ސާރާގެ ހުވަފެނަކީ އިބްރާހިމް ބޮލީވުޑަށް ނުކުތުން

ސާރާ އަލީ ޚާން އާއި އިބްރާހިމް އަލީ ޚާން---

ކޮއްކޮ އިބްރާހިމް އަލީ ޚާން ބޮލީވުޑަށް ނުކުތުމަކީ ދެކޭ ވަރަށް ބޮޑު ހުވަފެނެއް ކަމަށް ސާރާ އަލީ ޚާން ބުނެފިއެވެ.

މީގެ ދެއަހަރު ކުރިން ފިލްމު "ކެދާނަތު" އިން ބޮލީވުޑަށް ތަޢާރަފްވީ ސައިފް އަލީ ޚާންގެ ދޮށީ ދަރިފުޅު ސާރާ ބުނީ، އިބްރާހީމް އަކީ އެކްޓްކުރެވޭނެ ކުއްޖެއް ކަމަށާއި ޓިކްޓޮކްގައި އޭނާ ހުނަރުން ވެސް އެކަން ސާބިތުވާ ކަމަށެވެ. ސާރާ ބުނީ އިބްރާހިމް ފިލްމު ކުޅެން ބޭނުންނަމަ އެ ފުރުސަތުވެސް ފަހިކޮށްދޭނެ ކަމަށާއި އަދި އެ ހުވަފެން ހަގީގަތަކަށް ހެދުން އޮތީ އޭނާގެ އަތްމަތީގައި ކަމަށެވެ.

މިވަގުތު ބޮޑަށް ކިޔެވުމަށް އިސްކަންދިނުމަށް ބާރު އަޅާކަމަށާއި އިބްރާހިމް މިހާރު ތައްޔާރުވަމުން އަންނަނީ ލޮސް އެންޖެލިސްގެ ކޮލެޖް ހަޔާތަށް ކަމަށާއި ކޮލެޖު ހަޔާތް ނިމުމުން އޭނާ ބޭނުންވާނަމަ ފިލްމު ކުޅެވޭނެ ކަމަށެވެ. ސާރާ ބުނީ އެކްޓްކުރުމަށް އިބްރާހިމް ވެސް ޝައުގުވެރިވާ ކަމަށެވެ.

ސާރާ ބޮލީވުޑަށް ނުކުތުމާއެކު ގިނަ ބަޔަކު އަންނަނީ އިބްރާހިމް ބޮލީވުޑަށް ނުކުންނާނީ ކޮންއިރަކުންތޯ އަހައި ސުވާލުކުރަމުންނެވެ. އެ ސުވާލުތަކަށް ޖަވާބުދެމުން އިބްރާހިމްގެ ބައްޕަ އެކްޓަރު ސައިފް އަލީ ޚާން ބުނީ ދަރިފުޅު އިބްރާހީމް ކުރަން ބޭނުންވާ ކަމެއް ކުރެވޭނެ ކަމަށާއި އެކްޓިން ހަޔާތަށް ޝައުގުވެރިވާނަމަ އެކަމުން ވެސް ކުރިއަށް ދެވޭނެ ކަމަށެވެ.

ސާރާ އާއި އިބްރާހިމް އަކީ ސައިފް އާއި އެކްޓްރަސް އަމްރިތާ ސިންހް އާ ކައިވެނިކޮށް ލިބުނު ދެދަރިންނެވެ. ސައިފް މިހާރު ކައިވެނިކޮށްގެން އުޅެނީ ބަތަލާ ކަރީނާ ކަޕޫރު އާއެވެ. އެ ދެމަފިރިންނަށް ލިބުނު ފިރިހެން ދަރިފުޅު ތައިމޫރަށް މިހާރު ތިން އަހަރެވެ.

comment ކޮމެންޓް