ފްރީލޭންސަރުންނަށް ވެސް 5،000 ރުފިޔާގެ އާމްދަނީގެ އިނާޔަތް ދޭނެ

މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ފަންނާނުންގެ މިއުޒިކީ އީދުގެ ތެރެއިން--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތް ކުރާ ފަރާތްތައް ނުވަތަ ފްރީލޭންސަރުންނަށް ވެސް އެލަވެންސް ލިބޭގޮތަށް ކޮވިޑް-19 ގެ ސަބަބުން އާމްދަނީ އަށް އަސަރުކޮށްފައިވާ ފަރާތްތަކަށް އިނާޔަތް ދޭނެ އުސޫލު އާންމުކޮށްފި އެވެ.

ރައީސް އޮފީހުން ރޭ ގެޒެޓްކޮށްފައިވާ މި އުސޫލުގެ ދަށުން އަމިއްލަ މަސައްކަތްކުރާ މީހުންނަށް ދޭ އެލަވެންސް ލިބޭނީ މާޗު އެކެއްގެ ފަހުން ކޮވިޑް-19އާ ގުޅިގެން، އެމީހަކަށް ލިބެމުންދިޔަ އާމްދަނީ މެދުކެނޑިފައިވާ ނުވަތަ އާމްދަނީ އަށް ނުރަނގަޅު އަސަރެއްކޮށްފައިވާ ފަރާތްތަކަށެވެ.

މި އެލަވެންސް ލިބޭނ،ީ މާޗް އެއްވަނަ ދުވަހުގެ ފަހުން، އެމީހަކަށް ލިބޭ އާމްދަނީ މެދުކެނޑިފައިވާނަމަ 5000 ރުފިޔާ އެވެ. މާޗު މަހުގެ އެއްވަނަ ދުވަހުގެ ފަހުން އާމްދަނީގެ ގޮތުގައި ލިބެމުންއައި އަދަދު މަދުވެފައިވާ ފަރާތެއް ނަމަ، އެ ފަރާތަށް އާމްދަނީގެ ގޮތުގައި ލިބޭ އަދަދަކީ 5000 ރުފިޔާ އަށްވުރެ ދަށް އަދަދެއްނަމަ 5000 ރުފިޔާ އިން އެ އަދަދު އުނިކުރުމަށްފަހު ޖެހޭ އަދަދެވެ.

އެލަވަންސް ދިނުމުގައި، ހުށަހަޅައިފައިވާ އަމިއްލަ މަސައްކަތް ކުރާ ފަރާތަކީ އެހެން އާމްދަނީއެއް ލިބޭ ފަރާތެއް ނަމަ، އެފަދައިން ލިބޭ އިތުރު އާމްދަނީން މަހެއްގެ މައްޗަށް ލިބޭ އަދަދަކީ 5000 ރުފިޔާއަށް ވުރެ ދަށް އަދަދެއް ނަމަ، 5000 ރުފިޔާ އިން އެ އަދަދު އުނިކުރުމުން ބާކީ އޮންނަ އަދަދާ އެއްވަރުގެ އަދަދެއް، އެ ފަރާތަކަށް ދޭނެ ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން އެލަވަންސް ދިނުމުގައި، ހުށަހަޅައިފައިވާ ފަރާތަކީ އެހެން އާމްދަނީއެއް ލިބޭ ފަރާތެއް ނަމަ، އެފަދައިން ލިބޭ އިތުރު އާމްދަނީން މަހެއްގެ މައްޗަށް ލިބޭ އަދަދަކީ ފަސްހާސް ރުފިޔާ ނުވަތަ އެއަށްވުރެ މަތީ އަދަދެއް ނަމަ، އެ ފަރާތަކީ، މި އުސޫލުގެ ދަށުން ދެވޭ އެލަވަންސަށް ޝަރުތު ހަމަވާ ފަރާތެއް ނޫން ކަމަށް ބުނެފައިވެ އެވެ.

އަމިއްލަ މަސައްކަތް ކުރާ މީހުންނަށް އެލަވެންސް ދޭއިރު ބަލާ އިތުރު ޝަރުތަކީ ރާއްޖޭގައި މަސައްކަތްކުރާ، ދިވެއްސަކަށް ވުމާއި، މާޗު އެކަކާއި ހަމައަށް ވަޒީފާގައި ދެމިހުރި އުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ މީހަކަށް ވުމާއި، މާޗު އެއްވަނަ ދުވަހާއި ހަމައަށް މަދުވެގެން ހަ މަސްދުވަހުގެ މުއްދަތަށް އަމިއްލަ މަސައްކަތުން އާމްދަނީ ހޯދަމުން އައިސްފައިވާ ފަރާތެއް ކަމުގައި ވުމާއި އެހެން ވަޒީފާއެއްގައި ހުރި މީހަކަށް ނުވުމެވެ.

މި އުސޫލުގެ ދަށުން ފައިސާ ހޯދުމަށް އެދި ހުށަހަޅާއިރު އަމިއްލަ މަސައްކަތް ކުރާ ފަރާތެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަން ޖެހެ އެވެ. އެގޮތުން މަސައްކަތް ކުރުމުގެ ހުއްދައިގެ ކޮޕީ ނުވަތަ މަސައްކަތް ހަވާލުކުރާ އެއްބަސްވުމުގެ ކޮޕީ، އަމިއްލަ މަސައްކަތް ކުރާ ފަރާތެއްނަމަ، ފާއިތުވި ހަ މަސްދުވަހުގެ ތެރޭގައި ކޮށްފައިވާ މަސައްކަތަށް އަގުކުރެވިފައިވާ އިންވޮއިސްތަކުގެ ކޮޕީ ހުށަހަޅަން ޖެހެ އެވެ.

ސަރުކާރުން އިއުލާންކުރި ރިލީފް ޕެކޭޖްގެ ތެރެއިން ވެސް، އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް 18،000 ރުފިޔާއާ ހަމަޔަށް ލޯނު ނެގެ އެވެ. އެހެން ނަމަވެސް، އެ އަދަދު ކުޑަކަމަށް ބުނެ، ޝަކުވާ ބޮޑުވެފައިވެ އެވެ.

"އިންކަމް ސަޕޯޓް އެލަވެންސް" ގެ ކަންތައް ކުރިއަށްދާނީ އިކޮނޮމިކް މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ. އެލަވެންސް ދޫކުރާނީ ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް އެމްއެމްއޭ ނުވަތަ އެންސްޕާ އިން ކަމަށް އުސޫލުގައި ބުނެފައިވެއެވެ.

މިއީ ރާއްޖޭގައި މަސައްކަތްކުރާ ފަރާތްތަކުގެ އާމްދަނީ އަށް ކޮވިޑް19 ގެ ސަބަބުން އައިސްފައިވާ ނުރަނގަޅު އަސަރުގެ ސަބަބުން އެ ފަރާތްތަކުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ސަރުކާރުން ދޭ އެލަވެންސެކެވެ.

https://sun.mv/136607

މި އެލަވެންސް ދޭނީ އޭޕްރީލް އިން ޖޫން އަށް، ތިން މަހުގެ ނިޔަލަށެވެ. ކޮންމެ މަހެއްގެ 15 ވަނަ ދުވަހުގެ ކުރިން އެލަވެންސް ދޭނެ ކަމަށާއި ތިން މަސް ހަމަވުމުގެ ކުރިން ވަޒީފާ އާންމު ހާލަތަށް ރުޖޫއަވާ ފަރާތްތަކަށް އެލަވެންސް ދިނުން ހުއްޓާލާނެ އެވެ. އަދި ވަޒީފާ އާންމު ހާލަތަށް އަަންނަކަން ޖޮބްސެންޓަރާ ހިއްސާ ކުރަންވާނެ ކަމަށް އުސޫލުގައި ބުނެފައިވެ އެވެ.

އެލަވެންސް ހޯދުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅަންޖެހޭނީ ޖޮބްް ސެންޓަރަށެވެ. މި އުސޫލުގައި ބުނާ އެލަވެންސް ހޯދުމަށް ދޮގު މައުލޫމާތު ދޭ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ބުނެފައިވެ އެވެ.

އުސޫލަށް ޢަމަލުކުރަން ފަށާނީ، ގެޒެޓުގައި އުސޫލު ޝާއިއުކުރާ ތާރީހުން ފެށިގެން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ކަމާބެހޭ ގާނޫނަކަށް އަމަލުކުރަން ފަށަންދެން ކަމަށް ބުނެފައިވެ އެވެ.

https://sun.mv/136124

comment ކޮމެންޓް