ތޫފާން އަމްފާން: މަރުވި މީހުންގެ އަދަދު 100 އާ ގާތްކޮށްފި

ތޫފާން އަމްފާން ބަންގްލަދޭޝް އަށް އަރައި ގެއްލުންތަކެއް ވެފައި ---- ފޮޓޯ : ޑީޑަބްލިއު

ބޭ އޮފް ބެންގާލްގައި އުފެދިގެން ބަންގްލަދޭޝް އެއްގަމަށް މިހާރު އަރާފައިވާ ތޫފާން އަމްފާންގެ ސަބަބުން މަރުވި މީހުންގެ އަދަދު 100 އާ ގާތްކޮށްފި އެވެ.

އެޓްލާންޓިކް ކަނޑުގައި އާންމުކޮށް އުފެދޭ ތޫފާންތަކުގެ ނުރައްކާ އަންދާޒާކުރުމަށް ބޭނުންކުރެވޭ ކެޓެގަރީތަކުގައި ހިމެނޭ އެންމެ ނުރައްކާތެރި ގިންތިޔަށް މި ތޫފާން މިހާރު ވަނީ ވަރުގަދަވެފަ އެވެ. އެ ތޫފާން ބަންގްލަދޭޝް އަށް އަރާފައިވަނި ރޭގައެވެ.

ބަންގްލަދޭޝް ސަރުކާރުގެ އޮފިޝަލަކު ވިދާޅުވިގޮތުގައި އެ ތޫފާނުގައި ބަންގްލަދޭޝްގެ ބައެއް ސަރަހައްދަށްް ބޮޑު ގެއްލުމެއް ވެފައިވާ ކަމަށެވެ. އަދި އެއާއެކު މަރުވި މީހުންގެ އަދަދު މަދުވެގެންވެސް 85 ގައި އުޅޭނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި އެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

އޮފިޝަލު ވިދާޅުވިގޮތުގައި އަމްފާންގެ ސަބަބުން ގެއްލުން ވެފައިވާ މިންވަރު ދެނެގަންނަން މިވަގުތު އުދަނގޫ ކަމަށެވެ. ސަބަބަކީ ތޫފާނު އަރައިގެން އައި އިންޑިއާ އާއި ބަންގްލަދޭޝްގެ ސަރަހައްދުތަކުން މުއާސަލާތީ ހިދުމަތްތައް ވަނީ ވަގުތީ ގޮތުން ކެނޑިފައި ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

އެ ތޫފާނުގައި އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ އިންޑިއާގެ ކަލްކަތާ ސްޓޭޓަށެވެ. ކަލްކަތާ ސްޓޭޓުގެ ބޮޑު ބަޔަކުން މިހާރު ކަރަންޓް ވެސް ކެނޑިފައިވާ އިރު، މުވާސަލްތައް ވެސް ވަނީ ބޮޑު ބަޔަކުން ކެނޑިފަ އެވެ. އަދި ގަދަ ވަޔާއި، ވިއްސާރައިގެ ސަަބަބުން ގަސްތަކާއި، ބައެއް ގެތައް ވެސް ވަނީ ވެއްޓިފަ އެވެ.

އަދި އިންޑިއާއިންވެސް އެ ތޫފާނުގައި މަރުވި މީހުންގެ އަދަދު 15 އިން މަތީގައި އުޅޭ ކަމަށް އިންޑިއާއިން ބުނެއެވެ.

އަމްފާން ދަތުރުކުރަމުންދަނީ ގަޑިއަކު 100 މޭލުގެ ބާރު މިނުގައެވެ. އެއީ އެޓްލާންޓިކް ތޫފާނުގެ ކެޓަގަރީ ދެއެއްގެ ބާރުމިން ހުރި ތޫފާނެކެވެ. އެ ތޫފާނު މިއަދު ބަންގްލަދޭޝްގެ އެރުމަށް ފަހު، ބޫޓާނާ ދިމާއަށް މިސްރާބު ޖަހާނެ ކަމަށް ވަނީ ލަފާ ކޮށްފަ އެވެ.

comment ކޮމެންޓް