ސްޕެއިންގެ ބާސެލޯނާގެ ކުޅުންތެރިން ކޮވިޑް-19 އަށް ޓެސްތުކުރުމަށް ފަހު ނެގެޓިވްވުމުން ފަރިތަކުރުންތައް ފެށުމަށް ހުއްދަ ދީފި އެވެ.
ކޮވިޑް-19ގެ ސަބަބުން ލަލީގާ ހުއްޓާލެވިފައި އޮންނަތާ ދެ މަހަށް ވުރެ ގިނަ ދުވަސް ފާއިތުވެފައިވާ އިރު ސްޕެއިންގައި މިހާރު ބަލީގެ ކަންތައް މިވަނީ ކޮންމެވެސް ވަރަކަށް މަޑުޖެހިފަ އެވެ. މިއާ އެކު އެ ގައުމު އަލުން އާންމު ހާލަތަށް ރުޖޫއަކުރުމުގެ މަސައްކަތްތައް ވެސް މިވަނީ ފެށިފަ އެވެ.
ލަލީގާ ފެށޭނެ ތާރީޙެއް އަދި ހާމަކޮށްފައިނުވާއިރު ތާވަލުގެ އެއްވަނާގައި މިވަގުތު އޮތް ބާސެލޯނާއަށް މިވަނީ ފަރިތަކުރުންތައް ފެށުމަށް ހުއްދަ ދެވިފަ އެވެ. ބާސެލޯނާގެ ހުރިހާ ކުޅުންތެރިންހެން ބައްޔަށް ޓެސްޓުކޮށް ނެގެޓިވްވެފައިވާއިރު ލަލީގާއިން ވަނީ ފަރިތަކުރުންތައް ގެންދަން ޖެހޭނީ ހަތަރު ހަރުފަތެއްގެ ދަށުންކަމަށް އެ ކުލަބަށް އަންގައިފައެވެ.
ފަރިތަކުރުންތައް ކުރިޔަށް ގެންދަން ޖެހޭ ހަރުފަތްތަކުގެ ތެރެއިން ފުރަތަމަ ހަރުފަތްކަމުގައިވާ ކުޅުންތެރިން ވަކި ވަކިން ކުރާ އިންޑިވިޖުއަލް ފަރިތަކުރުންތައް މިހާރު ބާސެލޯނާއިން ވަނީ ފަށައިފަ އެވެ.
ބާސެލޯނާގެ ކުޅުންތެރިންގެ ތެރެއިން މިހާތަނަށް ކޮވިޑަށް ޓެސްޓުނުކޮށް ހުރީ ހަމައެކަނި ފްރާންސްގެ އުސްމާން ޑެމްބެލޭއެވެ. އޭނާގެ ޓެސްޓުތައް މި ހަފްތާ ނުވަތަ ކުރިޔަށް އޮތް ހަފްތާތެރޭގައި ކުރިޔަށްދާނެކަމަށް މައުލޫމާތު ލިބިފައިވާއިރު ޑެމްބެލޭގެ ޓެސްޓު ފަސކުރެވިފައިވަނީ އޭނާއަށް ލިބިފައިވާ އިންޖަރީއެއްގެ ސަބަބުންކަމަށް ވަނީ ގޯލްއިން ވަނީ ހާމަކޮށްފަ އެވެ.
ބާސެލޯނާގެ އިތުރުން ލަލީގާގެ ތާވަލުގެ ދެވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑުންވެސް ވަނީ ވަކި ވަކި ފަރިތަކުރުންތައް ފަށައިފަ އެވެ.
ލަލީގާގެ ރައީސް ހާވިއޭ ޓެބަސް ވަނީ ފުޓުބޯޅަ އަލުން ފެށުމަކީ ސްޕެއިން އަލުން އާންމު ހާލަތަކަށް ރުޖޫއަވާކަމުގެ ހެޔޮ ނިޝާނެއްކަމަށް ސިފަކޮށްފައެވެ. އަދި އެއީ އެންމެންވެސް ގަޔާވާ، ދަންނަ އަދި ލޯބިކުރާ ކަމެއް އަލުން ދިރިއުޅުމަށް އައުންކަމުގައިވެސް ބުނެފައެވެ.
ސްޕެއިންގައި ފުޓުބޯޅަ މުބާރާތްތައް އަލުން ފެށުމަށް ހުއްދަ ދެވިފައިވާއިރު ޖަރުމަންވިލާތުގެ ބުންޑަސްލީގާވެސް މޭ މަހުގެ މެދުތެރޭގައި ފެށުމަށް މިހާރު ވަނީ ނިންމިފަ އެވެ.
އެންމެ ފުރަތަމަ ބުންޑަސްލީގާގެ މެޗުތައް ކުޅެވޭނީ ސަޕޯޓަރުން ދަނޑަށް ނުވައްދާ ގޮތަށެވެ. ބެލެވޭ ގޮތުގައި ސްޕެއިންގައި ވެސް ލަލީގާ އަލުން ފެށޭނީ މި ޒާތަކަށެވެ.
ސްޕެއިން އަކީ މުޅި ދުނިޔެއިންވެސް ކޮވިޑް-19ގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރި އެއް ގައުމެވެ. އެގޮތުން އެ ގައުމުގައި 25،000އެއްހާ މީހުން ވަނީ އެ ބަލީގައި މަރުވެފަ އެވެ.