"މަލަންގް 2" އަށް ޝްރައްދާ

ޝްރައްދާ ކަޕޫރު--

މިއަހަރު ރިލީޒްކުރި ކާމިޔާބު ފިލްމު "މަލަންގް"ގެ ސީކުއަލެއް ހަދާނެ ކަމަށް ފިލްމުގެ ޑައިރެކްޓަރު މޯހިތު ސުރީ އިއުލާންކޮށްފައިވާއިރު އެ ފިލްމުގެ ބަތަލާގެ ރޯލުން ފެނިގެންދާނީ ޝްރައްދާ ކަޕޫރު ކަމަށް ޚަބަރުތައް ބުނެފިއެވެ.

މަލަންގް ގެ ފަހު މަންޒަރުގައި އަނިލް ކަޕޫރަށް ފޯނެއް އަންނަ މަންޒަރު ފެނިގެންދިޔައިރު އެ ފޯނުން ވާހަކަ ދެއްކީ އަންހެން ކުއްޖެކެވެ. އަދި ވާހަކަ ދެއްކި އަންހެން ކުއްޖާއަކީ ޝްރައްދާ ކަޕޫރުކަން ވަނީ ޔަގީންވެސް ވެފައެވެ. މި ސީނާއެކު ފިލްމުގެ ސީކުއަލުން ޝްރައްދާ ފެނުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވެއެވެ.

ބައެއް ޚަބަރުތައް ބުނާގޮތުގައި މަލަންގް އެންމެ ފުރަތަމަ ހުށައެޅީ ޝްރައްދާއަށެވެ. ނަމަވެސް އޭނާގެ ބިޒީ ޝެޑިއުލްގެ ސަބަބުން އެ ފިލްމަށް ނޫނެކޭ ބުނުމުން ދިޝާ ޕާޓްނީ އާއި އަދިތްޔާ ރޯއި ކަޕޫރު ހަމަޖެއްސީއެވެ. މި ފިލްމަކީ އެދެތަރިން އެކުގައި ސްކްރީނުން ފެނިގެންދިޔަ ފުރަތަމަ ފިލްމުވެސްމެއެވެ. އަދި އެ ދެތަރިންގެ ކެމިސްޓްރީވެސް ގިނަ ބަޔަކަށް ވަނީ ކަމުގޮއްސައެވެ. "މަލަންގް 2" އިން އަދިތިޔާ ފެންނާނެކަން ކަށަވަރުވި ނަމަވެސް އެ ފިލްމުގައި ދިޝާ ފެނިގެންދާ ކަމެއް އަދި ކަށަވަރެއް ނޫނެވެ.

މޯހިތު ސުރީ އާއެކު ޝްރައްދާ ވަނީ މީގެ ކުރިން ތިން ފިލްމެއް ކުޅެފައެވެ. އެއީ "އާޝިގީ 2"، "އޭކް ވިލަން" ގެ އިތުރުން "ހާފް ގާލްފްރެންޑް" އެވެ. މަލަންގް 2 އިން ޝްރައްދާ އާއި އަދިތްޔާ އެކުގައި ފެނިއްޖެނަމަ މި ފިލްމު ވެގެންދާނީ އެދެތަރިން އެކުގައި ފެނިގެންދާ ތިން ވަނަ ފިލްމަށެވެ. އަދިތްޔާ އާއި ޝްރައްދާ މީގެ ކުރިން ވަނީ ލޯބީގެ ގޮތުން ވެސް ގުޅިފައެވެ.

comment ކޮމެންޓް