ބަނދަރުކުރާ ފަތުރުވެރިކަމުގެ އުޅަނދު ފަހަރުން، ކަސްޓަމްސްއިން ނަގާ ފީތަކަށާއި އަމަލުކުރާ އުސޫލުތަކަށް ލުއިތަކެއް ދީފި އެވެ.

ކަސްޓަމްސްގެ އާންމު ގަވައިދަށް އިސްލާހު ގެނެސް، ދިން މި ލުއިތަކާއެކު ރާއްޖެ އަންނަ ފަތުރުވެރިކަމުގެ އުޅަނދު ފަހަރަށް އިންވާޑް ކްލިއަރެންސް ދޭ ވަގުތުން ފެށިގެން އޭޖަންޓަކު ހަމަޖެއްސުމަށް މިހާރު 72 ގަޑިއިރުގެ މުހުލަތެއް ދެވޭނެ އެވެ. އަދި 72 ގަޑިއިރުގެ ތެރޭގައި އޭޖަންޓަކު ހަމަނުޖައްސައިފި ނަމަ، އެ އުޅަނދުގެ ވެރިފަރާތް ނުވަތަ މާސްޓަރު ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެ އުޅަނދަކަށް ރާއްޖެއިން ބޭރަށް ފުރައިގެން ދެވޭނީ މިގޮތުން ކުރެވޭ ޖޫރިމަނާ ގެ ފައިސާ، ކަސްޓަމްސްއަށް ދައްކައި ނިންމުމުންނެވެ.

މީގެ އިތުރުން އެ ގަވައިދުގެ 59 ވަނަ މާއްދާގެ (ށ) އަށް ގެނައި އިސްލާހާއެކު ކާބޯތަކެއްޗާއި، ތެލާއި ބޯފެން ފަދަ ތަކެތި އެރުވުމަށް، ރާއްޖެ އަންނަ 15 މީޓަރަށްވުރެ ކުޑަ، ފަތުރުވެރިކަމުގެ އުޅަނދުފަހަރަށް އޭޖެންޓަކު ނެތި ހަތް ދުވަސްވަންދެން، ކަސްޓަމްސް ހުއްދަކުރާ ސަރަހައްދެއްގައި ބަނދަރުކުރެވިދާނެ ކަމަށް ވަނީ ބުނެފަ އެވެ.

މި ގަވައިދުގެ 62 ވަނަ މާއްދާ އަށް ގެނައި އިސްލާހާއެކު ރާއްޖެ އަންނަ، 15 މީޓަރަށްވުރެ ކުޑަ، ފަތުރުވެރިކަމުގެ އުޅަނދު
ފަހަރު، ރާއްޖެ އައުމުގެ 12 ގަޑިއިރު ކުރިން، ރާއްޖެއަށް ވަދެވޭނެ ކަމަށް ލަފާކުރެވޭ ވަގުތު ނޭނގޭ ފަދަ ހާލަތުގައި، އެ ސަބަބު ބަޔާންކޮށް ހުށަހަޅާ ލިޔުމަކާ އެކު ކްލިއަރެންސް ހޯދުމަށް އެދި ހުށަހަޅަންވާނެ ކަމަށް ބުނެފައިވެ އެވެ. މީގެ އިތުރުން އުޅަނދަށް ރާއްޖެ ވަދެވޭނެ ކަމަށް ލަފާވާ ވަގުތަށް އަންނަ ބަދަލުތައް، ކަސްޓަމްސް އިން ކަނޑައަޅާ ވަސީލަތެއް
މެދުވެރިކޮށް، ކަސްޓަމްސް އަށް އަންގަމުން ގެންދަންވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

މީގެ އިތުރުން ކަނޑުމަގުން ރާއްޖެ އަންނަ، 15 މީޓަރަށްވުރެ ކުޑަ، ފަތުރުވެރިކަމުގެ އުޅަނދު ފަހަރަށް އިންވާޑް އަދި އައުޓްވާޑް ކްލިއަރެންސް ދިނުމުގެ ފީގެ ގޮތުގައި މީގެ ކުރިން 1000 ރުފިޔާ ނެގި ނަމަވެސް މިހާރު މި އަދަދު ވަނީ 250 ރުފިޔާ އަށް ކުޑަކޮށްފަ އެވެ.

އަދި 15 މީޓަރަށްވުރެ ކުޑަ ފަތުރުވެރިކަމުގެ އުޅަނދުތައް ފިޔަވައި، ކަނޑުމަގުން އަންނަ އުޅަނދު ފަހަރަށް އިންވާޑް
އަދި އައުޓްވާޑް ކްލިއަރެންސް ދިނުމުގެ ފީ ގެ ގޮތުގައި 1000 ރުފިޔާ ނަގަން ވަނީ އިސްލާހުކޮށްފަ އެވެ.

ކުދި އަދި މެދުފަންތީގެ ފަތުރުވެރިކަން ތަރައްގީކޮށް ކުރިއެރުވުމަށް އުފައްދާފައިވާ މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ބުނީ މި ގަވައިދުގައި މައިގަނޑު ގޮތެއްގައި އިސްލާހު ގެނެސްފައި ވަނީ، ކަނޑައެޅޭ ވަކި ސައިޒެއްގެ އުޅަނދު ފަހަރަށް އިންވާޑް އަދި އައުޓްވާޑް ކްލިއަރެންސް ފީ ކުޑަކުރުމާއި، ޕްރޮވިޝަންގެ ބޭނުމަށް އަންނަ އުޅަނދުފަހަރަށް އޭޖެންޓަކު ނެތި ހަތް ދުވަސްވަންދެން ބަނދަރުގައި އޮވެވުމާއި، އެޖެންޓަކު އައްޔަންނުކޮށް ރާއްޖެ އަންނަ މިފަދަ އުޅަނދުތަކަށް އޭޖެންޓުން އައްޔަނުކުރުމަށް އެކަށީގެންވާ ވަގުތުތަކެއް ދިނުމަށް ކަމަށެވެ.

މިބަދަލާއެކު މިފަދަ އުޅަނދުފަހަރުން ކަސްޓަމްސް އިން ނަގާ ފީތައް 75 ޕަސެންޓް ކުޑަކޮށްފައިވާއިރު ހާއްސަކޮށް އުލިގަމަށް
ބަނދަރުކުރާ އުޅަނދުތައް އިތުރުކުރުމަށް، މިހާރު އަމަލުކުރާ އުސޫލުތައް ވަރަށްބޮޑަށް ލުއިކޮށްފައިވާކަން އެ ކުންފުނިން ފާހަގަކުރެ އެވެ.

އެމްއައިޓީޑީސީ އިން ބުނީ އުލިގަމު ފަދަ ލޯކަލް ޓޫރިޒަމާ ގުޅުންހުރި ރަށެއްގައި ޔޮޓް ޓޫރިޒަމް ސިނާއަތް އިތުރަށް ފުޅާކޮށް ކުރިއެރުވުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ދިރާސާކޮށް، އެމަސައްކަތްތައް އަމަލީ ގޮތުން ތަންފީޒު ކުރުމަށް އެ ކުންފުނިން މަސައްކަތް ކުރާނެ ކަމަށެވެ.

އުލިގަމުގައި ބަނދަރުކުރާ އުޅަނދު ފަހަރު 2010 ވަނަ އަހަރުން ފެށިގެން މަދުވެފައިވާ ކަމަށާއި އެކަން އެގޮަށް ދިމާވީ، އެ ރަށަށް ބަދަނރުކުރާ އުޅަނދުތަކުން ނަގަމުން ގެންދިޔަ ފީތައް ކުއްލިއަކަށް ބޮޑުކުރުން ކަމަށް އެމްއައިޓީޑީސީ އިން ބުންޏެވެ.

މިކަމުގެ ސަބަބުން، އުލިގަމުގައި އާލާވަމުން ދިޔަ ޔޮޓް
ޓުވަރިޒަމްއަށް ވަނީ ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައި ކަމަށް އެކުންފުނިން ބުންޏެވެ.

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ގެ ކެމްޕޭނުގައި އުލިގަމަށް ވަޑައިގެން، އުލިގަމަށް ބަނދަރުކުރާ އުޅަނދު ފަހަރުން ނަގާ ބޮޑެތި
ފީތައް މުރާޖައާ ކޮށް އުލި ގަމު ޔޮޓް ޓުވަރިޒަމަށް އަލުން ދިރުން ގެނެސްދެއްވާނެކަމަށް ވަނީ ވައުދުވެ ވަޑައިގެންފަ އެވެ.

މި ވައުދު ފުއްދުމަށް އެމްއައިޓީޑީސީ އާއި ކަސްޓަމްސް އިން ގުޅިގެން މިއަހަރުގެ ޖެނުއަރީ މަހު އުލިގަމު ޔޮޓް ފަހަރާއި ގުޅުންހުރި ހުރިހާ ދާއިރާއެއްގެ ފަރާތްތަކާއެކު މަހާސިންތާއެއް ވެސް ބާއްވައި ހިޔާލު ހޯދާފައިވެ އެވެ.

comment ކޮމެންޓް