ކޮވިޑް-19ގެ ކޮރަޕްޝަނަކާ ގުޅިގެން އިޓަލީގެ އިސް އޮފިޝަލުންތަކެއް ހައްޔަރުކޮށްފި

ކޮރޯނާވައިރަހުގެ ސަބަބުން އިޓަލީގައި 32،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ -- ފޮޓޯ: އީޕީއޭ

އިޓަލީވިލާތުގެ ސިސިލީ ސަރަހައްދުގެ ކޮވިޑް-19ގެ އޮޕަރޭޝަންތައް ހިންގުމަށް ކަނޑައަޅާފައި ހުންނަ އެންމެ އިސް ކޯޑިނޭޓަރު ރިޝްވަތުގެ މައްސަލައެއްގައި އެގައުމުގެ ފުލުހުން ހައްޔަރުކޮށްފި އެވެ.

އިޓަލީގެ ފުލުހުން ބުނި ގޮތުގައި ސިސިލީގެ ކޮވިޑް-19 ރެސްޕޮންސް ޓީމުގެ އެންމެ އިސްވެރިޔާ އެންޓޯނިއޯ ކަންޑޭލާގެ އިތުރުން ނުވަ ސިއްހީ އޮފިޝަލުން ވަނީ މި މައްސަލާގައި ހައްޔަރުކޮށްފަ އެވެ. ކަންޑޭލާ މިވަގުތު ހުރީ ގޭބަންދުގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި މައްސަލައިގައި ކަންޑޭލާގެ އިތުރުން ހައްޔަރުކުރި ނުވަ އޮފިޝަލުންނަށް ތުހުމަތުކުރެވިފައި ވަނީ ސިއްހީ ސާމާނު އަދި ހިދުމަތްތައް ހޯދުމަށް ހެދި ކޮންޓްރެކްޓްތަކުން ރިޝްވަތު ހިފުމުގެ ތުހުމަތުތަކެކެވެ.

އިޓަލީގެ ފުލުހުން ބުނި ގޮތުގައި 2016 ވަނަ އަހަރުން ފެށިގެން މިފަދަ އަމަލުތައް ހިންގިފައި ހުރިއިރު މިފަދަ އަމަލުތައް ހިންގާފައި ހުރި ކޮންޓްރެކްޓްތަކުގެ ޖުމްލަ އަގު 600 މިލިއަން ޔޫރޯއަށް އަރަ އެވެ.

ރިޝްވަތުގެ ގޮތުގައި ޖުމްލަ 1.8 މިލިއަން ޔޫރޯ މި ފަރާތްތަކުން ހޯދާފައިވާކަމަށް އިޓަލީގެ ބައެއް މީޑިޔާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

ކޮވިޑް-19 ރެސްޕޮންސް ޓީމުގެ އިސް ވެރިޔާގެ އިތުރުން އިޓަލީގެ ޓްރަޕާނީ ސަރަހައްދުގެ ހެލްތު އޮތޯރިޓީގެ އިސްވެރިޔާ ވެސް ވަނީ މި ތުހުމަތުތަކުގައި ހައްޔަރުކުރުކޮށްފަ އެވެ. ސިސިލީގެ ޕެލާމޯ ސިޓީގެ މޭޔަރު ލިއޮލޫކާ އޯލާންޑޯ ބުނިގޮތުގައި މިއީ "ވަރަށް ވެސް ސީރިއަސް" ކޮރަޕްޝަންގެ މައްސަލަ އެކެވެ.

ޕެލާމޯ ސިޓީގެ މެޖިސްޓްރޭޓް ކޯޓުން މިހާރު ވަނީ ހަތް ކުންފުންޏެއްގައި ހުރި 160،000 ޔޫރޯއަކީ ހިޔާނާތުގެ ތެރެއިން ހޯދި ރިޝްވަތުގެ ފައިސާ ކަމަށް ތުހުމަތުވާތީ އެ ފައިސާ ހިފެހެއްޓުމަށް އަމުރެއް ނެރެފަ އެވެ.

އިޓަލީވިލާތަކީ މިހާރު ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19ގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރި ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ.

comment ކޮމެންޓް