ޝަރީއަތާއި ގާނޫނުގެ ތައުލީމުގެ ނިޒާމު އިސްލާހު ކުރުން

މާލޭގެ ކޯޓުތަކުގައި މަސައްކަތްކުރައްވާ ރަޖިސްޓްރާއިންނާއި ގާނޫނީ މަސައްކަތްކުރައްވާ މުވައްޒަފުން، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު 2014އަށް އަހުލުވެރިކުރުމަށް، ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން ކުރިއަށް ގެންދާ ސެމިނާރުގެ ތެރޭން -- ފޮޓޯ: އެމްޖޭއޭ


ދެހާސް ނަވާރަ ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައި ޝަރުއީ ދާއިރާއިން ބޭއްވި ކޮންފަރެންސް އޮން ޖުޑީޝަލް ރިފޯރމްގައި އަޅުގަނޑު ކަރުދާހެއް ހުށައެޅީމެވެ. އެ ކަރުދާހުގެ މައުޒޫއަކީ "އަދުލުއިންސާފަށް ޓަކައި އިލްމު" މިއެވެ. މި ސުރުޚީން އިޝާރާތް ކުރަނީ ހަރުދަނާ އަދުލުއިންސާފުގެ ނިޒާމެއް ގާއިމު ކުރުމަށް ޓަކައި، އިލްމުގެ މުހިއްމުކަމަށެވެ. ޝަރުއީ އަދި ގާނޫނީ އިލްމުގެ ދާއިރާއިން ކުރިއަރައި ތިބި ބަޔަކު ފަނޑިޔާރުކަމުގައި ނެތި، އަދި އެފަދަ ބަޔަކު ގާނޫނީ ވަކީލުންގެ ގޮތުގައި ނެތި، އަދުލުއިންސާފުގެ ނިޒާމު ހަރުދަނައެއް ނުވާނެއެވެ. ގާނޫނު ހަދާން ތިބޭ މީހުންނަކީ ވެސް އެ އިލްމުން އެކަށޭނަ މިންވަރެއް ލިބިގެން ތިބޭ ބަޔަކަށް ވާން ޖެހޭނެއެވެ. މީގެ އިތުރުން، ގާނޫނު ހެދުމާއި، ގާނޫނު ތަންފީޒު ކުރުމާއި، ފަނޑިޔާރުކަމާއި ގާނޫނީ ވަކީލުކަން ކުރުމުގައި އުޅޭ މީހުންނަކީ އެހެން ބައެއް އިލްމުތައް ވެސް ކޮންމެވެސް މިންވަރަކަށް ލިބިފައި ހުންނަ ބަޔަކަށް ވުމީ މުހިއްމުކަމެކެވެ. މިސާލަކަށް، އިންސާނީ ނަފްސިއްޔާތުގެ އިލްމާއި، ޢިލްމުލް އިޖްރާމް ފަދަ އިޖުތިމާއީ ބައެއް އިލްމުތަކެވެ.

އަޅުގަނޑުގެ ކަރުދާހުގައި ހުށައެޅީ، ރާއްޖޭގެ ކޮލެޖުތަކާއި ޔުނިވަރުސިޓީތަކުގައި ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ކިޔަވައިދިނުމާއި، އަދި ފަނޑިޔާރުކަމާއި ވަކީލުކަމުގައި މަސައްކަތް ކުރައްވާ ބެއިފުޅުންނަށް "ކޮންޓިނިޔުޑް ލީގަލް އެންޑް ޖުޑީޝަލް އެޑިޔުކޭޝަން"ގެ ނިޒާމުން އިތުރު ތަމްރީނުތައް ދިނުމުގެ މަސައްކަތް، އިސްލާހު ކޮށް ހަރުދަނާ ކުރުމަށް ޓަކައި ކުރާން ޖެހޭ ކަމަށް އަޅުގަނޑަށް ފެންނަ ކަންތަކެވެ. އެ ކަރުދާހުގައި އަޅުގަނޑު ހުށައެޅި ހުށައެޅުންތައް، ކޮލަމެއްގެ ސިފައިގައި ލިޔެލައި އާއްމު ކުރާން ޖެހޭ ކަމަށް އަޅުގަނޑަށް ފެންނަނީ، މި ދެންނެވި ކޮންފަރެންސުގައި ކުރެވުނު ބުރަ މަސައްކަތް މުޅީން އެއްލައިލެވިފައި ވާތީއެވެ. އެނގިވަޑައިގަންނަވާނެ ފަދައިން، މިހާރު ދިވެހިރާއްޖޭގެ ވެރިކަމުގައި ތިއްބެވި ބެއިފުޅުން ވަނީ ގަދަބާރުން، ގާނޫނުއަސާސީއާ ޚިލާފަށް މުޅި ޝަރުއީ ނިޒާމު ހަލާކު ކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބާރު ކަނޑުވައިލައިފައެވެ. އަދި ދެންނެވުނު ކޮންފަރެންސުން އެކުލަވައިލި ޖުޑީޝަލް ރިފޯމް ޕްލޭނަށް އަމަލު ނުކޮށް، އެ ޕްލޭން ވެސް ވަށިގަނޑަށް އަޅައިލައިފައެވެ. މި ޕްލޭނަކީ، އެއްވެސް ބަހުސަކަށް ޖާގަ ނެތް ފަދައިން، ރާއްޖޭގެ ތާރީޚުގައި، އަދުލުއިންސާފުގެ ނިޒާމު ހަރުދަނާ ކުރުމަށް ޓަކައި އެކުލަވައިލެވުނު އެންމެ ހަރުދަނާ އަދި އެންމެ ޝާމިލު ޕްލޭން ކަމުގައި ވުމާ އެކުވެސްމެއެވެ.

ދެން މި ދަންނަވައިލަނީ، އަޅުގަނޑު ހުށައެޅި ކަރުދާހުގެ ކުރު ޚުލާސާއެކެވެ. މި ކޮލަމުގައި "ކޮންޓިނިޔުޑް ލީގަލް އެންޑް ޖުޑީޝަލް އެޑިޔުކޭޝަން"ގެ ނިޒާމާ ބެހޭގޮތުން އަޅުގަނޑު ހުށައެޅި ކަންކަން ނުހިމަނަމެވެ. ހަމައެކަނި ބަލައިލާނީ، ޝަރީޢަތާއި ގާނޫނުގެ ކޯސްތައް ހިންގާ ކޮލެޖުތަކާއި ޔުނިވަރުސިޓީތަކާ ބެހޭ ކަންކަމަށެވެ.

ބޮޑެތި ބައެއް މައްސަލަތައް

އެންމެ ފުރަތަމަ އަޅުގަނޑު ވާހަކަ ދެއްކީ، ދިވެހިރާއްޖޭގެ ކޮލެޖުތަކާއި ޔުނިވަރުސިޓީތަކުގައި ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ކިޔަވައިދޭ ލެކްޗަރާރއެއްގެ ގޮތުގައި އަޅުގަނޑު މަސައްކަތް ކުރި ހައެއްކަ އަހަރުގެ ތެރޭގައި، އަމިއްލަ ތަޖުރިބާއިން އަޅުގަނޑަށް ފާހަގަ ކުރެވުނު ބޮޑެތި މައްސަލަތަކުގެ ވާހަކައެވެ.

ފުރަތަމަ ކަމަކީ، ދިވެހި ކޮލެޖުތަކާއި ޔުނިވަރުސިޓީތަކުގައި ކިޔަވައިދެމުން ގެންދިޔަ މުގައްރަރުތަކަކީ އެކަށޭނަ ގޮތެއްގައި، ދިވެހިރާއްޖޭގެ ޝަރުއީ އަދި ގާނޫނީ ނިޒާމުގެ މައްޗަށް އެކުލަވައިލެވިފައި ހުރި މުގައްރަރުތަކަކަށް ނުވާކަމެވެ. މިސާލަކަށް، އެއިރު ދުސްތޫރީ ގާނޫނު ކިޔަވައިދިނުމުގައި ބައެއް ތަންތަނުގައި ގެންދިޔައީ ރާއްޖޭގެ ދުސްތޫރީ ނިޒާމާއި ގާނޫނުއަސާސީގެ ބަދަލުގައި، ނުވަތަ އެޔާ އެކުގައި ނަމަވެސް، އިނގިރޭސި ދުސްތޫރީ ނިޒާމާއި އެ ނިޒާމުގެ އުސޫލުތައް ކިޔަވައިދެމުންނެވެ. ހަރުދަނާ ގޮތެއްގައި މި މާއްދާ ކިޔަވައިނުދެވުމުގެ އެއް ނަތީޖާޔަކީ، ވަރަށް ގިނަ ގްރެޖުއޭޓުންނަށް ދިވެހިރާއްޖޭގައި އޮންނަނީ ގާނޫނުއަސާސީގެ ސިޔާދަތު ކަމާއި، ރާއްޖޭގައި ބަރުލަމާނީ ސިޔާދަތު ނޯންނަކަމާއި، ޖުޑީޝަލް ރިވިޔުގެ މަފްހޫމާއި އުސޫލުތައް ރަނގަޅަށް އޮޅުން ނުފިލުމެވެ. އިތުރު މިސާލެއް ނަގާ ނަމަ، ބައެއް ތަންތަނުގައި ކްރިމިނަލް ލޯވ ކިޔަވައިދެމުން ދިޔައީ އިނގިރޭސި ކްރިމިނަލް ލޯވގެ މައްޗަށް އެކުލަވައިލެވިފައި ހުރި މުގައްރަރުތަކަކަށެވެ. ދިވެހިރާއްޖޭގައި 2014 ވަނަ އަހަރު ފާސް ކުރެވުނު ގާނޫނުލް އުގޫބާތަކީ އިނގިރޭސި ޖިނާއީ ގާނޫނުގެ މަފްހޫމުތަކުގެ ދަށުން އެކުލަވައިލެވުނު ގާނޫނެއް ނޫނެވެ. އެ ގާނޫނަކީ، އިނގިރޭސި ޖިނާއީ ގާނޫނުގެ އަސާސުގެ މައްޗަށް، އެކަމަކު ވަރަށް މުހިއްމު އިސްލާހީ އުސޫލުތަކެއް ހިމަނައިގެން، އެމެރިކަން ލޯވ އިންސްޓިޓިޔުޓްގެ ފަރާތުން 1960ގެ އަހަރުތަކުގެ ތެރޭގައި ނެރުނު ނަމޫނާ ގާނޫނުލް އުގޫބާތެއްގެ މައްޗަށް އެކުލަވައިލެވުނު ގާނޫނެކެވެ. އެ ގާނޫނުގެ މައިގަނޑު އަނެއް މަސްދަރަކީ އިސްލާމީ ޝަރީއަތެވެ. އެހެންކަމުން، ޖިނާއީ ގާނޫނުގެ ދާއިރާގައި ވެސް އަޅުގަނޑުމެންގެ ކޮލެޖުތަކާއި ޔުނިވަރުސިޓީތަކުގައި ކިޔަވައިދޭ މާއްދާޔަކީ، ގައުމުގައި އަމަލު ކުރެވެމުން ދިޔަ ގާނޫނުތަކުގެ މައްޗަށް އެކުލަވައިލެވިފައި އޮތް މާއްދާއެއް ނޫނެވެ.

ދެވަނަޔަށް ފާހަގަ ކުރެވުނު ކަމަކީ، އަދާހަމަ ކުރުމެއް ނެތި، އެތައް އަހަރެއް ވާންދެން، މުގައްރަރުތައް ބޭނުން ކުރަމުން ދިޔުމެވެ. ނަތީޖާއެއްގެ ގޮތުން، ދަރިވަރުންނަށް އެންމެ ފަހުގެ ޓެކްސްޓް ފޮތްތަކަކުން ކިޔަވައެއްނުދެވެއެވެ. ކޯޓުތަކުން ނިންމައިފައި ހުންނަ އެންމެ ފަހުގެ ގަޒިއްޔާތަކެއް ކިޔަވައެއްނުދެވެއެވެ. ބައެއް މާއްދާތަކުގައި ކިޔަވައިދެވެމުން ދިޔައީ، މާ ކުރީގެ ގަޒިއްޔާތަކުން އެކަށައެޅިފައި ހުރި، ފަހުގެ ގަޒިއްޔާތަކުން ބާތިލު ކުރެވިފައި ހުރި އުސޫލުތަކާއި ހަމަތަކެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގަޒިއްޔާތައް ވަރަށް މަދު ހާލަތެއްގައި މެނުވީ، މުގައްރަރުގައި ހިމެނިގެން ކުދީންނަށް ކިޔަވައިދެވޭ ތަނެއް ނުފެނެއެވެ.

ތިންވަނަޔަށް ފާހަގަ ކުރެވުނު ކަމަކީ، ޝަރުއީ އަދި ގާނޫނީ ތައުލީމުގެ މުއައްސަސާތައް އޮތް ނިކަމެތި ހާލަތެވެ. އެ ތަންތަނަށް އިންސާނީ ވަސީލަތްތަކުގެ ގޮތުން ދިމާ ވެފައި ހުރި ދަތިތައް ފަދަ ކަންކަމެވެ. އެއިރު، ގައުމީ ޔުނިވަރުސިޓީ އާއި އިސްލާމީ ޔުނިވަރުސިޓީގެ ޝަރީއަތާއި ގާނޫނުގެ ފެކަލްޓީތައް ހިންގަމުން ދިޔައީ ހަތަރު ފަސް ހައެއްކަ މުއައްޒަފުން، ކަށީން ހިތްވަރު ނެރެގެންނެވެ. އެ މުއައްޒަފުން މަސައްކަތް ކުރަމުން ގެންދިޔަ ގޮތް ދުށް މީހެއްގެ ހައިސިއްޔަތުން، އަޅުގަނޑު އެމީހުންނަށް ހަމްދަރުދީ ވެއެވެ. ނަމަވެސް ދައުލަތުން އެ ތަންތަން ހަރުދަނާ ކޮށް، އެކަށީގެންވާ އަދަދަށް މުއައްޒަފުން ލުން ފަދަ ކަންކަމުގެ ބަދަލުގައި، އަބަދު ވެސް ވިސްނަނީ ސިޔާސީ މީހުންނަށް ވަޒީފާ ދިނުމަށެވެ. ނަތީޖާއެއްގެ ގޮތުން، ގައުމަށް ބޭނުން ވާ މުހިއްމު މުއައްސަސާތަކަށް މުއައްޒަފުން ހޯދުމުގައި، އަބަދުވެސް އޮންނަނީ ބަޖެޓު ނުލިބުމުގެ ދަތިކަން ކުރިމަތި ވެފައެވެ.

ހަތަރުވަނަ ކަމަކީ، ޝަރީއަތާއި ގާނޫނުގެ ތައުލީމު ދޭ ތަންތަނުގައި އިލްމީ ވަސީލަތްތައް ނުހުންނަކަމެވެ. ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގެ ލޯވ ލައިބްރަރީގެ މަޖުމޫއާޔަކީ ވެސް ވަރަށް ފަގީރު މަޖުމޫއާއެކެވެ. އިސްލާމީ ޔުނިވަރުސިޓީގެ ކުތުބުޚާނާގެ ހާލަތު އެޔަށްވުރެ ވެސް ދަށެވެ. އިސްލާމީ ޝަރީއަތާއި ފިޤުހާއި އުޞޫލުލްފިޤްހުގެ ދާއިރާއިން ވިޔަސް، އަދި ހުޅަނގުގެ ގާނޫނީ އިލްމުގެ ދާއިރާތަކުން ވިޔަސް، އެކަށޭނަ މިންވަރަކަށް އެ ކުތުބުޚާނާތަކުގައި ފޮތެއް ނުހުރެއެވެ. ގިނަ މާއްދާތަކަކުން، ކުތުބުޚާނާގައި އޮންނާނީ ގިނަ ވެގެން ދެތިން ކޮޕީއެވެ. އެއިން ފޮތެއް އަތު ނުޖެހި، ސެމެސްޓަރެއް ފާއިތު ވާންދެން ވެސް ކުއްޖަކު ހުންނާން ޖެހިދެއެވެ. ކުރުކޮށް ދަންނަވާ ނަމަ، އަޅުގަނޑުމެންގެ އެއްވެސް ޔުނިވަރުސިޓީއެއް ކޮލެޖެއްގައި، ޝަރީއަތާއި ގާނޫނުގެ ޑިގްރީއެއް ހަދާ ދަރިވަރަކަށް ފުދޭ ވަރުގެ ކުތުބުޚާނާއެއް ނުހުންނާނެއެވެ. މީގެ އިތުރުން، އޮންލޭނުކޮށް ދިރާސާ ކުރާން ބޭނުން ކުރެވޭ ޑޭޓާބޭސްތައް ވެސް ނުހުރެއެވެ.

ފަސްވަނަ މައްސަލަޔަކީ، ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ކިޔަވައިދެއްވާ އުސްތާޒުންނާ ގުޅޭ ކަންކަމެވެ. ކިޔަވައިދެއްވާ ބެއިފުޅުންނަށް ދެވޭ ކުޑަކުޑަ މުސާރައިގެ ސަބަބުންނާ ވެސް އެކު، ރާއްޖޭގެ ކޮލެޖުތަކާއި ޔުނިވަރުސިޓީތަކުގައި ފުލް-ޓައިމްކޮށް ކިޔަވައިދެއްވާނެ ބެއިފުޅުންނެއް ގާތްގަނޑަކަށް އެއްގޮތަކަށް ވެސް ނުލިބެއެވެ. ކިޔަވައިދެއްވާ ގިނަ ބެއިފުޅުންނަކީ ޕާޓް-ޓައިމް ލެކްޗަރާރުންނެވެ. އެ ބެއިފުޅުންނަށް ވެސް މާއްދާއެއް ކިޔަވައިދެއްވައިގެން، މަހަކު ލިބިވަޑައިގަންނަވާނީ ގިނަ ވެގެން ތިންހާހެއްހައި ރުފިޔާއެވެ. ގިނަ ބެއިފުޅުން އެކަން ކުރައްވަނީ ޔުނިވަރުސިޓީން އެދިވަޑައިގަތީތީ ކަމެއް ކޮށްދެއްވާ އުސޫލުންނެވެ. އެ ބެއިފުޅުން އަބަދުވެސް އިސްކަން ދެއްވަނީ އަދާ ކުރައްވާ ފުލް-ޓައިމް ވަޒީފާ ފަދަ އެހެން ކަންތައްތަކަށެވެ. ނަތީޖާޔަކީ ކްލާސްތައް ކެންސަލް ވުމާއި، މާކު ކުރުން ފަދަ ކަންކަން ކަނޑައެޅޭ ޝެޑިޔުލާ އެއްގޮތަށް ނުދިނުމާއި، މާކު ކުރުމުގައި ފަރުވާ ކުޑަ ކޮށްލެވުން ފަދަ ކަންކަމެވެ. މި ހުރިހާ ކަމަކަށް ވުރެ ބޮޑު މައްސަލަޔަކީ، އުސްތާޒުންގެ ގޮތުގައި ގެންދެވޭ މީހުންގެ ފެންވަރު ދަށްވުމެވެ. ރާއްޖޭގެ ނުވަތަ ބޭރުގެ ވިޔަސް ކޮލެޖަކުން ނުވަތަ ޔުނިވަރުސިޓީއަކުން ޑިގްރީ ހެދުމަށް ފަހު، ޖެހިގެން އަންނަ ސެމެސްޓަރުގައި ޑިގްރީ ކޯހަށް ކިޔަވައިދޭން އުޅޭތަން ފެނެއެވެ. މިހެން އުޅޭ ބައެއް މީހުންނަކީ، ޑިގްރީ ޕްރޮގްރާމުގައި އެމީހުން ނުވެސް ކިޔަވާ މާއްދާތައް ކިޔަވައިދޭން އުޅޭ މީހުންނެވެ.

ހަވަނަ މައްސަލަޔަކީ، އަޅުގަނޑުމެންގެ ކޮލެޖުތަކާއި ޔުނިވަރުސިޓީތަކުގައި ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ކިޔެވުމުގެ ފުރުސަތު ދިނުމުގައި، ވީހައި ގިނަ ކުދީންނަށް ޖާގަ ދިނުމަށް ވިސްނައިގެން، ފެންވަރެއް ނެތް ކުދީންނަށް ޖާގަ ދިނުމުގެ މައްސަލައެވެ. ހަމައެކަނި ފެންވަރު ނެތުމެއް ނޫނެވެ. ފަނޑިޔާރުކަމާއި ގާނޫނީ ވަކީލުކަން ކުރުމަށް ޓަކައި ތަމްރީނު ކުރެވޭ ކުދީންގެ އަޚްލާޤީ ބެކްގްރައުންޑު ވެސް ރަނގަޅަށް ނުބެލެއެވެ. ގޭންގުތަކުގައި މާރާމާރީ ހިންގުމާއި، މަސްތުވާ ތަކެތީގެ ވިޔަފާރި ކުރުމާއި، މަސްތުވާ ތަކެތި ބޭނުން ކުރުމާއި، މިފަދަ އެހެނިހެން ވެސް ކުށްތަކުގައި ބައިވެރި ވެ އުޅޭ މީހުންނަށް ވެސް ކޯސްތަކުން ފުރުސަތު ދެވިފައި އެބަހުއްޓެވެ. މީގެ އިތުރުން، ނުހަނު ޒިންމާދާރު ފުލްޓައިމް ވަޒީފާތަކުގައި އުޅޭ މީހުންނަށް ކޯސްތަކުން ފުރުސަތު ދީގެން، އެމީހުންގެ ވަޒީފާގެ ވަގުތުތަކަށް ބަލައިގެން، ހަވީރާއި، ދެ ނަމާދު ދޭތެރޭގައްޔާއި، ރެއިގަނޑާއި، ހަފުތާބަންދު ދުވަސްތަކުގައި ކުލާސްތައް ނަގައިދިނުމަކީ ވެސް އަޅުގަނޑުގެ ނަޒަރުގައި ހެދެމުންދާ ބޮޑެތި ގޯސްތަކެވެ.

ހަތްވަނަ ކަމަކީ، ދަރިވަރުން އެއްވެސް މަސައްކަތެއް ނުކޮށް، މާއްދާތަކުން ފާސް ވަމުން، ސެމެސްޓަރުތައް ފުރިހަމަ ކުރަމުން ގޮސް ކޯސް ނިންމާ މައްސަލައެވެ. ބައެއް ކުދީން ހަތަރު އަހަރުގެ ޑިގްރީ ކޯހެއް ނިންމަނީ އެއްވެސް ޓެކްސްޓް ފޮތެއް، ހަމަ އެންމެ ފަހަރަކު ވެސް ހުޅުވައިނުލައޭ މި ދަންނަވަނީ، އެއްވެސް ޝައްކެއް ނެތް މިންވަރަށް އެނގިހުރެއެވެ. އެތައް ކުދީން ހަދައިފައި ހުންނަ އެސައިންމަންޓުތަކުގައި، ވިކިޕީޑިޔާ އެންސައިކްލޮޕީޑިޔާއިން ފެށިގެން ގޮސް، އިންޓަރނެޓުގައި ހުންނަ އިލްމީ އެއްވެސް ބުރަދަނެއް ނެތް ލިޔުންތައް ފިޔަވައި އެހެން އެއްވެސް އެއްޗަކަށް ހަވާލާއެއް ނުދީ ހުރެއެވެ. އެފަދަ އެސައިންމަންޓުތަކަށް ނުވަދިހަ އިންސައްތައިން މާކުސް ދީފައި ހުއްޓާ ވެސް ފެނެއެވެ. ހަމައެހެންމެ، ބައެއް ކުދީން އެސައިންމެންޓުތައް ހައްދަނީ ތިމާގެ މީހަކު، ރައްޓެއްސަކު، ނުވަތަ ބައެއް ފަހަރު ކޮންމެވެސް މީހަކަށް ލާރި ދީގެންނެވެ. މިފަދަ ބޮޑު ޚިޔާނާތުން ކަންކަން ހިނގާ އިރު، މި ކަންކަން ހުއްޓުވާކަށް ޔުނިވަރުސިޓީތަކުން އެކަށޭނަ މަސައްކަތްތަކެއް ކުރާ ތަނެއް ވެސް ނުފެނެއެވެ. ހަގީގަތުގައި، ލޯވ ފެކަލްޓީތަކުގައި އެ މަސައްކަތް ކުރާނޭ ވަސީލަތްތަކާއި ފަންނީ ގާބިލިއްޔަތު ނުވެސް ހުންނަނީއެވެ. މިފަދަ ހާލަތެއްގައި، ދެން ދިމާ ވާ މައްސަލަޔަކީ، އެއްވެސް ދިރާސާއެއް ނުކޮށް، އިލްމީ އެއްވެސް ރިފަރެންސެއް ނުހަދައި، އިންޓަނެޓުން ތާކުންތާކު ނުޖެހޭ ލިޔުންތަކެއް ތަރުޖަމާ ކޮށްލައިގެން ކުދީން ހަދާ އެސައިންމެންޓަށް ދަށުން މާކުސް ދޭ ލެކްޗަރާރުންނަށް، ޔުނިވަރުސިޓީން ކުރިމަތި ކުރާ ޕްރެޝަރެވެ. ކުދީންނަށް ދަށުން މާކްސް ދޭތީ، އެއީ ލެކްޗަރަރގެ މައްސަލައެއް ކަމަށް ހެދުމަށް ދަރިވަރުންނާ ގުޅިގެން، ޔުނިވަރުސިޓީން ވެސް ބައެއް ފަހަރުފަހަރު މަސައްކަތް ކުރާކުރުމެވެ. ޚުދު ޔުނިވަރުސިޓީން ވެސް ބޭނުން ވަނީ، މީހާގެ ފެންވަރެއް ނެތަސް، އޭ ފާސް ނުވަތަ ބީ ފާސް ދީފައި، އެންމެން ގްރެޖުއޭޓް ކޮށްދިނުން ކަމަށް ހީ ވާ ފަހަރުފަހަރު އާދެއެވެ.

މި ދެންނެވީ، ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ތައުލީމު ދިނުމުގެ ނިޒާމުގައި ހުރި ބޮޑެތި ބައެއް މައްސަލަތައް ކަމަށް އަޅުގަނޑު ފާހަގަ ކުރި ބައެއް ކަންތައްތަކެވެ. ދެން މި ދަންނަވައިލަނީ، ނިޒާމު އިސްލާހު ކުރުމަށް ޓަކައި އަޅުގަނޑު ހުށައެޅި މުހިއްމު ބައެއް ކަންކަމެވެ.

އިސްލާހު ކުރުން

އިސް ވެ ދެންނެވުނު ބޮޑެތި މައްސަލަތައް ހައްލު ކުރުމުގެ އިތުރުން، އަޅުގަނޑުމެންގެ ޝަރީއަތާއި ގާނޫނުގެ ތައުލީމުގެ ނިޒާމު ހަރުދަނާ ކޮށް، އެ ނިޒާމުން ކިޔަވައިގެން ނުކުންނަ ކުދީންނަކީ އިލްމީ ގޮތުން ގާބިލު، އަދި ފަނޑިޔާރުކަމާއި ގާނޫނީ ވަކީލުކަމުގެ މަސައްކަތްތައް އެކަށޭނަ ފެންވަރެއްގައި ކުރެވޭނެ ބައެއްކަން ކަށަވަރު ކުރުމަށް ޓަކައި، ތިރީގައި މި ދަންނަވާ ފިޔަވަޅުތައް އެޅުން މުހިއްމުކަމަށް އަޅުގަނޑު ހުށައެޅީމެވެ.

ފުރަތަމަ ކަމަކީ ޝަރީއަތާއި ގާނޫނުގެ ކޯސްތަކަށް ކުދީން ވެއްދުމުގައި ގެންގުޅޭ އިލްމީ މިންގަނޑުތައް މުރާޖައާ ކުރުމާއި، ލޯވ ސްކޫލް އެންޓްރެންސް ޓެސްޓެއް (އެލްސެޓް) ތައާރަފު ކުރުމެވެ. އަޅުގަނޑު ހުށައެޅީ، ޝަރީޢަތާއި ގާނޫނުގެ ކޯހަކުން ފުރުސަތު ދިނުމުގައި، އޯލެވެލުން ވެސް، އަދި އޭލެވެލުން ވެސް ހޯދި ނަތީޖާއިން ވިހި ކްރެޑިޓް ހަމަ ނުވާ ކުދީންނަށް ފުރުސަތު ނުދިނުމަށެވެ. ކްރެޑިޓް ދިނުމަށް ޓަކައި ބަލާ ގޮތަށް ހުށައެޅީ، އޭ ފާހަކަށް ފަސް ޕޮއިންޓް، ބީ ފާހަކަށް ތިން ޕޮއިންޓް، އަދި ސީ ފާހަކަށް އެއް ޕޮއިންޓެވެ. ސީ ފާހަށް ވުރެ ދަށް ނަމަ ޕޮއިންޓެއް ނުދިނުމަށެވެ. މި އުސޫލުން ވިހި ޕޮއިންޓް ލިބޭ ކުއްޖާޔަށް ވެސް، ކޯހުން ފުރުސަތު ލިބޭނީ، އިސް ވެ ދެންނެވި ފަދައިން، އެލްސެޓް ފުރިހަމަ ކޮށްގެންނެވެ. އެލްސެޓަކީ ދަރިވަރުގެ އިލްމީ ހުނަރުތަކާއި، ވިސްނުމާއި، ތަބީއީ ގާބިލިއްޔަތު، އަދުލުއިންސާފުގެ ނިޒާމުގައި، ފަނޑިޔާރުކަން ނުވަތަ ވަކީލުކަމުގެ މަސައްކަތުގައި އުޅުމަށް ފުދޭތޯ ބެލުމަށާއި، އޭނާގެ ކިބައިގައި މަންތިގީ ވިސްނުމާއި، ތަންގީދީ ނަޒަރުން ކަންކަން ވަޒަން ކުރުމުގެ ގާބިލުކަން ހުރިތޯ ބެލުމަށް ޓަކައި ކުރެވޭ ޓެސްޓެކެވެ. ކިޔެވުންތަކެއް ކިޔަވައިގެން، އޭގެ އަލީގައި ޖަވާބު ދޭން ޖެހޭ ސުވާލުތަކެއް ހުންނަ ޓެސްޓެއް ނޫނެވެ. ހަމައެޔާއެކު، އެލްސެޓުގެ އެއް ބަޔަކަށް ވާނީ ދަރިވަރުގެ ބަހަވީ ގާބިލިއްޔަތެވެ. ދިވެއްސާއި އިނގިރޭސި ބަސް ރަނގަޅު ފެންވަރަކަށް އެނގުމާ އެކު، ޢަރަބި ބަސް ވެސް އިސްލާމީ ޝަރީޢަތުގެ ފޮތްތައް ދިރާސާ ކުރެވޭ މިންވަރަށް އެނގުމަކީ، ޝަރީޢަތާއި ޤާނޫނުގެ ދާއިރާގައި އުޅޭ ބަޔަކަށް މުހިއްމު ވާނެ ކަމެކެވެ. އެހެންކަމުން، އަޅުގަނޑުގެ ހުށައެޅުމުގައި، ޝަރީޢަތާއި ޤާނޫނުގެ ޑިގްރީ ކޯހަށް ވަދެވޭނީ ދިވެހި ބަހުން ބީ ފާސް އޮވެފައި، ޢަރަބި ބަހުން ނުވަތަ އިނގިރޭސި ބަހުން ދަށް ވެގެން އޭލެވެލް ބީ ފާހެއް އޮވެގެންނެވެ. އަދި ގްރެޖުއޭޓް ވާނީ މި ދެ ބަހުން ވެސް، ޔުނިވަރުސިޓީން ދޭ ޓެސްޓަކުން ފާސް ވެގެންނެވެ.

ދެވަނަ ކަމަކީ، ޝަރީޢަތާއި ޤާނޫނުގެ ޑިގްރީ ކޯހުން ފުރުޞަތު ދޭ އިރު، ވަރަށް ހަރުކަށިކޮށް، ކުއްޖާގެ ޖިނާއީ އަދި ސުލޫކީ ރިކޯޑު ބެލުމެވެ. އެކަމަށް ޓަކައި، މަދަރުސާގެ ސުލޫކީ ރިކޯޑާއި، ޕޮލިސް ރިޕޯޓާއި، އަދި އާއްމު ޖިނާއީ ރިކޯޑަށް ރިއާޔަތް ކުރުމެވެ. ކުއްޖާގެ ސުލޫކާއި، އަޚްލާޤާ މެދު ޝައްކު އުފެދި، އޭނާޔަކީ ފަނޑިޔާރުކަން ނުވަތަ ވަކީލުކަމުގައި މަސައްކަތް ކުރާ އިރު، ފުރިހަމަ ނަޒާހަތްތެރިކަމާ އެކު މަސައްކަތް ކޮށްފާނެ ކުއްޖެއްކަމާ މެދު ޝައްކު އުފައްދާ އެއްވެސް ރިކޯޑެއް އޮތް ނަމަ، ކުއްޖާޔަށް ކޯހުން ފުރުޞަތު ނުދިނުމެވެ.

ތިންވަނަ ކަމަކީ، ދިވެހިރާއްޖޭގައި ފަނޑިޔާރުކަން ނުވަތަ ޤާނޫނީ ވަކީލުކަން ކުރެވޭނީ އިސްލާމީ ޝަރީޢަތާއި ޤާނޫނާ ދެ ބައި ހިމެނޭ ގޮތުން، ފަސް އަހަރުގެ ކޯހެއް، ފުލްޓައިމްކޮށް ކިޔަވައިގެން ފުރިހަމަ ކޮށްފައި ވާ މީހަކަށް ކަމުގައި ހެދުމެވެ. ހަމައެކަނި އިސްލާމީ ޝަރީޢާ، ނުވަތަ ހަމައެކަނި ޤާނޫނު، ނުވަތަ ފަސް އަހަރަށް ވުރެ ކުރު މުއްދަތުގެ ކޯހެއް، ނުވަތަ ޕާޓް-ޓައިމްކޮށް ކިޔަވައިގެން ކޯސް ހަދައިފައި ވާ ނަމަ، އެ މީހަކަށް ޝަރުޢީ އަދި ޤާނޫނީ ޚިދުމަތުގައި މަސައްކަތް ކުރުމުގެ ފުރުޞަތު އޮތް ނަމަވެސް، ފަނޑިޔާރުކަމާއި ޤާނޫނީ ވަކީލުކަން ނުކުރެވޭ ގޮތަށް އޮތުމެވެ. މިހެން ދެންނެވި ނަމަވެސް، އަޅުގަނޑުގެ ހުށައެޅުމުގައި، އިސްލާމީ ޝަރީޢަތް ނުވަތަ ޤާނޫނު އެކަނި ކިޔަވާ މީހުންނަށާއި، ފަސް އަހަރަށް ވުރެ ކުރު މުއްދަތެއްގައި ކިޔަވައިގެން ޑިގްރީ ހާސިލު ކުރާ ފަރާތްތަކަށް، ފަނޑިޔާރުކަމާއި ވަކީލުކަން ކުރެވޭނެ އިތުރު ގޮތެއް ހިމެނީމެވެ. އެއީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރުސިޓީން ނުވަތަ އިސްލާމީ ޔުނިވަރުސިޓީން، ނުވަތަ ހުއްދަ ދެވިފައި ވާ ރާއްޖޭގެ ކޮލެޖަކުން، އެ ދަރިވަރެއްގެ ޑިގްރީގައި އުނި ވާ މާއްދާތަކާއި ބައިތައް، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާއަކުން ފުރިހަމަ ކުރުމެވެ. މި ވާހަކަ ދައްކާ އިރު ވެސް، އިސްލާމީ ޝަރީޢަތް ދެކެ ބިރު ގަންނަ ބަޔަކު އަޅުގަނޑުމެންގެ ތެރޭގައި ބާރުގައި ތިބިކަން އަޅުގަނޑު ހަނދާނެއް ނުނެތެއެވެ. އަދި މި ހުށައެޅުމާ ދެކޮޅަށް އެމީހުން ފުންމައިގަންނާނޭކަން ވެސް އެނގެއެވެ. ނަމަވެސް އަޅުގަނޑުގެ ނަޒަރުގައި، އިސްލާމީ ޝަރީޢަތް ނުހިމެނޭ ގޮތަށް ކިޔަވާ ބަޔަކު ދިވެހިރާއްޖޭގައި ފަނޑިޔާރުކަމާއި ވަކީލުކަމުގައި ތިބުމަކީ ދިވެހި ރައްޔިތުންނަށް ދެވޭ ދެރައެކެވެ. ބޮޑު ޚިޔާނާތެކެވެ. އަދި އެއީ ޤާނޫނުއަސާސީގެ ޙަޤީޤީ މަފްހޫމާއި ރޫޙަށް ބަލާ އިރު، ހުއްދަ ކުރެވޭނެ ކަމެއް ވެސް ނޫނެވެ.

ހަތަރުވަނަ ކަމަކަށް އަޅުގަނޑު ހުށައެޅީ، ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން ކިޔަވައިދެއްވާ ބެއިފުޅުންގެ ކަންކަން ހަރުދަނާ ކުރުމެވެ. އެގޮތުން، އެ ބެއިފުޅުންގެ މުސާރަ ބޮޑު ކުރުމާއި، ކޮންމެ ޝަރީޢާ ޤާނޫނު ފެކަލްޓީއަކަށް ވެސް މަދު ވެގެން ތިން ހަތަރު ޕްރޮފެސަރުން ރާއްޖެއިން ބޭރުން ގެނައުމާއި، ފުލް-ޓައިމް ލެކްޗަރާރުން ގިނަ ކުރުމާއި، އެ ލެކްޗަރާރުންނަށް ކިޔަވައިދިނުމާއި ދަރިވަރުންގެ ފެންވަރު ވަޒަން ކުރުމުގެ ހުނަރުތައް ދަސް ކޮށްދޭ ސެމިނާރުތައް ފަދަ ޕްރޮގްރާމްތައް އަހަރުން އަހަރުން ހިންގުން ފަދަ ކަންކަން ކުރުމަށް އަޅުގަނޑު ހުށައެޅީމެވެ. އަދި ޑިގްރީއަށް ކިޔަވައިދެއްވާ ބެއިފުޅުންނަކީ މާސްޓަރޒް ފެންވަރުގެ، ނުވަތަ ޑިގްރީ ހެއްދެވުމަށް ފަހު، އެ ބެއިފުޅަކު ކިޔަވައިދެއްވާ މާއްދާޔަކުން މަދުވެގެން ހައެއްކަ އަހަރުގެ ޢިލްމީ އަދި ފަންނީ މަސައްކަތް ކުރައްވައި ތަޖުރިބާ ހޯއްދަވައި، މަދުވެގެން އެއް ކަރުދާސް ނަމަވެސް ޝާއިޢު ކުރައްވައިފައި ހުންނެވި ބެއިފުޅަކަށް ވުން ލާޒިމު ކުރުމަށް ވެސް ހުށައެޅީމެވެ.

އިތުރު ބައެއް ކަންކަން

ޔޫރަޕާއި މެދުއިރުމަތީގެ ގައުމުތަކަށް ބަލައިލިޔަސް، އަޅުގަނޑުމެންނަށް ފެންނަނީ ފަނޑިޔާރުކަމާއި ވަކީލުކަމަކީ އެހައި ފަސޭހަ ގޮތަކަށް ކުރެވޭ ކަންކަން ނޫންކަމެވެ. މިސާލަކަށް ޖަރުމަނު ނަގަމާތޯއެވެ! ޖަރުމަނު ވިލާތުގައި ގާނޫނީ ދާއިރާއިން މީހަކު ކޮލިފައި ވަނީ ފަސް އަހަރުގެ ޑިގްރީ ކޯހެއް ފުރިހަމަ ކުރުމުންނެވެ. އަދި އެ ކޯސް ފުރިހަމަ ކުރިޔަކަސް، އެ މީހަކަށް ފަނޑިޔާރުކަން ނުވަތަ ގާނޫނީ ވަކީލުކަމެއް ނުކުރެވެއެވެ. މި ދެ ޕްރޮފެޝަނަށް މީހަކު ކޮލިފައި ވަނީ، ނުވަތަ "ވޮލްޔުރިސްޓް" އެއްގެ ގޮތުގައި އެ މީހަކު ބަލައިގަނެވެނީ އިތުރު ދެ އަހަރުގެ ކިޔެވުމާއި ތަމްރީނު ފުރިހަމަ ކޮށް، އިމްތިހާނަކުން ފާސް ވުމުންނެވެ. ތުރުކީ ވިލާތް ފަދަ ބައެއް ގައުމުތަކުގައި، ފަނޑިޔާރުކަމަށް ކޮލިފައި ވަނީ އެކަމަށް ޚާއްސަ، އިތުރު ދެ އަހަރުގެ ތަމްރީނާއި ކިޔެވުމުގެ ކޯހެއް ފުރިހަމަ ކުރުމުންނެވެ.

އަޅުގަނޑުގެ ކަރުދާހުގައި ހުށައަޅައިފައި ވާނީ، ފަސް އަހަރުގެ ޑިގްރީ ކޯހެއް ފުރިހަމަ ކުރުމުން، ގާނޫނީ ވަކީލުކަމަށް ޝަރުތު ހަމަ ވެ، ޕްރޮވިޝަނަލް ލައިސަންސެއް ލިބޭ ގޮތަށެވެ. އެ ލައިސަންސް ލިބޭތާ އެއް އަހަރު ނުވަތަ ދޮޅުއަހަރުގެ މުއްދަތުގެ ތެރޭގައި، 120 ގަޑި އިރުގެ ބާރ ތަމްރީނު ފުރިހަމަ ކުރުމުން، ލައިސަންސް ދާއިމީ ވާ ގޮތަށެވެ. ފަނޑިޔާރުކަމަށް ދިޔުމަށް ޓަކައި، ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން ދޮޅު އަހަރު ނުވަތަ ދެ އަހަރުގެ އިތުރު ފުލް-ޓައިމް ކޯހެއް ފުރިހަމަ ކުރާ ގޮތަށް ވެސް އޮތުމަށެވެ. މި ކަންކަމާ އެކު، އަޅުގަނޑު ހުށައަޅައިފައި ވާނީ، ޝަރުޢީ އަދި ޤާނޫނީ ތަޢުލީމުގެ ނިޒާމުގެ ކަންކަން، ދިވެހިރާއްޖޭގެ ޖުޑީޝަރީ އާއި، އެޓަރނީ ޖެނެރަލްގެ އޮފީހާއި، ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހާއި، ދިވެހިރާއްޖޭގެ ބާރ އެސޯސިއޭޝަނާއި، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރުސިޓީ އާއި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރުސިޓީ އާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ތަމްސީލު ކުރެވޭ ކޮމިޓީއެއްގެ ލަފަޔާ އެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އިސް ވެ ބަލަހައްޓަވާ ގޮތަށް އިންތިޒާމު ކުރުމަށެވެ. އެނގިވަޑައިގަންނަވާނެ ފަދައިން، މިކަން ވެސް މިހާރު އޮތީ، ވަކި ބައެއްގެ އަތްމައްޗަށް ދިވެހިރާއްޖޭގެ ޤާނޫނީ ވަކީލުންގެ ހުރިހައި ކަމެއް ފިރައިލުމުގެ ނުބައި އެދުމުގައި ފަރުމާ ކުރި "ދިވެހިރާއްޖޭގެ ޤާނޫނީ ޚިދުމަތުގެ ޤާނޫނު" ގެ ދަށުން، ބާރ އެސޯސިއޭޝަނުގެ ބާރުގެ ދަށަށް ގެންގޮސް، އެހެން އެއްވެސް ފަރާތަކަށް ބަސް ނުކިޔޭ ކަމަކަށް ހަދައިފައެވެ. އެކަން ކޮށްފައި ވަނީ، ވަކި ބެއިފުޅަކަށް ބާރ އެސޯސިއޭޝަނުގެ ރައީސްކަން ލިބިވަޑައިގަންނަވާނެކަމަށް އޮތް ޔަޤީންކަމެއްގެ ބޮޑުކަމުންކަން ވެސް އެއީ އެނގޭ ކަމެކެވެ. އެ ބެއިފުޅާޔަށް އެއިރު ކަން ދިމާ ކުރި ގޮތުން، ކައުންސިލުގެ ރައީސްކަން ލިބިވަޑައިނުގަތީއެވެ.

ވަރަށް ޚުލާޞާ ގޮތެއްގައި މި ދަންނަވައިލީ، ރާއްޖޭގެ ޝަރީޢަތާއި ޤާނޫނުގެ ތަޢުލީމުގެ ނިޒާމު ހަރުދަނާ ކޮށް އިޞްލާޙު ކުރުމަށް ޓަކައި އަޅުގަނޑު 2019 ވަނަ އަހަރުގެ ޖުޑީޝަލް ރިފޯރމް ކޮންފަރެންސުގައި ހުށައެޅި މައިގަނޑު ކަންކަމެވެ. ސާޅީހަކަށް ޞަފުޙާގެ ކަރުދާހެއްގައި ހިމެނޭ ހުރިހައި ކަމެއް، މި ކަހަލަ ކޮލަމެއްގައި ތަފްޞީލު ކޮށްނުދެވޭނެތީއެވެ. އަޅުގަނޑުގެ ކަރުދާހާއި ޕްރެޒެންޓޭޝަނުގައި ވާނީ، އަޅުގަނޑުގެ ޚިޔާލުތަކަށް ބާރު ދޭ ޒުވާބުތަކާއި، ކަމާބެހޭ ބައެއް ޢިލްމީ ދިރާސާތައް ވެސް ތަފްޞީލު ކޮށްދީފައެވެ. ނަމަވެސް މި ކޮލަމުގައި އެ ބައިތައް ވެސް ދޫ ކޮށްލީއެވެ. ހަމައެކަނި ރިކޯޑަކަށް ޓަކައި ލިޔުނު އެއްޗަކަށް ވާތީއެވެ.

comment ކޮމެންޓް