ކެނދިކުޅުދޫ ޒުވާނުން މުޅި ރަށް ބަނބުކެޔޮ ނިރުން ފުރާލަނީ

ކެނދިކުޅުދޫގައި މިއަދު ކުރިއަށްދިޔަ ބަނބުކެޔޮ ނިރު ޖެހުމުގެ ޕްރޮގުރާމުގެ ތެރެއިން --- ފޮޓޯ/ ކެނދިކުޅުދޫ ކައުންސިލް

ނ.ކެނދިކުޅުދޫ ޒުވާނުން ނުކުމެ އެ ރަށުގައި ގިނަ އަދަދެއްގެ ބަނބުކެޔޮ ނިރު އިންދުމުގެ މަސައްކަތް ފަށައިފި އެވެ.

މި ދުވަސްވަރު ކޮރޯނާވައިރަސް މުޅި ދުނިޔޭގައި ފެތުރިފައިވާއިރު އެކި މާކެޓުތަކުން ރާއްޖެއަށް އިމްޕޯޓު ކުރާ މޭވާ، ތަރުކާރީ، ކާޑު އަދި އެހެނިހެން ކާނާގެ ބާވަތްތައް މަދުވާނެ ކަމުގެ ބިރުވެރިކަން އެބަ އޮތެވެ. އެހެންކަމުން މި ދުވަސްވަރަކީ ރާއްޖެއިން ކާނާގެ ޔަގީންކަން ހޯދައި، އަމިއްލަ ފައިމައްޗަށް ތެދުވާން ތެޅިފޮޅެމުންދާ ދުވަސްވަރެކެވެ.

އެގޮތުން ކާބޯތަކެތީގެ ޔަގީންކަން ކަށަވަރުކުރުމަށް ރާއްޖޭގައި ހައްދަން އެންމެ ރަނގަޅު ބާވަތްތަކުގެ ތެރޭގައި ބަނބުކެޔޮ ހިމެނޭ ކަމަށް ގިނަ ދިރާސާތަކަކުން ދައްކަ އެވެ. އެއީ ބަނބުކޭލަކީ ގިނަ ދުވަހަށް ރައްކާ ކުރެވޭ، އަދި ހަށިގަނޑަށް ވަރަށް ފައިދާ ހުރި އެއްޗަކަށް ވާތީ އެވެ.

ކެނދިކުޅުދޫގައި މިއަދު ކުރިއަށްދިޔަ ބަނބުކެޔޮ ނިރު ޖެހުމުގެ ޕްރޮގުރާމުގެ ތެރެއިން --- ފޮޓޯ/ ކެނދިކުޅުދޫ ކައުންސިލް

ވުމާއެކު، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކޮންމެ ފަސް އާއިލާއަކަށް ބަނބުކެޔޮ ގަހެއްގެ ނިސްބަތުން ބަނބުކެޔޮ ހެއްދުމުގެ ޕްރޮގްރާމެއް ކައުންސިލްތަކުން ކުރިއަށް ގެންދިޔުމަށް ރައްޔިތުންގެ މަޖިލީހުގެ ކްލައިމެޓް ޗޭންޖް ކޮމިޓީއިން ވަނީ ދާދި ފަހަކުން ނިންމާފަ އެވެ.

އެކަމުގައި ނަމޫނާ ދައްކާ ކެނދިކުޅުދޫއިން މިހާރު ވަނީ ރަށުގައި ބަނބުކެޔޮ ގަސް އިންދުމުގެ ބޮޑު ޕްރޮޖެކްޓެއް ފަށައިފަ އެވެ. އެގޮތުން އެ ރަށުގެ ކައުންސިލްގެ އިސްނެގުމުގެ މަތިން ރަށުގެ ޒުވާނުން ނުކުމެ މުޅި ރަށުގައި ބަނބުކެޔޮ ގަސް އިންދަން ވަނީ ފަށައިފަ އެވެ.

ރާއްޖޭގައި 10 ވަނައަށް އެންމެ ބިން ބޮޑު ރަށް ކަމަށްވާ ކެނދިކުޅުދޫއަކީ މިހާރުވެސް ގިނަ އަދަދެއްގެ ބަނބުކެޔޮ ގަސް ހުރި ރަށެެކެވެ. އެގޮތުން މިހާރު ހުރި ގަސްތަކުން ވެސް ދުވާލެއްގެ މައްޗަށް އެތައްހާސް ބަނބުކޭލެއް ލިބޭނެ ކަމަށް ލަފާވެ އެވެ.

ކެނދިކުޅުދޫގައި މިއަދު ކުރިއަށްދިޔަ ބަނބުކެޔޮ ނިރު ޖެހުމުގެ ޕްރޮގުރާމުގެ ތެރެއިން --- ފޮޓޯ/ ކެނދިކުޅުދޫ ކައުންސިލް

ކެނދިކުޅުދޫ ކައުންސިލްގެ ރައީސް އަލީ ޝަމީމް "ސަން" އަށް ވިދާޅުވީ މަޖިލީހުގެ ލަފައާއެކު، ކައުންސިލުން ރަށުގައި ބަނބުކެޔޮ ނިރު ޖެހުމުގެ މަސައްކަތް ފެށުމުން ރަށުގެ ޒުވާނުން ނުކުމެ އެކަމަށް އެއްބާރުލުން ދީފައިވާ ކަމަށެވެ. އެގޮތުން މިއަދު ވެސް 150 އެއްހާ ބަނބުކެޔޮ ގަސް ރަށުގެ އެކި ސަރަހައްދުތަކުގައި އިންދުނު ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

"ކެނދިކުޅުދޫއަކީ މިހާރުވެސް ކޮންމެ ގެއެއްގައި ކަހަލަ ގޮތަކަށް ބަނބުކެޔޮ ގަސް ހުރި ރަށެއް. މިހާރު އެކަމަކު އަނެއްކާ ވެސް ގަސް ގިނަ ކުރުމުގެ ޕްރޮޖެކްޓެއް މިއޮތީ ފެށިފައި. ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމެއް މިކަމަށް އެބަ ލިބޭ،" ޝަމީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިވަގުތުގެ އަމާޒަކީ 500 ބަނބުކެޔޮ ގަސް އިންދުން ކަމަށާއި، ރަށުގައި ގްރީން ޒޯންގެ ގޮތުގައި ކަނޑައެޅިފައި އޮތް ސަރަހައްދާއި ކައުންސިލްގެ ބިންތަކުގައި މިހާރު ވެސް ގިނަ އަދަދެއްގެ ގަސް އިންދާފައިވާ ކަމަށެވެ.

ކެނދިކުޅުދޫގައި މިއަދު ކުރިއަށްދިޔަ ބަނބުކެޔޮ ނިރު ޖެހުމުގެ ޕްރޮގުރާމުގެ ތެރެއިން --- ފޮޓޯ/ ކެނދިކުޅުދޫ ކައުންސިލް

މީގެ އިތުރުން ރަށުގެ ވަކި ސަރަހައްދެއް ބަނބުކެޔޮ އިންދުމަށްޓަކައި ހާއްސަކޮށް، ދަނޑު ހައްދާ ބީދާއިން ބަނބުކޭލުން ރަށަށް މަންފާ ހޯދުމަށްޓަކައި 1000 ގަސް އިންދުމަށް ވެސް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދަނޑުވެރިކަމޭ ބުނީމާ އެންމެންނަށް ވެސް މި ހީވަނީ އެއީ ކަރާ، މިރުސް ނުވަތަ އަނބު ކަހަލަ އެއްޗެއްސެވެ. އެކަމަކު ބަނބުކެޔޮލަކީ ހަމަ ވަރަށް ބޮޑު މަންފާއެއް ހޯދިދާނެ އެއްޗެއް." ޝަމީމް ވިދާޅުވި އެވެ.

ދަނޑުވެރިކަމާ ބެހޭ މާހިރުން ބުނާ ގޮތުގައި ބަނބުކެޔޮ ގަހެއްގައި ބަނބުކެޔޮ އަޅާ، ފައްކާވުމަށް ނަގާނީ ހަތަރު އަހަރާއި ފަސް އަހަރުފެ މުއްދަތެކެވެ. ނަމަވެސް ރަނގަޅަށް ބަަލަހައްޓައިފި ނަަމަ އެ ގަހުން ބައި ގަރުނެއްހާ ދުވަހު ބަނބުކެޔޮ ލިބިލިބި ހުންނާނެ އެވެ. އަދި އަހަރުގެ ދެކޮޅު ބަނބުކެޔޮ ވަރިއެއް އަންނާނެ ކަމަށާއި، ވަރިއެއްގައި ގަހަކުން 400 ނުވަތަ 500 ބަނބުކެޔޮ އަޅާނެ ކަމަށްވެ އެވެ.

ބަނބުކޭލަކީ ހަށިގަނޑަށް ބޭނުންވާ ކާބޯހައިޑްރޭޓްސް ގިނަ އަދަދަކަށް އެކުލެވިގެންވާ ފަލަމަޑީގެ ބާވަތެކެވެ. އިންސާނާގެ ހަށިގަނޑަށް ނޭދެވޭ އަސަރު ކުރާާ ކޮލެސްޓްރޯލް، ސަރުބީ އަދި ހަކުރުގެ މާއްދާތަށް ބަނބުކޭލުގައި ހިމެނޭ މިންވަރު ނިސްބަތުން ވަރަށް ބޮޑުތަން ކުޑަ އެވެ.

ކެނދިކުޅުދޫގައި މިއަދު ކުރިއަށްދިޔަ ބަނބުކެޔޮ ނިރު ޖެހުމުގެ ޕްރޮގުރާމުގެ ތެރެއިން --- ފޮޓޯ/ ކެނދިކުޅުދޫ ކައުންސިލް

ބަނބުކެޔޮލުގެ އިތުރުން މިދިލި ގަހާއި ރުއް އިންދުމުގެ މަސައްކަތް ވެސް ކެނދިކުޅުދޫގައި މިހާރު ފަށާފައިވާ ކަމަށް އަލީ ޝަމީމް ވިދާޅުވި އެވެ. ކަނަމަދާއި، ކާށި، އަދި ފަން ވިއްކުމަކީ ޒަމާނުއްސުރެން އެ ރަށުގެ މީހުން ދިރިއުޅުމަށް ކުރާ މަސައްކަތަކަށް ވުމުން އެ ބާވަތްތައް ރަށުގައި އިތުރު ކުރުމަކީ މުހިއްމު ކަމެއް ކަމަށް ޝަމީމް ވިދާޅުވި އެވެ.

އެގޮތުން މި ޕްރޮޖެކްޓް ނިންމާލާ އިރު މަދުވެގެން 200 މިދިލި ގަހާއި 500 ރުއް ރަށުގައި އިންދޭނެ ކަމަށް އޭނާ ލަފާކުރައްވަ އެވެ.

comment ކޮމެންޓް