އަންނަ މަހުން ފެށިގެން މެލޭޝިއާއަށް ދާ މީހުން ކަރަންޓީނުގެ އަގު ދައްކަން ޖެހޭނެ

މެލޭޝިއާއަށް ދާ މީހުން ކަރަންޓީނުގެ ހަރަދު ދައްކަން ޖެހޭނެ -- ފޮޓޯ: އޭޕީ

ކުއަލަލަމްޕޫރު (މެއި 21): އަންނަ މަހުގެ އެކަކުން ފެށިގެން މެލޭޝިއާއަށްދާ މީހުން ކަރަންޓީނުގައި ބައިތިއްބަން ހަރަދުވާ މިންވަރު އެމީހުން އަމިއްލައަށް ދައްކަން ޖެހޭނެ ކަމަށް އެގައުމުން ބުނެފި އެވެ.

މެލޭޝިއާގެ ޑިފެންސް މިނިސްޓަރު އިސްމާއީލް ސަބްރީ ޔައުގޫބް ވިދާޅުވި ގޮތުގައި އަންނަ މަހުން ފެށިގެން އެގައުމަށް ދާ އެގައުމުގެ ރައްޔިތުން ކަރަންޓީނަށް ދޭން ޖެހޭނީ އެކަމަށް ހަރަދުވާ މިންވަރުގެ ދެބައިކުޅަ އެއްބަޔެވެ. އަދި އެހެން ގައުމުތަކުގެ މީހުން ކަރަންޓީނަށް ހަރަދުވާ ފުރިހަމަ އަގު ދައްކަން ޖެހޭނެ އެވެ. އޭގެ ތެރޭގައި މެލޭޝިއާގެ ރައްޔިތުންނާ ކައިވެނިކޮށްގެން ތިބޭ މީހުންނާއި އާއިލާގެ މެމްބަރުންވެސް ހިމެނޭނެ އެވެ.

މީގެ އިތުރުން މެލޭޝިއާއަށް ދަތުރު ކުރެވޭނީ ކަރަންޓީނުގެ ހަރަދުތައް ދައްކާނެ ކަމަށް އެއްބަސްވާ ލިޔުމެއްގައި ސޮއި ކުރާ މީހުންނަށް ކަަމަށާއި މެލޭޝިއާގެ އެމްބަސީތަކާއި ހައިކޮމިޝަންތަކުގައި އެކަން ކުރެވޭނެ ކަމަށް ޔައުގޫބް ވިދާޅުވި އެވެ.

މެލޭޝިއާގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން އިއުލާން ކުރި މޫވްމެންޓް ކޮންޓްރޯލްގެ އޯޑާ (އެމްސީއޯ)ގެ ދަށުން އަޅާފައިވާ ފިޔަވަޅުތައް އެގައުމުން ވަނީ މި މަހުގެ ކުރީކޮޅު ލުއި ދޭން ފަށާފަ އެވެ.

ނަމަވެސް އޭގެ ފަހުން އިއުލާން ކުރި ކޮންޑިޝަނަލް އެމްސީއޯ ވަނީ އަންނަ މަހުގެ ނުވައަކާ ހަމަޔަށް އިތުރުކޮށްފަ އެވެ. އަދި އޭގެ ދަށުން، ޑިޕްލޮމެޓިކް ޕާސްޕޯޓު އޮންނަ ފަރާތްތަކާއި މެލޭޝިއާގެ ދާއިމީ ރަށްވެހިންނާއި ޒަރޫރީ ހިދުމަތްތައް އަދާކުރާ މީހުންނާއި މެލޭޝިއާގެ މީހުންނާ ކައިވެނިކޮށްގެން އުޅޭ މީހުން ފިޔަވާ އެހެން ބޭރު މީހުންނަށް މެލޭޝިއާއަށް ނުވަދެވޭނެ އެވެ.

މެލޭޝިއާއަށް ދާ މީހުން އެގައުމުގެ ސަރުކާރުން ކަނޑައަޅާފައިވާ ކަރަންޓީނު ފެސިލިޓީތަކުގައި 14 ދުވަސް ހޭދަ ކުރަން ޖެހޭނެ އެވެ. އަދި ކަރަންޓީނަށް ދުވާލަކަށް ހަރަދުވާނެ ކަމަށް ބެލެވެނީ މަދުވެގެން 150 ރިންގިޓް (34.53 ޑޮލަރު) ކަމަށް މެލޭޝިއާގެ އެމްބަސީތަކުން ވަނީ ބުނެފަ އެވެ.

މެލޭޝިއާގައި މިހާތަނަށް 7،000 އަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައި ވާ އިރު، ބަލީގައި 114 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް