އިންޓަނެޓަކީ އަސާސީ ހިދުމަތަކަށް ހަަދައި، ސަރުކާރުން ހިދުމަތް ދޭން ފަށަން ވެއްޖެ: މަލީހު

"އައިލެންޑްސް.އެމްވީ" ވެބް ޕޯޓަލް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހު ކޮށްދެއްވުން -- ފޮޓޯ/ ރައީސް އޮފީސް

އިންޓަނެޓްގެ ހިދުމަތަކީ އަސާސީ ހިދުމަތަކަށް ހަދައި، ސަރުކާރުގެ ބޮޑު ހިއްސާއެއް އޮވެގެން އިންޓަނެޓްގެ ހިދުމަތް ދޭން ފަށަން ޖެހޭ ވަގުތު އައިސް ޖެހިއްޖެ ކަމަށް އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

މަލީހު އެހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކަ ކޮމިޓީގައި މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. މަލީހު ވިދާޅުވީ މިވަގުތަކީ އިންޓަނެޓް އަސާސީ ހިދުމަތަކަށް ހަދަން ޖެހޭ ވަގުތު ކަމަށެވެ.

"އަސާސީ ހިދުމަތަކަށް ވުމާއެކު ހަމައެކަނި އާންމު ނޫނީ ޕްރައިވެޓް ކުންފުނިތަކަށް މިއޮތް ނިޒާމު ކޮންމެސް ވަރަކަށް ބަދަލުވެ ސްޓެލްކޯ ފެންކުންފުނި ފަދަ ކުންފުނިތަކުން މިދެވޭގޮތަށް ސަރުކާރުގެ ކޮންމެވެސް ހިއްސާއެއް އޭގައި އެކަށީގެންވާ ރަނގަޅު ހިއްސާއެއް އޮވެ ރަައްޔިތުންނަށް މިހިދުމަތް ފުޅާކުރުމަކީ އަޅުގަނޑު ދެކޭގޮތުގައި ވަރަށް މުހިންމު ކަމެއް." މަލީހު ވިދާޅުވި އެވެ.

މަލީހު ވިދާޅުވީ އިންޓަނެޓް އަސާސީ ހިދުމަތަކަށް ހަދަން ރައްޔިތުންގެ މަޖިލީހާ ސަރުކާރުން ގުޅިގެން މަސައްކަތްތައް ފަށަން ވެއްޖެ ކަމަށެވެ.

މަލީހު ވިދާޅުވީ ހުރިހާ ރަށަކަށް އަދި މުޅިރާއްޖެއަށްވެސް އިންޓަނެޓްގެ ކަނެކްޓިވިޓީ ފުޅާވާން ޖެހޭ ކަމަށެވެ. އެހެންވެ މަޖިލީހުންވެސް އިންޓަނެޓް އަސާސީ ހިދުމަތަކަށް ހެދުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް މަސައްކަތް ފެށުމަށް މަލީހު ވަނީ އެދިލައްވާފަ އެވެ.

މަލީހު ވިދާޅުވީ އިންޓަނެޓްގެ ވާދަވެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރަން ޖެހޭ މަސައްކަތް ކުރާނެ ކަމަށެވެ. އަދި ޥާދަވެރިކަން އަންނާނެ އިރަކާ ބެހޭގޮތުން މެމްބަރަކު ސުވާލު ކުރުމުން މަލީހު ވިދާޅުވީ މަސައްކަތްތައް ފަށައިގަތުމުގެ މަރުހަލާގައި ކޮވިޑް 19 އާ ދިމާވުމުން ކަންކަން މަޑުޖެހިފައިވާ ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ މިއަހަރު ފެށުނީއްސުރެ ކޮވިޑް 19 އާ އެއްކޮށް އަޅުގަނޑުމެން ކުރިއަށް ދާން ޖެހިފައި މިއޮތީ. ސަރުކާރުގެ އެންމެ ބޮޑު ޕްރިއޮރިޓީއަކީ މިއަދު ރައްޔިތުންނަށް ދިމާވެފައިވާ މިކަމުން އަރައިގަތުމަށް ކުރަން ޖެހޭ މަސައްކަތް ކުރުން." މަލީހު ވިދާޅުވި އެވެ.

އިންޓަނެޓްގެ އަގުތަށް ހެޔޮކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދާކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ އެކަމަށް ވަގުތުތަކެއްވެސް ކަނޑައަޅާފައިވާ ކަމަށާއި އެމަގުން ަމސައްކަތް ހިނގަމުން ދާ ކަމަށެވެ.

comment ކޮމެންޓް