ބޮޑު ދެގެރި ތެޅުން، ބާރުކުރަނީ ކައްގަލަށެވެ.

އޭޕްރިލް 6، 2019: ރައްޔިތުން މަޖިލިސް އިންތިހާބުގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ލިބުނު ކާމިޔާބާ ގުޅިގެން ލޮނުޒިޔާރަތް ކޮޅުގައި ބޭއްވި އުފާއުފާޅުކުރުމުގެ ހާއްސަ ހަރަކާތުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ކުރީގެ ރައީސް ޑރ. ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ކުރުނބާ މޯލްޑިވްސްގައި އޮތް ބައްދަލުވުމަކަށް ރައީސް މުހައްމަދު ވަހީދާއި ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަޑައިގަތެވެ. އެ ބައްދަލުވުމުގެ ރިޔާސަތު ކަނޑައަޅާފައި އިން ގޮތުން އެ ތަނުން ރައީސަކީ ކޮން ބޭފުޅެއްކަން އާންމުންނަށް އޮޅުން އަރާގޮތްވި އެވެ. މާނައަކީ ބޮޑު އިސްކަމެއް ދީފައި ވަނީ ރައީސް މައުމޫނަށެވެ. އެކަން އެހެން ވާން ޖެހުނީ ކޮން ނުފޫޒުކަކުން ކަމެއް ނޭނގެ އެވެ.

ދެން އައީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމެވެ. ޕީޕީއެމްގެ ވެރިކަމެވެ. އެ ވެރިކަމުގައި ވެސް ފެނުނީ ދާދި އެންމަންޒަރެކެވެ. ސަރުކާރުގެ ވަޒީފާއަކަށް މީހަކު ލިޔަސް "މަތީ"ގެ ރުހުމާ އެކު ނޫން ގޮތަކަށް އެކަން ކޮށްފި ނަމަ މައްސަލަ ޖެހޭ ތަނެވެ. އަދި އާންމުކޮށް އޮންނަ ޕަބްލިކް ރެލީއަކަށް ދެ ބޭފުޅުން ވަޑައިގަންނަވާ އިރު ވެސް އިސް ލީޑަރު ފަހުން ވަޑައިގަންނަވާ ތަނެވެ. މާނައަކީ ޕާޓީގެ އިސް ލީޑަރުގެ އިސްތިގުބާލުގައި ރައީސުލްޖުމްހޫރިއްޔާ ހުންނަވަން ޖެހޭތަނެވެ. ދުރުން ބަލަން ތިބޭ މީހުންނަށް ފެންނާނީ ކޮން މަންޒަރެއްތޯ އެވެ؟ ފަހުން ވަޑައިގަންނަވާނީ އިސް ލީޑަރު ދެއްތޯ އެވެ.

ވަކި ހިސާބަކުން ރައީސް ޔާމީން އެކަމާ ދެކޮޅަށް ތެދުވެވަޑައިގަތެވެ. އެއް އުރައެއްގައި ދެ ކަނޑިއަކަށް ނޯވެވޭނެއޭ ވިދާޅުވި ކަހަލަ އެވެ. އެ ހިސާބުން މައްސަލަ ގޯސްވި އެވެ. ދެ ބޭފުޅުންގެ ދޭތެރޭގައި "ކަނޑި ހަނގުރާމަ" ފެއްޓުނެވެ. އެ ކަނޑިހަނގުރާމާގައި ފުރަތަމަ ޓޫލަށް ރައީސް ޔާމީން ބޭނުން ކުރެއްވީ، ޕީޕީއެމްގެ އިސް ބޭފުޅުންނާއި އަދި އެ ނޫން ވެސް އެފަދަ ބަސް ބުނާ ބޭފުޅުންނެވެ. އެ ބޭބޭފުޅުން ފާޅުކަން ބޮޑުކޮށް ޕީޕީއެމްގެ ލީޑަރަށް ބަސްފުޅުތައް ވިދާޅުވާން ފެއްޓެވި އެވެ،

އެ ދެބޭފުޅުންގެ ކޯޅުން ނިމުނީ ދެ ބޭފުޅުން ދެ ފަރާތަށް މޫނު އަނބުރާލައްވައި، ދެ ބޭފުޅުން، އެއްބޭފުޅަކު އަނެއް ބޭފުޅެއްގެ ސިޔާސީ ދުސްމަނުންގެ ގޮތުގައި މަސައްކަތް ކުރައްވަން ފެއްޓެވި ހިސާބުންނެވެ. އޭރު އޮތީ ދެ ބޭފުޅުން ދެ އޮފީސް ހައްދަވައިގެން މަސައްކަތް ފައްޓަވައިފަ އެވެ. ޕާޓީ އޮފީސް ހިންގެވީ، ޕާޓީގެ ލީޑަރެވެ. އަނެއް އޮފީސް ހިންގެވީ ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުންނެވެ. މަސް ދާނީ ފެން އޮންނަ ތަނަކަށޭ ބުނާ ގޮތަށް ބާރުގަދަވަމުން ދިޔައީ ރައީސްގެ އަނބިކަނބަލުންގެ ކޮޅެވެ.

ތެދުފުޅެކެވެ. ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީ، ރައީސް މައުމޫންގެ ވަރަށް ބޮޑު ތާއީދާ އެކު އެވެ. އެއީ ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވުމާ އެކު، އެ ލެގެސީގެ އެހީއާ ވެސް އެކު އެވެ. އެކަމަކު ދިވެހި ރައްޔިތުން އިންތިހާބު ކުރި، ރައީސުލްޖުމްހޫރިއްޔާއަކީ ރައީސް ޔާމީން ނޫންތޯ އެވެ. އެހެން ކަމާ އެކު ސަރުކާރު ހިންގުމުގެ ފުރިހަމަ އިހުތިޔާރު ރައީސަށް ލިބިވަޑައިގަންނަވާކަށް ނުޖެހޭނެތޯ އެވެ؟ ކަންކަމުގައި ޕާޓީގެ ލީޑަރުގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ހޯއްދެވުމަކީ ތަފާތު ކަމެކެވެ. އެކަމަކު ކަންކަން ނިންމުމާއި ޑެސިޝަންތައް ނެގުމުގައި ފުރިހަމަ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާ އަށް އޮންނަން ޖެހޭނެ ނޫންތޯ އެވެ. އަދި ހިނދުން ހިނދަށް ހިންގަވާ ހުރިހާ ކަމެއްގައި ކޮންމެ ފަހަރަކު ޕާޓީގެ ލީޑަރުގެ މަޝްވަރާ ހޯއްދަވާކަށް ވެސް ނުޖެހޭނެ ނޫންތޯ އެވެ؟

ރައީސް ޔާމީން ވަރުގެ ކޮރޮޕްޓް ބޭފުޅެއް ނެތިގެން އެ މަނިކުފާނުގެ ވެރިކަން ބަދަލު ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅަކީ ޕީޕީއެމްގެ އޭރުގެ ލީޑަރެވެ. އެކަން ކުރައްވަން އެމަނިކުފާނު ނުކުމެވަޑައިގަތީ، އެމަނިކުފާނުގެ 30 އަހަރުގެ ވެރިކަން ނިމުމަކަށް ގެނައުމަށް އެންމެ ގަދައަށް މަސައްކަތް ކުރެއްވި ރައީސް ނަޝީދާ އެކު އެވެ. އެހެން ކަމާ އެކު އެ ދެ ބޭފުޅުން އެއް ޕްލެޓްފޯމަކަށް އަރައިވަޑައިގަތުމަކީ ޕީޕީއެމްގެ ހާޑުކޯ މީހުނަށް ބަލައިގަނެވުނު ކަމަކަށް ނުވި އެވެ. އަދި އެކަންވީ ޕީޕީއެމްގެ ލީޑަރުގެ ސިޔާސީ ހަޔާތަށް ކިލަނބުކަން ގެނުވި ކަމަށެވެ. އެ ކަމަކު އެ ހާލަތުގައި އެ މަނިކުފާނަށް އެ ނޫން ގޮތެއް އޮތް ހެނެއް ވެސް ހިއެއް ނުވެ އެވެ. އެއީ އޭރު ދިޔައީ އެ މަނިކުފާނަށް ނުހައްގު އެތައް އަނިޔާއެއް ވެސް ލިބެމުންނެވެ.

އެއީ އެ ތާރީހެވެ.

އަޅުގަނޑު ހީކުރީ އެމްޑީޕީ ލީޑް ކުރާ ވެރިކަމެއްގައި އެ ތާރީހު އިޔާދަ ނުވާނެ ކަމަށެވެ. އެހެނީ އެމްޑީޕީ ވަރުގެ ޑިމޮކްރެޓިކް ޕާޓީއެއް ނެތްކަމަށް ދައުވާ ކުރާ އިރު އެ ނޫންގޮތަކަށް ހީވުމަކީ ވެސް މައްސަލައެއް ދެއްތޯ އެވެ. އެކަމަކު މަންޒަރު ފެނުނީ އެހެނެއް ނޫނެވެ. އެމްޑީޕީގެ ލީޑަރު، އާރުއެން ވެސް ބޭނުންފުޅުވީ އެ މަގުން ހިންގަވާށެވެ. ސަރުކާރުގެ މަތީ މަގާމުތަކަށް އެމަނިކުފާނު ބޭނުންފުޅުވާ ބޭފުޅުން އިސް ކުރައްވަން މަސައްކަތް ކުރެއްވިތަން ފެނުނެވެ. ހާއްސަކޮށް ނުފޫޒު ހުރި މަގާމުތަކަށެވެ. އެ ކަމުގައި ހިސާބަަކަށް ކާމިޔާބު ވެސް ހޯއްދެވި އެވެ. އެކަމަކު، ފެނުނީ ހުރިހާ ކަމެއް އެ މަނިކުފާނު ބޭނުންފުޅުވާ ގޮތަށް ދީލަވައްލައިލައްވަން ރައީސުލްޖުމްހޫރިއްޔާ ނުވަތަ، އާރުޖޭ ތައްޔާރަށް ނެތް ތަނެވެ. އެ ހިސާބުން ދެން ފެނުނީ ކުނިޖެހެން ފެށިތަނެވެ.

އެމްޑީޕީގެ ލީޑަރުގެ އަމަލުތަކާއި ބަސްފުޅުތައް ހުރި ގޮތުން، ރާއްޖޭގައި އޮތް ރިޔާސީ، ނިޒާމު އޮތް ތަނުގައި ބާއްވާފައި ޕާލަމެންޓްރީ ނިޒާމެއް ހިންގެވުމަށް އުޅުއްވި ކަހަލަ އެވެ. އަދި ބައެއް ފަހަރު ބައެއް ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ތިޔަ ކަންކަމާ އުޅުއްވާނެ ކަމެއް ނެތޭ، ތިމަން މަނިކުފާނު ތިޔަކަންކަން ހަމަޖައްސަވައިލައްވައިފާނަމޭ ވިދާޅުވާ ބަސްފުޅުތަކުން އެކަން އިތުރަށް ޔަގީންވެ އެވެ. އެކަމަކު އެއިން ކަމަކާ ގުޅޭ ގޮތުން ރައީސް ބަސްފުޅެއް ވިދާޅުވާ އަޑު ނުއިވޭތީ، އެމަނިކުފާނު އެކަންކަމާ ދޭތެރޭ ދެކިވަޑައިގަންނަވާ ގޮތް އޮންނަނީ ވަންހަނާގަ އެވެ. އެކަމަކު އެނގޭ ކަމަކީ ރައީސުލްޖުމްހޫރިއްޔާ ވެސް، ރައީސް ހިފަހައްޓަވަން ޖެހޭ ހިސާބުތަކުގައި ދޫދެއްވުމެއް ނެތި ހިފައްހަޓަވާ ކަމެވެ. އެހެން ނޫން ނަމަ ފުރަތަމަ ދުވަހު އޮންނާނީ ކޯލިޝަން ރޫޅިފަ އެވެ. މިހާރު ވެސް ބައެއް ބޭފުޅުން އެއް ލަވަަކަށް އެ ވިދާޅުވަމުން ގެންދަވަނީ އެ ލަވަ އެވެ. ކޯލިޝަންގެ ބައެއް މިނިސްޓަރުން ވަކި ކުރަން ޖެހޭ ވާހަކަ އެވެ. އެއީ ވެސް ހަގީގަތެއް އޮތް ވާހަކަ އެކެވެ. އެކަމަކު އަޅުގަނޑުގެ ނަޒަރުގައި ވަކި ކުރަން ޖެހޭނީ ޕާފޯމް ނުކުރެވޭ، އަދި ޑެލިވާ ނުކުރެވޭ ކޮންމެ މިނިސްޓަރެކެވެ. އެއޭގައި އެމްޑީޕީ ބޭފުޅަކު ވަކި އިސްތިސްނާ ކުރެވިގެންވާނެ ފޯމިއުލާއެއް އޮވެގެން ނުވާނެ އެވެ. އަދި މި ސަރުކާރަކީ ކޯލިޝަން ސަރުކާރަކަށްވާތީ، ވަކި ހިސާބަކުން ކޯލިޝަން ނެތް އެއްޗަކަށް ވެސް ނުހެދޭނެ އެވެ. އެހެންކަމާ އެކު ކިތަންމެ ޕްރެޝަރެއް އަޔަސް، ރައީސުލްޖުމްހޫރިއްޔާ އެ މަނިކުފާނުގެ ލައިންގައި ހުންނަވަ އެވެ. އެޢީ ކޮންމެ ކޮންމެ ބޭފުޅަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މައިބަދާގައި ބާރު ހުރިތަން ފެނެ އެވެ.

ދުރުތިބީންނަށް ފެންނަމުން ދިޔައީ އެއް ގޮތުން ނޫނީ އަނެއް ގޮތުން ރައީސުލްޖުމުހޫރިއްޔާ ކޯނާ ކުރެއްވުމަށް މަސައްކަތް ކުރައްވާތަނެވެ. ރައީސް ކަމެއްގައި ބަސްފުޅު ވިދާޅުވާ އިރަށް އެއާ ފުށުއަރާ ގޮތަށް ބަސްފުޅު ވިދާޅުވާ ތަނެވެ. ފުރަތަމަ މައިގަނޑު ހިޔާލުތަފާތުވެއްގެ ގޮތުގައި ފެނުނީ ލޯކަލް ކައުންސިލްގެ މުއްދަތާ ބެހޭ ގޮތުން ސަރުކާރުގެ ސްޓޭންޑަށް ޕާޓީގެ ލީޑަރު ބޯލެންބެވުމަށް އިންކާރު ކުރެއްވި ތަނެވެ. ދައުލަތުގެ ބަންޑާރަ ނައިބު ކައުންސިލްތަކާ ބެހޭ ގޮތުން ގާނޫނު އަސާސީ އަށް ހުށަހެޅުއްވި މައްސަލަ ކުރިއަށް ގެންދެވުމަށް ބަހަނާ ދެއްކެވި ތަނެވެ. އަދި ހަމައެ އާކު ކޮވިޑާ ގުޅޭ ގޮތުން ސަރުކާރުގެ ސިޔާސަތުކަށް ފާޑުވިދާޅުވި ތަނެވެ.

ކޮވިޑަކީ ދުނިޔެއަށް ވެސް އަދި ރާއްޖެ އަށް ވެސް އާ ކަމެކެވެ. ދުނިޔޭގެ އެތައް ގައުމަކުން އެއޮއް ދަނީ މީހުންތައް މަރުވަމުންނެވެ. އެހެން ކަމާ އެކު އަތްދޮވެލައިގެން ތިބޭށޭ ބުނެ އެއީ، ސަރުކާރަށް ފަސޭހަކޮށް ދޫކޮށްލެވެން އޮންނާނެ ކަމެއް ނޫނެވެ. އެންމެ މީހެއްގެ ފުރާނައަކީ ވެސް ވަރަށް އަގުބޮޑު އެއްޗެކެވެ. އެކަމަކު އަޅުގަނޑު ވެސް ގަބޫލު ކުރަމެވެ. ބަލި ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރުމާ އެކު، އިގްތިސާދީ ހަރަކާތްތައް ވެސް ވީވަރަކުން ނުހުއްޓި ހިންގޭނެ އުސޫލެއް ރާވަން ޖެހެ އެވެ. އިސް ބަހަކީ ވެސް އަދި ފަހު ބަހަކީ ވެސް ޑޮކްޓަރުންގެ ބަސް ކަމަށް ބުނެ، ނިންމައެއް ނުލެވޭނެ އެވެ. ޑޮކްޓަރުން ބަލާނީ ބަލިން ރައްކާތެރިވުމަށް ކުރެވެން ހުރި ކޮންމެ ކަމެއް ކުރެވޭތޯ އެވެ. އެއީ އެކަން ވާން ވެސް ޖެހޭ ގޮތެވެ. އެކަމަކު ގައުމުގެ އެންމެ އިސް ވެރިޔާގެ ދުރުމި ހުރިހާ ދިމާއަކަށް ފޯކަސް ކުރަން ޖެހެ އެވެ. އަދި ހައްލު ހޯއްދަވަން ޖެހޭނީ ވެސް އެގޮތުގެ މަތީންނެވެ.

ކޮވިޑްގެ ފުރަބަންދާއެކު މާލޭގައި އަތޮޅުތަކުގެ 5،000 ވަރަކަށް މީހުން ތާށިވި އެވެ. އެކަމަށް ހައްލު ނުހޯދި އެކަށީގެންވާ ވަރަށް ވުރެ ދިގުލި ކަމަށް ވެސް ވެދާނެ އެވެ. އެކަމަކު ފަސް ހާސް މީހުންގެ މަސްލަހަތަށް ވުރެ، އަނެއް ތިން ހަތަރު ލައްކަ މީހުންގެ މަސްލަހަތު ބޮޑުވާނެ ދެއްތޯ އެވެ. އަތޮޅުތަކަށް ކޮވިޑް ފެތުރިއްޖެ ނަމަ، ރާއްޖެ ފަދަ ވަސީލަތް މަދު ތަނެއްގައި އެކަންވާނީ ކޮންޓްރޯލް ކުރުމަށް ދަތި އުނދަގޫ ކަމަކަށް ނޫންތޯ އެވެ. އެކަމަކު ވެސް އެ ދަނޑިވަޅުގައި ވެސް ޕާޓީގެ ލީޑަރު އަތްލެއްވީ އެކައްލަ 5،000 މީހުންގެ މަސްލަހަތުގެ ވާހަކައިގަ އެވެ. އެ މީހުން ރަށްރަށަށް ފޮނުވަން ޖެހޭ ވާހަކަ އެވެ. އޭރު މާލޭގައި ތިބި ރަށްރަށުގެ މީހުން އެ މީސްމީހުންގެ ކޮމިއުނިޓީތަކަށް، ކަރަންޓީން އަކާ ނުލައި ދިޔުމަށް ދިޔައީ އިންކާރު ކުރަމުންނެވެ. އެހާލަތުގައި ސަރުކާރަށް ވެސް ގޮތް ނިންމަން އެހާ ފަސޭހައެއް ނުވާނެ ދެއްތޯ އެވެ. އެހެން ނޫނަސް ކަމެއް ގޯސްކޮށް ހިނގައެއްޖެ ނަމަ އެކަމުގެ ޒިންމާ އާހިރުގައި އުފުލަން ޖެހޭނީ ސަރުކާރަށް ނޫންތޯ އެވެ.

ޕާޓީ ލީޑަރު ފަހު ކާޑު ކުޅުއްވީ ހުސްވި ހަފުތާ ނިމެން އުޅެނިކޮށެވެ. އެމްއެމްޕީއާރުސީގެ މައްސަލާގައި ޖަލުގައި ހުންނަވަން ޖެހޭނީ އިދިކޮޅު ލީޑަރު ރައީސް ޔާމީން އަބްދުލްގައްޔޫމް އެކަނި ނޫން ކަމަށް ދެއްކެވި ވާހަކަ ފުޅާ އެކު އެވެ. ތެދުފުޅެކެވެ. ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށްލާން ކުރި ހުކުމާ އެއްގޮތަށް ރައީސް ޔާމީންގެ މައްޗަށް ވެސް އިއްވީ ސިޔާސީ ހުކުމެއް ކަމަށް އަޅުގަނޑު ގަބޫލު ކުރަމެވެ. އެހެނީ، އަޅުގަނޑު ހިތުން ޕަބްލިކް ކޯޓުގައި ދައުލަތުން ޔާމީންގެ މައްޗަށް ސާބިތުކުރަން އުޅުނު ކަންކަން ސާބިތުވި ކަމަކަށް ނުބެލެވެ އެވެ. ނަމަވެސް ކިޔާފައި ހުކުމް ކުރުމަކީ ތަފާތު ކަމެކެވެ.

ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް ކުރީ، އެ މައްސަލަ ބެއްލެވި ފަނޑިޔާރު އަހުމަދު ހައިލަމް ވަކި ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) އިން ނިންމައި މައްސަލަ މަޖިލީހަށް ފޮނުވުމާ އެކު، އޭނާ އިސްތިއުފާ ދެއްވުމުން، އެކުލަވާލި ބެންޗަކުން ނޫންތޯ އެވެ؟ އަދި އޭނާ ވަކި ކުރެއްވީ އޯޕަން ކޯޓެއްގައި އަދި ލައިވް ޓީވީ ކުރިމަތީގައި ކުރި ޝަރިއަތާ އެކު، އަޑުއެހުންތައް ނިމި، ހުކުމަކާ ހަމައަށް ގޮސްފައި ވަނިކޮށް ނޫންތޯ އެވެ؟ އޭގެ އިތުރަށް ޖޭއެސްސީ އިން ހައިލަމް ވަކި ކުރުމަށް ނިންމީ މުހައްމަދު ނަޝީދުގެ ބައިވެރިވުމެއް ނެތިތޯ އެވެ؟ ޖޭއެސްސީގެ ކޮންޕޮސިޝަން އޮތް ގޮތުން ކޮންޓްރޯލް އޮތީ ކޮން ބައެއްގެ އަތުގައިތޯ އެވެ؟ އަދި އެ މައްސަލާގައި ރައީސް ޔާމީން ޖަލުގައި ހުންނެވިކަން އެނގިވަޑައިގަތީ، އެ މަނިކުފާނު އެތަނެއްގައި ހުންނަވާތާ އަހަރު ދުވަސްވާން ކައިރިވީމާތޯ އެވެ.

ތެދެކެވެ. ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ގޭބަންދުގައި ބަހައްޓާފައި ރައީސް ޔާމީން ޖަލުގައި އޮންނަވަން ޖެހޭ އެއްވެސް ހުއްޖަތެއް ނޯންނާނެ އެވެ.

ދެން އޮތީ އެމްއެމްޕީއާރުސީގެ ފައިސާ ދިޔަ ތަނެއްގެ ވާހަކަ އެވެ. އެއީ ވެސް މަޖާ ވާހަަކަ އެކެވެ. އެ ފައިސާ އިން ބައިނޭޅެނީ ކޮން ބަޔަކަށްތޯ އެވެ؟ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާ އާ ޑީލް ހެއްދެވީ، ކޮން ބޭފުޅަކު މިނިވަންކުރަން، މަޖިލީހުގެ ތެރެއިން ކޮން ވޯޓަކާ ގުޅިގެންތޯ އެވެ؟ އަދީބު ބޭނުންފުޅުވާ ގޮތަށް ވޯޓު ދެއްވުމަށް ޕާޓީގެ އެކި ގުނަވަންތަކަށް ރައީސް ނަޝީދު ނާންގަވަންތޯ އެވެ؟ މިހުރީ ހައްތާ ވެސް ސުވާލެވެ. ރަނގަޅަށް ބައްލަވައި ފުނަށް ފީނުއްވާށެވެ. ކޮނުކޮނުހެން ފަސްގިނަވުން ނޫން ކަމެއް ވާނެހެނެއް ހިއެއް ނުވެ އެވެ.

މި މަހު 28 އަށް ފަހު ފުރަބަންދަށް ލުއިތަކެއް ދެއްވުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އިގްތިސާދީ ހަރަކާތްތައް ހިންގޭނެ ފަދަ ގޮތަކަށް، އަދި އެންމެ ރިސްކް ކުޑަ ގޮތަކަށް އެކަން ކުރަން ޖެހެ އެވެ. އެކަމަކު އެ ފުރަބަންދު ތައްމިނަށް ހުޅުވާލާ އިރު، ކޮވިޑަށް ޕޮސިޓްވާ އަދަދު މަދެއް ނުވެ އެވެ. އެކަމަކު އެ ނިންމުމަށް ސަރުކާރުން ދީލައި ލަނީ މަޖިލީހުގެ ޕްރެޝަރާ ހެދި ނޫންތޯ އެވެ؟ އެހެން ކަމާ އެކު އާހިރުގައި މި ފިތެނީ ރައްޔިތުން ނޫންތޯ އެވެ.

ބޮޑު ދެގެރި ތަޅަންޏާ ބާރު ކުރާނީ ކައްގަލަށެވެ.

comment ކޮމެންޓް