ވެމްކޯ ކޯލްސެންޓަރުގެ މުވައްޒަފަކުވެސް ޕޮޒިޓިވް ވެއްޖެ

ވެމްކޯ ކުނި ކަލެކްޝަން މީހުން ގޭގެއިން ކުނި ނަގަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވެމްކޯގެ ކޯލް ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފަކުވެސް ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު މިއަދު "ސަން" އަށް ވިދާޅުވީ ކޮވިޑް19 އަށް ޕޮޒިޓިވް ވި މުވައްޒަފަކީ މިމަހުގެ ދެވަނަ ދުވަހުން ފެށިގެން ގޭގައި މަޑުކުރަން އަންގާފައިވާ މުވައްޒަފެއް ކަމަށެވެ.

"ކިރިޔާވެސް ބަލީގެ އަލާމާތެއް ހުންނަންޔާ، މަސައްކަތަށް މުވައްޒަފުން ނުނެރެން، އެ މުވައްޒަފުން ގޭގައި އައިސޮލޭޓުވާން އަންގާފައި އޮންނާނީ،" އާދަމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކޯލް ސެންޓަރުގެ މުވައްޒަފަކު ޕޮޒިޓިވް ވުމާ ގުޅިގެން ކުންފުނީގެ ހެޑްއޮފީސް ޑިސް އިންފެކްޓު ކުރަން ނިންމާފައިވާ ކަމަށެވެ.

މިކަމުގެ ސަބަބުން ކުނި ނެގުމުގެ އެއްވެސް ކަމަކަށް ބުރޫ ނާރާނެ ކަމުގެ ޔަގީންކަން އެމްޑީ ދެއްވި އެވެ.

"އިރާދަ ކުރެއްވިއްޔާ ކުންފުނީގެ މެއިން އޮޕަރޭޝަނަކަށް ބުރުލެއް ނާރާނެ. އެކަމަކު ކޯލް ސެންޓަރުގެ ހިދުމަތް މިވަގުތު މިއޮތީ ހުއްޓިފައި. މިހާރު މި މަސައްކަތް ކުރަނީ އައްޑޫ ރީޖަން އަށް ޑައިވާޓު ކުރެވޭތޯ، ނޫނީ އެޖެންޓުންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ގޮތެއް ހެދޭތޯ. 24 ގަޑިއިރު ތެރޭ ކޯލް ސެންޓަރުގެ ހިދުމަތްވެސް ފެށޭނެ،" އެމްޑީ ވިދާޅުވި އެވެ.

އާދަމް ވިދާޅުވީ ޕޮޒިޓިވްވި މުވައްޒަފާ ކޮންޓެކްޓުވި އެހެން މުވައްޒަފުން ދެނެގަތުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ކޯލް ސެންޓަރުގެ ހުރިހާ މުވައްޒަފުން ޓެސްޓު ކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 744 އަށް އަރާފައިވާއިރު މި ބަލީގައި މިހާތަނަށް ތިން މީހަކު ވަނީ މަރުވެފަ އެވެ. ބަލިން ރަނގަޅުވެފައިވަނީ 20 މީހެކެވެ.

comment ކޮމެންޓް