މިއީ އެންމެ ކުޑަ އުޖޫރައާއި އެލަވަންސް ކަނޑައަޅަންވީ ވަގުތު: ނަޝީދު

ފެބްރުއަރީ 21، 2020: ރައީސް މުހައްމަދު ނަޝީދު -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މިއީ އެންމެ ކުޑަ އުޖޫރައާއި ވަޒީފާ އަދާނުކުރާ މީހުންނަށް އެލަވަންސް ކަނޑައަޅަން އެންމެ ރަނގަޅު ވަގުތު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓުވީޓެއްގަ އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މަސައްކަތްތެރިންގެ އެންމެ ކުޑަ އުޖޫރަ އަދި ވަޒީފާ ނެތް ފަރާތްތަކަށް އެލަވަންސް ހަމަޖެއްސުމަށް އެންމެ މުހިންމު ވަގުތަކީ މި ވަގުތު." ނަޝީދު ވިދާޅުވި އެވެ.

އެ ޓުވީޓުގައި މަސައްކަތްތެރިންގެ ދުވަހު ތަހުނިޔާ ހުރިހާ މަސައްކަތްތެރިނަށް ވެސް ނަޝީދު ވަނީ ދަންނަވާފަ އެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، އެކަމުގައި މަޖިލީހުގެ ލަފަޔަކަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އެދިފަ އެވެ.

އޭގެ ފަހުން މަޖިލީހުގެ އިގްތިސާދީ ކޮމެޓީން މިކަމާ ގުޅުން ހުރި މަޝްވަރާތަކެއް ބޭއްވި އެވެ.

ކޮވިޑް19 އާ ގުޅިގެން ވަޒީފާ ގެއްލުނު ފަރާތްތަކަށް، ތިން މަސް ދުވަހުގެ މުއްދަތަކަށް މަހަކު 5000 ރުފިޔާ ދޭން ސަރުކާރުން މިފަހުން ވަނީ ނިންމާފަ އެވެ. އެހެން ނަމަވެސް މިއީ އަންއެމްޕޮލޯއިމަންޓް ބެނިފިޓެއް ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް