މާރުކޭޓުތައް ޑިސްއިންފެކްޓު ކުރަން ގޮޅިތައް ހުސްކުރަން އަންގައިފި

އޭޕްރީލް 22، 2020: މާލޭ ލޯކްލް މާރުކޭޓީ ބަންދު ކުރެވިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިހާރު ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން މާލޭގެ މާރުކޭޓުތައް ޑިސްއިންފެކްޓު ކުރުމަށް، މާރުކޭޓުތަކުގެ ގޮޅިތަކުގައި ހުރި ތަކެތި ހުސްކުރަން މާލޭ ސިޓީ ކައުންސިލުން މުއްދަތެއް ދީފި އެވެ.

ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީން ނެރެފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މާލެސިޓީ ފުރަބަންދު ކުރުމާއި ގުޅިގެން މާރުކޭޓުތައް ބަންދުކޮށްފައިވާ ކަމަށެވެ.

އަދި މާރުކޭޓުތައް ބަންދުކޮށް، މަރުކޭޓުތަކުގެ ގޮޅިތަކުގައި ހުރި ތަކެތި ހުސްކުރުމަށް ދިން ފުރުސަތުގައި ބައެއް ގޮޅިތަކުން އަދިވެސް އެއްޗެހި ގެންގޮސްފައި ނުވާކަމަށެވެ.

އެހެންކަމުން މިހާތަނަށް ތަކެތި ނުގެންގޮސް ހުރި ގޮޅިތަކުގެ ވެރިފަރާތްތަކުން މި މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް އެތަކެތި ގެންގޮސް ގޮޅިތައް ހުސްކުރުމަށް ކައުންސިލުން ވަނީ އަންގައިފައެވެ.

ކައުންސިލުންނ ބުނީ އެ މުއްދަތުގެ ނިޔަލަށް ގޮޅިތަކުގައި ނުގެންގޮސް ހުރި ތަކެތި ގޮޅިތަކުން ނަގާ ގޮޅިތައް ހުސްކޮށް ސާފުކުރާނެ ކަމަށެވެ. އަދި އެއަށްފަހު މުޅި މާރުކޭޓް ޑިސްއިންފެކުޓްކުރުމުގެ މަސައްކަތް ކައުންސިލުން ފަށާނެ ކަމަށެވެ.

މާރުކޭޓުން ތަކެތި ނެރުމަށް މާރުކޭޓުތައް ހުޅުވާނީ ހުކުރުދުވަސް ފިޔަވައި ކޮންމެދުވަހަކު ހެނދުނު 11:00 އިން މެންދުރު 2:00 އަށް ކަމަށް ކައުންސިލުން ބުންޏެވެ.

ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް އާއި މާލެސިޓީ ކައުންސިލް ގުޅިގެން މާލެސިޓީގެ މަގުތައް ކުލޮރިން އަޅައިގެން ދޮވުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

comment ކޮމެންޓް