ރިޓަޔާކޮށް ސެންޑީ ރަށްފުށަށް، މި ދިރިއުޅުން މާ ހިތްފަސޭހަ

ސެންޑީ އާއި އޭނާގެ އަންހެނުން ބ. ފުޅަދޫގައި: މި ދެމަފިރިންގެ ދިރިއުޅުން ވަނީ އެ ރަށަށް ބަދަލުކޮށްފައި -- ފޮޓޯ/ ސެންޑީ

ހުސެއިން ރަޝީދު (ސެންޑީ) ހަނދާން ހުންނައިރުންސުރެ ވެސް ބައްޕަ އިސްމާއިލް ރަޝީދާ އެއްކޮށް އަތޮޅު ތެރޭގެ ރަށްތަކަށް ދަތުރުކޮށް އުޅުނެވެ. ބައްޕަގެ ލޯންޗުގައި ބޮޑުބޭބެ ވިހަމަނާފުއްޓަށް ގޮސް އުޅުނު ހަނދާނާއި، ރިޔާ ނެގި ދޯނީގައި ބައްޕަގެ އެނބޫދޫފިނޮޅަށް މުޅި އާއިލާ ގޮސް، އެތަނުގައި މަަސް ހިފައިގެން ކައިގެން އުޅުނު ހަނދާން އޭނާ އަދިވެސް ހުރެ އެވެ.

ބޮޑު ޗުއްޓީގައި އޭނާގެ ބައްޕަ ދެ އަނބިންނާއި، ނުވަ ދަރިން ގޮވައިގެން އަނގަމަތި ދޯނިތަކުގައި އުުތުރުގެ އަތޮޅުތަކަށް ކުރި ދަތުރުތަކަކީވެސް ސެންޑީގެ ކުޑަ އިރުގެ ފޮނި ހަނދާންތަކެވެ. އެފަަދަ ދަތުރުތަކުގައި އެ އާއިލާ އާންމުކޮށް ގޮސް އުޅޭނީ ހދ. އަތޮޅަށެވެ. އެ އަތޮޅު ވައިކަރަދޫ އަކީ އޭނާގެ ބައްޕަގެ މައިފުށު ތިމާގެ މީހުން ތިބޭ ރަށެކެވެ. ސެންޑީގެ ކާފަ ހދ. އަތޮޅުގެ އަތޮޅުވެރިކަން ކުރެއްވި އިރު އޭނާގެ ބައްޕަ އުޅެ ބޮޑުވީ ހދ. ގައެވެ. އެހެންކަމުން އެ އަތޮޅަކީ އެ އާއިލާގެ ހިތާ ވަރަށް ކައިރީގައި އޮންނަ އަތޮޅެކެވެ.

ށ. އެރިޔަދޫއަކީވެސް ބޮޑު ޗުއްޓީގައި އެ އާއިލާ ގޮސް އުޅުނު ރަށެކެވެ. ސެންޑީގެ ބައްޕަ ރިޓަޔާ ކުރުމަށް ފަހު، އެ ރަށް ނަގައިގެން އެ ރަށުގައި ދަނޑުހެއްދި އެވެ. ސެންޑީމެން އެ ރަށުގައި އުޅުނީ ފަން ޖިފުޓީގަ އެވެ. ފެންވަރައި ހެދީ ވަޅަކުންނެވެ. ކައި އުޅުނީ ބައްޕަ ހައްދާ މޭވާ އާއި ތަރުކާރީ އަދި ފަރުން ހިފާ މަސްތަކެވެ.

"[ބައްޕަ] އެރިޔަދޫއަށް ވަޑައިގެންނަވާނެ ސްކޫލް ހޮލިޑޭގައި. ހަމަ ފެމެލީ އެއްކޮށް ފަން ޖިފުޓިގަނޑުގައި، ފާހާނާ އިންނާނީ ހަމަ ބީޗުގައި. ދެން ވަޅެއް އިންނާނެ ފެންވަރާލަން. ފެމެލީ އެއްކޮށް ވަރަށް ދަތުރުކުރެވިފައި ހުންނާނެ އެ ރަށަށް،" ސެންޑީ އޭނާގެ ކުޑައިރުގެ ހަނދާންތައް ކިޔައިދިނެވެ. "[ބައްޕަ] ދަނޑު ހެއްދެވި އިރު މަސް ހިފައިގެން ލާންދާ އުކައިގެން ކައިގެން އުޅެން ވާނީ. އެހެންނުންވާނީ. ތަރުކާރީއާ މޭވާ ލިބޭ. މަސް ހަމަ ހިފަން ޖެހޭނީ،"

ސެންޑީގެ ކުޑަ އިރުގެ ފޮޓޯއެއް: ށ. އެރިޔަދޫގައި އޭނާގެ އާއިލާ އުޅުނީ ފަން ޖިފުޓީތަކުގައި -- ފޮޓޯ/ ސެންޑީ
ސެންޑީގެ ކުޑަ އިރުގެ ފޮޓޯއެއް: ކުޑައިރު ބައްޕައާއެކު އަނގަމަތި ދޯނިތަކުގައި އުތުރުުގެ އަތޮޅަތަކަށް ދަތުރު ކުރި ހަނދާން އޭނާ އަދިވެސް ހުރޭ -- ފޮޓޯ/ ސެންޑީ

ކުޑައިރުގެ ދަތުރުތައް ކިތަންމެ މަޖަލަސް އޭރު މާލެ ނޫން ރަށަކަށް ދިރިއުޅުން ބަދަލު ކުރުމުގެ އެއްވެސް ހިޔާލެއް ސެންޑީގެ ނެތެވެ. އެއީ އޭނާގެ މުޅި އާއިލާ އާއި ރައްޓެހިން ތިބީ މާލޭގައި ކަމުންނެވެ. ނަމަވެސް ޑައިވިން ދާއިރާގައި 37 އަހަރުގެ ޝަރަފުވެރި ކެރިއަރެއް ނިިންމާލައި ރިޓަޔާ ކުރުމާ ހިސާބަށް ދިޔަ އިރު ސެންޑީގެ ވިސްނުން ހުރީ މުޅިން ބަދަލުވެފަ އެވެ.

ފަހުރުވެރި ކެރިއަރުން އަތްވީއްލައި ހިތްހަމަޖެހުމަށް

ސެންޑީއާއި މޫދާ ދެމެދު އަބަދުވެސް އޮންނަނީ ހާއްސަ ގުޅުމެކެވެ. ކުޑައިރުއްސުރެ ބައްޕަ ފަހަތުން މޫދަށް އެރި އޭނާ ސްނޯކަލް ކުރަން ފަށައިފި އެވެ. ސްކޫލު ދުވަސްވަރު ހަފްތާ ބަންދުގައި ރާޅުގަނޑަށް ރާޅާ އަޅަން ގޮސް އެކަންވެސް ދަސްކުރި އެވެ. ސެންޑީ އެންމެ ފުރަތަމަ ޑައިވެއް ކުރީ 1981 ވަނަ އަހަރު ހުޅުލޭ ކައިރިއަށް "މޯލްޑިވްސް ވިކްޓަރީ" ބޯޓު ފެތުނުތާ ދެތިން ދުވަސް ފަހުން އެ ބޯޓުގެ ފޮޓޯ ނަގާށެވެ. އޭރު އޭނާ އުޅުނީ މަޖީދިއްޔާ ސްކޫލުގަ އެވެ. އެއީ އޭނާގެ ޅިޔަނު ދިން ފުރުސަތެެކެވެ. އޭނާގެ ޅިޔަނަކީ އޭރު އޮސްޓްރޭލިއާގެ ކޮމާޝަލް ޑައިވަރެކެވެ.

ސެންޑީ އެންމެ ފުރަތަމަ ވަޒީފާއެއްގެ ގޮތުގައި ޑައިވް ކުރަން ފެށީވެސް ފޮޓޯ ނަގާށެވެ. އެއީ ނޮވެލްޓީގެ ވެރިޔާ އަލްމަރުހޫމް އަލީ ހުސެއިން ދެއްވި މަސައްކަތެކެވެ. ފަހުން ފަރުކޮޅުފުށީގައި އަންޑާ ވޯޓާ ވީޑިއޯ ގްރަފާއަކަށް ހަ އަހަރުވަންދެން މަސައްކަތް ކުރި އެވެ. އަދި 1986 ވަނަ އަހަރު ސެންޑީ ޔޫއެންޑީޕީގެ ޑައިވިން ކޯހެއްގެ އިތުރުން ޑައިވިން މާސްޓާ ކޯސްވެސް ފުރިހަމަ ކުރި އެވެ. އޭރު ޑައިވިންގައި އުޅޭ ދިވެހީން އިނގިލިން ގުނާލެވޭނެ އެވެ.

މަދު އަހަރުތަކެއްގެ ތެރޭގައި ޑައިވިން އިންސްޓްރަކްޓާ ކޯހާއި، ސްޓާފް އިންސްޓްރަކްޓާ ކޯހާއި، ކޯސް ޑައިރެކްޓާ ކޯސް އޭނާ ފުރިހަމަ ކުރި އެވެ. އެއާއެކު އެތައް ބަޔަކަށް ޑައިވް ކުރަން ދަސްކޮށްދިނުމުގެ އިތުރުން، ޑައިވް ކުރަން ދަސްކޮށްދޭ އިންސްޓްރަކްޓަރުންނަށް އިންސްޓްރަކްޓަރުކަންވެސް އޭނާ ކިޔަވައިދިނެވެ.

ސެންޑީގެ ޒުވާން އިރުގެ ފޮޓޯއެއް: މިހާރު އޭނާ އަކީ ޑައިވިން ދާއިރާގެ ހޯލް އޮފް ފޭމްގައި ހިމެނޭ މީހެއް -- ފޮޓޯ/ ސެންޑީ
ސެންޑީއާއި އޭނާގެ އަންހެނުން ޒުވާން އިރު -- ފޮޓޯ/ ސެންޑީ

ދެ ހާހުގެ ކުރީ ކޮޅު ބޭރު މީހުން ހިސޯރުކޮށްފައި އޮތް ރާއްޖޭގެ ޑައިވިން ދާއިރާގެ ތެރެއަށް ދިވެހީން ވެއްދުމުގައި ސެންޑީގެ ހިއްސާ ވަރަށް ބޮޑެވެ. ހަމަައެކަނި ބޭރު މީހުން ޑައިވް ސެންޓަރު ހިންގި ދުވަސްވަރެއްގައި ސެންޑީ ބޭނުންވީ ދިވެހީން ހިންގާ ޑައިވް ސެންޓަރުތައް ހުރުމަށެވެ. ދިވެހީންނަށް ފުރުސަތުތައް ފަހި ކުރުމަށެވެ. އެހެންވެ، ދިވެހީން ހިންގާ ޑައިވް ސެންޓަރެއް ހެދުމުގެ ހުށަހެޅުމާ އެކު 2004 ވަނަ އަހަރު ސެންޑީ ހުރިހާ ރިސޯޓު އޯނަރުންނަށް ސިޓީ ފޮނުވި އެވެ.

އެ ސިޓީއަށް ޖަވާބު ދިނީ މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމެވެ. ސެންޑީގެ ހިޔާލު ކަމުގޮސްގެން ގާސިމް ވަކިން ކުންފުންޏެއް ރަޖިސްޓްރީކޮށް، ހޮލިޑޭ އައިލެންޑްގައި ޑައިވް ސެންޓަރެއް ހެދި އެވެ. އަދި އެތަން ސެންޑީއާ ހަވާލުކުރި އެވެ. އެއީ ރާއްޖޭގައި ދިވެހި ރިސޯޓު އޯނަރަކު ހިންގި ފުރަތަމަ ޑައިވް ސެންޓަރެވެ. އެފަހުން 2006 ވަނަ އަހަރު ސެންޑީގެ އެހީއާއެކު ގާސިމް ސަން އައިލެންޑުގައި އިންސްޓިޓިއުޓް އޮފް ވޯޓާސްޕޯޓްސް އެންޑް ހޮސްޕިޓާލިޓީ ޓްރެއިނިން ސެންޓާގެ ނަމުގައި ޑައިވިން ކިޔަވައިދޭ އިންސްޓިޓިއުޓެއްވެސް އުފެއްދި އެވެ. ފަހުން އެތަންވީ ވިލާ ކޮލެޖުގެ ފެކަލްޓީއަކަށެވެ. އެ ފެކަލްޓީގެ ޑީނަކަށްވީ ސެންޑީ އެވެ.

ތިރީސް ހަތް އަހަރުގެ ކެރިއަރުގައި ސެންޑީ 1600އެއްހާ ޑައިވަރުން އުފެއްދި އެވެ. އޭނާ ކިޔަވައިދިން ބައެއް މީހުން ރާއްޖޭގެ ޑައިވިންގެ ދާއިރާގެ އެންމެ އުހަށް ގޮސްފި އެވެ. ކޯސްޓްގާޑުގެ ޑައިވިން ޔުނިޓު ހެދުމުގައިވެސް ސެންޑީ ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ކަނޑުއަޑީގައި ޑައިވްކޮށްގެން ބޭއްވި ކެބިނެޓު ބައްދަލުވުން އިންތިޒާމު ކުރުމުގައިވެސް އިސްކޮށް އުޅުނެވެ. އޭނާގެ ހިދުމަތަށްް ޓަކައި ރައީސުލްޖުމްހޫރިއްޔާގެ އިނާމާއި ޓޫރިޒަމް އެވޯޑްވެސް ލިބުނެވެ.

ސެންޑީއަކީ ގިނަ އަދަދެއްގެ ޑައިވަރުން ތަމްރީނުކޮށްދީފައިވާ މީހެއް: ޑައިވިން ދާއިރާގައި ރާއްޖޭގެ އެންމެ ތަޖުރިބާ ހުރި އެކަކީ އޭނަ -- ފޮޓޯ/ ސެންޑީ
ސެންޑީއަކީ ގިނަ އަދަދެއްގެ ޑައިވަރުން ތަމްރީނުކޮށްދީފައިވާ މީހެއް: ޑައިވިން ދާއިރާގައި ރާއްޖޭގެ އެންމެ ތަޖުރިބާ ހުރި އެކަކީ އޭނަ -- ފޮޓޯ/ ސެންޑީ

ކިތަންމެ ލޯބިން ކުރި މަސައްކަތަކަސް މަސައްކަތުގެ ޕްރެޝަރު ވަކި ހިސާބަކުން ސެންޑީއާ އަރާ ހަމަކުރި އެވެ. ދުވާލެއްގެ މައްޗަށް 300 މީހުން މޫދަށް ބާލައިގެން އުޅޭ އިރު އެއިން މީހަކަށް ވެދާނެ ކަމަކާ މެދު އަބަދު ވިސްނަން ޖެހުން ވާން ފެށީ ބޮލުގެ ރިހުމަކަށެވެ. އެހެންވެ އޭނާ ނިންމީ އުމުރުން 50 އަހަރުވުމުން ރިޓަޔާ ކުރާށެވެ. އެއީ އޭނާއަށް 50 އަހަރުވާއިރު އޭނާގެ ދެ ދަރީން މާސްޓާސް ހަދައި ނިމޭނެތީ އެވެެ. އޭނާގެ ވިސްނުމަކަށްވީ ރިޓަޔާކޮށްގެން ކޮންމެވެސް ރާއްޖެ ތެރޭ ރަށަކަށް ގޮސް ހިތްހަމަޖެހިލައިގެން ދިިރިއުޅޭށެވެ.

"އަސްލު ޕްރެޝަރު ވަރަށް ބޮޑު. އޭރު ގާތްގަނޑަކަށް ދުވާލަކު 300 މީހުން މޫދަށް އެބަ އެރޭ. އެރޭ އިރު ޒިންމާ ވަރަށް ބޮޑުވޭތާ. އެހެންވީމަ ސިކުނޑީގައި އަބަދުވެސް އިންނަނީ މީހަކަށް ކަމެއް ވެދާނެއޭ. މީހެއްގެ ފަރުވާ ކުޑަކަމުން މީހަކަށް ކަމެއް ވެދާނެ ކަމަށް ވިސްނާ، އެ ޕްރެޝާ ވަރަށް ހައި،" ސެންޑީ ކިޔައިދިނެވެ.

ފީނައިގެން ހޯދި ފައިސާއިން ދަރިންނަށް ކިޔަވައިދީ ނިންމާލާފައި 2018 ވަނަ އަހަރު ސެންޑީ ރިޓަޔާ ކުރީ ވިލާގެ ޑައިވިން ކުންފުންޏާއި ފެކަލްޓީގެ ހުންގާނު އޭނާ އުފެއްދި ގާބިލު މީހުންނާ ހަވާލުކޮށްފަ އެވެ.

އާ މަންޒިލަކަށް ފުޅަދޫ

ދުވިސައްތައެއްހާ މީހުންގެ އާބާދީއެއް އޮންނަ ފުޅަދޫއަކީ ހިމަ ދިގުކޮށް އޮންނަ ކުޑަ ކުޑަ ރަށެކެވެ. ރަށް ހަނިކަމުން ކޮންމެ ތަނަކަށް ދިޔަޔަސް މޫދު ފެންނަން ހުންނާނެ އެވެ. ރީތި ފަޅެއް އަދި ބީޗެއް އޮންނަ އެ ރަށުގައި ދުއްވަނީ ދެތިން ސައިކަލެވެ. ރަށުގެ އަޑަކީ ގޮނޑުދޮށަށް ބީއްސާލާ ރާޅުގެ އަޑާއި، ޖެހޭ ރޯޅީގައި ރުއްގަހުގެ ފަތްތައް ތެޅޭ އަޑާއި، ދޫނިތަކުގެ ލަވަތަކެވެ.

ރިޓަޔާވުމަށް ފަހު ބ. ފުޅަދޫގައި ރައްޓެއްސެއްގެ ޑައިވް ސެންޓަރެއް ހިންގުމުގެ ހުށަހެޅުން ސެންޑީއަށް ލިބުނެވެ. އެކަމަކު، އޭރު އޭނާގެ ވިސްނުން ހުރީ މަސައްކަތާ ދުރުގައި ހަމަޖެހިލައިގެން އުޅޭށެވެ. ތިރީސްހަތް އަހަރު ކުރި މަސައްކަތް އަނެއްކާވެސް ކުރާކަށް ބޭނުމެއް ނުވި އެވެ. އެހެންވެ ސެންޑީ އެ ފުރުސަތު ދިނީ އޭނާގެ ދަނބިދަރިފުޅަށެެވެ. އެއީވެސް ޑައިވަރެކެވެ. ސެންޑީގެ ދަނބިދަރިފުޅު އެ ފުރުސަތު ނަގައި އެ ދެމަފިރިން ދިރިއުޅުން ފުޅަދޫއަށް ބަދަލުކުރި އެވެ.

ބ. ފުޅަދޫގައި ސެންޑީ ފަތްޖެހި ގޮނޑިއެއްގައި އޮވެ، ފޮތެއް ކިޔާލަނީ -- ފޮޓޯ/ ސެންޑީ

"ގޫގަލްއިން 2010އިން ފެށިގެން ވަރަށް ބަލަން މި އޮތޮޅު. ވަރަށް ރީތި ކުޑަ ކުޑަ އަތޮޅެއް ވިއްޔާ. ގޮއިދު އަތޮޅު މިއީ. ބ. އަތޮޅު ނޫން މިއީ އަސްލު ގޮއިދު އަތޮޅު. ވަރަށް ރީތި ރަށްތަކެއް ހިމެނޭ ވަރަށް ރީތި ލެގޫނެއް އިންނަ އަތޮޅެއް ވީމަ،" ގޮއިދު އަތޮޅާ މެދު އޮތް ޝައުގުވެރިކަން ސެންޑީ ހިއްސާކުރި އެވެ.

ސެންޑީ އެންމެ ފުރަތަމަ ފުޅަދޫއަށް ދިޔައީ ދަރިފުޅާއި ދަނބިދަރިފުޅަށް ޒިޔާރަތް ކުރާށެވެ. އޭނާ ބުނީ ހަމަ ރަށަށް އައި ދުވަހު އެ ރަށަށް ހިތްޖެހުނު ކަމަށެވެ. އޭނާގެ ބަހުން ނަމަ ރަށް ފެނިފައި ރީތިކަމުން "މޮޔަވީ" އެވެ.

"އަޅުގަނޑު އައިސް ބަލާލި އިރު އަޅުގަނޑު މޮޔަވެއްޖެ މި ރަށް ފެނިފައި. އަބަދުވެސް ވިސްނަން ރިޓަޔާ ކުރާނީ ކޮންމެވެސް ރަށެއްގައޭ،" ސެންޑީ ކިޔައިދިނެވެ. "ދެން އަންހެނުންވެސް ވިޒިޓްކޮށްފި. ވިޒިޓްކޮށްފައި ބުނެފި އޭ މިތާގައޭ ދެން އުޅޭނީ. ގެއެއް ހޯދަން ވީ ނުންހޭ. ޑައިވިން ސްކޫލު ހިންގަން އެ ދެ މީހުން އެކަނި ބައިތިއްބާނެ ކަމެއް ނެތޭ،"

ސެންޑީ އޭނާގެ އަންހެނުންނާއެކު: އޭނާ ބުނާ ގޮތުގައި ރަށުގައި މާ ހިތްހަމަޖެހިލައިގެން ދިރިއުޅެވޭ -- ފޮޓޯ/ ސެންޑީ

ވަގުތުން ސެންޑީ ނިންމީ އޭނާގެ ދިރިއުޅުން ފުޅަދޫއަށް ބަދަލު ކުރާށެވެ. އެ ރަށުން ބިމެއް ހޯދަން ކުރި މަސައްކަތުން މީހަކު ވިއްކާލި ހުސް ބިންކޮޅެއް ލިބުނެވެ. އަދި މާލޭގައި ނަހަދާ ހުރި އޭނާގެ ގެ ކުއްޔަށް ދީގެން ލިބޭ ފައިސާކޮޅުން ފުޅަދޫއިން ގެއެއް ކުއްޔަށް ހިފި އެވެ. އެ ގެ ކުއްޔަށް ހިފީ ގަތް ބިމުގައި ގެއެއް އެޅެންދެނެވެ. މިހާރު އޭނާ ވަނީ ގެ އެޅުމުގެ މަސައްކަތް ވެސް ފަށައިފަ އެވެ. އެތަން އިމާރާތްކުރަނީ ދަރިންކޮޅާއި، އާއިލާ މީހުންނާއި، ބޭރުގެ ރައްޓިހީންނަށް އައިސް ތިބެވޭނެހެން އިތުރު ކޮޓަރިތަކާއެކު އެވެ.

ސެންޑީމެން މިހާރު އުޅެނީ ބީޗު ފްރަންޓުގައި ހުންނަ ގެއެއްގަ އެވެ. ކުޑަދޮރު ހުޅުވާލާ ބަލާލީމާ ފެންނަން ހުންނަނީ އޭނާ އެންމެ ލޯބިވާ މޫދެވެ.

"މިތާ ކުޑަދޮރު ހަމަ ހުޅުވާލީ އެހެރަ ފެންނަނީ ކާށިދޫ ކަނޑުގެ ރާޅުތައް،"

ހަޔާތުން ދުވަހެއް: ސެންޑީގެ ކަަމަކީ މަސް ބޭނުން

މިހާރުވެސް ކޮންމެ ދުވަހަކު ސެންޑި ހޭލަނީ ފަތިސް ނަމާދަށެވެ. ނަމާދުކޮށްލައިގެން އެނާ ދަނީ ހިމަ ކަންވާރެއްގައި ކުޑަ ބުޅިއެއް ހަރުކޮށްގެން، ގޮޅައެއް ނަގައިގެން ރަށުގެ ތުނޑިއާ ދިމާލުން ހުންނަ އާނުގަނޑު ކޮޅަށެވެ. އެތަނުން ފުރަތަމަ ހިކައެއް ބާނާފައި ހިކާ، އަޅާފައި ކަންވާރު އެއްލައިގެން ހަންޖެއް ބޭނޭތޯ ބަލަ އެވެ. އެއީ މެންދުރުގެ ކެއުމަށެވެ.

"ހެނދުނު އަޅުގަނޑު ބޭނުންވޭ މެންދުރަށް ފްރިޖަށް ނުލާ މަހެއް ކާން،" ސެންޑީ ބުންޏެވެ.

މަސް ބޭނުމަކީ ސެންޑީ އެންމެ ގަޔާވެގެން ކުރާ އެއްކަން: އިރު އަރާ އިރާއި އިރު އޮއްސޭ އިރު އޭނާ އުޅޭނީ މަހެއް ބޭނޭތޯ -- ފޮޓޯ/ ސެންޑީ

"އަންހެނުން ހިތްހަމައެއް ނުޖެހޭނެ. ދެން މިހާރު ފްރިޖު ފުރިއްޖެއޭވެސް ބުނާނެ. ފުރިޖަށް އަޅާފައި މާލެއަށް ފޮނުވަން މީހުންނަށް ފުޅިމަދު ފޮށިގަނޑުގައި. ފްރިޖު ހުސްކޮށްލަން ޖެހޭނެއެއްނު އެހެންނޫނީ މަހަކަށް ނުދެވޭނެ. ބައެއް ދުވަސް ދުވަހު މަނާ ވާނެ މަހަށް ދިޔުން. ފްރިޖު ފުރުނީމަ މަނާވެފައި އޮންނަނީ މަހަށް ދިޔުން،" ސަމާސާ ރާގަކަށް ސެންޑީ ކިޔައިދިނެވެ.

ގަޑިން 10އެއް ޖަހާލާއިރު، ސެންޑީ ގެއަށް ފެން ގެނެސް، ކުނި ކަހާލައި ފެން ފޮތިލާ ހަދަ އެވެ. މެންދުރު ނަމާދުކޮށްލައިގެން، ކައިގެން، މެންދުރު ފަހު ވަރުބަލި ފިލުވާލަން ޖައްސާލަނީ އެވެ.

ރޯދަ ނޫނިއްޔާ ހަވީރު އާއިލާ ދާނީ ހިނގާލާށެވެ. ގޮސް ބީޗުގައި ހިނގާލައި ޖޯލިތަކުގައި އަނގަތަޅާލާ ހަދަ އެވެ. އެ ހިނގާލުންތަކުގައި ސެންޑީމެން ގެންގުޅޭ އުމުރުން 18 އަހަރުވެފައިވާ އެފްރިކަން ގްރޭ ގުރާވެސް ބައިވެރިކުރެ އެވެ.

ސެންޑީ އޭނާގެ އެފްރިކަން ގްރޭ ޕެރޮޓާ އެކު ފުޅަދޫގެ ބީޗެއްގައި -- ފޮޓޯ/ ސެންޑީ
މަސް ބޭނުމަކީ ސެންޑީ އެންމެ ގަޔާވެގެން ކުރާ އެއްކަން: އިރު އަރާ އިރާއި އިރު އޮއްސޭ އިރު އޭނާ އުޅޭނީ މަހެއް ބޭނޭތޯ -- ފޮޓޯ/ ސެންޑީ

"ދެން އެހެންނޫނިއްޔާ ހަމަ އަނެއްކާވެސް މަހެއް ބާނަން ހުންނާނީ ހަމަ އިރު އޮއްސޭ ދަޅައިގައި ގުމްބަޅަ ބޭނުމުގައި ނޫނީ އެކަލަ ކަމެއްގައި އުޅޭނީ. ފްރިޖު ނުފުރެންޏާ،" ހިނިގަނޑެއް ޖަހާލާފައި ސެންޑީ ކިޔައިދިނެވެ.

އަދިވެސް މޫދުގެ ރީތިކަން މީހުންނަށް ދެއްކުން އޭނާ މުޅިން ހުއްޓައެއް ނުލަ އެވެ. ދަނބިދަރިފުޅު ޗުއްޓީއަށް ގޮސްލާ ދުވަަސްތަކުގައި ގެސްޓުންނާއެއްކޮށް ޑައިވްވެސް ކުރެ އެވެ.

"ގެސްޓް މީހާއާ އެއްކޮށް ޑައިވްކޮށްލާފައި ހަވީރު އޭނާއަށް ސައިބޯން އިންވައިޓްކޮށްލީމަ ވަރަށް އަރާމު އަސްލު ލައިފްސްޓައިލް،" ސެންޑީ ބުންޏެވެ.

މީހުން މާ ހެޔޮ، މާ ދުޅަހެޔޮކޮށް އުޅެވޭ

ސެންޑީ ފުޅަދޫއަށް ދިރިއުޅުން ބަދަލު ކުރީ ހަމައެކަނި އެ ރަށުގެ ރީތި ކަމުންނެއް ނޫނެވެ. ރަށުގެ ރައްޔިތުންގެ ހިތްހެޔޮކަމާއި ރީތި ސިފައަކީ ވެސް އެ ނިންމުމުގެ ފަހަތުގައި އޮތް ސަބަބެކެވެ. އޭނާ ކިޔައިދިން ގޮތުގައި އަވަށްޓެރިން ކައްކާ ރިހަފޮދުވެސް އެކަކު އަނެކަކާ ހިއްސާކޮށް އުޅެ އެވެ. މަސް ބާނަން ގޮސްފިއްޔާ ބޭނި މަހެއް ދިއްކޮށްލާނެ އެވެ.

ސެންޑީ ފުޅަދޫގެ ރައްޔިތުންތަކަކާ އެއްކޮށް ނަގާފައިވާ ސެލްފީއެއް: އޭނާ ބުނީ އެ ރަށު މީހުންނަކީ އާދައާ ހިލާފަށް ހެޔޮ ބައެއް ކަމަށް -- ފޮޓޯ/ ސެންޑީ

"އަސްލު ވައިފްވެސް އަޅުގަނޑުވެސް ޗޫޒް ކުރި އެއް ސަބަބަކީ ރަށުގެ ރައްޔިތުން. ރަނގަޅު ހެޔޮ ރައްޔިތުން،" ސެންޑީ ކިޔައިދިނެވެ. "މަގުމައްޗަށް ނުކުމެއްޖެއްޔާ މި ރަށުގައި އަންނާނީ ކޮންމެވެސް ގެއަކުން، ކުންނާރު ނޫނީ، ހަމަ ކޮންމެ މީހަކުވެސް ކޮންމެވެސް އެއްޗެއް ދިއްކޮށްލާނެ. އެންމެންވެސް ބުނާނެ ހަމަ ކާ އެއްޗެއް ނުލިބިފައި ނުހުންނައްޗޭ. އެއީ ދެއްތޯ އެންމެ މުހިންމު ކަމަކީ. މީހުން ވަރަށް ހެޔޮ. އާދައާ ހިލާފަށް،"

ސިއްހަތު ރަނގަޅު ދިރިއުޅުމުގެ ވައްޓަފާޅިއެއް ގެންގުޅެވުމަކީ ސެންޑީއަށް ވަރަށް މުހިންމު ކަމެކެވެ. އެފަދަ ދިރިއުޅުމެއް އުޅެން ފުރުސަތު ލިބޭ އެއް ސަބަބަކީ ރަށުގެ ވަލުތެރެއިން ހިތަށް އެރިހާ ފަތްޕިލާވެއްޔެއް ލިބެން ހުރުމެވެ. މާބުޅާ ފަތާއި މައްސާގު ފަތާއި ކުއްޅަފިލާފަތް ފަދަ ފަތްތަކެވެ.

"ހުރިހާ ވައްތަރުގެ ދިވެހިރާއްޖޭގައި ހެދޭ ފަތްތައް ވައިލްޑުގައި އެއްވެސް ޕެސްޓިސައިޑެއް ނުޖަހާ އެހެރީ ލިބެން. ކާންވީމަ ގޮސް ދެ މިނެޓުން ހިނގާލާފައި ގޮސް މާބުޅާ ފަތްކޮޅެއް ބިނދެލައިގެން ނޫނީ ދިގުތިޔަރު ނޫނީ ކޮންމެވެސް ފަތްކޯޅިއެއް ބިނދެލައިގެން އައިސް ކާންވީ. ހަގީގަތުގައި ހެލްތީ ލައިފްސްޓައިލެއްވެސް އުޅެން ޖެހޭ ދެއްތޯ 50އަށް ވުރެ މައްޗަށް ދިޔައިމަ،" ސެންޑީ ބުންޏެވެ.

ސެންޑީ އޭނާގެ އަންހެނުންނާ އެކު ސްނޯކަލް ކުރަނީ -- ފޮޓޯ/ ސެންޑީ
ސެންޑީ ފުޅަދޫގެ ކުޑަކުއްޖަކާ އެއްކޮށް ނަގާފައިވާ ފޮޓޯއެއް: އޭނާ ބުނީ އެ ރަށުގެ ދިރިއުޅުން މާ ހިތްހަމަޖެހޭ ކަމަށް -- ފޮޓޯ/ ސެންޑީ

ސެންޑީ ބުނީ، މާލޭގައި އުޅޭ އިރު އަހަރަކު ދެތިން ފަހަރަކު ހުމެއް ޖެހޭނެ ކަމަށެވެ. ނަމަވެސް ފުޅަދޫގައި އެކަހަލަ ގޮތަކަށް ބަލި ނުވާ ކަމަށްވެސް އޭނާ ކިޔައިދިނެވެ. ފުޅަދޫގައި އުޅޭތާ ދެ އަހަރުވެފައިވާއިރު ސެންޑީ ބުނީ އެ މުއްދަތުގެ ތެރޭގައި ނަފްސާނީ ގޮތުންވެސް ޖިސްމާނީ ގޮތުންވެސް ދުޅަހެޔޮވެ ކުރިއަށްވުރެ ޒުވާންވެއްޖެހެން ހީވާ ކަމަށެވެ.

ބައްޕަގެ ފިޔަވަޅުމަތީ

އިނގިރޭސި ނޫހަކަށް ސެންޑީގެ ބައްޕަ އިސްމާއިލް ރަޝީދު ދީފައި އޮތް އިންޓަވިއުއެއް ބައްޕަ ނިޔާވި ފަހުން ސެންޑީއަށް ފެނުނެވެ. އެ ނޫހުގެ ނޫސްވެރިޔާ ސެންޑީގެ ބައްޕައާ ކުރި ސުވާލަކީ ފަތުރުވެރިކަމުން އެތައް ފައިސާއެއް ލިބޭ އިރު، އެނބޫދޫފިނޮޅުގައި ފަތުރުވެރިކަން ނުކޮށް، އެ ރަށް ދޫކޮށްލީ ކީއްވެތޯ އެވެ. ސެންޑީގެ ބައްޕަ ދިން ޖަވާބަކީ ތިމަންނާއަށް އެ ރަށުގައި ލުނބޯއެއްގެ މިންވަރުވެސް ނުހެއްދުނު ކަމަށެވެ.

އެނބޫދޫފިނޮޅު ދޫކޮށްލާފައި ސެންޑީގެ ބައްޕަ ހޯއްދެވީ ށ. އެރިޔަދޫ އެވެ. އެނބޫދޫފިނޮޅުގައި ނުހެއްދުނު އެތަކެއް ތަރުކާރީއަކާއި މޭވާއެއް އެ ރަށުގައި އޭނާ ހެއްދެވި އެވެ. އެކަމުންވެސް އެނގެނީ ދަނޑުވެރިކަމަށް ސެންޑީގެ ބައްޕަ ހުރި ލޯބި ކަމަށް ސެންޑީ ބުންޏެވެ.

ސެންޑީގެ ބައްޕަ ށ. އެރިޔަދޫގައި ހެއްދި ދަނޑުގައި: މި ރަށަށް ކުޑަ އިރު ކުރި ދަތުރުތައް ސެންޑީ އަދިވެސް ހަނދާން ހުރޭ -- ފޮޓޯ/ ސެންޑީ

"އެ ރަށުގައި ވަރަށް ގަދައަށް ބައްޕަ ދަނޑު ހެއްދެވި. ލަންކާއާއި އިންޑިއާއިންނާއި އެތައް މިތަނުން މުޑުވަށް ގެނެސްގެން. ދެން ލުނބޯ ހެއްްދެވި ވަރަށް ގަދައަށް. މުޅި ށ. އަތޮޅުގައި ހުންނާނެ މި ހުންނަނީއެއްނުން ލައިމް؟ އެއީ ބައްޕަ ގެންނެވި މުޑުވަކެއް،" ސެންޑީ ކިޔައިދިނެވެ. "މުޅި ރަށުގެ ވަލު ތެރޭގައާ އެއްކޮށް ފޭރާއި ލުނބޮއާ އެއްޗެހި ހައްދަވައި، މިރުހާއި ކަރައާއި، ކިއުކަމްބާއާއި، އެ ހުރިހާ ކަމެއް ކުރެއްވި،"

ބައްޕަ ކުރެއްވި މަސައްކަތް މިހާރު ސެންޑީވެސް ފަށައިފި އެވެ. މި ފަހުން ފުޅަދޫގެ ކޮންމެ ގެވަޅަކަށް ދަނޑުބިމެއް ދޫކުރި އިރު ސެންޑީވެސް ދަނޑުބިމެއް ހޯދި އެވެ. ގޭގައި މަދު މަދުން އެއްޗެހި ހެއްދިޔަސް އެ ދަނޑުބިން ލިބުމުން އެކަން މާ ބޮޑަށްވެސް ފުޅާކޮށް ކުރުމުގެ ފުރުސަތު އޭނާއަށް ލިބިއްޖެ އެވެ.

ސެންޑީގެ ދަނޑުގައި އޭނާ މިހާރު ބަރަބޯ ވެލާއި، ދޮންކެޔޮ ގަސް އިންދައިފި އެވެ. އަދިވެސް އިތުރު އެއްޗެހި އިންދަން ބޭނުން ކަމަށް އޭނާ ބުންޏެވެ. އެކަމަކު އެކަން ނުކުރެވިގެން އުޅެނީ، ކޮރޯނާވައިރަހާ ގުޅިގެން ހިންގަމުންދާ ފުރަބަންދުގެ ސަބަބުން އޮށް ލިބުން ލަސްވާތީ އެވެ.

ޒުވާރިއާއި ބިންބި ހައްދަންވެސް އޭނާ ބޭނުންވެ އެވެ. ބިންބި ހައްދަން ބޭނުންވަނީ ކާފަ ދަރިއަކު ލިބެންވާއިރަށެވެ. އެއީ ކުރީ ޒަމާނުގައި ކުޑަކުދިންނަށް ބިންބި ކާންދިންހެން ކާން ދޭން އޭނާ ބޭނުންވާތީ އެވެ.

ސެންޑީ ފުޅަދޫގައި އޮންނަ އޭނާގެ ދަނޑު ސާފު ކުރުމުގެ މަސައްކަތުގައި -- ފޮޓޯ/ ސެންޑީ

"ޒީރޯގައި ދިރިއުޅުން އަޅުގަނޑުގެ ގޯލްއަކީ، ފައިސާ ބޭނުން ނުކޮށް. ޒުވާރިކޮޅު ހެއްދިއްޖެއްޔާ އަޅުގަނޑު ބޭނުމީ ފުއް އުފައްދަން. ހަކުރު އުއްދަނޑިން މި ރިސާޗް ކުރަނީ ހަކުރު އުފައްދާނެ ގޮތެއް. އެހެންނޫނިއްޔާ ރުކުރަލުން ހަކުރު އުފައްދަން ދަސްވީމަ ހަކުރުގެ ބާވަތް އެ ލިބުނީ. އެ ހިސާބުން ދެން ނުޖެހޭނެ ދެއްތޯ ހަރަދުކުރާކަށް،" ސެންޑީ ކިޔައިދިނެވެ. "އަޅުގަނޑުމެން ދުނިޔެއަށް ފޮނުއްވި ސަބަބަކީ ފައިސާާއެއް ނޫން ދެއްތޯ. ފައިސާ އަކީ މުޅިން މީހާ ހަލާކުވެގެންދާ އެއްޗެއް ކަމަށް އަޅުގަނޑަށް ދަސްވީ،"

މިހާރު ސެންޑީ މާލެ ގޮސް އުޅެނީ، އެހެން އުޅެލާފައި ވިލާ ކޮލެޖުގައި ލެކްޗާއެއް ދޭން ދާ ދުވަހެއްގަ އެވެ. ނޫނީ މަންމަ ގާތަށް ޒިޔާރަތް ކުރާށެވެ. އޭނާ ބުނީ، މާލެދާ ކޮންމެ ފަަހަރަކު ހުންނަނީ ރަށަށް އަންނަން ލަސްވެފައި ކަމަށެވެ.

"ގޮސްފައި ނުވޭ ގަޑިއެއްހާއިރުވެސް ހުންނަ ހިތެއް. މިހާރު ފީލްވޭ މި ރަށުގައި ދެ އަހަރު އުޅެފައި މާލެ ދިޔައިމަ ވަރަށް ބޮޑަށް ފީލްވޭ، އިޓްސް އަ ބިގް މެސް. އިޓްސް އަ ޖަންކް، އިޓްސް އަ މެސް. މެންޓަލީ ވެސް ފިޒިކަލީވެސް ބަލިވޭ."

comment ކޮމެންޓް