އިހުލާސްތެރިކަމެއް ހުރީ ވިއްޔާ ބޮޑެތި މުސާރަތައް ކުޑަކޮށްލާ!

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ: ފޮޓޯ/ މަޖިލިސް

ކޮރޯނާވައިރަހުން ރާއްޖޭގެ އިގްތިސާދުގެ އެންމެ ބޮޑު ސިނާއަތް، ޓޫރިޒަމް މަރުވެފައިވާ އިރު ފިނޭންސް މިނިސްޓްރީގެ އަންދާޒާއަކީ ރާއްޖޭގެ އިގްތިސާދުގެ ކުރިއެރުން، 11.5 ޕަސެންޓް ދަށަށް ގޮސް، ރާއްޖޭގެ އުފެއްދުންތެރިކަން ނުވަތަ ނޮމިނަލް ޖީޑީޕީ، 81.3 ބިލިއަން ރުފިޔާއަށް ވެއްޓޭނެ ކަމަށެވެ.

މީގެ މާނައަކީ ޓޫރިޒަމުން އޮއްސަމުން އައި އެތައް ބިލިއަން ޑޮލަރަކު ފުފިފައި އޮތް އިގްތިސާދު ކުއްލިއަކަށް ފިތި، ކުޑަވެގެން ދިޔުމެވެ. މި ކުޑަވުމުގައި އެތައް ބަޔަކު ފިތި، ހަނާވާނެ އެވެ. އެތައް ހާސް ބައެއްގެ ވަޒީފާ ގެއްލި، އެތައް ގޭބިސީއަކަށް ލިބެމުން ދިޔަ އާމްދަނީ އެތައް ތަނަކުން ދަށްވާނެ އެވެ. ކުރުކޮށް ބުނާނަމަ، އެތައް ހާސްބައެއްގެ އަތްމަތި ތާށިވާނެ އެވެ. ސަބަބަކަށް ވަނީ، ރާއްޖޭގެ އިގްތިސާދުގެ މައި އިންޖީނު، ޓޫރިޒަމް ހުއްޓި، އިގްތިސާދުގައި ކުރިން ހުރި ހަކަތަ މިހާރު ނެތުމެވެ.

އެއާ އެކު ޓެކްސް ފައިސާގައި ހިންގަމުން އަންނަ ދައުލަތުގެ އާމްދަނީ ވެސް ކުޑަވެގެން ދާނެ އެވެ. ދައުލަތުގެ އާމްދަނީ ގުޅި ފަގީރުވެގެން ދާ މިންވަރަށް ސަރުކާރަކަށް ކުރަން މަޖުބޫރުވާނެ އެއް ކަމަކީ ހަރަދު ކުޑަކުރުމެވެ. ޒަމާނުއްސުރެ ދައުލަތުގެ ރިކަރަންޓް ހަރަދުތަކުގެ 45 ޕަސެންޓަށް ވުރެ ބޮޑު ބައެއް ހިއްސާކުރަނީ، މުވައްޒަފުންނަށް ހިނގާ ހަރަދަށެވެ. ދައުލަތުގެ މުސާރަވެރިންގެ ގޮތުގައި، 45،835 މީހަކު ތިބިއިރު އެ މީހުންގެ މުސާރަތަކާއި އެލަވަންސަށް 8.68 ބިލިއަން ރުފިޔާ މިއަހަރު ވެސް ސަރުކާރުން ހަރަދު ކުރަން ޖެހެ އެވެ.

އިގްތިސާދަށް މިއައި ކުޑަވުމާ އެކު މުސާރަތަކަށް އެވަރުގެ ބޮޑު ހަރަދެއް ކުރަން ސަރުކާރު ތަނަވަސްވާނެ ހެއްޔެވެ؟ސުވާލުގެ ޖަވާބު ސާދާ އެވެ؛ ނުލިބޭ އެއްޗަކުން ދައުލަތަށް ހަރަދެއް ނުކުރެވޭނެ އެވެ. އަދި ނުފޯރާ ފޮތިން ފޫގަޅަން އުޅުމުން ލިބޭ ބޮނޑި ވަރަށް ބޮޑުވެދާނެ އެވެ.

ސަރުކާރުން ހަރަދު ކުޑަކުރަން ފަށާނަމަ އެކަން ފަށަން ޖެހެނީ ބޮޑެތި މުސާރަވެރިންނާ ހަމައިންނެވެ. ސަބަބަކަށް ވަނީ، ދައުލަތުގެ މުސާރަވެރިންގެ ތެރެއިން ނިސްބަތުން ސިވިލްސާވެންޓުންނަށް ލިބެނީ ވަރަށް ވެސް ކުޑަމިންވަރެކެވެ. އެހެން ނަމަވެސް، މަޖިލިސް މެންބަރުންނާއި، މިނިސްޓަރުންނާއި ސިޔާސީ ގޮތުން އައްޔަން ކުރާ އެކި ފަރާތްތަކާއި ކުރީގެ ރައީސުންނާއި ފަނޑިޔާރުންގެ މުސާރަތައް އިގްތިސާދުގައި ހުރި ތަނަވަސްކަމަށް ވުރެ ޔަގީނުން ވެސް ބޮޑެވެ.

ކޮރޯނާވައިރަހާ ގުޅިގެން މަޖިލީހުން މުސާރަ ކަނޑައަޅާ ފަރާތްތަކުގެ ތެރެއިން އަސާސީ މުސާރައިގެ ގޮތުގައި 30،000 ރުފިޔާއިން ފެށިގެން މަތީގެ އަދަދެއް ލިބޭ ބޭފުޅުންގެ މުސާރައިން މާޗް އަދި އެޕްރީލް މަހުގެ މުސާރައިން 20 ޕަސެންޓް ކުޑަކުރުމަށް އޮތީ ނިންމައިފަ އެވެ. އެއާ އެކު، 2.92 މިލިއަން ރުފިޔާ ސަލާމަތްވާނެ ކަމަށް ވަނީ ލަފާކުރެވިފަ އެވެ. ނަމަވެސް މި ހިނގާ މޭ މަހުން ފެށިގެން ކުރީގެ އެ އަދަދަށް އެ މުސާރަތައް އިއާދަވާނެ އެވެ.

ކެބިނެޓުން ފާސްކޮށްފައި ވަނީ، ސިޔާސީ މުވައްޒަފުންގެ މުސާރައިން 20 ޕަސެންޓް އުނިކުރާށެވެ. އެއާ އެކު، މަހެއްގެ މައްޗަށް 5.5 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ އެވެ. އަދި މިއަހަރުގެ ބާކީ އޮތް ދުވަސްތަކަށް ބަލާއިރު 55 މިލިއަން ރުފިޔާ ސަލާމަތްވާނެ އެވެ. އެކަމަކު ސުވާލަކީ އެވަރުން ފުދޭ ހެއްޔެވެ؟

ޕްރައިވެޓް ސެކްޓަރުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަތައް ވަނީ، ގާތްގަނޑަކަށް 50 ޕަސެންޓަށް ވުރެ ބޮޑަށް ކުޑަކޮށްފަ އެވެ. އަދި ބައެއް ފަރާތްތައް ވަނީ މުސާރަ ނުލިބޭ ގޮތަށް ގޭގައި މަޑުކުރަން އަންގައިފަ އެވެ. މިއާ އެކު، އެތައް ބަޔަކު ތިބީ އެ މީހުންގެ ޒަރޫރީ ބޭނުން ވެސް ނުފުއްދޭ ވަރުވެ، ލިބޭ އެއްޗަކުން ދެކޮޅު ނުޖެހި އެވެ. މީގެ އިތުރުން، ސިވިލްސާވިސް މުވައްޒަފުންގެ އިތުރު ގަޑިއަށް ގެނައި ބަދަލުތަކާ އެކު އެ މީހުންނަށް ވެސް ލިބޭ އާމްދަނީއަށް އަސަރުތަކެއް ކުރާނެ އެވެ. އަދި ފިނޭންސްގެ އަމާޒު މިހާރު ހުރީ ސަރުކާރު ކުންފުނިތަކުގައި 15،000 ރުފިޔާއަށް ވުރެ މަތިން ލިބޭ މުވައްޒަފުންގެ މުސާރަތައް ކުޑަކުރާށެވެ.

ސަރުކާރަށް މިއަހަރުގެ ތެރޭގައި އެންމެ ގިނައިން ވެސް ލިބެން އޮތީ، 15.26 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ. އެއީ މިހާރު ލިބޭނެ ކަމަށް ލަފާކުރި އަދަދަށް ވުރެ އެތައް ތަނެއް ދަށް އަދެދެކެވެ. އެކަމަކު އެވެސް މިހާރު އޮތް ވަރަށް ވުރެ ރާއްޖޭގައި ހާލަތު ގޯސްވެގެން ނުދާނަމަ އެވެ. އެހެންވާއިރު ސިޔާސީ މީހުންގެ ބޮޑެތި މުސާރަތަކެއް އެ ހުރި ގޮތަށް ބަހައްޓާނީ ހެއްޔެވެ؟ އެކަމަކު އެކަން އެއީ އެހެން ވާން އޮތް ކަމެއް ނޫނެވެ. އަދި އެއީ އިންސާފެއް ވެސް ނޫނެވެ.

ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި ގިނަ ފަނޑިޔާރުންނާއި މަސައްކަތުގައި ހޭދަކުރަން ޖެހޭ ވަގުތު ޔަގީނުން ވެސް މަދުވެއްޖެ އެވެ. ގައުމު ލޮކްޑައުންއާ އެކު ދައުލަތުގެ ގިނަ އިދާރާތައް ހުރީ ބަންދުކޮށްފަ އެވެ. ނޫނީ މަސައްކަތުގެ ވަގުތު ކުޑަވެއްޖެ އެވެ. އެހެން ވީއިރު، މަޖިލީހުގެ މެންބަރުން މި މަހުން ފެށިގެން އަނެއްކާ ވެސް ފުލް މުސާރަ ނަންގަވަން ޖެހޭ ސަބަބެއް ނެތެވެ. އަދި އެބޭފުޅުންގެ މުސާރައިން 20 ޕަސެންޓް އުނިކުރައްވައިގެން ވެސް ބައިލައްކައަށް ވުރެ ބޮޑު މުސާރައެއް ގެއަށް ގެންދެވުމަކީ ކޮން ކަހަލަ އިންސާފެއް ހެއްޔެވެ؟ ރައްޔިތުންނާ އެކު ވީހާލެއްގައި ވުމަކީ އެއީ ހެއްޔެވެ؟

މި ދަތި ދަނޑިވަޅުގައި ދައުލަތުގެ މުވައްޒަފުންގެ މުސާރަތައް ރީ-ސްޓްރަކްޗާ ކުރުމުގެ މަސައްކަތަކަށް ފިނޭންސް މިނިސްޓަރު އިސްނަންގަވަން ޖެހެ އެވެ. ސިވިލްސާވިސް މުވައްޒަފުންގެ މުސާރަތަކުގައި އަތްނުލާ ބެހެއްޓުމަށް ފަހު ކެބިނެޓް މިނިސްޓަރުންނާއި މިނިވަން މުއައްސަސާތަކާއި މަޖިލިސް މެންބަރުންގެ މުސާރައިން 50 ޕަސެންޓް ނޫނީ ދެބައިކުޅައެއް ބަޔަށް ވުރެ ބޮޑުކޮށް މިހިނދަށް އުނިކުރުން އެއީ ރަނގަޅު ފޯމިއުލާއަކަށް ވެދާނެ އެވެ. އޭރުން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުން އަދި މިނިވަން މުއައްސަސާތަކުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ހިނގާ ހަރަދުގެ ބޮޑު ބައެއް ސަލާމަތްކުރެވޭނެ އެވެ. އެ އިންސަންތައިން ބަލާ ނަމަ، މަޖިލިސް މެންބަރެއްގެ މުސާރަ 35،000 ރުފިޔާއަށް ކުޑަކުރެވިދާނެ އެވެ. އަދި ކެބިނެޓް މިނިސްޓަރެއްގެ މުސާރަ 30،000 ރުފިޔާއަށް އަދި މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި ފަނޑިޔާރުންގެ މުސާރަ ބޮޑުވެގެން 25،000 ރުފިޔާއަށް ހަމަޖެއްސިދާނެ އެވެ. މިހެން ހަދައިފި ނަމަ، ދައުލަތުން މުސާރަތަކަށް ކުރަން ޖެހޭ ހަރަދުން އެތައް މިލިއަނެއް ސަލާމަތް ކުރެވިދާނެ އެވެ.

ކުރީގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ވެސް ވަރަށް ބޮޑު އަދަދެއް އެކި އިނާޔަތުގެ ގޮތުގައި ދައުލަތުން އަންނަނީ ކޮންމެ މަހަކު ހޭދަކުރަމުންނެވެ. އެގޮތުން އެބޭފުޅޫންގެ މާލީ އިނާޔަތާއި އޮފީސް ހިންގުމުގެ ހަރަދު އަދި ބޭސްފަރުވާއަށް އަންނަނީ ހަރަދުތަކަށް 15 މިލިއަން ރުފިޔާ ބަޖެޓްކޮށްފައިވެ އެވެ. އެކަމަކު މި ކުރިމަތިވާ ދަތި ދުވަސްވަރު، އެބޭފުޅުން އެ ފައިސާ ނުނަންގަވަން ނިންމަވައިފި ނަމަ މިއީ، ރައްޔިތުންގެ ބައިތުލްމާލަށް ލިބޭނެ ބޮޑު ލުއިކަމެކެވެ. ހުދު މިހާރުގެ ރައީސް އާއި ނައިބު ރައީސް ވެސް ވަނީ އެބޭފުޅުންގެ މުސާރަ ކުޑަކުރައްވައިފަ އެވެ. އެހެން ވީމާ، ކުރީގެ ރައީސުން ވެސް ނަމޫނާ ދައްކަވަން ވެއްޖެ އެވެ.

ސިޔާސީ ބޭފުޅުންގެ މުސާރަތަކަށް ކުރާ ހަރަދާއި މި ޒާތުގެ ބައެއް އިނާޔަތްތައް ކުޑަކޮށްލުމަކީ މިވަގުތަށް ކުރަން ވެއްޖެ ކަމެކެވެ. ޓޫރިޒަމް ހުއްޓުމާ އެކު، ރާއްޖެއަކީ މިހާރު ފަގީރު، ތަނަވަސްކަމެއް ނެތް ދައުލަތެކެވެ. އެހެން ވީމާ، ދައުލަތުގެ ބޮޑެތި މުސާރަވެރިން ވެސް އެ ހަގީގަތް އޮތީ ގަބޫލުކުރުމެވެ. ދައުލަތުގެ އަސްލު ސައިޒަށް އެބޭފުޅުން ވެސް ފިޓްވާންވީ އެވެ. އެބޭފުޅުން ދެން ލަގްޒަރީ މުސާރަ ނަންގަވާ ނަމަ، އެއީ ވަރަށް ލަދު ހުތުރު ކަމެކެވެ.

comment ކޮމެންޓް