އޮންލައިންކޮށް ކިޔެވޭ އެޑިއުކޭޝަން ޒޯނެއް ދިރާގު ޓީވީއަށް އިތުރުކޮށްފި

ދިރާގު ޓީވީގެ ވީޑިއޯ ޕްލެޓްފޯމަށް އިތުރުކުރި އެޑިއު ޒޯން-- ފޮޓޯ/ދިރާގު

އޮންލައިންކޮށް ކިޔަވައިދިނުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ދިރާގު ޓީވީގެ ވީޑިއޯ ޕްލެޓްފޯމަށް އެޑިއުކޭޝަން ޒޯނެއް އިތުރުކޮށްފި އެވެ.

ދިރާގުން ބުނީ މިއީ ކޮވިޑް19ގެ ބަލިމަޑުކަމާ ގުޅިގެން ސްކޫލްތަކާ ކޮލެޖްތައް ބަންދުކޮށް ކިޔަވާކުދިން ތައުލީމު ހާސިލް ކުރުމަށް ޑިޖިޓަލް ވަސީލަތްތަކުގެ ބޭނުން ކުރިއަށްވުރެ އިތުރަށް މުހިންމުވުމުން ތައާރަފުކުރި ހިދުމަތެއް ކަމަށެވެ.

"އެޑިއު ޒޯން"ގެ ނަމުގައި ތައާރަފުކުރި މި ޒޯނުގައި ހިމެނޭ ކޮންޓެންޓް ހޯދާފައިވަނީ ރާއްޖޭގެ މަޝްހޫރު އެޑިއުކޭޝަން ކޮންޓެންޓް ޑިވެލޮޕް ކުރާ ބައެއް ކަމަށްވާ ހޮލޯގޯއާ ގުޅިގެންނެވެ. ގޭގައި ތިބެގެން ކިޔެވުމަށް އެންމެ ރަނގަޅު އެޕެއް ކަމަށް އެޕަލް އިން ލިސްޓްކުރި އެޕްލިކޭޝަންތަކުގެ ތެރޭގައި ވެސް ހޮލޮގޯ ވަނީ މެނިފައިއެވެ.

އެޑިއުޒޯންގައި އައިޖީސީއެސްއީ ކަރިކިއުލަމްގެ މާއްދާތަކާ ގުޅޭ މުހިންމު ކޮންޓެންޓް ހިމެނެ އެވެ. އޭގެ ތެރޭގައި ވީޑިއޯ ފިލާވަޅުތަކުގެ އިތުރުން އޯގްމެންޓެޑް ރިއަލިޓީ ނުވަތަ އޭއާރް ޓެކްނޮލޮޖީ މެދުވެރިކޮށް ގެނެސްދޭ ބައެއް ފިލާވަޅުތައްވެސް ހިމެނެއެވެ.

އެޑިއު ޒޯންގައި އެކުލެވިގެންވާ ކޮންޓެންޓް ހަދާފައިވަނީ ތައުލީމީ ދައިރާގެ ބޭފުޅުންގެ ލަފާގެ މަތިން ގްރޭޑް 6 އިން 10 އަށް ކިޔަވާ ދަރިވަރުނަށް އަމާޒުކޮށްގެންނެވެ.

ދިރާގުން ބުނީ އެޑިއު ޒޯންގެ ހިދުމަތް މެއި މަހުގެ ނިޔަލަށް އެއްވެސް އަގަކާ ނުލައި ލިބޭނެ ކަމަށެވެ.

އެޑިއު ޒޯނުގެ ކޮންޓެންޓްތައް ބެލޭނީ ދިރާގު ޓީވީގެ ވީޑިއޯ އޮން ޑިމާންޑް ނުވަތަ ވީ. އޯ. ޑީ ފީޗާއިން ޖޮއިބޮކްސް މެދުވެރިކޮށެވެ. ގޭގައި ދިރާގު ޓީވީ ނުހުންނަ ކަސްޓަމަރުންނަށް ދިރާގު ޓީވީގެ މޮބައިލް އެޕް، ޓެބްލެޓް ނުވަތަ މޯބައިލް ފޯނަށް އަޅާ ޔޫސާނޭމް އަދި ޕާސްވޯޑެއްގެ ގޮތުގައި “Play” ޖެހުމަށްފަހު ވެސް މި ކޮންޓެންޓްތައް ބަލައިލެވޭނެ އެވެ.

ދިރާގު ޓީވީ އެޕް ބޭނުން ކުރުމަށް ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ނެޓްވޯކްތަކަކުން އެއްވެސް ޑޭޓާ ޗާޖެއް ނުހިނގާނެ އެވެ.

ދިރާގުން ބުނީ މި ކޮންޓެންޓްތައް ހިލޭ ކޮންމެ ކިޔަވާ ކުއްޖަކަށްވެސް ބަލައިލުމުގެ ފުރުސަތު މަގުފަހިކޮށްދިނުމުގެ ބޭނުމަކީ މިފަދަ ދުވަސްވަރެއްގައި ސްކޫލް ކުދިންގެ ކިޔެވުމަށް ބުރޫނާރޭނެހެން، ބޭނުންތެރި ތައުލީމީ ކޮންޓެންޓް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ކަމަށެވެ.

ދިރާގުޓީވީގެ ވީޑިއޯ އޮން ޑިމާންޑް ފީޗަރ ފަރުމާކުރެވިފައިވަނީ ބޭނުންކުރަން ވެސް ފަސޭހަ ގޮތަކަށެވެ. އެގޮތުން ދިރާގު ޓީވީގެ "ހޯމް ސްކްރީން" ގައި ވާ "އޮން ޑިމާންޑް" ޖަހާފައިވާ ބަޓަންއަށް ފިއްތާލުމުން ވީޑީއޯ އޮން ޑިމާންޑް ކޮންޓެންޓްތައް ބަލައިލެވޭނެ އެވެ.

އެޑިއުޒޯން މެދުވެރިކޮށް ދިރާގުން މަސައްކަތްކުރަމުންދަނީ މި ދަނޑިވަޅުގައި ކިޔަވާކުދިންނަށް ރިމޯޓް އެޑިކޭޝަން މަގުފަހި ކުރުމަށް އިތުރު އައު ގޮތްތަކާއި ލުއިފަސޭހަތައް ފޯރުކޮށްދިނުމަށެވެ. އަދި އެޑިއު ޒޯންގައި ހިމެނޭ ކޮންޓެންޓް އިތުރުކޮށް، ފުރިހަމަކުރަމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ދިރާގުން ބުނެ އެވެ.

comment ކޮމެންޓް