ފައިސާ ޖެހުން ފިޔަވައި އެހެން ގޮތްތަކެއް

އެމްއެމްއޭގެ ގަވަރުނަރު ކަމަށް ހަމަޖެއްސުމަށް މަޖިލީހަށް ނަން ފޮނުއްވި އަލީ ހާޝިމް: އޭނާ ވަނީ 2008-2010 އަށް ފިނޭންސް މިނިސްޓަރުކަން ކުރައްވާފައި -- ފޮޓޯ/ ރައީސް އޮފީސް

ރައުސްމާލިއްޔަތު ނުވަތަ ކެޕިޓަލިޒަމުގެ ނަޒަރުން ބަލާ އިރު، އިގުތިސާދު ރަނގަޅު ވުމަކީ ވިޔަފާރިވެރީންނާއި މުއްސަނދީންގެ އަތްމައްޗަށް ފައިސާ އަރާ މިންވަރު ބޮޑު ވުމެވެ. އެމީހުންގެ ވިޔަފާރިތަކަށް، ޚަރަދު ކުރާ މީހުންގެ އަތުން ފައިސާ ވަންނަ މިންވަރު ބޮޑު ވުމެވެ. ނަމަވެސް އާއްމު ރައްޔިތުންގެ ނަޒަރުން ބަލާ އިރު، އިގުތިސާދު ރަނގަޅު ވުމަކީ ގައުމުގެ ރައްޔިތުންނަށް ބޭނުން ވާ މުދަލާއި ޚިދުމަތްތައް، ހުރިހައި ރައްޔިތުންނަށް ފުދޭ މިންވަރަށް، އަދި އެކަށޭނަ އަގުތަކެއްގައި ހުރިހައި ރައްޔިތުންނަށް ލިބޭ މިންވަރަށް، ގައުމުގައި ލިބޭން ހުރުމެވެ. އަދި އެއިގެ ތެރެއިން ވީހައި ވެސް ބޮޑު ބަޔަކީ އަމިއްލަ ގައުމުގައި، އަމިއްލަ ގައުމުގެ އުފެއްދުންތެރީން އުފައްދާ ތަކެތި ކަމުގައި ވުމެވެ. އަދި ގައުމުގެ ހުރިހައި ރައްޔިތުންނަށް ވެސް އަސާސީ އިގުތިސާދީ ޒަރޫރަތްތަކާއި ހާޖަތުތައް ފުދިފައި ހުރުމެވެ.

މި ޒަމާނުގެ ރައުސްމާލީ ނުވަތަ ކެޕިޓަލިސްޓް އިގުތިސާދެއްގެ އެންމެ މުހިއްމު އެއް ސިފަޔަކީ، ބޭންކުތަކާއި ދައުލަތުން ވެސް، ވުޖޫދުގައި ނުވާ ފައިސާ ބޭނުން ކުރުމެވެ. އާއްމު ރައްޔިތަކު އޭނާގެ އަތުގައި ނެތް ފައިސާއެއް، ފައިސާ ހުރި ކަމަށް ދައްކައިގެން، ބޭނުން ކުރާން އުޅެފި ނަމަ، އެކަން ވާނީ ދުނިޔޭގެ ކޮންމެ ގައުމެއްގައި ވެސް މަކަރާއި ހީލަތް ހެދުމުގެ ކުށަކަށެވެ. ނަމަވެސް ރިބާ ބޭންކުގެ ނިޒާމުގެ މައްޗަށް ބިނާ ވެފައި ވާ މި ޒަމާނުގެ ރައުސްމާލީ ނިޒާމުތަކުގައި، ބޭންކުތަކާއި ދައުލަތުން އެކަން ކުރުމަކީ އާއްމު ކަމެކެވެ. ބޭންކުތަކުން އެމީހުންގެ އަތުގައި ހަގީގަތުގައި ހުންނަ މިންވަރަށް ވުރެ އިތުރަށް، ލޯނުގެ ގޮތުގައި ފައިސާ ދޫ ކުރެއެވެ. ދައުލަތުން ވެސް ހަގީގަތުގައި ހުރި ފައިސާގެ އިތުރުން، ފައިސާ ޖަހައިގެން ބޭނުން ކުރެއެވެ. ހަގީގަތުގައި ހުރި ފައިސާއޭ މި ދަންނަވަނީ، އިގުތިސާދުގެ އުފެއްދުންތެރިކަމާއި، އިގުތިސާދުގައި ހަގީގަތުގައި ހުރި މުދަލާއި ޚިދުމަތްތަކުގެ އަގު ކަމުގައި ހިމެނޭ މިންވަރަށް ވުރެ އިތުރަށް، އިގުތިސާދަށް ނެރެވޭ ފައިސާއަށެވެ. އަދި ބޭންކުތަކުން ލޯނު ދޫ ކުރުމުގައި، ބޭންކުގައި ހަގީގަތުގައި ޑިޕޮޒިޓް ކުރެވިފައި ހުންނަ ފައިސާޔަށް ވުރެ އިތުރަށް ދޫ ކުރާ ފައިސާޔަށެވެ.

މިހާރު ދިވެހި ރުފިޔާ ޖަހައިގެން، "އިގުތިސާދީ މައްސަލަ ހައްލު ކުރާން" ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކާ މެދުގައި ވިސްނާން ޖެހެނީ، މި ދެންނެވި ދެ ނުކުތާޔަށް ރަނގަޅަށް ހެއިލުންތެރި ވެތިބެގެންނެވެ. ތެދުފުޅެކެވެ! ގައުމުގެ އިގުތިސާދު މިއޮތީ ކުޑަކަކޫމައްޗަށް ތިރި ވެފައެވެ. ދައުލަތަށް އާމުދަނީ ލިބޭނެ ދޮރުތައް ވަނީ ބަންދު ވެފައެވެ. މުޅި ދުނިޔޭގެ އިގުތިސާދު ވެސް އެއޮތީ އިނދަ ޖެހިފައެވެ. ހުއްޓުމަކަށް އައިސްފައެވެ. ނަމަވެސް، މި ދަނޑިވަޅުގައި ވެސް އިގުތިސާދުގެ ހަގީގީ މުއްސަނދިކަމަށް ވުރެ އިތުރަށް، އިގުތިސާދަށް ފައިސާ ނެރުމަކީ ކޮށްގެން ވާނޭ ކަމެއް ނޫނެވެ. އެފަދައިން ނެރޭ ފައިސާޔަކީ "ގައިގައި ވަރު ނެތް މީހަކަށް އައިވީ ދީގެން އޭނާގެ ގައިގައި ވަރު ޖެއްސުމެއް" ނޫނެވެ. އެއީ ސައިބޯނި ބޮތްކެއް އެރުވުމެވެ. ގައިގައި ވަރު ނެތް މީހަކަށް އައިވީއަކުން ދެވެނީ ހަގީގީ ހަކަތައެވެ. އޭނާގެ ގަޔަށް އައިވީން ހަކަތަ އެޅެނީ، އޭނާގެ ހަށިގަނޑަށް މެނޭޖު ކުރެވޭ ވަރަށެވެ. ހަށިގަނޑަށް ބޭނުން ވާ ވަރަށެވެ. އެޔާ ޚިލާފަށް، ސައިބޯނި ބޮތްކަކީ، އަރާ އިރު ކިތަންމެ ބޮޑު ވިޔަސް، ކިތަންމެ ވިދުންވަރު ގަދަ ވިޔަސް، އިސާހިތަކު ފަޅައިގެން ދާނެ އެއްޗެކެވެ. އެއިން ވަގުތީ ފައިދާއެއް ކޮށްފާނެއެވެ. ނަމަވެސް ދާއިމީ ސިފައެއްގައި އޭގެ ފައިދާއެއް ދުވަހަކު ވެސް ނުކުރާނެއެވެ.

ސަރުކާރުތައް ފޭލި ވީ ކިހައި ހިސާބެއްގައިތޯއެވެ؟ ކޮން ގޮތަކުންތޯއެވެ؟ ވިސްނަވާށެވެ! އަޅުގަނޑުމެންގެ ޒުވާނުން ތިބީ މަސައްކަތެއް ނުކޮށެވެ. މާލޭގެ އެތައް އާއިލާތަކެއް، ކުއްޔަށް އުޅޭ މީހުންގެ މަސައްކަތުގެ ފޮނިކޮޅު ކުލީގެ ގޮތުގައި ނަގައިގެން ބޮމުން ދިޔައީ، އެ އާއިލާތަކުގެ މީހުން ކުރެ ހަމަ އެކަކު ވެސް ގައުމުގެ އިގުތިސާދަށް އުފެއްދުންތެރިކަމުގެ އެއްވެސް ހިއްސާއެއް ނުކޮށެވެ. ބިދޭސީން ގައުމަށް ލިބޭ އާމުދަނީގެ ބޮޑު އިންސައްތައެއް ގައުމުން ނެރެމުން ދިޔަ އިރު، އަޅުގަނޑުމެން ތިބީ ދެ އަތް އުރައިލައިގެންނެވެ. އެތައް ހާސް ޒުވާނުން، ކޮންމެ އަހަރަކު، ހަމަ ކޮންމެ އަހަރަކު، ވިއްސަކަށް ހާސް ރުފިޔާ އައިފޯނެއް ގަންނާން ގައުމުން ބޭރަށް ޕަންޕު ކުރަމުން ދިޔަ އިރު، އެ ވާހަކަ ދައްކާނޭ މީހަކު ނުވިއެވެ. ގައުމުގެ ބިންތަކާއި، އެ ބިންތަކުގައި އަމިއްލަޔަށް ހެދިފައި ހުރި ގަސްގަހާގެހި ވެސް އިސްރާފު ވަމުން ދިޔަ އިރު، ދަނޑުވެރިކަމުގެ ސިނާއަތާއިގެން އުޅޭނޭ ވިސްނުމެއް ސަރުކާރުތަކުގައެއް ނެތެވެ. މި ކަންކަން މިހެން ވަމުން ދިޔަ އިރު، ކިތައް ނޫސްވެރީން، ކިތައް ކޮލަމިސްޓުން އެ ވާހަކަ ދެއްކިތޯއެވެ؟ ހަނދުމަފުޅު ނެތިއްޔާ، ނޫސްތަކުގެ އަރުޝީފުތައް ބައްލަވާށެވެ! ދުނިޔޭގައި ހަނގުރާމައެއް ފެށުން، ބަލިމަޑުކަމެއް ފެތުރުން، ފަދަ ކަމެއް ވެއްޖެ ނަމަ، ގައުމު މުޅީން އިނދަ ޖެހޭނެ ކަމުގައި އެތައް ނޫސްވެރީންނެއް ފާއިތު ވި އަހަރުތަކުގައި ލިޔެއުޅުނެވެ. ޚުދު އަޅުގަނޑު އެހެން ލިޔެ، މި ނޫހުގައި ވެސް ކޮލަމްތައް ލިޔެފައި ހުންނާނެއެވެ.

ނަމަވެސް އެއިރު އަޅުގަނޑުމެންގެ ސަރުކާރުތަކަށް ވެސް، އަޅުގަނޑުމެންނަށް ވެސް މުހިއްމު ވީ ސިޔާސީ ކަންތަކެވެ. އިންސާނީ ހައްގެކޭ، ޑިމޮކްރަސީއެކޭ ކިޔައިގެން، މުޅި ގައުމު ސިޔާސީ ބައެއްގެ އެދުންވެރިކަމަށް ޓަކައި، އެކަމަށް ފޯކަސް ކޮށްފައި ބެހެއްޓުމެވެ.

މިއަދު އަޅުގަނޑުމެން މި ކަނޑަނީ އެއިރު އިންދި މުޑުވަކުން އައި ގޮވާމެވެ.

ރަނގަޅެވެ! މިހެން ކިޔައިފައި، މިހާރު ދިމާ ވެފައި ހުރި މައްސަލަތަކަކުން ބޯ ދަމައެއްނުގަނެވޭނެއެވެ. އެ މައްސަލަތަކާ ކުރިމަތި ލާން ވެސް އެބަ ޖެހެއެވެ. ކުރިމަތި ލާ އިރު، ފައިސާ ޖަހައިގެން އިގުތިސާދަށް ނެރުމަކީ އަދި ކުރާން ޖެހޭ ކަމެއް ކަމަކަށް އަޅުގަނޑަކަށް ހަމަ ގައިމު ވެސް ގަބޫލެއް ނުކުރެވެއެވެ. އަޅުގަނޑު ހިތުން، ސަރުކާރުން މިހާރުން މިހާރަށް އަޅުއްވާން ޖެހޭ އެހެން ފިޔަވަޅުތަކެއް އެބަހުއްޓެވެ. ގައުމަށް ކުރިމަތި ވެފައި އޮތް މި ޚުޠޫރަތްތެރި ދަނޑިވަޅުގައި އެ ފިޔަވަޅުތައް އަޅައިގެން މެނުވީ، ގައުމު ސަލާމަތުގެ އައްސޭރިޔަށް ގެންދެވޭނޭ ކަމަކަށެއް ނުފެނެއެވެ. އިންފްލޭޝަން ނުވަތަ ލާދަޔަކީ ކުޅިވަރެއް ނޫނެވެ. އެއީ މަޖާ ކަމެއް ނޫނެވެ. ލާދައިގެ ފުރޮޅު އެނބުރޭން ފަށައިފި ނަމަ، ދެން އެ ފުރޮޅު ހުއްޓުވުމުކީ ވެސް ފަސޭހަ ކަމެއް ނޫނެވެ. މިއަދު ވިހި ރުފިޔާއަށް ލިބޭ ޕާން، މާދަމާ އެއް ލައްކަ ރުފިޔާއަށް ގަންނާން ޖެހިއްޖެ ނަމަ، ރައްޔިތުންނާއި ގައުމު ވެއްޓިގެން ހިނގައިދާނޭ ވަޅުގަނޑުގެ ފުންކަމާ މެދު ވިސްނަވާށެވެ. އެއިރުން ވެންޓިލޭޓަރަކަށް ވެސް ގައުމު ނުލެވޭނެއެވެ. "ލޯވ އެންޑް އޯރޑަރ" ހިފެހެއްޓުން ވެސް އެއިރުން ވާނީ މުސްތަޙީލު ކަމަކަށެވެ.

އެއްބައިވަންތަކަން އިސް ކުރުން

މި ހާލަތުގައި ގައުމު ސަލާމަތް ކުރުމަށް ޓަކައި، ކޮންމެހެން ވެސް ކުރާން ޖެހޭ ކަންތައްތަކުގެ ތެރެއިން، ފުރަތަމަ ކަމެއް ކަމަށް އަޅުގަނޑަށް ފެންނަނީ ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންގެ މަޖިލިހަށް ލަފާ އަރުވާނެ ގައުމީ އެއްބައިވަންތަކަމުގެ މަޖިލިހެއް އުފެއްދެވުމެވެ.

މި ދަންނަވާ މަޖިލިހުގައި ވެރިކަން ކުރާ އިއްތިހާދުގެ ޕާޓީތަކުގެ އިތުރުން، އިދިކޮޅު ޕާޓީތަކުގެ އިސް ލީޑަރުން ވެސް ހިމަނުއްވާށެވެ. ވަކި ޕާޓީއަކަށް ނިސްބަތް ވެވަޑައިނުގަންނަވާ، އެކަމަކު ގައުމުގައި އިޖުތިމާއީ ލީޑަރޝިޕް ދައްކަވާ ބެއިފުޅުން ކުރެ އެންމެ އިސް ބެއިފުޅުން ވެސް ހިމަނުއްވަވާށެވެ. ދައުލަތުގެ ބަޖެޓާއި ޚަރަދުތަކާއި އާމުދަނީގެ ކަންކަމާއި، ދަނޑުވެރިކަން ކުރި އަރުވައި ފުޅާ ކުރުމާއި، ފަތުރުވެރިކަމުގެ ސިނާއަތުގެ ކަންކަން ދެން ކުރިޔަށް ގެންދާންވީ ގޮތާއި، ބޯމަތި ވެފައި އޮތް އިގުތިސާދީ މައްސަލަތަކާއި، ކާރިސާ މެނޭޖު ކުރުމުގެ ކަންކަން ފަދަ އެންމެހައި ކަންކަމުގައި، އެ މަޖިލިހުގެ ލަފަޔާއި މަޝްވަރާއާ އެއްގޮތަށް ކަންކަން ކުރެވޭނެ ގޮތެއް ހައްދަވާށެވެ.

މިއީ ގައުމީ ކަންކަމުގައި ހުރިހާ އެންމެންގެ ބައިވެރި ވުން މުހިއްމު ދަނޑިވަޅެކެވެ. މިއީ ޕާޓީ ވިސްނުމުގެ ތެރެއިން ވަކިވަކި ވެގެން، ބައިބައި ވެގެން ތިބެ، އެއް ބަޔަކު އަނެއް ބަޔަކަށް ފާޑު ކިޔައި ތުހުމަތު ކުރުމަށް ޖާގަ ނުލިބޭނޭ ގޮތަށް އަމަލު ކުރާން ވީ ވަގުތެވެ. އަޅާ ފިޔަވަޅުތަކުގައި އެންމެންގެ ހިއްސާ އޮންނާން ވީ ވަގުތެވެ. މިއީ މުޅި ގައުމުގެ އިއްތިހާދެއް އުފައްދާން ވީ ވަގުތެވެ. ގައުމުގެ ކަންކަން އެ ގައުމީ އިއްތިހާދުގެ އަތްމަތީން ގެންދާން ވީ ވަގުތެވެ.

ސިޔާސީ މަގާމުތައް އުވައިލުން

ސަރުކާރުން ސިޔާސީ މަގާމުތަކުގެ މުސާރައިގެ ވިހި އިންސައްތަ ކުޑަ ކުރެއްވި ވާހަކަ ނޫސްތަކުގައި އެބައޮތެވެ. އެވަރުން ފުދޭ ހެއްޔެވެ. ނޫނެކެވެ! ނުފުދެއެވެ.

މި ވަގުތު ކޮންމެހެން ވެސް ކުރުން މަޖުބޫރު ވެފައި ވާ އެއް ކަމަކީ ސިޔާސީ މަގާމުތަކުގެ ތެރެއިން، ގައުމަށް ހަމަ ކޮންމެހެން ބޭނުން މަގާމުތައް ފިޔަވައި އެހެން ހުރިހައި މަގާމުތަކެއް އުވައިލުމެވެ. އެ މަގާމުތައް އުވައިލާން ޖެހޭ ސަބަބުތައް ބައިވަރެވެ. އެންމެ ފުރަތަމަ ކަމަކަށް، ކޮންމެ ސަރުކާރަކުން ކުރި ނަމަވެސް، އެއީ ސަރުކާރަށް ލިބިފައި އޮންނަ ބާރެއްގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައިގެން، ވަކިވަކި ފަރުދުންތަކަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ޓަކައި ހިންގާ ކޮރަޕްޝަނުގެ އަމަލެކެވެ. ރައްޔިތުންގެ ފައިސާއިން، ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ޓަކައި ދައުލަތަށް ބޭނުން ވާ ވަޒީފާޔަކަށް، ދައުލަތަށް ބޭނުން ވާ މީހަކަށް މެނުވީ މުސާރައެއް ނުދެވޭނެއެވެ. ޕާޓީ އެކްޓިވިސްޓުންނަށް ފައިސާ ދެންޏާ އެކަން ކުރާން ވާނީ ޕާޓީގެ ބަޖެޓުންނެވެ. ޕާޓީއަށް ޚަރަދު ކުރާ މަހުޖަނުންގެ ޖީބުންނެވެ. ރައްޔިތުންގެ ފައިސާޔަކުން ނޫނެވެ. ގައުމުގެ މުހުތާދަކަށް، ގައުމުގެ މަސްލަހަތަކަށް، ގައުމުގެ ހާޖަތަކަށް ނުވަތަ ޒަރޫރަތަކަށް ރިއާޔަތް ކުރުމެއް ނެތި، ސިޔާސީ ޕާޓީތަކުގެ ސިޔާސީ ބާރުވެރިކަން ދެމެހެއްޓުމުގެ މަގުސަދުގައި މަގާމު ދީފައި ތިބި މީހުން ވަޒީފާއިން ވަކި ކުރުމަކީ ކަން ކުރާން އޮތް ރަނގަޅު ގޮތެވެ. ދެވަނަ ކަމަކަށް، ދިވެހިރާއްޖެޔަށް ލިބޭ އާމުދަނީ އެތައް ތަނަކުން މަދު ވެފައި ވާއިރު، ދައުލަތުގެ ޚަރަދު ކުޑަ ކުރުމަކީ ކޮންމެހެން ވެސް ކުރާން ޖެހޭ ކަމެކެވެ. އެހެންކަމުން، ބޭކާރު ގޮތުގައި ކުރަމުން އަންނަ، އަދި އެ ޚަރަދުތަކެއް ނުކޮށް ވެސް ދައުލަތް ހިންގޭނެ ޚަރަދުތައް މިހާރުން މިހާރަށް ވެސް ހުއްޓައިލާން ޖެހެއެވެ. ތިންވަނަ ކަމަކަށް، ޑޮކްޓަރުންނާއި ޞިއްޙީ މަސައްކަތްތެރީންނަށް މުސާރަ ދިނުމަށާއި، މި ހާލަތުގައި ރިސްކް އެލަވަންސެއް ވެސް އެމީހުންނަށް ދިނުމަށް ޓަކައި، ޚަރަދު ކުޑަ ކުރެވޭން ހުރި އެހެން ދިމަދިމާއިން ޚަރަދު ކުޑަ ކޮށްގެން ފައިސާ ސަލާމަތް ކުރާން ޖެހެ އެވެ.

ބައެއް ބެއިފުޅުން ވިދާޅުވެދާނެ އެވެ. ސިޔާސީ މަގާމުތަކުގައި ތިބި މީހުން ވަޒީފާއިން ވަކި ކުރުމުން، އެމީހުންނާއި އެމީހުންގެ އާއިލާތައް ބިކަ ކޮށްލެވުނީ ނޫންހެއްޔެވެ؟ ދެން އެމީހުން ކައިބޮއި އުޅޭނީ ކިހިނަކުން ހެއްޔެވެ؟ މި ސުވާލަށް ޖަވާބު ދެމާ ހިންގަވާށެވެ. ފުރަތަމަ ކަމަކަށް، ސިޔާސީ ޕާޓީގެ ބާރުގައި، ނުހައްގުން ހޯދައިފައި އޮންނަ ވަޒީފާޔަކުން ތިމާ ކެއުމަކީ ވެސް އަދި އާއިލާގެ މީހުންނަށް ކާންބޯން ދިނުމަކީ އެއްވެސް ގޮތަކުން ހުއްދަ ނުވަތަ ޖާއިޒު ކަމެއް ނޫނެވެ. އެއީ ގޯހެކެވެ. މި ދަނޑިވަޅަކީ އެފަދަ ގޯސްތައް ވެސް ރަނގަޅު ކުރާންވީ ވަގުތެވެ. ދެވަނަ ކަމަކަށް، މި ދެންނެވި ސިޔާސީ މަގާމުތަކުގައި ގިނަ އަދަދަކަށް ތިބީ އެ ވަޒީފާތަކުން ލިބޭ ފައިސާ ނުލިބުނަސް، ހަމަ ރަނގަޅަށް އުޅެވޭ ވަރުގެ ތަނަވަސް އަދި ބާރުގަދަ މީހުން ކަމުގައި މެނުވީ ނުފެނެއެވެ. އޭގެ ތެރޭގައި، ހުރި ސިޔާސީ މަގާމުން ވަކި ކޮށްލައިފި ނަމަ ކައިގެން ބޮއިގެން ނުއުޅެވޭ ވަރުގެ ބަޔަކު ތިބި ނަމަ، އެ ބަޔަކަށާއި، ދެންވެސް ވަޒީފާއެއް ނެތިގެން ހާލުގައި އުޅޭ އެންމެހައި ރައްޔިތުންނަށް، ދައުލަތުން މި ދަނޑިވަޅުގައި ކައިބޮއި އުޅެވޭ ވަރުގެ ލިވިންގ އެލަވަންސެއް ދިނުން ވެސް ގޯހެއް ނޫނެވެ. ދައުލަތަށް އެކަން ނުކުރެވޭނެ ނަމަ، ސިޔާސީ ޕާޓީގެ އޮފީހުން އެމީހުންނަށް ކޮންމެވެސް އެލަވަންސެއް ހަމަޖެއްސިޔަސް އެންމެ ރަނގަޅެވެ. ކޮންމެ ގޮތެއްގައި ވިޔަސް، ގައުމަށް ބޭނުން ނެތް ސިޔާސީ މަގާމުތައް ޖެހެނީ ހަމަ އުވައިލާށެވެ. އެ މަގާމުތައް ދަމަހައްޓާކަށް، އެ މަގާމުތަކުގައި މީހުން ބައިތިއްބާކަށް، އެމީހުންނަށް ރައްޔިތުންގެ ޚަޒާނާއިން މުސާރައިގެ ނަމުގައި ނުހަލާލު ބައެއް އަޅާކަށް، ނެރެވޭނެ އެއްވެސް ހުއްޖަތެއް ނެތެވެ. ދެއްކޭނެ އެއްވެސް ބަހަނާއެއް ނެތެވެ.

ރިލީފް ފަންޑެއް

ދެން އޮތް ކަމަކީ ޑިޒާސްޓަރ ރިލީފް ފަންޑެއް ފަދަ ޕްރޮގްރާމެއް އިފްތިތާހު ކޮށް، އެ ފަންޑަށް ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ވެސް ފައިސާގެ އެހީތެރިކަން ހޯދުމެވެ. މިގޮތުން އެއްވެސް އެހީއެއް ލިބިއްޖެ ނަމަ، އެ އެހީއެއް ބޭނުން ކުރާން ވާނީ ސިއްހީ ޚިދުމަތުގެ ނިޒާމަށް ބޭނުން ވާ ވެންޓިލޭޓަރާއި، ބޭހާއި، މާސްކު ފަދަ ތަކެތި ގަތުމަށާއި، ބޭރުން ގެންނާން ޖެހޭ ހަނޑުލާއި ފުށް ފަދަ ކާބޯތަކެތީގެ ބާވަތްތައް ގަތުމަށާއި، ދަނޑުވެރިކަމުގެ މަސައްކަތަށް ބޭނުންވާ ރައުސްމާލީ ސަޕޯޓު ދިނުމަށާއި، ކުދިއަދި މެދުފަންތީގެ ވިޔަފާރިތައް ބަނގުރޫޓު ވުމުން ސަލާމަތް ކޮށްދިނުމަށް ޓަކައި އެހީތެރިކަން ފޯރު ކޮށްދިނުން ފަދަ ކަންކަމަށެވެ.

އަޅުގަނޑު ވެސް ގަބޫލު ކުރަމެވެ. މި ދަނޑިވަޅުގައި ބޭރުގެ އެހީތެރިކަން ހޯދުމަކީ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް އެއީ ނުކުރެވޭނެ ކަމެއް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަމެވެ. ދުނިޔެ ކިތަންމެ ބޮޑު އަނދަވަޅެއްގެ ތެރެޔަށް އިގުތިސާދީ ގޮތުން ވެއްޓިފައި އޮތަސް، މިހާރު ވެސް ދުނިޔޭގައި ފައިސާ ހުރި ގައުމުތައް އެބަހުއްޓެވެ. އަޅުގަނޑުމެންނަށް އެ ގައުމުތަކުން އެހީތެރިކަން ނުލިބި އޮތީ، އަދި ނުލިބެނީ، އަޅުގަނޑުމެންގެ ކަންކަން ކުރެވިފައި ހުރި ގޮތުން ކަމަށް މެނުވީ އަޅުގަނޑަކަށް ގަބޫލެއް ނުކުރެވެއެވެ. އެއް ކަމަކަށް، އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތު ހުރި ގޮތް މާބޮޑަށް ވެސް ގޯހީއެވެ.

އެނގޭ ބަޔަކަށް އެނގޭނެ ފަދައިން، ދިވެހި ޚާރިޖީ ސިޔާސަތުގެ ސަމުގާ މިހައިތަނަށް ހުރީ ދިވެހީންގެ އަތްމައްޗަކު ނޫނެވެ. ދިވެހިރާއްޖެއާ މެދު އެއްވެސް ލޯތްބެއް، ގަދަރެއް، އިހުތިރާމެއް ނުކުރާ، ދިވެހިރާއްޖެޔަކީ މިނިވަން އަދި މުސްތަގިއްލު ދައުލަތެއްކަން ވެސް ހަގީގީ މާނައިގައި ގަބޫލު ނުކުރާ "ބުލީ" އެއްގެ ބެލުމުގެ ދަށަށް ދޫ ކޮށްފައެވެ. މި ވަގުތަކީ މި ބޮޑު ގޯސް ވެސް ރަނގަޅު ކުރާންވީ ވަގުތެވެ.

ކުޑަކުޑަ އެއް މިސާލު ދަންނަވައިލާނަމެވެ. ފާއިތު ވެދިޔަ ދެ އަހަރެއްގެ ތެރޭގައި އަޅުގަނޑުމެންނަށް ފެނިގެން ދިޔަ އެއް ކަމަކީ، އިސްލާމީ ދުނިޔޭގެ އެންމެ މުހިއްމު އެއް ގައުމު ކަމުގައި ވާ ތުރުކީ ވިލާތާ އަޅުގަނޑުމެންނާ އޮތް ގުޅުން މުޅީން ކަހަލަ ގޮތަކަށް ކަނޑައިލި މަންޒަރެވެ. ދެހާސް އަށާރަ ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ހުވައި ކުރެއްވި ޖަލްސާޔަށް ވަޑައިގަތް ތުރުކީގެ މަންދޫބާ މެދު މުއާމަލާތު ކުރެވުނު ގޮތް އެނގިވަޑައިގަންނަވާ ބެއިފުޅުންނަށް، މި ދަންނަވާ އެއްޗެއް ވަރަށް ރަނގަޅަށް ސާފު ވެވަޑައިގަންނަވާނެއެވެ. ކޮވިޑް ނަވާރަޔާ ގުޅިގެން، ތުރުކީ ވިލާތުން ހިލޭސާބަހަށް އިނގިރޭސި ވިލާތަށް ވެސް އެހީތެރިކަން ފޯރު ކޮށްދީފިއެވެ. ބޭސްވެރިކަމުގެ ސާމާނުގެ ބޮޑެތި ސްޓޮކްތައް ތުރުކީގެ ބޯޓުފަހަރުތަކުގައި އިނގިރޭސި ވިލާތަށް މި ދިޔަ ދެ ހަފުތާއެއްގެ ތެރޭގައި ގިނަ އަދަދަކަށް ގެންގޮސްދިނެވެ. އަޅުގަނޑުމެންނަށް، އަޅުގަނޑުމެންނަކީ މުސްލިމުން ކަމާއި، މުސްލިމުންގެ އެންމެ ގާތް ބަޔަކަށް ވާން ޖެހޭނީ ދެން ތިބި މުސްލިމުން ކަމާއި، އިސްލާމީ ދުނިޔޭގެ ގައުމުތަކަށް ވުރެ އެހެން ބަޔަކު އިސް ކުރުމަކީ ޚާރިޖީ ސިޔާސަތުގެ ދާއިރާގައި އަޅުގަނޑުމެންނަށް ހެދޭ ގޯސްތަކެއްކަން ވިސްނައިގެން ތިބެ، ތުރުކީ ފަދަ ގައުމުތަކާ އެކު އޮންނާން ޖެހޭ ގުޅުން ބޭއްވުނު ނަމަ، ތުރުކީން މިއަދު ދިވެހިރާއްޖެޔަށް އެހީތެރިކަން ލިބޭނޭ ކަމާ މެދަކު ޝައްކެއް ނެތެވެ.

ހަމައެހެންމެ، ޕާކިސްތާނަށް ޖެއްސުން ކޮށް ފުރައްސާރަ ކުރުމުގެ ބަދަލުގައި، އަޅުގަނޑުމެންގެ މުސްލިމް އަޚުންނަކީ އެއީކަން ދަނެގެން، ޝަރާފަތާއި ކަރާމާތާ އެކު ޕާކިސްތާނާ އޮންނާން ޖެހޭ ގުޅުން ބޭއްވުނު ނަމަ، މިއަދު ޕާކިސްތާނުން ދިވެހި ގައުމު އަނގަވަތަށް ވެއްޓޭތަން ބަލާކަށް ނުތިބޭނޭކަން އެއީ ކަށަވަރު ކަމެކެވެ. މީގެ އިތުރުން، ބްރޫނާއީ ފަދަ އިސްލާމީ ގައުމުތަކާ އެކު އަޅުގަނޑުމެންނަށް ރަނގަޅު ގުޅުންތަކެއް ބޭއްވުނު ނަމަ، އެ ގައުމުތަކުން ވެސް މިފަދަ ހާލަތެއްގައި އެހީތެރިކަމެއް ލިބުނީސްކަން ކަށަވަރެވެ. ހިލޭ އެހީ ނޫނަސް، ލޯނުގަނޑެއް ލިބުނަސް އެންމެ ރަނގަޅުތާއެވެ!

އެހެނަސް، ހިތާމަ ހުއްޓެވެ. އުޅެވުނީ މައްކާޔަށް ވުރެ މުހިއްމީ ލަންޑަން ކަމަށް ބަލައިގެންނެވެ. "ދޮން" މީހުންނަކީ ހުރިހައި ކަމެއްގައި ވެސް އިމާމުން ކަމުގައި ބަލައިގެންނެވެ. މިއަދު ބައްލަވާށެވެ! މި ނުރައްކައުތެރި ހާލަތުގައި ލަންޑަނާއި ޕެރިހާއި ނިއު ޔޯރކާއި ބާރލިނާއި ކެންބެރާ އާއި އޯކްލަންޑުން އަޅުގަނޑުމެންނަށް ލިބުނީ ކޮން އެއްޗެއްތޯއެވެ؟ ދިވެހީންގެ ތެރޭގައި އަދިވެސް ހަނދާން ކުރި މީހުން ތިބޭނެއެވެ. ދެވަނަ ބޮޑު ހަނގުރާމައިގައި، އިނގިރޭސީން ދިވެހިރާއްޖޭގެ ދެ ދިމާއެއްގައި މަރުކަޒު ގާއިމު ކޮށްގެން، ހަނގުރާމައިގައި ދިވެހިރާއްޖޭގެ ސަރަހައްދު ބޭނުން ކުރިއެވެ. ނަމަވެސް ހަނގުރާމައިގެ ތެރޭގައި ދިވެހި ގައުމު ބަނޑަށް ޖެހުމުން، އެމީހުން ހެދީ ކިހިނެއްތޯއެވެ؟ ދިވެހިރާއްޖޭގައި އެއިރު މީހުން ތިބީ އިނގިރޭސި ސިފައިންގެ ބޮޑު ރެޖިމެންޓެއްގައި ސިފައިން ތިބޭ އަދަދަށެވެ. މުޅި ދިވެހިރާއްޖެއަށް ބޭނުން ވާ ވަރަށް ކާބޯތަކެތި ފޯރު ކޮށްދިނުމަކީ އެއިރު އިނގިރޭސީންނަށް ނުކުރެވޭ ވަރުގެ ކަމެއް ނޫނެވެ. އެކަމަކު އެކަން ކުރިތޯއެވެ؟ އެމީހުންގެ ކުރިމަތީގައި ދިވެހީން ބަނޑަށް މަރު ވަމުން، ބިމަށް ދެމެމުން ދިޔަ އިރު، ދިނީ ކޮން އެހީއެއްތޯއެވެ؟ މާލޭގެ ބޮޑުންގެ ގޭގެޔަށާއި ރަށްރަށުގެ ރައްޔިތުން ކުރެ މަދު ބަޔަކަށް، މަދު މައްސަރުތަކަކަށް ބޭނުން ކުރެވޭ ވަރަށް، ނަމެއްގައި ދިއް ކޮށްލި ކާޑުކޮޅެއް ފިޔަވައި، އެހެން އެއްވެސް އެހީއެއް ނުދިނެވެ. އަޅައި ވެސް ނުލިއެވެ.

ދެން ވެސް ވާނީ ހަމަ އެހެންނެވެ. ގަބޫލު ކުރައްވާށެވެ. އާޚިރުގައި، މުސްލިމުންނާ މެދު ކިރިޔާ ވެސް ލޯތްބެއް، ހަމްދަރުދީއެއް، ކުލުނެއް މި ދުނިޔޭގައި ބެހެއްޓިޔަސް ބަހައްޓާނީ ހަމަ ދެން ތިބި މުސްލިމުންނެވެ. މުސްލިމުންނަށް ފަހު، ދެން އެންމެހައި ގައުމުތަކާ އެކުގައި ވެސް ރަހުމަތްތެރިކަމުގެ ގާތް ގުޅުންތަކެއް ބާއްވާން ވީއެވެ. އިނގިރޭސި ވިލާތާ އެކުގައި ވެސް، އިންޑިޔާއާ އެކުގައި ވެސް އެ ރަހުމަތްތެރިކަން ބާއްވާން ވީއެވެ. ވަކި ގައުމަކާ ގުޅުން ނުބާއްވާކަށް އަޅުގަނޑު ނުދަންނަވަމެވެ. ހަމައެކަނި، މި ދަންނަވަނީ ޚާރިޖީ ސިޔާސަތު ބައްޓަން ކުރުމުގައި، އަޅުގަނޑުމެންނާ މެދު ހިތްހެޔޮ، އަޅުގަނޑުމެންނަށް ގަދަރު ކުރާ، އަޅުގަނޑުމެންނާ "ކޮމަން ކަންތައްތަކެއް" ހުރި މީހުންނާ ގުޅުން ބަދަހި ކުރުމުގެ މުހިއްމުކަމުގެ ވާހަކައެވެ. މި މުހިއްމު ބަދަލު އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތަށް ގެންނަނިކޮށް، އަދިވެސް މުއްސަނދި އިސްލާމީ ގައުމުތަކުން، ދަރަނީގެ ގޮތުގައި ނަމަވެސް، ފައިސާކޮޅެއް ލިބޭ ނަމަ، އެ ގޮތް ފައިސާ ޖެހުމަށް ވުރެ ރަނގަޅު ވާނެއެވެ. މުސްލިމް ގައުމުތަކުގެ އިތުރުން، ދެން ކިރިޔާ ވެސް އެކުވެރިކަމުގެ ރޫހެއްގައި އެހީތެރިކަމެއް ދިއް ކޮށްލާނޭ މުއްސަނދި ގައުމުތަކުގެ ތެރެއިން، އެންމެ ފުރަތަމަ ލިސްޓު ކުރާން ޖެހޭ ގައުމަކީ ހަމަ ޗައިނާއެވެ. އެއިރު ނުވިސްނުނު ބަޔަކަށް، މިހާރު ވިސްނޭނެ ތޯއްޗެކެވެ.

މުއްސަނދިކަން ގައުމަށް ގެނައުން

ދެން އޮތީ ދިވެހިރާއްޖޭގެ ވިޔަފާރިވެރީން ކުރެ، އެންމެ މުއްސަނދި ބެއިފުޅުންނަށް ކުރާން އޮތް އިލްތިމާސެކެވެ. ގައުމުގެ ހައްގުގައެވެ. ރައްޔިތުންގެ ހައްގުގައެވެ.

މި ވަގުތު ގައުމަށް ދިމާ ވެފައި ވާ މި ބޮޑު މުސީބާތުގެ ދަނޑިވަޅުގައި، ގައުމަށް އެންމެ ބޮޑު އެހީތެރިކަމެއް ދެއްވެވޭނެ އެއް ފަރާތަކީ ތިޔަ ބެއިފުޅުންނެވެ. އަޅުގަނޑުމެން އަޑު އަހަނީ، ތިޔައިގެ ތެރެއިން ބައެއް ބެއިފުޅުން، ތިޔަ ބެއިފުޅުންގެ ވިޔަފާރީގެ ފައިދާޔާއި މުއްސަނދިކަން، ރާއްޖެއިން ބޭރުގެ އޯފްޝޯރ ބޭންކުތަކާއި، ޓެކްސް ހޭވަންތަކުގައި ބަހައްޓަވައިފައި ހުރި ވާހަކައެވެ. ތެދެއް ދޮގެއް އަޅުގަނޑަކަށް ނޭނގެއެވެ. ނަމަވެސް، އެއީ ތެދު ކަމުގައި ވަންޏާ، އެ ފައިސާ ދިވެހިރާއްޖޭގެ އިގުތިސާދުގެ ތެރެޔަށް ގެނެސްދެއްވާށެވެ! ދިވެހި ބޭންކުތަކަށް އެ ފައިސާ ބަދަލު ކޮށްދެއްވާށެވެ! އެއީ މި ގައުމުގެ އިގުތިސާދު ދިރުމާއި މަރު ވުމާ ގުޅިފައި ވާ ކަމެކެވެ. ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން، އަދި ދިވެހި ގައުމު ދެކެ ލޯބި ވާ މީހެއްގެ ހައިސިއްޔަތުން، މިއީ އަޅުގަނޑުގެ އާދޭހެކެވެ. އަޅުގަނޑަށް ޔަގީނެވެ. ދިވެހި އެހެން ފަރުދުންގެ ޝުއޫރުތައް ވެސް ހުންނާނީ މިހެންނެވެ. ތިޔަ ބެއިފުޅުންގެ އަހުލުވެރީން، ތިޔަ ބެއިފުޅުން ފަދަ ދިވެހި މުވާޠިނުން، ދިވެހި އަޚުން އުޚްތުންގެ މުޅި ދިރިއުޅުން ފުނޑުފުނޑު ވެ، އެއްވެސް ފަދައެއް ނެތް ފަޤީރުން ކަމުގައި ވެގެން ދާން ދޫކޮށްނުލެއްވުމަށް ޓަކައި، ﷲ ގެ ވާގިފުޅާ އެކު ތިޔަ ބެއިފުޅުންނަށް ކުރެއްވޭން އޮތް މުހިއްމު ކަންތައްތައް ކުރައްވާށެވެ. ﷲ އަކީ ހެޔޮ ގޮތުގައި މުއުމިނަކު ކުރި ކަމެއްގެ ޖަޒާ ގެއްލެނި ނުކުރައްވާ ފަރާތްކަން ހަނދުމަފުޅު ކުރައްވައިގެން، އެކަލާނގެ ރަސްކަންފުޅަށް ޓަކައި މިކަން ކޮށްދެއްވާށެވެ!

މި ދެންނެވި ފިޔަވަޅުތައް އެޅުއްވުމަށް ފަހު، އެއިން ހެޔޮ ނަތީޖާއެއް ނުނުކުމެއްޖެ ނަމަ، ދެން އޮތް ކަމެއް ވެސް ކުރައްވާށެވެ. ނަމަވެސް މި ކަންކަން ނުކުރައްވައި، އެންމެ ކަންފަސޭހަ ގޮތް އިޚްތިޔާރު ކުރެއްވުމަށް ފަހު، ފަހުން ފާޑުފާޑުގެ ބަހަނާތައް ދެއްކެވިޔަސް، އެއީ ވިސްނޭ ރައްޔިތުން ގަބޫލު ކުރާނޭ ވާހަކަތަކަކަށް ނުވާނެއެވެ.

comment ކޮމެންޓް