ކޮރޯނާ ވައިރަސް: އާޖެންޓީނާގެ ފުޓުބޯޅަ ސީޒަން ކެންސަލް ކޮށްފި

ފުޓުބޯޅަ އެސޯސިއޭޝަން އޮފް އާޖެންޓީނާގެ ރައީސް ޓަޕިއާ ---

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ޕޮޒިޓިވް ގިނަ ކޭސްތަކެއް ފެންނަމުންދާތީ އާޖެންޓީނާގެ ފުޓުބޯޅަ ސީޒަން ކުރިއަށް ނުގެންގޮސް ކެންސަލް ކުރުމަށް އެގައުމުގެ ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސް ކްލޯޑިއޯ ޓަޕިއާ ނިންމައިފި އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޗައިނާއިން ފެނުނު މި ވައިރަހުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ އެކު ދުނިޔޭގެ ގިނަ ގައުމުތަކުގެ ކުޅިވަރުގެ ހުރިހާ ހަރަކާތެއް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. އަދި ދުނިޔޭގައި އެންމެ މަގުބޫލް ކުޅިވަރު ކަމަށްވާ ފުޓުބޯޅަ މުބާރާތްތަކާއި، ލީގުތައް މެދުކަނޑާލާފައި އޮތް އިރު ސީޒަން އިތުރަށް ކުރިއަށް ގެންދެވޭނެ މާހައުލެއް ނެތުމުން ބައެއް ގައުމުތަކުން މިހާރު އަންނަނީ ސީޒަން ކެންސަލް ކުރަމުންނެވެ.

އެގޮތުން ޔޫރޮޕުގެ ގަދަބާރެއް ކަމަށްވާ ނެދަލޭންޑްސް އިން އެގައުމުގެ ފުޓުބޯޅަ ސީޒަން ޗެމްޕިއަނަކާ ނުލައި ނިންމާލާފައިވާ އިރު އާޖެންޓީނާއިން ވެސް ވަނީ ސީޒަން ނިންމާލައިފަ އެވެ.

އެކަމަކު ލީގު މެދުކަނޑާލުމުގެ ކުރިން ބޮކާ ޖޫނިއާސްއިން ގައުމީ ލީގު ޕްރިމެރާ ޑިވިޝަންގެ ތަށި ޔަގީންކޮށްފައިވާތީ ސީޒަން ނިންމާލި ނަމަވެސް އެ ޓީމަށް ޗެމްޕިއަންކަން ލިބޭނެ އެވެ.

މިދިޔަ މަހުގެ ކުރީކޮޅުން ފެށިގެން އާޖެންޓީނާގެ ފުޓުބޯޅައިގެ ހުރިހާ މުބާރާތެއް މެދުކަނޑާލާފައި އޮތް އިރު އެ ގައުމުގައި ގިނަ އަދަދެއްގެ މުބާރާތްތަކެއް ކުޅެވެމުން ދިޔައެވެ. އެކަމަކު އެ މުބާރާތްތައް ވެސް އިތުރަށް ކުރިއަށް ގެންދެވެން ނެތް ކަމަށާއި، މިފަދަ ހާލަތެއްގައި ސީޒަން ނިންމާލަން ޖެހުމުން ޓީމުތައް ރެލިގޭޓް ނުކުރާނެ ކަމަށް ފުޓުބޯޅަ އެސޯސިއޭޝަނުގެ ރައީސް ޓަޕިއާ ވަނީ ބުނެފަ އެވެ.

"ކުރިން ރޭވިގެން ދިޔައީ ކޮންމެ ހާލެއްގައި ވެސް ސީޒަން ނިންމާލުމަށް. އެކަމަކު އެންމެ މުހިއްމު ކަމެއްގެ ގޮތުގައި މި އިދާރާއިން އަބަދު ވެސް ދެކެނީ ކުޅުންތެރިންނާއި، ސަޕޯޓަރުންގެ ރައްކާތެރިކަމަށް. ވުމާއެކު މިހާރު ކުރިއަށްދާ ސީޒަން ނިމުމަށް ގެންނަން ވަނީ ނިމިފައި،" ޓަޕިއާ ބުންޏެވެ.

އޭނާ ބުނީ، ފުޓުބޯޅަ މެދުކަނޑާލަން ނިންމާފައިވަނީ އެގައުމުގެ ފުޓުބޯޅަ އިދާރައިން ނޫން ކަމަށާއި، އެކަމަކީ އެގައުމުގެ ހެލްތު މިނިސްޓްރީގެ އިރުޝާދުގެ ދަށުން ކުރަން މަޖުބޫރުވި ކަމެއް ކަމަށެވެ. އަދި މި ދަނޑިވަޅުގައި އެންމެންގެ އެއްބާރުލުން ވެސް މުހިއްމު ކަމަށް ޓަޕިއާ ބުންޏެވެ.

އާޖެންޓީނާގައި މިހާތަނަށް 3890 މީހުން ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވެފައިވާ އިރު 190 މީހުން ވަނީ އެބަލި ޖެހިގެން މަރުވެފަ އެވެ. އަދި ދުނިޔޭގައި މިހާރު އެބަލި ޖެހުނު މީހުންގެ އަދަދު ތިން މިލިއަނަށް ވުރެން މައްޗަށް އަރާފައިވާ އިރު 211،200 މީހުން ވަނީ އެބަލީގައި މަރުވެފަ އެވެ.

comment ކޮމެންޓް