ޖޫން 3ގެ ކުރިން ކައުންސިލް މުއްދަތު އިތުރުނުކޮށްފި ނަމަ އަރައިގަތުމަށް އުނދަގޫވާނެ: އުޝާމް

ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް: ގާނޫނު އަސާސީ އިސްލާހުކޮށް ކައުންސިލަރުންގެ ދައުރު އިތުރުނުކޮށްފި ނަމަ ދެން ދިމާވާ ކަންކަމުން އަރައިގަތުމަށް އުނދަގޫވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައި --- ފައިލް ފޮޓޯ/ މަޖިލިސް

މިހާރު ތިބި ކައުންސިލްތަކުގެ މުއްދަތު އަންނަ މަހުގެ ތިން ވަނަ ދުވަހަށް ހަމަވާ އިރު، ގާނޫނު އަސާސީ އިސްލާހުކޮށް ކައުންސިލަރުންގެ ދައުރު އިތުރުނުކޮށްފި ނަމަ ދެން ދިމާވާ ކަންކަމުން އަރައިގަތުމަށް އުނދަގޫވާނެ ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ކައުންސިލަރުންގެ ދައުރު ހަމަވާނީ ޖޫން މަހުގެ ތިން ވަނަ ދުވަހަށެވެ. ކޮވިޑް-19އިގެ ހާލަތާ ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބު އެއް އަހަރަށް ފަސްކޮށްފައި ވާތީ ކައުންސިލުގެ ދައުރާމެދު ގޮތް ނިންމުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު މަޖިލީހަށް ވަނީ ބިލެއް ހުށަހަޅައިފަ އެވެ. ނަމަވެސް ގާނޫނު އަސާސީ އިސްލާހުނުކޮށް ކައުންސިލްތަކުގެ ދައުރު ދިގު ނުކުރެވޭނެ ކަމަށް އެޓާނީ ޖެނަރަލްގެ އިތުރުން ބައެއް މެންބަރުން ވެސް ވަނީ ވިދާޅުވެފަ އެވެ.

"އަދި ވެސް ވަގުތު އެބައޮތް. މިހާރު ތިބި ކައުންސިލަރުންގެ ދައުރު 3 ޖޫންގައި ހަމަވުމުގެ ކުރިން ގާނޫނު އަސާސީ އިސްލާހުކޮށް، ގާނޫނާ އެއްގޮތަށް ކައުންސިލަރުންގެ ދައުރުގެ މުއްދަތު އިތުރުނުކުރެވިއްޖެ ނަމަ، ދެން ދިމާވާ ކަންކަމުން އަރައިގަތުމަށް އުނދަގޫވާނެ،" ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް ކަން ވެސް ކުރެއްވި އުޝާމް ވިދާޅުވި އެވެ.

މެމްބަރު ހަސަން ލަތީފު ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ ލޯކަލް ކައުންސިލް އިންތިހާބު ބާއްވާ އަލަށް ކައުންސިލަރުން އައްޔަން ކުރެވެންދެން މިހާރު ތިބި ހުރިހާ ރަށު ކައުންސިލަރުންނާއި އަތޮޅު ކައުންސިލަރުން މަގާމުގައި ދެމިތިބޭނެ ކަމަށެވެ. އެގޮތަށް ނިންމާ ސަބަބެއް ކަމަށް ބިލުގައި ބުނެފައި ވަނީ ކައުންސިލުތަކުގެ ދައުރު ހަމަވެ، ދިމާވެފައި އޮތް ހާލަތުގެ ސަބަބުން އިންތިހާބު ނުބޭއްވޭ ހާލަތު ކުރިމަތިވެއްޖެ ނަމަ ކައުންސިލުތައް ގާނޫނީ ހުސްކަމަކަށް ގޮސްދާނެތީ އެވެ.

އަދި އެފަދަ ހާލަތެއް ކުރިމަތިވެއްޖެ ނަމަ އަމަލުކުރާނޭ ގޮތް ގާނޫނު އަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައި ނެތް ކަމަށް ވެސް ބިލުގައި ވަނީ ބުނެފަ އެވެ. އެ ގާނޫނަށް އަމަލުކުރަން ފަށާނީ ފާސްވެ ބިލު ތަސްދީކޮށް ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން ކަމަށް ބިލުގައި ބުނެފައިވެ އެވެ.

ގާނޫނު އަސާސީގައި ބުނަނީ ކޮންމެ ފަހަރަކު އިންތިހާބު ކުރާ ކައުންސިލްތަކުގެ މުއްދަތަކީ ތިން އަހަރު ކަމަށެވެ. އެންމެ ފަހުން އިންތިހާބު ކުރި ކައުންސިލްގެ މުއްދަތު ހަމަ ވަނީ އަންނަ މަހު3ގެ ނިޔަަލަށެވެ. މާނައަކީ ޖޫން 4 އިން ފެށިގެން ގާނޫނު އަސާސީ އަށް އިސްލާހު ނުގެނިެސްފި ނަމަ، ކައުންސިލްތަކަށް ހުސްކަމެއް އަންނާނެ އެވެ. ބަންޑާރަ ނައިބު ވަނީ އެ ހުސްކަން ހައްލު ކުރުމަށް ގާނޫނު އަސާސީއަށް ކުޑަ ބަދަލެއް ގެނައުމަށް ހުށަހަޅައިފި އެވެ. ނަމަވެސް މަޖިލީހަކުން އެ ބިލް އަދި އެޖެންޑާއެއް ނުކުރެ އެވެ.

comment ކޮމެންޓް