އިލޯން މަސްކްގެ ދަރިފުޅަށް ކިޔަނީ އާދައިގެ ނަމެއް ނޫން

ގްރައިމްސް އާއި އިލޯން މަސްކް، މެޓް ގާލާގެ އިވެންޓެއް ތެރެއިން --- ފޮޓޯ : ހޮލީވުޑްލައިފް

ޓެސްލާ ކުންފުނީގެ ސީއީއޯ އަދި މަޝްހޫރު ބިލިއަނަރު އިލޯން މަސްކް އާއި އޭނާގެ ބައިވެރިޔާ، މަޝްހޫރު ލަވަކިޔުންތެރިޔާ ގްރައިމްސް އަށް ފިރިހެން ދަރިއެއް ލިބިއްޖެ އެވެ.

ދެމީހުންނަށް ފިރިހެން ދަރިއެއް ލިބިފައިވާކަން ކަށަވަރުކޮށްދީފައިވަނީ މަސްކް އެވެ. އަދި މަންމަ އާއި ދަރިފުޅުގެ ހާލު ރަނގަޅު ކަމަށް މަސްކް ވަނީ ހާމަކޮށްފަ އެވެ.

އެއާއެކު އޭނާ ވަނީ ދަރިފުޅު އުރާލައިގެން އިން ފޮޓޯއެއްވެސް އާންމުކޮށްފައެވެ. ނަމަވެސް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވަނީ އެ ދެމީހުން، އެމީހުންގެ ދަރިފުޅަށް ވަނަމަކަށް ދީފައިވާ ނަމަށެވެ. މަސްކް އާންމުކޮށްފައިވާ ވަނަމުގެ ފަހަތުގައިވާ މާނައެއް ހޯދުމަށް ގިނަ ބަޔަކު ދަނީ މަސައްކަތް ކުރަމުންނެވެ.

ދެމީހުންގެ ދަރިފުޅަށް ދީފައިވާ ނަމަކީ، XAE A-12 އެވެ. އެ ނަން ދިން ގޮތާ ގުޅޭ އެއްވެސް މައުލޫމާތެއް އޭނާ ހިއްސާކޮށްފައެއް ނުވެ އެވެ.

އެހެން ނަމަވެސް އިލޯން ބުނެފައިވަނީ ދެމީހުން ދިރިއުޅޭ ކެލިފޯނިއާގެ ގާނޫނުގައި ބުނާގޮތުން އެ ނަން ބަލައިގަނެވެން ނެތް ކަމަށް އަންގާފައިވާ ކަމަށެވެ.

އެހެންކަމުން ރަސްމީ ނަމެއް ކަނޑައެޅުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދާ ކަމަށް އޭނާ ބުންޏެވެ.

އިލޯން އާއި ގްރައިމްސްގެ ދަރިއަށް ދިފައިވާ ވަނަމާއެކު ޓްވިޓާގައި އެކަމާ ގުޅިގެން ތަފާތު މީމްތައް ވަނީ އުފައްދާފައެވެ.

އެ ދެމީހުން އެކީގައި ގުޅިގެން އުޅޭ ކަން އެންމެ ފުރަތަމަ އާންމުކޮށްފައިވަނީ 2018 ވަނަ އަހަރުގައެވެ. އެއާއެކު މާ ގިނަ ވާހަކަތަކެއް ނުދެކެވި ގްރައިމްސް މިއަހަރު ހާމަކޮށްފައިވަނީ އޭނާ ބަނޑުބޮޑުވެ އިން ކަމަށެވެ. ގްރައިމްސް ބަނޑުބޮޑުވެ އިންކަން ހާމަކުރީ އޭނާގެ އެންމެ ފަހުގެ އަލްބަމްގައި ހިމެނޭ ސިންގަލްއެއް ކަމަށްވާ "ޑިލީޓް ފޮރެވާ"ގެ މިއުޒިކް ވީޑިއޯއާއެކުގަ އެވެ.

comment ކޮމެންޓް