ރުވާންޑާގެ ގަތުލުއާންމުގައި އެންމެ އިސްކޮށް އުޅުނު އެކަކުގެ ހަށިގަނޑު ހޯދައިފި

1994 ވަނަ އަހަރު ހިނގައިދިޔަ ރުވާންޑާގެ ގަތުލުއާންމު ތެރޭގައި އެގައުމުގެ ދިފާއީ ވަޒީރުކަން ކުރި އޮގަސްޓިން ބިޒިމާނާ. -- ފޮޓޯ/އައިއާރުއެމްސީޓީ)

ދުނިޔެ މިހާތަނަށް ދުށް އެންމެ ވަރުގަދަ އެއް ގަތުލުއާންމު ކަމުގައިވާ ރުވާންޑާގައި 1994 ވަނަ އަހަރު ހިނގައިދިޔަ ޖަރީމާތަކުގައި އެންމެ އިސް ދައުރެއް އަދާކުރި އެކަކުގެ ހަށިގަނޑުގެ ބައިތައް ހޯދައިފި އެވެ.

ހަނގުރާމައިގެ ތެރޭގައި ހިންގާފައިވާ ޖަރީމާތައް ތަހުގީގުކުރާ އ.ދ ގެ ހާއްސަ ޕްރޮސެކިއުޓާ ސާގޭ ބްރެމާޓްޒް ވަނީ ގަތުލުއާންމު ތެރޭގައި އެގައުމުގެ ދިފާއީ ވަޒީރުކަން ކުރި އޮގަސްޓިން ބިޒިމާނާގެ ހަށިގަނޑުގެ ބައިތައް ކޮންގޯ-ބްރާޒަވިލް ސަރަހައްދުން ހޯދިފައިވާކަމަށް އިއުލާންކޮށްފަ އެވެ.

ބިޒިމާނާ އަކީ 1994 ވަނަ ރުވާންޑާގައި މަދު ދުވަސްކޮޅެއްތެރޭގައި 800،000 އެއްހާ މީހުން މަރުވެގެންދިޔަ ގަތުލުއާންމުގެ ފަހަތުގައި އެގައުމުގެ އޭރުގެ ދިފާއީ ވަޒީރުގެ ގޮތުގައި ހުރެ އެންމެ އިސް ދައުރެއް އަދާކުރި އެކަކު ކަމަށް ވަނީ ތުހުމަތުކުރެވިފަ އެވެ.

ހޯދުނު ހަށިގަނޑަކީ ބިޒިމާނާގެ ހަށިގަނޑުކަން ކަށަވަރު ކުރުމަށް ކުރެވުނު ޑީއެންއޭ ތަހުލީލުތަކުން ވަނީ އޭނާ މަރުވިތާ މިހާރު 20 ވަރަކަށް އަހަރު ފާއިތުވެފައިވާކަމަށް ހާމަވެފަ އެވެ.

އ.ދ ގެ ޓްރައިބިއުނަލް އަކުން ބިޒިމާނާގެ މައްޗަށް 1998 ވަނަ އަހަރު 13 ދައުވާއެއް އުފުލާފައިވާއިރު މި ދައުވާތަކުގެ ތެރޭގައި ގަސްތުގައި މީހަކު މެރުން، ގަތުލުއާންމުގެ ދައުވާ، ރޭޕް އަދި ލާއިންސާނީ އަނިޔާ ކުރުމުގެ ދައުވާތަކެއްވެސް ހިމެނެ އެވެ. ބިޒިމާނާ އަކީ ރުވާންޑާގެ ގަތުލުއާންމުގެ ފަހަތުގައި ތިބި ފަރާތްތައް ހޯދުމަށް އ.ދ އިން ކަނޑައެޅި ލިސްޓުގެ އެންމެ ކުރީގައި އޮތް ނަމެވެ.

"ބިޒިމާނާ އަކީ އެގައުމުގެ ކުރީގެ ބޮޑު ވަޒީރު އަގާތޭ އުވިލިންގިޔިމަނާ އަދި ބެލްޖިއަމްއަށް ނިސްބަތްވާ އ.ދގެ ސުލްހަ ބަލަހައްޓާ 10 ގާޑުންގެ އިތުރުން ޓުޓްސީ ދަރިކޮޅުގެ އެތައް ބަޔެއްގެ މަރުތަކުގައި ތުހުމަތު ކުރެވޭ މީހެއް" ބްރެމާޓްޒް ވިދާޅުވި އެވެ.

ރުވާންޑާގައި 1994 ވަނަ އަހަރު ހިނގައިދިޔަ ހަމަނުޖެހުންތަކަކީ ހައްދުފަހަނަ އަޅާފައިވާ ހޫޓޫ ދަރިކޮޅުގެ ބައެއް މީހުން އެގައުމުގައި ދިރިއުޅެމުންދިޔަ ޓުޓްސީ ދަރިކޮޅުގެ މީހުންނާއި ސިޔާސީ ގޮތުން އިދިކޮޅު ފަރާތްތަކާއި ދެކޮޅަށް ހިންގި ޖަރީމާތަކެކެވެ.

ރުވާންޑާގައި 1994 ވަނަ އަހަރު ހިނގައިދިޔަ ހަމަނުޖެހުންތަކުގެ ތެރެއިން. (ފޮޓޯ/އޭއެފްޕީ)

މި ގަތުލުއާންމުގައި ބައިވެރިވި އިތުރު ހަ ފަރާތެއް ހޯދުމުގެ މަސައްކަތް އަދިވެސް އ.ދ އިން ކުރަމުންދާކަމަށް ބްރެމާޓްޒް ވަނީ ވިދާޅުވެ ފައެވެ.

ހޯދަމުން ދާ ހަ މީހުންގެ ތެރޭގައި އެގައުމުގެ އޭރުގެ ރިޔާސީ ހަށިފާރަވެރިންތަކުގެ ތެރޭގައި ހިމެނޭ އެގައުމުގެ އަސްކަރިއްޔާގެ ކުރީ ކޮމާންޑަރެއްކަމުގައިވާ ޕްރޮޓައިސް ޕިރަންޔާވެސް ހިމެނެ އެވެ.

ގަތުލުއާންމުގެ މައްސަލަ ބެލުމަށް ބައިނަލްއަގްވާމީ ޓްރައިބިއުނަލް އެއް އުފެއްދި އިރު ހަނގުރާމައިގެ އެކި ކުށްތަކަށް ތުހުމަތު ކުރެވުނު ގިނަ އަދަދެއްގެ ބައެއްގެ މައްސަލަ ބެލި އެ މީހުންގެ މައްޗަށް ވަނީ ކުށް ސާބިތުވެފަ އެވެ. އޭގެ އިތުރުންވެސް ގަތުލުއާންމުގައި ބައިވެރިވި އެތައް ހާސް ބައެއްގެ މައްސަލަ ވަނީ ރުވާންޑާގެ އާންމު ކޯޓުތަކުގައިވެސް ބެލިފަ އެވެ.

ރުވާންޑާގެ ގަތުލުއާންމު ހިނގައި ދިޔައީ ކިހިނެތް؟

ގާތްގަނޑަކަށް 100 އެއްހާ ދުވަސް ނުވަތަ ތިން މަސް ތެރޭ 800،000 އެއްހާ މީހުން މަރުވެގެންދިޔަ ރުވާންޑާގެ ގަތުލުއާންމު ފެށިގެންދިޔައީ 1994 ވަނަ އަހަރުގެ އޭޕްރިލް 6 ވަނަ ދުވަހު އޭރުގެ ރައީސް ޖުވެނަލް ހަބްޔަރިމަނާ އަވަހާރަކޮށްލުމާ ގުޅިގެންނެވެ.

އެގައުމުގައި 1990 އިން 1993 ވަނަ އަހަރަށް ހިނގަދިޔަ ދާޙިލީ ހަނގުރާމަ ނިންމުމަށް ކުރިޔަށް ދިޔަ ސުލްހައިގެ ވާހަކަތައް ރައީސް އަވަހާރަވުމާއިއެކު ހުއްޓި، ޓުޓްސީ ދަރިކޮޅުގެ މީހުން މަރަން ފެށުނީ މި ހިސާބުންނެވެ.

ރުވާންޑާގައި 1994 ވަނަ އަހަރު ހިނގައދިޔަ ހަމަނުޖެހުންތަކުގެ ތެރެއިން. (ފޮޓޯ/އޭއެފްޕީ)

ރައީސްގެ ހަބްޔަރިމަނާގެ މަރާއިއެކު ވެރިކަމަށް އައި ހުސްކަމުން ފެށުނު މި ގަތުލުއާންމަކީ ތާރީޙު ދިރާސާކުރާ ބައެއް ފަރާތްތަކުން ބުނާގޮތުގައި ރައީސް އަވަހާރަކޮށްލުމުގެ މާ ކުރިންވެސް ޓުޓްސީ ދަރިކޮޅާއި ދެކޮޅަށް ރޭވިފައި އޮތް ގަތުލުއާންމެކެވެ.

ޓުޓްސީ ދަރިކޮޅަށް ނިސްބަތްވާ ބައެއް ފަރާތްތަކަކީ 1993-1990 ގެ ދާޙިލީ ހަނގުރާމައިގައި ހަނގުރާމަކުރި ބައެކެވެ.

ރައީސް އަވަހާރަކޮށްލެވުނު ދުވަހާއި ޖެހިގެން އައި ދުވަހު އެގައުމުގެ ސިފައިން އަދި ފުލުހުންނަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ވަނީ ޓުޓްސީ ދަރިކޮޅުގެ އިސްވެރިން މަރަން ފަށައިފަ އެވެ. އަދި މީގެ އިތުރުންވެސް ހޫޓޫ ދަރިކޮޅަށް ނިސްބަތްވާ މެދުމިނުގެ ވިސްނުން ގެންގުޅުނު އެތައް ބަޔަކުވެސް ގަތުލުއާންމުގެ ތެރޭގައި ވަނީ މަރާލައިފަ އެވެ.

comment ކޮމެންޓް