ގިނަ އަދަދެއްގެ ބަންގްލަދޭޝްގެ ރައްޔިތުންތަކެއް އަނބުރާ އެމީހުންގެ ގައުމަށް ގެންގޮސްދިނުމަށް ހަމަޖެހިފައި އޮތް މޯލްޑިވިއަންގެ ފްލައިޓްގެ ދަތުރު މާދަމާއަށް ލަސްވެއްޖެ އެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންއީއޯސީގެ ސްޕޯކްސްޕާސަން މަބްރޫކް އަޒީޒް ވިދާޅުވީ 200 އެއްހާ ބަންގްލަދޭޝް ރައްޔިތުން ގޮވައިގެން މޯލްޑިވިއަންގެ ފްލައިޓް މިއަދު ފުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އޭގެ އިތުރުން، ލިޔެކިޔުންތަކުގެ މައްސަލަތަކެއް ކުރިމަތިވެގެން މީގެ ކުރިން އޮތް ފްލައިޓެއްގައި ނުފުރުނު 15 މީހަކުވެސް ދަތުރުގައި ދާ ގޮތަށް އޮތީ ހަމަޖެހިފައި ކަމަށް ވެސް އޭނާ ރޭ ވިދާޅުވި އެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި މި ފްލައިޓް މިހާރު މާދަމާގެ ހެނދުނުގެ ވަގުތަކަށް ވަނީ ލަސްވެފަ އެވެ. އެނގިފައިވާ ގޮތުގައި ފްލައިޓް ލަސްވީ ބަންގްލަދޭޝްގެ ޑާކާގެ ސަރަހައްދުތަކަށް މޫސުން ގޯސްވުމުގެ ސަބަބުންނެވެ.
ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ތޫފާން އަމްފާންގެ ސަބަބުން ދެކުނު އޭޝިޔާގެ ގިނަ ސަރަހައްދުތަކަށް ދަނީ ވިއްސާރައިގެ އަސަރުކުރަމުންނެވެ.
ތޫފާން އަމްފާން މިހާރު ކެޓެގަރީ ފަހެއްގެ ތޫފާނަކާއި އެއް މިންވަރަށް ނުރައްކާތެރިވެފައިވާއިރު ތޫފާނުގެ އެންމެ ނޭދެވޭ އަސަރުތައް ކުރާނީ ބަންގްލަދޭޝްގެ އައްސޭރި ފަށުގެ ހިސާބުތަކަށް އަދި އިންޑިޔާގެ އިރުމަތީ ސްޓޭޓްތަކަށްކަމަށް މީޓިއޮރޮލޮޖިސްޓުން ވަނީ ލަފާކޮށްފަ އެވެ.
ތޫފާނުގެ ނުސީދާ އަސަރު ރާއްޖެއަށްވެސް ކުރާނެކަމަށް ރާއްޖޭގެ މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.