އަފްޣާނިސްތާނުގައި އެހީ ފޯރުކޮށްދޭ ގޮތާ ހިތްހަމަ ނުޖެހި ކުރި މުޒާހަރާއެއްގައި ހަ މަރު

އަފްޣާން ސަރުކާރުން ވަނީ އެހީ ބޭނުންވާ އެންމެންނަށްވެސް އެހީ ފޯރުކޮށްދޭނެ ކަމަށް ބުނެފަ -- ފޮޓޯ: ރޮއިޓާސް

ކާބުލް (މެއި 10): އަފްޣާނިސްތާނުގައި ކާނާގެ އެހީ ފޯރުކޮށްދެނީ ހަމަހަމަ ގޮތަކަށް ނޫން ކަމަށް ބުނެ އިއްޔެ އެގައުމުގެ ފީރޯޒްކޯ ސިޓީގައި ކުރިއަށްގެންދިޔަ މުޒާހަރާއެއްގައި ފުލުހުންނާ ދެމެދު ކުރިމަތިލުމެއް ހިނގައި، ހަ މީހަކު މަރުވެއްޖެ އެވެ.

އަފްޣާނިސްތާނުގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ މީހުން އެއްވެ އުޅުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ކާނާ ލިބުން ދަތިވެފައިވާ މީހުންނަށް ކާނާ ފޯރުކޮށްދިނުމުގެ މަސައްކަތް އެގައުމުގެ ސަރުކާރުން ވަނީ ފަށާފަ އެވެ.

ނަމަވެސް އެގައުމުގައި އެހީ އެންމެ ބޭނުންވާ މީހުންނަށް އެހީ ލިބެމުން ނުދާ ކަމުގެ ރިޕޯޓުތައް ފެންމަތިވެފައިވާ ކަމަށް އަފްޣާން އިންޑިޕެންޑެންޓް ހިއުމަން ރައިޓްސް ކޮމިޝަނުން ބުންޏެވެ. އަދި އެހީ ލިބެނީ ކަމާ ބެހޭ އޮފިޝަލުންނާ ގުޅުން އޮތް މީހުންނަށް ކަމާ ބުނާ ޝަކުވާތައް ލިބިފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އެ އެހީއާ ބެހޭ ގޮތުން އިއްޔެ ކުރި މުޒާހަރާގައި ބަޑި ހިފައިގެން ތިބި ބަޔަކު ވަނީ ސަރުކާރުގެ އޮފީހަކަށް ހަމަލާ ދީފައި ކަމަށް އަފްޣާން އިންޓީރިއާ މިނިސްޓްރީން ބުންޏެވެ. އޭގެ ސަބަބުން ފުލުުހުންނަށްވެސް ބަޑި ޖަހަން ޖެހުނު ކަމަށާއި މަރުވި މީހުންގެ ތެރޭގައި ދެ ފުލުހުން ހިމެނޭ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ އެ ހާދިސާގައި ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރި މައްސަލަ ތަހުގީގު ކުރަން ގޮވާލާފަ އެވެ.

އަފްޣާން ނައިބު ރައީސް އަމްރުﷲ ސާލިހު ވަނީ އެ ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށާއި ކޮރޯނާވައިރަހުގެ ސަބަބުން މާލީ ގެއްލުންތައް ލިބިފައިވާ އެންމެންނަށްވެސް ކާނާ ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފަ އެވެ.

މިދިޔަ ފެބްރުއަރީ މަހު އަފްޣާނިސްތާނުން ކޮރޯނާވައިރަސް ފެނުނު ފަހުން އެގައުމުގައި 4،000އަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 115 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް