ކައުންސިލްގެ ދައުރު ދިގު ކުރަން ގަނޫނު އަސާސީއަށް އިސްލާހު ހުށަހެޅި ބިލް އެޖެންޑާ ކޮށްފި

ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް: ކައުންސިލަރުންގެ ދައުރު ދިގު ދެންމުމަށް އޭނާ ވަނީ ގާނުނު އަސާސީއަށް އިސްލާހެއް ހުށަހަޅުއްވާފައި --- ފޮޓޯ: މަޖިލިސް

ލޯކަލް ކައުންސިލް އިންތިހާބު ފަސްކޮށްފައިވާއިރު މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ދިގުކުރުމަށް ގާނޫނު އަސާސީއަށް ބަދަލު ގެނައުމަށް، ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުގެ ބިލް އެޖެންޑާ ކޮށްފި އެވެ.

ގާނޫނު އަސާސީއަށް ފަސްވަނަ އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް (ދޮން ބިލަތް) އެވެ.

އަންނަ ހޯމަ ދުވަހު އޮންނަ މަޖިލީހުގެ ޖަލްސާއަށް އެ ބިލް މިހާރު ވަނީ އެޖެންޑާ ކޮށްފަ އެވެ.

މީގެ ކުރިން މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ވެސް އެ ބިލް މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރި އެވެ. ނަމަވެސް ފަހުން ވަނީ އެ ބިލް އެޖެންޑާ އިން ނަގައިފަ އެވެ. އަދި އަލުން އެ ބިލް އެޖެންޑާ ކޮށްފައި މިވަނީ މަހަކަށްވުރެ ގިނަ ދުވަސް ފަހުންނެވެ.

ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ އެ ބިލް އެޖެންޑާއިން ނެގުމަށްފަހު މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝިދު އެޖެންޑާ ކުރެއްވީ، ކައުންސިލަރުންގެ ދައުރު ދިގު ދެންމުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅުއްވި ބިލެކެވެ.

ނަމަވެސް އެ ބިލް ފާސްވެ ގާނޫނަކަށް ވި ނަމަވެސް ކައުންސިލަރުންގެ ދައުރު ދިގު ނުދެންމޭނެ ކަމަށް ފުންނާބު އުސް ގިނަ ގާނޫނީ ވަކީލުން ދިޔައީ ތަކުރާރުކޮށް ބުނަމުންނެވެ.

comment ކޮމެންޓް