ހާއްސަ ވިސާގެ ދަށުން ރިސޯޓު އޯނަރުން، އިންވެސްޓަރުންނަށް ރާއްޖެ އަންނަން ހުއްދަދީފި

ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓް ފަޅުވެފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސްޕެޝަލް ޕާމިޓް ވިސާގެ ދަށުން ކަނޑައެޅޭ ވަކި ފަރާތްތަކަށް ރާއްޖެއަށް އެތެރެވާން ހުއްދަ ދިނުމަށް ނިންމައިފި އެވެ.

ނޭޝަނަލް އިމަޖެންސީ މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް އަޒީޒް ވިދާޅުވީ ވަކި ހާއްސަ ވިސާއެއްގެ ދަށުން ވަކި ބަޔަކަށް ރާއްޖެއަށް އެތެރެވުމުގެ ފުރުސަތު ދިނުމަށް އެޗްޕީއޭގެ ޑޮކްޓަރުންގެ ޓީމަކުން ނިންމާފައިވާ ކަމަށެވެ.

"ޓެގްގެ ނިންމުމެއް މިއަދު ވަނީ ލިބިފައި. ރާއްޖެއަށް އޮން އެރައިވަލް ވިސާ ލިބުން ހުއްޓާލެވިފައިވާތީ ސްޕެޝަލް ވިސާ ޕާމިޓްގެ ދަށުން ރާއްޖެއަށް އަންނަ ފަރާތްތައް. މީގެ ތެރޭގައި މި ހިމެނެނީ ރިސޯޓު އޯނަރުން، އިންވެސްޓަރުން، ޑަބްލިއުއެޗްއޯ އަދި ވޯލްޑް ބޭންކް ފަދަ ތަންތަނުގެ ބޭފުޅުން ރާއްޖެއަށް އަންނައިރު ކަންކުރަންވާ ގޮތް. އަދި ޑިޕްލޮމެޓިކް ސާވިސަސްގެ ދަށުން ވެސް އަންނަ ފަރާތްތައް ކަންކުރަންވާ ގޮތް މީގައި ކިޔައިދީފައި އެބަވޭ."

މަބްރޫކު ވިދާޅުވީ މި ވިސާގެ ދަށުން ރާއްޖެއަށް އަންނަ ފަރާތްތައް ވެސް 14 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަ ކުރަން ޖެހޭނެ ކަމަށާއި އެއްރަށުން އަނެއް ރަށަށް ނުދެވޭނެ ކަމަށެވެ.

އެ ފަރާތްތައް ރާއްޖެއަށް އަންނަތާ 24ގަޑިއިރުގެ ތެރޭގައި ޓެސްޓެއް ހަދަން ޖެހޭނެ ކަމަށާއި ރާއްޖޭގައި ތިބޭތާ 14 ދުވަސް ހަމަވުމުން ވެސް ޓެސްޓެއް ހަދަން ޖެހޭނެ ކަމަށް މަބްރޫކު ވިދާޅުވި އެވެ.

ހަމައެއާއެކު މިގޮތަށް އަންނަ ފަރާތްތަކަށް ހިދުމަތް ދޭން ޖެހޭނީ ވީހާ ވެސް މަދު، އަދި އެއްބަޔަކު ކަމަށެވެ. އަދި ހިދުމަތްދޭ މީހުންނަށް އެ ރަށަކުން ފޭބޭނީ މިހާރު ވެސް އޮންނަ އުސޫލުގެ ދަށުން 14 ދުވަސް ފުރިހަމަ ކުރުމަށްފަހު ކަމަށް މަބްރޫކު ވިދާޅުވި އެވެ.

"މީގައި ފާހަގަކޮށްފައި އޮވޭ ރިސޯޓު އޯނަރުންނާއި ރިސޯޓު އިންވެސްޓަރުން ރާއްޖެއަށް ވަޑައިގަންނަވާއިރު، އެބޭފުޅުންނަށް އެބޭފުޅުންގެ އަމިއްލަ ރިސޯޓުގައި ތިބެވޭނެ އިންތިޒާމު ރޭވޭ ކަމަށްވާނަމަ އެކަމަށް ފުރުސަތު ދިނުމަށް،" މަބްރޫކު ވިދާޅުވި އެވެ.

comment ކޮމެންޓް