ޓެރަރިސްޓް ހަމަލާއެއް ރާވާތީ ޖަލު ރެއިޑްކޮށް އެއްޗެހިތަކެއް ހޯދައިފި

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު -- ފޮޓޯ: ޕޮލިސް

މާފުށީ ޖަލުގައި ތިބި ގައިދީންތަކެއް ޓެރަރިސްޓް ހަމަލާއެއް ދިނުމަށް ރާވަމުން ދާކަމުގެ މައުލޫމާތު ލިބިގެން އެ ޖަލު ރެއިޑްކޮށް ބައެއް ތަކެތި ހޯދާފައިވާ ކަމަށް ފުލުހުން މިރޭ ހާމަކޮށްފި އެވެ.

ފުލުހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ ދީނީގޮތުން ހަރުކަށި ފިކުރު ގެންގުޅޭ މީހުން ނުރައްކާތެރި ހަމަލާތަކެއް ދޭންއުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ކަރެކްޝަންސް އާ ގުޅިގެން މާފުށީ ޖަލުގައި ހިންގި އެ އޮޕަރޭޝަނުގައި ބަލާ ފާސްކުރި ގޮޅިތަކުން ފަސް މޮބައިލް ފޯނާއި، މޮބައިލް ފޯނާ ގުޅުންހރި އެހެން އާލާތްތައް އަދި ޔޫއެސްބީ، އާއި ޗާޖަރު ތަކެއްވެސް ފެނިފައިވާ ކަމަށެވެ.

އެ އޮޕަރޭޝަނަކީ މިފަހުން ރާއްޖޭގައި ހިންގާފައިވާ ޓެރަރިސްޓު ހަމަލާތަކާ ގުޅިގެން މިފަދަ މައްސަލަތަކާ ގުޅިގެން ބަންދުގައި ބަހައްޓާފައި ތިބި ހަރުކަށި ފިކުރުގެ ބަޔަކު، ބޭރުގައި ތިބި އެފަދަ މީހުންނާ މުއާމަލާތްކޮށްގެން ހިންގަން އުޅުނު ހަމަނުޖެހުންތަކަކާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށް ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ ޖަލު ތެރޭގައި ތިބި ހަރުކަށި ފިކުރުގެ ބަޔަކު މަސައްކަތް ކުރަމުންދިޔައީ ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ކަމެއް ބޭރުގައި ތިބި ބަޔަކު ލައްވާ ކުރުވަން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"އެފަދަ މުއާމަލާތް ކުރުމަށް ބޭނުންކުރާ ބައެއް ވަސީލަތްތައް އެބަހުރި އަޅުގަނޑުމެންގެ ބެލުމުގެ ދަށަށް ގެނެވިފައި. އެ އެއްޗެހި އެނަލައިޒް ކުރުމަށްފަހު އަޅުގަނޑުމެންނަށް މައްސަލައިގެ އިތުރު ތަފްސީލަށް ދެވޭނީ،" ރިޔާޒު ވިދާޅުވިއެވެ.

comment ކޮމެންޓް