މަޖިލީޙުގެ ބަހަނާއިން ލާމަރުކަޒީ ނިޒާމު ފުނޑާލަނީތަ؟

ރައްޔިތުންގެ މަޖިލިސް: އަންނަ މަހުގެ ތިން ވަނަ ދުވަހަށް ކައުންސިލްތަކުގެ ދައުރު ހަމަވާއިރު މަޖިލިސް އޮތީ ފަހަތު ފަޔަށް ބުރަވެފައި ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދޭ --- ފޮޓޯ: މަޖިލިސް

ލޯކަލް ކައުންސިލްތަކުގެ މުއްދަތު އަންނަ މަހުގެ ތިން ވަނަ ދުވަހަށް ހަމަވާން މަހަކަށް ވުރެން ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު އަދިވެސް އެކަމަށް އަލި މަގެއް ނުފެނި ގާނޫނީ މާހިރުންނާއި ގާނޫނު ހެދުމަށް ރައްޔިތުންގެ މަޖިލީހަށް އިންތިހާބްކޮށްފައި ތިބި މެންބަރުންގެ މެދުގައި ވަނީ ހިޔާލުތަފާތުވުންތަކެއް އުފެދިފަ އެވެ.

ކޮވިޑް-19އާ ގުޅިގެން ކައުންސިލް އިންތިހާބު ފަސްކުރަން ޖެހި، މިހާރު ތިބި ކައުންސިލަރުންގެ ދައުރު އިތުރު ކުރަން ޖެހޭތީ އެ މައްސަލައަށް ހައްލެއް ގެންނަން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވަނީ "ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލު ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ބިލް 2020" ގެ ނަމުގައި ކައުންސިލަރުންގެ އުމުރު ދިގު ދަންމާލުމަށް މަޖިލީހަށް ބިލެއް ހުށަހަޅާފަ އެވެ. އޭގެ ކުރިން ކައުންސިލްތަކުގެ ދައުރު ދިގު ދެންމުމަށް ސަރުކާރުގެ ފަރާތުން ބިލެއްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލެއް) ވަނީ، ގާނޫނު އަސާސީއަށް ފަސްވަނަ އިސްލާހުގެ ބިލެއް ވެސް މަޖިލީހަށް ހުށަހަޅާފަ އެވެ. އެ ބިލް އެޖެންޑާ ވެސް ކުރި އެވެ. ނަމަވެސް އެބިލް އެޖެންޑާނުކޮށް ވަނީ ބާއްވައިފަ އެވެ.

މިހާރު އުފެދިފައިވާ އެންމެ ބޮޑު ސުވާލަކީ މިހާރު ހުރި ކައުންސިލްތަކުގެ އުމުރަކީ ދިގުވެގެން ތިން އަހަރު ކަމަށް ގާނޫނު އަސާސީގެ އަށްވަނަ ބާބުގެ 231 ވަނަ މާއްދާގެ ށ. ގައި ސާފު ސަރީހަ އިބާރާތުން ބުނެފައި އޮތްވާ މަޖިލީހުގެ "ސިމްޕަލް" މެޖޯރިޓީއިން ފާސްކުރާ އާންމު ގާނޫނަކުން އެ މުއްދަތު އިތުރުކުރެވިދާނެ ތޯ ނުވަތަ ނޫންތޯ އުފެދޭ ސުވާލެވެ.

ގިނަ ގާނޫނީ ބޭފުޅުންގެ ނަޒަރުގައި ގާނޫނު އަސާސީގައި ވަކި ގޮތަކަށް ކަމެއް ކުރަން ބަޔާންކޮށްފައި ވަނިކޮށް ހަދާ ގާނޫނަކުން އެކަން ނަފީ ކުރުން އެއީ ކުރެވޭނެ ކަމެއް ނޫނެވެ. އޭރުން އެ ވެވުނީ ގާނޫނު އަސާސީ ކަނޑައެޅިގެން ހިލާފު ކަމަށް ގާނޫނީ ބޭފުޅުން ވިދާޅުވެ އެވެ.

ބަންޑާރަ ނައިބް އިބްރާހިމް ރިއްފަތު ދެކެވަޑައިގަންނަވާ ގޮތް ވަރަށް ސާފުކޮށް ވަނީ، ހަސަން ލަތީފް ހުށަހެޅުއްވި ބިލް ދިރާސާ ކުރާ ލާމަރުކަޒީ ކޮމެޓީއަށް ފޮނުއްވިއިރު ސާފު ބަހުން ވިދާޅުވީ ގާނޫނު އަސާސީއަށް ބަދަލު ނުގެނެސް، ގާނޫނަކުން އެކަން ނުކުރެވޭނެ ކަމަށެވެ.

ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު: ގާނޫނު އަސާސީއަށް އިސްލާހު ނުގެނައިސް ކައުންސިލްތަކުގެ ދައުރު ދިގު ނުދެއްމޭނެ ކަމަށް ވަނީ ވިދާޅުވެފައިި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ކައުންސިލްތަކުގެ އުމުރު ތިން އަހަރުން ފަސް އަހަރަށް ބަދަލުކުރަން ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ނ) އަށް މިހާރު މި އޮތް މަޖިލީހުން ވަނީ އިސްލާހު ގެނެސްފަ އެވެ. އެ މާއްދާ އަށް އަމަލުކުރާ އުސޫލް ކަނޑައަޅާފައި ވަނީ ގާނޫނުއަސާސީ އަށް ފަސް ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ހަތަރު ވަނަ މާއްދާ އިން ކަން ފާހަގަކުރައްވައި ރިފްއަތު ވިދާޅުވީ އެހެން އޮއްވައި މަޖިލީހުން ފާސްކުރާ އާއްމު ގާނޫނަކުން މުއްދަތު އިތުރު ކުރެވިދާނެ ކަމަކަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.

އެހެން ނަމަވެސް މެންބަރުން އުފައްދާފައިވާ އެއް ސުވާލަށް ރިއްފަތު ޖަވާބު ދެއްވާފަ އެއް ނުވެ އެވެ. އެއީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި އޮތްވައި ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ބައެއް މެންބަރުން "އުޒުރު" ދައްކަވާ މައްސަލަ އެވެ.

އެކަމާއި ގުޅިގެން ކުރީގެ ރައީސް އަދި މިހާރުގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބަންޑާރަނައިބް ކަން ކުރެއްވި އަބްދުﷲ މުއިއްޒު "ސަން" އަށް ވިދާޅުވީ، ކައުންސިލްތަކުގެ ދައުރު ދިގު ދެންމުމުގެ އެންމެ ރަނގަޅު ގޮތަކީ ގާނޫނު އަސާސީއަށް ބަދަލު ގެނެސްގެން ކަމަށެވެ. އަދި ގާނޫނު އަސާސީއަަށް އިސްލާހު ގެނައުން މަނާވާނީ، ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރައްވާ ކުއްލި ނުރައްކަލުގެ ހާލަތު، އެސްއޯއީގައި ކަމަށް އޭނާ ވިދާޅުވި އެވެ. ގާނޫނު އަސާސީ އިސްލާހު ނުކުރެވޭނެ އެއްވެސް ހާލަތެއް މިވަގުތު ނެތް ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.

އަބްދުﷲ މުއިއްޒު: އޭނާ ވިދާޅުވީ މި ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުރެވޭނެ ކަމަށް --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

"މިއަކީ ގާނޫނު އަސާސީ އިސްލާހު ނުކުރެވޭނެ ހާލަތެއް ނޫން. ގާނޫނު އަސާސީގައި އެބުނާ ކަހަލަ ކުއްލި ނުރައްކަލުގެ ހާލަތެއް ނޫން. އެހެންވީމަ އެކަމަށް ހުރަހެއް އޮތް ކަމަކަށް ނުދެކެން،" ބާ ކައުންސިލްގެ ނައިބް ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ އަބްދުﷲ މުއިއްޒު ވިދާޅުވި އެވެ.

ގާނޫނީ ގޮތުން އޮތް މަގު ސާފު ނަމަވެސް، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މި ދަނޑިވަޅުގައި ގާނޫނު އަސާސީއަށް އިސްލާހު ގެނެވިދާނެ ކަމާމެދު ސުވާލު އުފައްދައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ ބަހުސަކަށް ވެސް ހުޅުއްވާލައްވައިފަ އެވެ.

އެ ފުރުސަތުގައިވެސް ދެކޮޅާއި އެއްކޮޅަށް މެންބަރުން ވާހަކަ ދެއްކެވި އެވެ. އަދި މި ހާލަތުގައި ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ގާނޫނީގޮތުން އިއުތިރާޒު ކުރާނެ ތަނެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވެސް ވަނީ ލަފާދެއްވާފަ އެވެ.

އެހެން ކަމުން ގާނޫނީ މާހިރުންގެ މެދުގައި މާބޮޑު ހިޔާލު ތަފާތުވުން ނެތް ކަމެއް ގައި، އެ މަސްއޫލިއްޔަތު އަދާކުރުމުގެ ޒިންމާ އެޅިފައިވާ މެންބަރުން މި އުޅުއްވަނީ ކޮންފަދަ މަޖުބޫރީ ހާލަތެއް އައިސްގެން ހެއްޔެވެ؟ ނޫނީ މެންބަރުން ބޭނުން ފުޅުވަނީ ގާނޫނޫ އަސާސީ ފުނޑާލާފައި ވެސް އެބޭފުޅުން ހިތުގައި އޮންނަ ގޮތެއް ކައުންސިލް ނިޒާމާ މެދު ހައްދަވަން ހެއްޔެވެ؟

އެނގޭހާ ވެސް ކަމަކީ އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ކުރިން ކައުންސިލްތައް ހިންގާނެ ބަޔަކު ނެތި ދެން އުފެދޭ ގާނޫނީ ހުސްކަމެއްގެ ސަބަބުން ކުރިމަތިވާނެ ކަންކަމުން އަރައިގަތުމަށް އަނައްކާވެސް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެވެ.

"އަދިވެސް ވަގުތު އެބައޮތް. މިހާރު ތިބި ކައުންސިލަރުންގެ ދައުރު 3 ޖޫން ގައި ހަމަވުމުގެ ކުރިން ގާނޫނުއަސާސީ އިސްލާހުކޮށް، ގާނޫނާ އެއްގޮތަށް ކައުންސިލަރުންގެ ދައުރުގެ މުއްދަތު އިތުރުނުކުރެވިއްޖެނަމަ، ދެން ދިމާވާ ކަންކަމުން އަރައިގަތުމަށް އުނދަގޫވާނެ،" މީގެ ކުރިން ޑެޕިއުޓީ އޭޖީކަން ވެސް ކުރެއްވި، ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވި އެވެ.

އުޝާމް އެ ވިދާޅުވާ ގޮތަށް، ކައުންސިލްތަކަށް ދެން ވާނެ ގޮތަކާ މެދު މަޖިލީހަށް ފަރުވާއެއް ހޯދައި ނުދެވިއްޖެ ނަމަ ރާއްޖެއަށް އުނދަގޫ ހާލަތެއް ކުރިމަތިވެދާނެ އެވެ.

ސަބަބަކީ، މި މަހު ބާއްވަން އޮތް ކައުންސިލް އިންތިހާބު ބޭއްވުން މިހާރު މި ވަނީ ގާނޫނަކުން ލަސްކޮށްފަ އެވެ. އެ ބަދަލު ގެންނަން މަޖުބޫރުވީ ކޮރޯނާވައިރަހާ އެކު ގިނަ ބަޔަކު އެއްތަނަށް އެއްވެ އުޅުން ރައްކާތެރި ނުވާތީ އެވެ. ކޮރޯނާވައިރަހުގެ ބިރު އަދިވެސް ރާއްޖޭގައި އޮތް އިރު، އެ ވައިރަހާ ދެކޮޅު މަސައްކަތުގައި ކައުންސިލްތަކުގެ ދައުރު މުހިންމުވެފައި ބޮޑެވެ. ކައުންސިލްތަކުގެ ދައުރު ބޮޑުވެފައިވާ ދަނޑިވަޅެއްގައި ކައުންސިލްތައް ގާނޫނީ ހުސްކަމަކަށް އައިސްފި ނަމަދެން ވާނީ ކިހިނެއް ހެއްޔެވެ؟

މިފަދަ ހާލަތެއް ކުރިމަތިވެއްޖެ ނަމަ ކޮރޯނާވައިރަހާ ދެކޮޅަށް ރާވާފައިވާ ނިޒާމް ކޮލެޕްސްވެދާނެ އެވެ. ސަބަބަކަށް ވަނީ، ރަށްރަށުގައި ހުރި ޓާސްކް ފޯސްތައް ލީޑް ކުރަނީ ކައުންސިލްތަކުން ކަމަށްވުމެވެ. އަދި އެޗްޕީއޭގެ އެންގުންތައް ތަންފީޒު ކުރަނީވެސް ކައުންސިލްތައް މެދުވެރިކޮށްގެންނެވެ. އެހެން ކަމަށްވާއިރު ކައުންސިލްތަކުގެ ގާނޫނީ ހައިސިއްޔަތު ގެއްލުމުން ނިޒާމް މަސައްކަތް ކުރުން ޔަގީނަށް ވެސް ހުއްޓިދާނެ އެވެ. އޭރުން އެންއޯއީސީގެ މަސައްކަތް ބުރަވެ، މައިކުރޯ ލެވަލްގައި ރަށްތައް މެނޭޖް ކުރުމުގެ ޒިންމާ ކޮޑުއަޅަން ޖެހިދާނެ އެވެ. އެކަމަކު އެއީ އެންއޯއީސީއަށް އުފުލޭވަރުގެ ޒިންމާއެއް ނޫނެވެ.

ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވިދާޅުވި ގޮތުގައި މަޖިލީހަށް މިވަގުތަށް ހޯދައިދެވޭނެ ހައްލަކީ، މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ދަންމާލަ ދިނުމެވެ. ސަބަބަކަށް ވަނީ، ކައުންސިލަރުންނަކީ ރައްޔިތުން އިންތިހާބު ކޮށްފައި ތިބި ބަޔަކަށް ވުމުން، ރަށްރަށުގެ ހާލަތާއި ރައްޔިތުންގެ ވިންދު އެންމެ ރަނގަޅަށް މި ހާލަތުގައި އެނގޭނެ ބަޔަކީ އެބޭފުޅުންނެވެ. ބަހަނާ ދައްކާ މިހާރު ތިބި ކައުންސިލަރުން ގެއަށް ފޮނުވާލައިގެން ހޯދޭނެ މާ މޮޅު ހައްލެއް މިވަގުތު ނެތް ކަމަށް ވެސް ހިސާން ގަބޫލު ކުރައްވަ އެވެ.

އޮކްޓޯބަރ 21، 2018: މެންބަރު ލޯޔަރު ހިސާން ހުސެއިންނާއި މެންބަރު ހަސަން ލަތީފް -- ސަން ފޮޓޯ// ފަޔާޒު މޫސާ

"އަޅުގަނޑަކަށް ތާއީދެއް ނުކުރެވޭކަން މިހާރު މިތިބަ ކައުންސިލަރުން އެމީހުންގެ މުއްދަތު ހަމަވީމަ ލޯކަލް ކައުންސިލް އިންތިހާބު ނުބޭއްވޭ ކަމަށް ވަނީނަމަ ގެއަށް ފޮނުވާލާކަށް. މިހާރު މަގާމުގެ މައްސޫލިއްޔަތާ ހަވާލުވެ ތިއްބެވި ބޭފުޅުންނަކީ އެއީ. ރަށުގެ ހާލަތު އެންމެ ރަނގަޅަށް އެނގޭ ބޭފުޅުންނަކީ އެއީ. މިހާރު ރާއްޖެ މިއޮތް ހާލަތުގައި މި މަސައްކަތުގައި އެންމެ ބުރަކޮށް އުޅުއްވާ ބޭފުޅުންނަކީ އެއީ،" ހިސާން ވިދާޅުވި އެވެ.

ހިސާން ވެސް ގަބޫލު ކުރައްވަނީ ގާނޫނަކުން ކައުންސިލްތަކުގެ ދިގު ނުދެންމޭނެ ކަމަށެވެ. ގާނޫނު އަސާސީއާ ފުށުއަރާ ބިލެއް އިސްލާހު ކުރުމުގެ މަސައްކަތް މަޖިލީހުގައި ކުރިއަށް ގެންދެވޭނެ ކަމަށް ވެސް ގަބޫލެއް ނުކުރައްވަ އެވެ. ގިނަ ގާނޫނީ ވަކީލުންނެކޭ އެއްގޮތަށް ހިސާން ވެސް ދެއްވާ ހައްލަކީ ގާނޫނު އަސާސީއަށް ގެންނަ އިސްލާހަކުން މިހާރު ކައުންސިލްތަކުގެ ދައުރު ދިގު ދަންމާލުމެވެ.

ކައުންސިލްތަކުގެ ދައުރު ދިގު ނުދަންމާ މަޖިލީހަށް ދެއްކޭނެ ބަހަނާއެއް ހަގީގަތުގައި ވެސް ނެތެވެ. ކައުންސިލްތަކުގެ ދައުރު ދިގު ނުދަންމާ ނަމަ، ދެން އޮތް ހައްލަކީ ރައީސުލްޖުމްހޫރިއްޔާ ނޫނީ ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ރަށެއް ހިންގާނެ ބަޔަކު ކަނޑައެޅުމެވެ. އެކަމަކު ރަށެއް ހިންގުން މި ދަނޑިވަޅުގައި އެންމެ މީހެއްގެ އަތަށް ދޫކޮށްލުމަކީ ކުރަން ހެޔޮވާވަރު ކަމެއް ހެއްޔެވެ؟ އަދި އެއީ ޑިމޮކްރަސީގެ އުސޫލާއި ރާއްޖޭގައި މި އޮތް ލާމަރުކަޒީ ނިޒާމާ ދިމާ އިދިކީލި ކަތީބު ނިޒާމާ ގާތްގޮތެކެވެ. އެހެން ވީއިރު، މުޅި ނިޒާމް ފުނޑުފުނޑުވާން ދޫކޮށްލަން މަޖިލީހަށް އޮތީ ކޮން ހައްގެއް ހެއްޔެވެ؟ މަޖިލީހަށް ހޯދަން ޖެހޭ ގާނޫނީ ހައްލު އަވަހަށް ހައްލު ހޯދާށެވެ. އަދި ވަގުތު އެބަ އޮތެވެ.

comment ކޮމެންޓް