ޓެސްޓް ކުރާކަށް ވަގުތެއް ނެތެވެ.

މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުން --- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް 100 ދުވަސް ފުރުނު މުނާސަބަތާ ގުޅޭ ގޮތުން ބޭއްވި ނޫސްކޮންފަރެއްސުގައި އަޅުގަނޑު ބައިވެރިވީމެވެ. އެ ދުވަހު އަޅުގަނޑު ރައީސް އަރިހުން އެހި އެއް ސުވާލަކީ ސަރުކާރަށް 100 ދުވަސް ފުރޭ އިރު ރަނގަޅަށް މަސްއޫލިއްޔަތު އަދާ ނުކުރެވޭ، ނޫނީ ޕާފޯމް ނުކުރޭވޭ މިނިސްޓަރުން މިނެ، އެފަދަ މީހުން ވަކިކޮށް ޕާފޯމް ކުރެވޭނެ ބަޔަަކަށް ފުރުސަތު ދެއްވާނެތޯ އެވެ. އެ ސުވާލަށް ޖުމުލަކޮށް ރައީސް ދެއްވި ޖަވާބަކީ އެކަން ބައްލަވަމުން އަންނަ ވާހަކަ އެވެ.

ރަނގަޅު ވާހަކަ އެކެވެ. ފަަހަރުގައި ބޭފުޅެއްގެ ޕާފޯމަންސް މިނެލުމަަށް 100 ދުވަހަކީ ކުރު މުއްދަތަކަށް ވެދާނެ އެވެ. އެކަމަކު ފަސް އަހަރަށް ރައްޔިތުން އިންތިހާބު ކުރާ ސަރުކާރެއްގެ މިނިސްޓަރުން މިނެލުމަށް އެއް އަހަރަކީ ހަމަ ޔަގީނުން ވެސް އެކަށީގެންވާ މުއްދަތެކެވެ. ސުވާލަކީ އިބްރާހީމް މުހައްމަދު ސޯލިހުގެ 20 މެންވަރުންގެ މައްޗަށް އެކުލެވޭ، މަތި ބަރު ކެބިނެޓުގައި ހުރިހާ މިނިސްޓަރުންނަކީ ވެސް ހަމަ ފުރިހަމަ އަށް ޑެލިވާ ކުރައްވާ، ނޫނީ އެންމެ ކުޑަމިނުން 60 ޕަސެންޓަށް ވުރެ މަތީން ޕާފޯމްކޮށް، ޑެލިވާ ކުރައްވާ މިނިސްޓަރުންތޯ އެވެ؟ އެހެން ކަމަށްވާ ނަމަ ވަރަށް ރަނގަޅެވެ.

ނަމަވެސް އަޅުގަނޑަށް ފެންނަނީ އެ މަންޒަރެއް ނޫނެވެ. ވެރިކަމަށް އައުމަށް ކޯލިޝަނެއް ހެދީތީ، އެއިން ކޯލިޝަނަކުން އައްޔަންކޮށްފައިވާ ކޮންމެ ބޭފުޅަކީ ޑެލިވާ ކުރެެއްވިއަސް އަދި ނުކުރެއްވިއަސް، ގޮނޑިގައި އިންނެވުގެ ލައިސަންސް ދެއްވާފައިވާ ތަނެވެ. މިއީކީ އިންސާފެއް ނޫނެވެ. ރައްޔިތުން ސަރުކާރެއް އިންތިހާބު ކުރަނީ ފަސް އަހަރުގެ ތެރޭގައި ކަންތައްތަކެއް ރައްޔިތުންނަށް ކޮށްދިނުމެވެ. ވަކީން ހާއްސަކޮށް އެ ޕާޓީއެއް ނޫނީ ކޯލިޝަންއެއްގެ މެނިފެސްޓޯގައި ހުރި ކަންކަން ޑެލިވާކޮށް ދިނުމަށެވެ. އެކަންކަން ކުރުމުގެ މަސްއޫލިއްޔަތު ކޮނޑުފުޅުގައި އެޅިފައިވާ ފަރާތްތަކަކީ ވަޒީރުންނެވެ. އެ ބޭފުޅުންނަށް އެކަން ނުކުރެވި، މީހުން މާޔޫސްވާ ނަމަ އެކަން ބަލައިގަތުމަކަށް އެހާ ދަސޭހައެއް ނޫނެވެ.

އަޅުގަނޑަކީ ކެޕިޓަލިސްޓް އުސޫލު ގަބޫލު ކުރާ މީހެކެވެ. ހަމަ އެއާ އެކު ކެޕިޓަލިސްޓް އުސޫލުގެ ތެރެއިން ފުއްދުންތެރިކަން ނެތް ފަރާތްތަަކަށް އެހީތެރިވެވޭނެ ސޯޝަލިޓް އުސޫލެއް ވެސް އެއޭގެ ތެރެއަށް ލެއްވިދާނެ ކަމަށް ގަބޫލުކުރާ މީހެކެވެ. ޓެކްސްގެ ނިޒާމެއްގެ ތެރެއިން އެކަން ފުއްދޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަމެވެ. ރައްޔިތުންގެ މަޖިލީހުގެ ބައެއް ބޭފުޅުން އަޑުފުޅަށް ބާރުލައްވާފައި ޕޮޕިއުލާ ޕޮލިޓިކްސް ކުޅުއްވުމަށް މުއްސަނދިންނާ ދެކޮޅަށް ދައްކަވާ ވާހަކަފުޅާ އަޅުގަނޑު ކަނޑައެޅިގެން ދެކޮޅެވެ. އެފަދަ ބޭފުޅުން ހީކުރައްވާ ގޮތުގައި، ޕާޓީ ކުދިން ހިތްރުއްސަން އެބަނދިވަރު ދެމުމަކީ މާ މޮޅު ކަމެކެވެ. އެކަމަކު އެއީކީ މޮޅު ކަމެއް ނޫނެވެ. ހަގީގަތުގައި އެ މޭރުމުން އެ ވާހަކަ ދައްކަވާ ބޭފުޅުންނަށް ގައުމުގެ އިގްތިސާދީ ސަރަކަ ހިނގާ ގޮތް އެނގިވަޑައިގަންނަ ވަނީ ކިހާވަރަކަށްތޯ، އެ ދައްކަވާ ވާހަކަފުޅުތަކުން ހިތަށް އަރަ އެވެ. އަދި ފަތިފައްޗަށް މަހުޖަނުންނޭ ކިޔައިގެން އެ ހަޅޭއް ލައްވާ ބޭފުޅުންނަށް ބިމު ކުއްޔާއި އަދި ޓީޖީއެސްޓީ އާއި އެ ނޫން ވެސް އެފަދަ ޓެކްސްތަކުގެ ގޮތުގައި އެ ވިދާޅުވާ ބޭފުޅުން ދައުލަތަށް ދައްކަވަނީ ކިހާވަރެއްގެ ފައިސާއެެއްކަން އެނގިވަޑައިގަންނަވާތޯ އެވެ؟ ހަމަ ޔަގީނުން ވެސް މަހަކު ލައްކައެއްހާ ރުފިޔާގެ މުސާރަ ނަންގަވާ ރައްޔިތުންގެ މަޖިލީހުގެ މެންވަރުންނާއި އަދި ކިތަންމެ ކުޑަ ދުވަސްކޮޅަކު ރައީސްކަން ކުރެއްވިއަސް، ތަފާތުކުރުމެއް ނެތި، ރައީސްކަން ކުރެއްވިހާ ބަޔަކަށް "މަހު އެތިކޮޅުގެ" ގޮތުގައި އެ ދެއްވާ އެތައް ލައްކަ ރުފިޔާގެ ފައިސާ ލިބިވަޑައިގަންނަ ވަނީ ވެސް އެ ވިދާޅުވާ މަހުޖަނުންނާއި އަދި އެންމެ އާދައިގެ މީހާ ވެސް ދައްކާ ޓެކްސް ފައިސާއަކުން ނޫންތޯ އެވެ؟

ކެޕިޓަލިސްޓް އުސޫލު އަޅުގަނޑު ގަބޫލު ކުރާ ބީދައިން ގައުމުގެ މަތީފަޑީގައި، ހާއްސަކޮށް ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއަރުވަން މަސައްކަތް ކުރާ މިނިސްޓްރީތަކުގައި ތިބެން ޖެހޭނީ، އިގްތިސާދީ ދާއިރާ އިން ކިޔަވައިން ތިއްބެވި، ނޫނީ އެ ވިސްނުމާއި އެ ފަންނުގެ ބޭފުޅުން ކަމަށް އަޅުގަނޑު ގަބޫލު ކުރަމެވެ. ކޮވިޑް19 އާ ގުޅިގެން ރާއްޖޭގައި ފައިސާ ޕްރިންޓް ކުރައްވަން ގަސްދު ނުކުރައްވާ ކަމަށް ވިދާޅުވިތާ މަސް ދެ މަސް ނުވަނީ ފައިސާ ޕްރިންޓްކޮށް ނޫނީ އެ ނޫން ނަމެއް ކިޔައިގެން ވެސް ރާއްޖެ ވަންނަ ޑޮލަރާ ނުބައްދަލު ފައިސާ މަނީ ސާކިއުލޭޝަނަށް ނެރުއްވަން ނިންމެވުމަކީ އަޅުގަނޑަށް މައްސަލައެކެވެ. އަދި ސަރުކާރުގެ މުވައްޒަފުންގެ މުސާރަ ކުޑަ ނުކުރައްވާނެ ކަމަށް ވިދާޅުވިތާ އެކި ދެތިން މަސް ނުވަނީސް، އެ ޕޮލިސީ ބަދަލުކުރަން ޖެހުމަކީ ވެސް އަޅުގަނޑަށް މައްސަލައެކެވެ. ރަނގަޅެވެ. އެ ދެކަމަކީ ވެސް މިހާލަތުގައި ކުރައްވަން ޖެހިވަޑައިގެންފާނެ ދެކަންތައް ކަމަށް ވެދާނެ އެވެ. އެހެނަސް ކޮވިޑް19އާ ގުޅިގެން ބޯމަތިން ނަގަމުން އަންނަ ރާޅުގެ އުސްމިން އަޅުގަނޑުމެންނަށް ވުރެ ބޮޑަށް، އަދި ކުރިން ފެނިވަޑައިގަންނަވާން ޖެހޭނެ ބޭފުޅުންނަކީ އެ ބޭފުޅުން ނޫންތޯ އެވެ. އެހެން ކަމާ އެކު، އެއީ ދުރުތިބީންނަށް ސަރުކާރުގެ ކޭޝްފްލޯ މެނޭޖު ކުރާ ގޮތާ މެދު، އިނގިލި ދިއްކުރުމަށް ލިބުނު ފުރުސަތެއް ނޫންތޯ އެވެ؟

ތެދުފުޅެކެވެ. ކޮންމެ ފަހަރަކު ގައުމުގެ ރައީސްކަން ކުރެއްވުމަށް އެކޮނަމީ ދާއިރާ އިން، ތައުލީމު އަދި ތަޖުރިބާ ހުރި ބޭފުޅަކު ނުލިބިދާނެ އެވެ. އަދި އެއީ މައްސަލައެއް ވެސް ނޫނެވެ. އެ ކަމަކު ރިޔާސީ ނިޒާމެއްގައި ރައީސުލްޖުމުހޫރިއްޔާގެ ކެބިނެޓްގައި ތިއްބަވަން ޖެހޭނީ އެ ފެންވަރުގެ ބޭފުޅުން ނޫންތޯ އެވެ؟ ބަރުލަމާނީ ނިޒާމެއް އިހުތިޔާރުނުކޮށް، ދިވެހި ރައްޔިތުން ރިޔާސީ ނިޒާމެއް އިހުތިޔާރު ކުރީ އެހެންވެގެން ނޫންތޯ އެވެ؟ ކެޔޮޅު މަސް ބަހާ އުސޫލުން ކެބިނެޓް ޕޯސްޓްތައް ބަހާކަށް ނުޖެހެ އެވެ. ކެބިނެޓަކީ ބޭބޭފުޅުންގެ އަނބިކަނބަލުންނާއި އަދި އެބޭބޭފުޅުންގެ އާއިލާ އާއި ގާތް ރައްޓިހެންނަށް ބަހަން އޮންނަ އެއްޗަކަށް ވެގެން ނުވާނެ އެވެ. އެހެނީ، ކެބިނެޓަކީ، ރައްޔިތުންގެ ޓެކްސް ފައިސާ އިން މުސާރަދީގެން ތިއްބަވާ، ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށް ތިއްބަވާ ބޭފުޅުންނަށްވެފައި އެ މަގަށް މަސައްކަތް ނުކުރެވޭ ނަމަ، އެ ނޫން ގޮތެއް ހޯދަން ޖެހެ އެވެ. އެ ބޭފުޅުން އެސެސް ކުރެވެން ޖެހެ އެވެ. ސަރުކާރު އެ އަށް ވުރެ ފޯރުންތެރިވާން ޖެހޭނެ ކަމަށް ގަބޫލު ކުރަމެވެ. ކޯލިޝަނުން ނޮމިނޭޓްކޮށްފައިވާ ބޭފުޅުންނަށް، ޑެލިވާ ނުކުރެވޭ ނަމަ، އެ ނޫން ބޭފުޅުން އެތަންތަނަށް ފޮނުވައި ދިނުމަށް ދެންނެވުމަކީ ކުރައްވަން ޖެހޭނެ ކަމެކެވެ.

ކުރިން ދެންނެވި ފަދައިން ކެޕިޓަލިސްޓް އުސޫލުން ގައުމުގެ އިގްތިސާދު ކުރިއަރައިގެން ދިޔުމަކީ އަޅުގަނޑުގެ އުންމީދެވެ. އެހެނީ ކޮންމެ ރައްޔިތަކީ ސަރުކާރުން "އެތިކޮޅު" ދެވޭނެ ބަޔަކަށް ނުވެފައި އެ މީހުންގެ އަތްމަތި ތަނަވަސްވާނެ ހަމަ އެކަނި ގޮތަކީ ގައުމުގެ އުފެއްދުންތެރިކަން ކުރިއަރުވައި، އިގްތިސާދީ ފުއްދުންތެރިކަން ކުރިއެރުވުނު މިންވަރަކުން ކަމަށްވާތީ އެވެ. އެ އުސޫލުން ބަލާ އިރު ގައުމުގެ އިގްތިސާދީ މަސައްކަތް ކުރަން ހުރި މިނިސްޓްރީތަކުގެ ދައުރު މިހާރަށް ވުރެ އެތައް ގުނައެއް މަތީން ފެންނަން ޖެހެ އެވެ. އެ ގޮތުން އެގްރިކަލްޗާ މިނިސްޓްރީގެ ދައުރު ވަރަށް ބޮޑުތަނުން މަތިވާން ޖެހޭ ކަމަށް އަޅުގަނޑު ދެކެމެވެ. ރާއްޖޭގައި ޒަމާނީ ދަނޑުވެރިކަމަށް ހުޅުވެން ހުރި ކޮންމެ ދޮރެއްގައި ޓަކިދޭން ޖެހެ އެވެ. ޕޯލްޓްރީ ފާމްތަކާއި ކަރާ، ބަރަބޯ، ކައްޓަލަ އަދި ވެސް ޓްރޮޕިކަލް ގައުމުތަކުގައި ހެއްދިދާނެ ކޮންމެ ބާވަތަކީ ރާއްޖޭގައި ވެސް ގޮވާން ކުރެވިދާނެ އެއްޗިއްސެވެ. ބޭނުން ވަނީ އެ މަގަށް މަސައްކަތް ކުރުމެވެ. ޑައިރެކްޝަން ދެއްކުމެވެ. ވިޔަފާރިވެރިން އިންވެސްޓް ކުރާނެ އެވެ. ރާއްޖޭގައި ހުރި ބޮޑެތި ފަޅުރަށްތަކާއި ގޮއިފާލުއްބަ ފަދަ ތަންތަން އެކަމަށް ހުޅުވާލާށެވެ. ހަނިމާދޫގައި ހުންނަ އެގްރިކަލްޗަރަލް ސެންޓަރަކީ ދަނޑުވެރިކަން ކުރުމަށް، މިނިސްޓްރީން ދެއްވާ، ޓޯޓަލް ސޮލިއުޝަން ކަމަށް ދެކޭ ނަމަ، އިތުރަށް ދަންނަވާނެ ވާހަކައެއް އަޅުގަނޑުގެ ނެތެވެ.

އަޅުގަނޑު މިވާހަކަތައް ދަންނަވާލީ މިސަރުކާރާ ތޭތެރޭ ހިތްނުތަނަވަސް ކަމެއް އޮވެނެއް ނޫނެވެ. ޑިމޮކްރެސީގެ ހަމަތަކާއި އުސޫލުތަަކަށް ބަލާ އިރު އަޅުގަނޑު މިސަރުކާރަށް 75 ޕަސެންޓަށް ވުރެ މަތީން މާކްސް ދެވިދާނެ އެވެ. އެހެނަސް އަޅުގަނޑު ނިންމާލުމުން ވެސް ދަންނަވާލަން އޮތީ ރައްޔިތުން އިންތިހާބު ކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވާހަކަ އެވެ. "އިސް ބަސް އަދި ފަހު ބަސް" ވެސް އަޅުގަނޑުމެން ބުނަން ބޭނުން ވަނީ ރައީސްގެ ދޫފުޅުންނެވެ. ޑޮކަޓަރުނާއި އިގްތިސާދީ ދާއިރާގެ ފަރާތްތަކާއި އަދި ވިޔަފާރިވެރިން ބައިވެރިކޮށްގެން ކަލެކްޓިވް ނިންމުންތައް ނިންމިދާނެ އެވެ. ޑަބްލިޔުއެޗުއޯ އިން ބުނާ، މުޅި ސަރުކާރު އަދި މުޅި މުޖުތަމިއު ބައިވެރިވެގެން އެކިޔާ "ހޯލިސްޓިކް" އެޕްރޯޗަކީ އެއީ ނޫންތޯ އެވެ.

comment ކޮމެންޓް