ބިދޭސީން، ދެވަނަ ދަރަޖައިގެ މީހުންތަ؟

އޭޕްރީލް 22، 2020: ބިދޭސީއެއް ފޭސްމާސްކު އަޅައިގެން މުދާ ބަރުކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދެ ހާހުގެ އަހަރުތައް ފެށުމުގެ ކުރީން ރާއްޖޭގެ މަސައްކަތްތެރިންގެ ބާޒާރުގައި މުޅިން ވެސް އުޅުނީ ދިވެހީންނެވެ. އޭގެ ތެރެއިން ވެސް އެންމެ ބުރަ މަސައްކަތް ކުރި، ލޭބަރުންގެ ވަޒީފާތަކުގައި އުޅުނީ އަތޮޅުތަކަށް ނިސްބަތްވާ މީހުންނެވެ. އޭރު އެ މީހުންނާ ތޭތެރޭ ދުށީ ދެ ވަނަ ދަރަޖައިގެ މީހުންގެ ގޮތުގަ އެވެ.

އަޅުގަނޑުގެ މައުލޫމާތު ކުށް ކަމުގައި ނުވާ ނަމަ އަތޮޅުތަކުން މާލެ އައި މީހުންނަށް ދެ ވަނަ ދަރަޖައިގެ ރައްޔިތުންގެ ގޮތުގައި ދެކޭ ދެކުމަށް ބަދަލު އައީ ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ގިނަ އަދަދަކަށް ބިދޭސީން އައުމާ ގުޅިގެންނެވެ.

އޭގެ ކުރިން މާލެ އަށް އަތޮޅުތަކުން ކިޔަވަން ނޫނީ ވަޒީފާ އަދާ ކުރުމަށް އައި މީހުންނަކީ "ދެ ވަނަ ދަރަޖައިގެ "ބީރައްޓެހިން" ނޫނީ "ރާއްޖެތެރޭ" މީހުންނެވެ. އެ މީހުންނާ ދިމާލަށް އެ ގޮތަށް މުހާތަބު ކުރުން މަދުވީ، މަސްހުނި ކާވެނިތަކާ އެކު ކަމަށް ގަބޫލުކުރެވެ އެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުން ވެސް ކޮންމެ ވެސް ވަރަކަށް އެ މަގަށް ކުރި މަސައްކަތާ އެކު އެވެ. އެ ގޮތުން ރާއްޖެތެރެ ބޭނުން ކުރުމުގެ ބަދަލުގައި އަތޮޅުތަކުގެ މީހުން ބޭނުން ކުރުމަށް ބާރު އެޅި އެވެ. އަދި ރަށްފުށުގެ މީހުންގެ ބަދަލުގައި ރަށްރަށުގެ މީހުން ބޭނުން ކުރި އެވެ. އަޅުގަނޑަށް އެކަން އެނގެނީ އަޅުގަނޑަކީ ވެސް ސަރުކާރުގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ލިބިފައިވާ މީހަކަށް ވާތީ ވެސްމެ އެވެ.

ތެދެކެވެ. އެއިން ކޮންމެ ނަމެއް ކިޔިއަސް އަތޮޅުތަކުގެ މީހުން ނޫނީ ރަށްރަށުގެ މީހުންނަކީ ހަމަ ރަށްރަށުގެ މީހުންނެވެ. އެކަމާ ދެބަސްވާކަށް ނެތީމެވެ. އަދި އޭގެ އިތުރުން ކުރީގެ ރައީސް މައުމޫން ކުރެއްވި، އެކަމާ ގުޅޭ އެ ނޫން ވެސް ރަނގަޅު ކަމެއްގެ ވާހަކަ ބުނެލާނަމެވެ. އެއީ ހަސަބަކާއި ނަސަބަށް ބެލުމެއް ނެތި ސަރުކާރުގެ މަތީ މަގާމުތައް، އަތޮޅުތަކުގެ މީހުންނަށް ވެސް ދެއްވަން ފެއްޓެވުމެވެ؛ ބެއްލެވީ އެ މީހެއްގެ ތައުލީމާއި ގާބިލު ކަމަށެވެ. އަޅުގަނޑު މިހެން ދަންނަވާ އިރު، ކުރިއްސުރެ ވާރުތަވަމުން އައި، "ކުޑަ ސިޓީ" ހައްދައިގެން އަތޮޅުތަކުގެ މީހުން މާލެ އަށް އައުމުގެ ސަގާފަތް މައުމޫން ވެސް ދެމެހެއްޓެވި ކަން ހަނދާން ނައްތައެއް ނުލަމެވެ. އެކަމަކު އެ ސަގާފަތް ނިމުމަކަށް ގެނައީ ވެސް މައުމޫން އެވެ.

ބިދޭސީންގެ މައްސަލާގައި ވޭތުވެ ދިޔަ ތިން ސަރުކާރުން ވެސް ވަނީ އިހުމާލުވެފަ އެވެ. ގޮތެއް ފޮތެއް ނެތި އަދި ރެގިއުލޭޓް ކުރަން ހުރި ނިޒާމުތައް ފޫދުއްވާލާފައި ބިދޭސީން ހައްދެއް ނެތި ރާއްޖެ އަށް އެތެރެ ކުރީ ވަކި ބައެއްގެ ޖީބަށް މިލިއަނުން މިލިއަނުން ފައިސާ ވެއްދުމަށް ކުރި ވަގު ވިޔަފާރިއެއްގެ ގޮތުގަ އެވެ. އެ ވިޔަފާރި ކުރި ފަރާތްތަކުގެ ތެރޭގައި ލައިން މިނިސްޓްރީގެ އޮފިޝަލުން ފެށިގެން އިމިގްރޭޝަން ޑިޕާޓްމަންޓްގެ އިސް އޮފިޝަލުން ހިމެނެ އެވެ.

ތެދެކެވެ. ރާއްޖޭގެ ތަރައްގީ އަށް ލޭބަރުން ބޭނުންވެ އެވެ. އަދި ކުރު މުއްދަތެއްގެ ތެރޭގައި ޓޫރިޒަމުގެ ބައެއެއް މަސައްކަތްތަކާއި އިމުރާނީ ތަރައްގީ މިވަރަށް ކުރިއަށް ދިއުމުގައި އެ މީހުންގެ ހިއްސާއަކީ ބޮޑު ހިއްސާއެކެވެ. އެއީ ދެ ބަސްވެވޭނެ ހަގީގަތެއް ނޫނެވެ. އެކަމަކު މިލިއަނުން ބިދޭސީން މަސައްކަތް ކުރިއަސް އެ މީހުން ރެގިއުލޭޓް ނުކުރެވި ދޫވެ ތިބެވިގެން ނުވާނެ އެވެ. އެއީ ގޯހެކެވެ. އެ މީހުން ރާއްޖޭގައި ތިބި ވަރަކީ، ބައެއް ރަށްރަށުގައި އެ މީހުންގެ އާބާދީ ފަސް ހަސަތޭކައަށް އެރުމެވެ. އަހަރަކު އެ މީހުން ބޭރު ކުރާ ބޭރު ފައިސާގެ އަދަދު 300 މިލިއަން ޑޮލަރު ނޫނީ 4.6 ބިލިއަން ރުފިޔާ އަށް އަރަ އެވެ. ކުދި އަދި މެދު ފަންތީގެ ގިނަ ވިޔަފާރިތަކެއް ކޮންޓްރޯލް ކުރަނީ އެ މީހުންނޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. މިއީ ތަންފުކެއް ބޮޑު ވަރު ނޫންތޯ އެވެ. މި ގޮތަށް މިކަން ކުރެވެނީ ދުނިޔޭގެ ކޮން ގައުމެއްގައިތޯ އެވެ؟ އަޅުގަނޑު ވެސް ގަބޫލު ކުރަމެވެ. އެހެންވާން ދިމާވުމުގައި ދިވެހިންގެ ކަންނެތްކަން ބޮޑު ދައުރެއް ކުޅެ އެވެ. އަޅުގަނޑަށް ހީވާ ގޮތުން ހަގީގަތުގެ އެއް ފަރާތަކީ އެއީ ކަމެވެ.

ދެހާސް ސާދަ ވަނަ އަހަރުގެ ބޯހިމެނުމުގެ ހިސާބުތައް ދައްކާ ގޮތުން 15 އަހަރުން މަތީގެ އާބާދީއަކީ 244،000 މީހުންނެވެ. އޭގެ ތެރެއިން ލޭބާ ފޯސްގައި ހަރަކާތްތެރި ވަނީ 153،000 މީހުން، ނޫނީ 63 ޕަސެންޓް މީހުނެވެ. އަނެއް 87،000 މީހުން ނޫނީ 36 ޕަސެންޓް މީހުން ލޭބާ ފޯސްގައި ނޫޅެ އެވެ.

ލޭބާ ފޯސްގެ 36 ޕަސެންޓް މީހުން އެކޮނަމީ އަށް ކޮންޓްރިބިއުޓް ކުރުމުގައި ނޫނީ މަސައްކަތުގެ މާހައުލުގައި ނޫޅެނީ ކީއްވެގެންތޯ މިއީ ގައުމީ ފެންވަރުގައި ދިރާސާކޮށް ބަލަން ޖެހޭ ކަމެކެވެ. އެއީ ދެވޭ ތައުލީމުގެ މައްސަލައަކުންތޯ ނޫނީ މަސައްކަތަށް ނުކުންނަ ޒުވާނުންނަށް އެކަށީގެންވާ އާމްދަނީއެއް ނުލިބި، އަވަށްޓެރި ގައުމުތަކުގެ އަގުހެޔޮ ލޭބަރުންނާ އެ މީހުން ވާދަކުރަން ޖެހޭތީތޯ، ނޫނީ ފަގީރު ކަމާއި މުއްސަނދި ކަމުގެ ފަރަގު މާ ބޮޑީތޯ ބަލަން ޖެހެ އެވެ. އަޅުގަނޑަށް އެނގޭ އެއް ކަމަކީ އެ މީހުން މަސައްކަތުގެ މާހައުލަށް ނެރެން ޖެހޭ ކަމެވެ. އަދި ރާއްޖޭގެ މުއްސަނދިކަން ބޭނުންކޮށްގެން ކުރާ ވިޔަފާރިތަކުން އެ މީހުންނަށް ވަޒީފާ ދޭ އިރު، ބިދޭސީންނާއި އެ މީހުން އެއް މިންގަނޑަކުން ކިރިގެން ނުވާނެ ކަމެވެ. ގަބޫލު ކުރަމެވެ. ދިވެހީންނާއި ބިދޭސީންގެ މަސައްކަތުގެ އަހުލާގު އުޑާއި ބިމާހާ ތަފާތުވެދާނެ އެވެ. އެކަމަކު ދިވެހިން ވަޒީފާތަކަށް ނެރުމަކީ އެންމެންގެ ބޮލުގައި އެޅިފައިވާ ގައުމީ ވާޖިބެއް ނޫންތޯ އެވެ؟

މައާފު ކުރައްވާށެވެ. އަޅުގަނޑުގެ މައުލޫއަކީ ބަނގުލާދޭޝް މީހުންނަށް ބަންގާޅީން ކިޔުން ރަނގަޅުތޯ އެވެ. މި ސުވާލެވެ. ބައެއް ބޭފުޅުންގެ ނަޒަރުގައި އެއީ މައްސަލައެއް ނޫނެވެ. އެއީ ބަންްގުލާދޭޝް އަށް ބަންގާޅު އަދި އެ ގައުމުގެ މީހުންނަށް ބަންގާޅީން ކިއުން މައްސަލަކަށް ނުވާ ބީދައިންނެވެ. އެއީ ދިވެހިންނަށް މޯލްޑިވިއަނުން ކިޔާ ގޮތަށެވެ. އެ ކަމަކު ބަހަކީ އެ ބަސް މުޖުތަމިއުގައި ބޭނުން ކުރާ ގޮތެއްގެ މައްޗަށް ވަރަށް ބޮޑަށް ނިސްބަތްވާ އެއްޗެއްކަން އަޅުގަނޑުމެން ގަބޫލުކުރަން ޖެހެ އެވެ. އެ އުސޫލުން ބަލާ އިރު އަތޮޅުތަކުގެ މީހުންނަށް ކުރިން "ރާއްޖެތެރޭ މީހުން" ނޫނީ "ބީރައްޓެހިން" ކިޔި ގޮތަށް ބަންގުލާދޭޝް މީހުންނާ ދިމާލަށް ބަންގާޅީން ކިޔަނީ އެ މީހުންނަކީ ދެވަނަ ދަރަޖައިގެ ބައެއް ކަމަށް ދޭހަވާ ގޮތަށެވެ. މައްސަލައަކީ މިއީ އެވެ. ހުރިހާ އިންސާނުންނަކީ ވެސް އެއް ހަމައަކުން ބަލަން ޖެހޭ އިންސާނުންނެވެ.

އަޅުގަނޑު މިހެން ދަންނަވާ އިރު ވެސް ބިދޭސީން ރެގިއުލޭޓް ނުވެ ރާއްޖޭގައި އުޅުމާ މެދު އަޅުގަނޑަކީ ފާޅުގައި ދެކޮޅު ހަދާ މީހަކީމެވެ. އެކަމަކު އެ އޭގެ މާނައަކީ އެ މީހުންނަކީ ދެ ވަނަ ދަރަޖައިގެ އިންސާނުން ކަމަށް ދުށުމެއް ނޫނެވެ.

ޑޮކްޓަރު ނަޒުލާ ރަފީގު ވިދާޅުވި ގޮތަށް، ހާއްސަކޮށް އާންމު ޓީވީގައި ބަންގްލާދޭޝް މީހުންނަށް "ބަންގާޅީން"ނޭ ބުނަމަކީ އެ މީހުންނަކީ ދެ ވަނަ ދަރަޖައިގެ އިންސާނުންގެ ގޮތުގައި ދެކުމެވެ. އެއީ ހުއްޓުވަން ޖެހޭނެ ކަމެކެވެ. ޑރ. ނަޒުލާ އަށް މަރުހަބާ އެވެ. ވިލިވަރުގައި ބިދޭސީންނާ ދޭތެރޭ އަމަލުކުރީ ވެސް އެ ބީދައިންނެވެ. އެއީ ވެސް ގޯހެކެވެ. އިންސާނަކަށް ވީތީ އިންސާނިއްޔަތުކަން މިނާ ގޮތް ތަފާތުކުރެވިގެން ނުވާނެ އެވެ. ތަފާތުކުރަން ޖެހޭނީ އެ ނޫން ކަންކަމުގަ އެވެ.

comment ކޮމެންޓް