ކޮރޯނާވައިރަސް: ޗެމްޕިއަނަކާ ނުލައި ޑަޗް ލީގު ނިންމާލައިފި

ކުރީ ސީޒަނުގެ ޗެމްޕިއަން އަޔެކްސް ޗެމްޕިއަން ޝީލްޑާ އެކު --- ފޮޓޯ/ އޭޕީ

ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް ފެތުރުން ހުއްޓުވމަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު މެދުކަނޑާލާފައި އޮތް ޑަޗް ލީގު، ޗެމްޕިއަނަކާ ނުލައި ނިންމާލައިފި އެވެ.

މިފަހަރުގެ ސީޒަނުގައި ބާކީ އަދި މުހިއްމު މެޗުތަކެއް ހުއްޓާ ޔޫރޮޕުގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ނެދަލެންޑްސްގެ ޑަޗް ލީގު މެދުކަނޑާލީ މިދިޔަ މަހުގެ ކުރީކޮޅު އެވެ. އަދި އަވަސް މުއްދަތެއްގައި ލީގުގެ ކުޅުން ފެށޭނެ މާހައުލެއް ނެތް ނަމަ 2019-2020 ވަނަ ސީޒަން ނިންމާލަން ޖެހިދާނެ ކަމަށް ރޯޔަލް ޑަޗް ފުޓުބޯޅަ އެސޯސިއޭޝަނުން މިދިޔަ އަންގާރަ ދުވަހު ވަނީ ބުނެފަ އެވެ.

އެއަށްފަހު އެގައުމުގެ ބޮޑު ވަޒީރު މާކް ރުޓް ވަނީ ސެޕްޓެމްބަރުގެ ނިޔަލަށް ފުރަބަންދު އިތުރު ކުރުމަށް ނިންމާފަ އެވެ. އެހެން ކަމަށްވާނަމަ ލީގުގެ ކުޅުން ކުރިއަށް ގެންދެވެން ނެތް ކަމަށް ބަލައި މިހާރު ކުރިއަށް ދާ ސީޒަން، ޗެމްޕިއަން އަދި ރެލިގޭޓްވި ޓީމެއް ނުހޮވާ ވަނީ ނިންމާލާފަ އެވެ.

ޑަޗްގެ ފުޓުބޯޅަަ ސީޒަން ނިންމާލި އިރު އެންމެ ފަހުގެ ޗެމްޕިއަން އަޔެކްސްއާއި އޭޒީ އަލްކްމާރް ވަނީ ޕޮއިންޓްގެ ގޮތުން އެއްވަރުވެފަ އެވެ. އެ ދެ ޓީމު ވެސް 25 މެޗު ކުޅެފައިވާ އިރު ދެ ޓީމަށް ވެސް ވަނީ 56 ޕޮއިންޓް ލިބިފަ އެވެ. އެކަމަކު ފައިދާ ގޯލުން ލީގު ތާވަލުން އަޔެކްސް އޮތީ ކުރީގަ އެވެ.

ނަމަވެސް ބާކީ އޮތް ނުވަ މެޗު ނުކުޅެ ޗެމްޕިއަނެއް ހޮވެން ނެތް ކަމަށް ބުނެ ޑަޗް ފުޓުބޯޅަ ފެޑެރޭޝަނުން ލީގު ކެންސަލް ކުރި އިރު މިއީ ގައުމީ ލީގު ހުއްޓާލި ފުރަތަމަ ޔޫރޮޕުގެ ގައުމެވެ.

މީގެ އިތުރުން ލީގު ކެންސަލްކުރި އިރު ރެލިގޭޝަން ޒޯނުގައި އޮތް ޓީމުތައް އަންނަ ސީޒަނަށް ރެލިގޭޓް ނުވާނެ ކަމަށާއި، އެއްވަނައިގައި އޮތް އަޔެކްސްއަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ޔަގީންވެފައިވާ ކަމަށް ޑަޗް ފެޑެރޭޝަނުން ވަނީ ބުނެފައެވެ.

މިހާރު އޮތް ގޮތުން ނަމަ މިހާރު ކުރިއަށްދާ ސީޒަނުގެ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ ބާކީ އޮތް މެޗުތައް މި އަހަރުގެ އޮގަސްޓް މަހު ކުޅުމަށް ޔޫއެފާއިން ވަނީ މަޝްވަރާ ކުރަމުންނެވެ. އެކަމަކު އެ ހާލަތަށް ގައުމުތައް ނައިސްފި ނަމަ އެ މުބާރާތް ވެސް ކެންސަލް ކުރަން ޖެހޭނެ ކަމުގެ އިންޒާރު ޔޫއެފާއިން ވަނީ ދީފަ އެވެ.

comment ކޮމެންޓް